ސައިޓޭޝަން ކޮޕީ ކުރުމަށް
2017/HC-A/12
2017/HC-A/12، 2017/HC-A/12
2017/HC-A/12 (2017/HC-A/12, High Court of the Maldives, 25 January 2017)
2017/HC-A/12
މައްސަލައިގެ ޚުލާޞާ
ކްރިމިނަލް ކޯޓުން، 27 ނޮވެމްބަރު 2016 ގެ 18:11 އިން ފެށިގެން ތުހުމަތުކުރެވޭ ފަރާތް ބަންދުން ދޫކޮށްލުމަށް އަމުރުކުރިއެވެ. ސަބަބަކަށް ބަޔާންކުރީ ތަޙުޤީޤު ނިމިފައިވުމާއި ބަންދުގައި ގިނަ ދުވަސްތަކެއް ވެފައިވާތީ އިތުރަށް ބަހައްޓަން ޖެހޭވަރުގެ ސަބަބުތަކެއް ނުފެންނާތީއެވެ.
ތަޙުޤީޤު ނިމިފައިވާތީއާއި ބަންދުގައި ގިނަ ދުވަސްތަކެއް ވެފައިވާތީ ތުހުމަތުކުރެވޭ ފަރާތް ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރުކުރި އިރު، އެ ދޫކޮށްލީ ޝަރުޠުކޮށް، ފުލުހުންނަށް ބޭނުންވެއްޖެނަމަ ޕާސްޕޯޓު ހިފެހެއްޓުން ހުއްދަކޮށްފައެވެ. އޭނާ ރާއްޖެއިން ފުރުން މަނާކޮށްފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ އެ އަމުރަކީ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ޚިލާފަށް ނެރުއްވި އަމުރެއް ކަމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތުގެ ދިފާޢު ޚުލާޞާގައި ބަޔާންކޮށްފައެއް ނުވެއެވެ.
މައިގަނޑު ސުވާލު
ތުހުމަތުކުރެވޭ ފަރާތް ރާއްޖެއިން ފުރައިގެން ނުދެވޭގޮތަށް ޝަރުޠުކޮށް ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނެރުއްވި އަމުރަކީ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ޚިލާފަށް ނެރުއްވި އަމުރެއްތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ކްރިމިނަލް ކޯޓުގެ އަމުރު ޤާއިމް
ހެކިތަކާއި މައްސަލައިގައި ކަންހިނގާފައިވާ ގޮތާއި މައްސަލައިގެ ވަށައިގެން ހުރި އެންމެހައި ކަންކަމަށް ބެލުމުން، ރާއްޖެއިން ފުރައިގެން ނުދެވޭގޮތަށް ޝަރުޠުކޮށް ބަންދުން ދޫކޮށްލުމަކީ 143 (ރ) އާ ޚިލާފު ކަމެއްކަމަށް ނުބެލެވޭތީ އަމުރަށް ބަދަލެއް ގެންނަން ޖެހޭ ސަބަބެއް ނެތްކަމަށް ފަނޑިޔާރުންގެ އިއްތިފާޤުން ނިންމިއެވެ.
ކަނޑައެޅުނު އުޞޫލު
- ތުހުމަތު ކުރެވުނު މައްސަލައިގައި ފެންނަން ހުރި ހެކިތަކާއި، މައްސަލައިގައި މިހާތަނަށް ކަންހިނގާގޮސްފައިވާ ގޮތުގެ މައްޗަށާއި، މައްސަލައިގެ ވަށައިގެންހުރި އެންމެހައި ކަންކަމުގެ މައްޗަށް ބެލުމުން، ތުހުމަތުކުރެވޭ ފަރާތް ރާއްޖެއިން ފުރައިގެން ނުދެވޭގޮތަށް ޝަރުޠުކޮށް ބަންދުން ދޫކޮށްލުމަކީ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ޚިލާފަށް ކަމުގައި ބެލެވެން ނެތް ކަމެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4(ށ))
- ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ)
- ބެންޗު
- އޒ.ޢަލީ ސަމީރު، އޒ.ޢަބްދުﷲ ޙަމީދު، އޒ.ޢަބްދުއްރައޫފު އިބްރާހީމް
- ޚިލާފު ރައުޔު
- ނެތް