ސައިޓޭޝަން ކޮޕީ ކުރުމަށް
2017/HC-A/13
2017/HC-A/13، 2017/HC-A/13
2017/HC-A/13 (2017/HC-A/13, High Court of the Maldives, 1 March 2017)
2017/HC-A/13
މައްސަލައިގެ ޚުލާޞާ
ކްރިމިނަލް ކޯޓުން، ތަޙްޤީޤު ނިމި ގިނަ ދުވަސްތަކެއް ބަންދުގައި ހުރުމުން އިތުރަށް ބަންދުގައި ބަހައްޓަން ނުފެންނަ ކަމަށް ކަނޑައަޅައި، ޕާސްޕޯޓު ހިފެހެއްޓުން ހުއްދަކޮށް ރާއްޖެއިން ފުރުން މަނާކޮށް ޝަރުޠުކޮށް ބަންދުން ދޫކޮށްލިއެވެ.
ސީރިޔާގައި ހިނގަމުންދާ ހަނގުރާމައިގައި ބައިވެރިވުމަށް ރާއްޖެއިން ފުރައިގެން ދިޔަކަމުގެ ތުހުމަތުގައި ބަންދުގައިވާ ފަރާތެއްގެ ބަންދު އިތުރުކުރަން ފުލުހުން އެދުނެވެ. ތަޙްޤީޤު ނިމި މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވެއެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ އަމުރަކީ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ޚިލާފަށް ނެރުނު އަމުރެއް ކަމަށެވެ.
މައިގަނޑު ސުވާލު
ޓެރަރިޒަމްގެ ތުހުމަތުގައިވާ ފަރާތެއް ތަޙްޤީޤު ނިމި ގިނަ ދުވަސް ބަންދުގައި ހުރުމުން، ރާއްޖެއިން ފުރުން މަނާކޮށް ޝަރުޠުކޮށް ބަންދުން ދޫކޮށްލި ކްރިމިނަލް ކޯޓުގެ އަމުރަކީ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ޚިލާފު އަމުރެއްތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ އަމުރު ޤާއިމް
ބަންދާމެދު ގޮތެއް ނިންމުމުގެ ބާރު ލިބިދީފައިވަނީ ފަނޑިޔާރަށެވެ. ހެކިތަކާއި މައްސަލައިގެ ވަށައިގެންހުރި ކަންކަމަށް ބަލާއިރު، ފުރުން މަނާކޮށް ޝަރުޠުކޮށް ދޫކޮށްލުމަކީ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ޚިލާފު ކަމެއް ނޫނެވެ.
ކަނޑައެޅުނު އުޞޫލުތައް
- ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމުގައި ފަނޑިޔާރު ބަލަންޖެހޭނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި [ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު] ގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ 5 ސަބަބުންކުރެ ސަބަބެއް އޮތްތޯ ކަމެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ހ))
- އެއިން ސަބަބެއް އޮތްކަން ނުވަތަ ނެތްކަމާމެދު ގޮތެއް ނިންމުމުގެ ބާރު ލިބިދީފައިވަނީ ފަނޑިޔާރަށްކަން ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ރ) އަށާއި 49 ވަނަ މާއްދާއަށް ބެލުމުން އެނގެން އޮވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ހ))
- ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި [ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު] ގެ 7 ވަނަ މާއްދާގެ (ހ) އަށް ބަލާއިރު، އެމީހަކާމެދު ތުހުމަތުކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސްދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތް ކޮށްފާނެކަމަށް، ނުވަތަ ކޯޓަށް ހާޒިރު ނުވެދާނެކަމަށް، ނުވަތަ ފިލާފާނެކަމަށް، ނުވަތަ ބަންދުން ދޫކޮށްލައިފިނަމަ މުޖްތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ފަނޑިޔާރަށް ފެނިއްޖެނަމަ، އެމީހަކު ބަންދުގައި ބެހެއްޓުމުގެ އަމުރެއް ނެރުމުގެ ބާރު ފަނޑިޔާރަށް ލިބިގެންވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ހ))
- ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާ އެއްގޮތަށް މީހަކު ބަންދުކުރުމުގައި، ތުހުމަތުކުރެވޭ ކުށް ސާބިތުކުރުމަށް ކާފީ ހެކިތަކެއް ނެތްކަމުގައި ވިޔަސް، ޝައްކުކުރެވޭ ކުށުގެ ނުރައްކާތެރިކަމަކީ ކޮބައިކަމާއި، އެކުށް ތަޙްޤީޤުކުރުމުގައި ހުރީ ކިހާ މިންވަރެއްގެ އުނދަގޫތަކެއްތޯއާއި، އެކަމުގައި ހިމެނޭ މީހުންގެ ޢަދަދަކީ ކޮބައިކަމާއި، ކުށުގެ ޠަބީޢަތަކީ ކޮބައިކަމާއި، ކުށުގެ ކުޑަބޮޑު މިނަކީ ކޮބައިކަމާއި، އެކުށަށް ޤާނޫނުގައި ކަނޑައެޅިފައިވާ އަދަބަކީ ކޮބައިކަމާއި، ޝައްކުކުރެވޭ މީހާ ފިލައި ރައްކާވުމުގެ ބިރުއޮތީ ކިހާވަރަކަށްކަމާއި، ހެކިތަކާކުޅެ ހެކިތައް ނައްތާލުމުގެ ބިރު އޮތީ ކިހާ ވަރަކަށްކަން ފަނޑިޔާރު ވަޒަންކުރަންޖެހޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ހ))
- ތުހުމަތު ކުރެވުނު މައްސަލައިގައި ފެންނަން ހުރި ހެކިތަކާއި، މައްސަލައިގައި މިހާތަނަށް ކަންހިނގާގޮސްފައިވާ ގޮތުގެ މައްޗަށާއި، މައްސަލައިގެ ވަށައިގެންހުރި އެންމެހައި ކަންކަމުގެ މައްޗަށް ބެލުމުން، ރާއްޖެއިން ފުރައިގެން ނުދެވޭގޮތަށް ޝަރުޠުކޮށް ބަންދުން ދޫކޮށްލުމަކީ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ޚިލާފަށް ކަމުގައި ބެލެވެން ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ރ))
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ރ)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ)
- ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު ގެ 7 ވަނަ މާއްދާގެ (ހ)
- ސުޕްރީމް ކޯޓުގެ 2010/SC-A/19
- ބެންޗު
- ޢަބްދުﷲ ޙަމީދު، ޢަބްދުﷲ ދީދީ، ޢަބްދުއްރައޫފު އިބްރާހީމް
- ޚިލާފު ރައުޔު
- ނެތް