ސައިޓޭޝަން ކޮޕީ ކުރުމަށް
2017/HC-A/323
2017/HC-A/323، 2017/HC-A/323
2017/HC-A/323 (2017/HC-A/323, High Court of the Maldives, 9 August 2017)
2017/HC-A/323
މައްސަލައިގެ ޚުލާޞާ
މެޖިސްޓްރޭޓް ކޯޓުން، 15 ދުވަހަށް ގޭގައި ބަންދުކުރުމަށް ކަނޑައަޅައި، ހެކިންނަށް ނުފޫޒު ފޯރުވާނަމަ ބަންދާމެދު އަލުން މުރާޖަޢާކުރުމަށް ކޯޓަށް ހުށަހެޅުމަށް އެންގިއެވެ.
ކުޑަކުއްޖަކާމެދު ގުރޫޕްހަދައިގެން ބަދުއަޚްލާޤީ ޢަމަލު ހިންގިކަމަށް ތުހުމަތުކުރެވޭ މީހަކު ޖަލުގައި ބަންދުކުރުމަށް ފުލުހުން އެދުނީ މުޖްތަމަޢުގެ ސަލާމަތަށް ނުރައްކާވެދާނެތީއާއި ހެކިންނަށް ނުފޫޒު ފޯރުވާފާނެތީއެވެ. ތަޙްޤީޤު ނިންމައި މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާނެކަމަށް ދައުލަތުން ބުންޏެވެ.
ޕްރޮސިކިއުޓަރ ޖެނެރަލް ބުނީ އަމުރަކީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދުގެ 7 ވަނަ މާއްދާއާއި ޤާނޫނުއަސާސީގެ 143(ރ) އާ ޚިލާފަށް ނެރުނު އަމުރެއް ކަމަށެވެ.
މައިގަނޑު ސުވާލު
ކުޑަކުއްޖަކު ޖިންސީ ޢަމަލެއްގައި ބައިވެރިކުރުވުމުގެ ތުހުމަތުގައި ހުރި މީހަކު ޖަލުގައި ނޫނީ ގޭގައި ބަންދުކުރުމަށް މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރަކީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި 143(ރ) އާއި ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދާ ޚިލާފު އަމުރެއްތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ އަމުރު ޤާއިމް
ބަންދާމެދު ގޮތެއް ނިންމުމުގެ ބާރު ލިބިދީފައިވަނީ ފަނޑިޔާރަށް ކަމަށާއި، ހެކިތަކާއި ކަންހިނގާފައިވާ ގޮތާއި ވަށައިގެންވާ ކަންކަމަށް ބަލާއިރު ގޭބަންދުގެ އަމުރަކީ ޤާނޫނުއަސާސީއާއި ޤަވާޢިދާ ޚިލާފު އަމުރެއް ކަމުގައި ނުބެލެވޭތީ، އަމުރަށް ބަދަލުގެނައުމުގެ ސަބަބެއް ނެތްކަމަށް ނިންމިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމުގައި ފަނޑިޔާރު ބަލަންޖެހޭނީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ 5 ސަބަބުންކުރެ ސަބަބެއް އޮތްތޯއެވެ. އެއިން ސަބަބެއް އޮތްކަން ނުވަތަ ނެތްކަމާމެދު ގޮތެއް ނިންމުމުގެ ބާރު ލިބިދީފައިވަނީ ފަނޑިޔާރަށެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03(ހ))
- އެމީހަކާމެދު ތުހުމަތުކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސްދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތް ކޮށްފާނެކަމަށް، ނުވަތަ ކޯޓަށް ހާޒިރު ނުވެދާނެކަމަށް، ނުވަތަ ފިލާފާނެކަމަށް، ނުވަތަ ބަންދުން ދޫކޮށްލައިފިނަމަ މުޖްތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ފަނޑިޔާރަށް ފެނިއްޖެނަމަ، އެމީހަކު ބަންދުގައި ބެހެއްޓުމުގެ އަމުރެއް ނެރުމުގެ ބާރު ފަނޑިޔާރަށް ލިބިގެންވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03(ހ))
- ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާ އެއްގޮތަށް މީހަކު ބަންދުކުރުމުގައި، ތުހުމަތުކުރެވޭ ކުށް ސާބިތުކުރުމަށް ކާފީ ހެކިތަކެއް ނެތްކަމުގައި ވިޔަސް، ޝައްކުކުރެވޭ ކުށުގެ ނުރައްކާތެރިކަމަކީ ކޮބައިކަމާއި، އެކުށް ތަޙްޤީޤުކުރުމުގައި ހުރީ ކިހާ މިންވަރެއްގެ އުނދަގޫތަކެއްތޯއާއި، އެކަމުގައި ހިމެނޭ މީހުންގެ ޢަދަދަކީ ކޮބައިކަމާއި، ކުށުގެ ޠަބީޢަތަކީ ކޮބައިކަމާއި، ކުށުގެ ކުޑަބޮޑު މިނަކީ ކޮބައިކަމާއި، އެކުށަށް ޤާނޫނުގައި ކަނޑައެޅިފައިވާ އަދަބަކީ ކޮބައިކަމާއި، ޝައްކުކުރެވޭ މީހާ ފިލައި ރައްކާވުމުގެ ބިރުއޮތީ ކިހާވަރެއްކަމާއި، ހެކިތަކާކުޅެ ހެކިތައް ނައްތާލުމުގެ ބިރު އޮތީ ކިހާ ވަރަކަށްކަން ފަނޑިޔާރު ވަޒަންކުރަންޖެހޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03(ހ))
- ތުހުމަތު ކުރެވުނު މައްސަލައިގައި ފެންނަން ހުރި ހެކިތަކާއި، މައްސަލައިގައި މިހާތަނަށް ކަންހިނގާގޮސްފައިވާ ގޮތުގެ މައްޗަށާއި، މައްސަލައިގެ ވަށައިގެންހުރި އެންމެހައި ކަންކަމުގެ މައްޗަށް ބަލައި، ތުހުމަތުކުރެވޭ ފަރާތް ގޭގައި ބަންދުކުރުމަށް ކަނޑައަޅައި، ހެކިބަސް ދޭންހުރި މީހަކަށް ނުފޫޒު ފޯރުވައި ހެކިނައްތާލަން މަސައްކަތް ކުރާނަމަ ބަންދާމެދު އަލުން މުރާޖަޢާކުރުމަށް ކޯޓަށް ހުށަހެޅުމަށް އަންގައި ނެރުއްވާފައިވާ އަމުރަކީ، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި 143 ވަނަ މާއްދާގެ (ރ) އާއި "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 7 ވަނަ މާއްދާއާއި ޚިލާފަށް ނެރުއްވާފައިވާ އަމުރެއްކަމުގައި ބެލެވެން ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03(ނ))
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ރ)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ)
- "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 7 ވަނަ މާއްދާ
- 2010/SC-A/19
- ބެންޗު
- ޢަބްދުﷲ ޙަމީދު، ޢަބްދުﷲ ދީދީ، ޢަބްދުއްރައޫފު އިބްރާހީމް
- ޚިލާފު ރައުޔު
- ނެތް