ސައިޓޭޝަން ކޮޕީ ކުރުމަށް
2017/HC-A/36
2017/HC-A/36، 2017/HC-A/36
2017/HC-A/36 (2017/HC-A/36, High Court of the Maldives, 9 February 2017)
2017/HC-A/36
މައްސަލައިގެ ޚުލާޞާ
ސިވިލް ކޯޓުން ހެކިބަހުން އެއްބަސްވުމުގައި ސޮއިކުރިކަން ސާބިތުވާކަމަށް ކަނޑައަޅައި، 14 މަހުގެ ކުލި 420،000 ރުފިޔާ ދައްކައި ތަން ހުސްކޮށް ހަވާލުކުރަން ޙުކުމްކުރިއެވެ.
ގޯއްޗެއް 2009 ގައި 5 އަހަރަށް މަހަކު 30،000 ރުފިޔާއަށް ކުއްޔަށް ދީފައިވާއިރު، 2013 މެއި މަހުން ފެށިގެން ކުލި ނުދައްކާތީ، ގޯތީގެ ވެރިން (ނިޔާވި ބަފައިގެ ވާރިޘުން) ކުލީގެ އެއްބަސްވުން ބާޠިލްކޮށް ތަން ހުސްކޮށް ކުލި ދިނުމަށް ދަޢުވާކުރިއެވެ. ކުއްޔަށް ހިފި ފަރާތުން އެއްބަސްވުމުގައި ސޮއިކުރިކަމަށް އިންކާރުކުރިއެވެ.
އިސްތިއުނާފުކުރި ފަރާތުން ބުނީ ސޮއި ޔަޤީންނުކޮށް ޙުކުމްކުރިކަމަށާއި، ހެކިބަހުގައި ތަފާތު ހުރިކަމަށާއި، ޚަޞްމުންގެ އުޚްތެއްގެ ހެކިބަސް ބަލައިގަތްކަމަށާއި، ރަޖިސްޓްރީ ކުރުމުގެ ކުރިން ކުއްޔަށް ދިނުމުގެ ބާރު ނެތްކަމަށާއި، އެއްބަސްވުމަކީ ނާއިންސާފު އެއްބަސްވުމެއްކަމަށާއި، ޗެކްތަކަށް ރިޢާޔަތް ނުކުރިކަމަށާއި، ޗިޓް ނުފޮނުވާ ޙުކުމްކުރިކަމަށާއި، ނޯޓިސް ރައްދުނުކުރާކަމަށެވެ.
މައިގަނޑު ސުވާލު
ކުލީގެ އެއްބަސްވުމުގައި ސޮއިކުރިކަމަށް ކުއްޔަށް ހިފި ފަރާތުން އިންކާރުކުރާއިރު ހެކިބަހުން އެކަން ސާބިތުވޭތޯއާއި، ރަޖިސްޓްރީ ނުކުރެވެނީސް ވާރިޘުން ކުރި ކުލީގެ އެއްބަސްވުން ޞައްޙަތޯއާއި، ކުލި ނުދައްކާތީ ފޮނުވި ނޯޓިސް ރައްދުވެފައިވޭތޯއާއި، ދަޢުވާލިބޭ ފަރާތް ޙާޟިރުނުވެ ޙުކުމްކުރުން ޤަވާޢިދާ ޚިލާފުތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ހެކިން ތިބި މަޖިލީހުގައި ސޮއިކުރިކަމާމެދު ޚިލާފެއް ނެތްކަމާއި، އުޚްތުގެ ހެކިބަސް އެހެން ހެކިބަހުން ކަށަވަރުވާކަމާއި، ތަރިކަ ލިބެނީ ނިޔާވިއިރު ތިބި ވާރިޘުންނަށްކަމުން ވާރިޘުންނަށް ކުއްޔަށް ދިނުމުގެ ބާރު ލިބޭކަމާއި، ކުލި ދައްކަމުން ދިއުމުން އެއްބަސްވުމަށް އެއްބަސްވިކަން ދޭހަވާކަމާއި، ރަޖިސްޓަރޑް ޕޯސްޓުން ފޮނުވި ނޯޓިސް ރައްދުވެފައިވާކަމާއި، ޙާޟިރުނުވުމުން ހެކީގެ މައްޗަށް ނިންމުމަކީ ޤަވާއިދާ އެއްގޮތްކަމެއްކަމަށް ކޯޓުން ނިންމިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- މުޢާމަލާތް ހިނގީ ހެކިވެރިޔާ ދިރިއުޅޭ ގޭގައި ކަމަށްވެފައި، އެހެކިބަހަކީ ފެނުނު ތަން ފެނުނު ގޮތަށް އެއްވެސް ފަރާތެއްގެ މަޖްބޫރުކަމެއްނެތި އަމިއްލަ އިޚްތިޔާރުގައި ދީފައިވާ ހެކިބަހެއްކަމަށްވެ، އެހެކިބަހަށް އެހެން ހެކިންގެ ހެކިބަހުން އިތުރަށް ކަށަވަރުވެގެންދާނަމަ، ހެކިވެރިޔާއަކީ މައްސަލަ ހުށަހެޅި ފަރާތްތަކުގެ އެއްބަނޑު އެއްބަފާ އުޚްތެއްކަމުގައި ވިޔަސް، އޭނާގެ ހެކިބަސް ޝަރީޢަތުން ޤަބޫލުކުރުމަކީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލުތަކާ ޚިލާފުކަމެއްކަމުގައި ބެލެވެން ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4(ށ))
- އިސްލާމީ ޝަރީޢަތުގައިވާ ގޮތުގެމަތިން މީހަކު މަރުވުމުން އެމީހެއްގެ ތަރިކައިގެ މައްޗަށް ދަރަންޏެއް ނުވަތަ ވަޞިއްޔަތެއް ނެތް ހާލަތުގައި އެތަރިކައިގާ ހުރި މުދާ ލިބިގެންދަނީ އެމީހަކު ނިޔާވިއިރު، ދުނިޔޭގައި ތިބި ވާރިޘުންނަށެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4(ނ))
- ބިން ވާރިޘުންގެ ނަމުގައި ރަޖިސްޓްރީ ވުމުގެ ކުރީގެ ތާރީޚެއްގައި ވިޔަސް، ނިޔާވި މީހާގެ ވާރިޘުން ވެފައިވާ އެއްބަސްވުމެއްނަމަ، އެފަދަ މުޢާމަލާތެއް ކުރުމުގެ ބާރު ވާރިޘުންނަށް ލިބިގެންވާކަމަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ބަލަންޖެހޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4(ނ))
- ކުލީގެ ގޮތުގައި ކޮންމެ މަހަކަށް ޖެހޭ އަދަދު ދައްކަމުން ގެންދިއުމުން ދޭހަކޮށްދެނީ އެގްރީމަންޓުގައިވާ ގޮތަށް އެއްބަސްވެ ކުލި ދައްކަމުން ދިޔަކަމެވެ. އެހެންކަމުން އެއެގްރީމަންޓަކީ އޭނާ ކިޔައި އޭނާއަށް އެނގި ސޮއިކޮށްފައިވާ އެގްރީމަންޓެއްކަމަށް ބަލަންޖެހޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4(ރ))
- އެއްބަސްވުމުގައިވާ ގޮތުގެމަތިން ކުލި ދެއްކުމަށް ނޯޓިސް ފޮނުވައި، ރަޖިސްޓަރޑް ޕޯސްޓް މެދުވެރިކޮށް ފޮނުވި ސިޓީއާއި އެފަރާތުން ހަވާލު ނުވުމުން އެ ސިޓީ އަނބުރާ ރައްދުކޮށްފައިވާނަމަ، އެ ނޯޓިސް އެފަރާތަށް ރައްދުކުރެވިފައިވާ ކަމަށް ޤާނޫނީ ހަމަތަކުގެ މަތިން ބަލަންޖެހޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4(ރ))
- ޖިނާއީ މައްސަލަތައް ފިޔަވާ އެހެން މައްސަލައަކަށް ކޯޓަށް ޙާޟިރުވުމުގެ އަމުރު ލިބި، މަޤްބޫލު ޢުޛުރެއް ނެތި އަމުރުގައިވާ ތާރީޚާއި ގަޑިއަށް ކޯޓަށް ޙާޟިރުނުވެއްޖެ ނަމަ، އަނެއް ފަރާތުން ވަކި ގޮތަކަށް ކޯޓުން ޢަމަލުކޮށް ދިނުމަށް އެދި ހުށަހަޅާފައިވާ ނަމަ، ކޯޓަށް ހުށަހެޅިފައިވާ ހެއްކާއި ޤަރީނާގެ މައްޗަށް ބިނާކޮށް މައްސަލަ ނިންމުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4(ބ))
- ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާނޭ ގޮތުގެ ޤަވާއިދުގެ 6 ވަނަ މާއްދާ
- ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާނޭ ގޮތުގެ ޤަވާއިދުގެ 17 ވަނަ، 28 ވަނަ އަދި 29 ވަނަ މާއްދާ
- ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާނޭ ގޮތުގެ ޤަވާއިދުގެ 29 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރު
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާއިދުގެ 48 ވަނަ މާއްދާގެ (ހ) އަދި (ނ) (މައްސަލަ އަލުން ހުށަހެޅުނު ގޮތް)
- 2015/HC-A/55
- ސިވިލް ކޯޓުގެ 2304/MC/2009
- ބެންޗު
- ޢަބްދުއްރައޫފު އިބްރާހީމް، ޢަބްދުﷲ ޙަމީދު، ޢަލީ ސަމީރު
- ޚިލާފު ރައުޔު
- ނެތް