ސައިޓޭޝަން ކޮޕީ ކުރުމަށް
2017/HC-A/101
2017/HC-A/101، 2017/HC-A/101
2017/HC-A/101 (2017/HC-A/101, High Court of the Maldives, 13 February 2017)
2017/HC-A/101
މައްސަލައިގެ ޚުލާޞާ
ކްރިމިނަލް ކޯޓުން، މުޖުތަމަޢުގެ ހަމަޖެހުމާއި ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، 15 ދުވަހަށް ގޭގައި ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކުރިއެވެ.
އިތުރު ބަޔަކާ ގުޅިގެން ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައިވާ ފަރާތެއް ބަންދުގައި ބަހައްޓަން ފުލުހުން އެދުނެވެ. ތުހުމަތުކުރެވޭ އެހެން ފަރާތެއް ދިރިއުޅޭ ތަނުން ފެނުނު މެޝިނަކުން އޭނާގެ ފިންގަރޕްރިންޓް ފެނިފައިވާކަމާއި، ތުހުމަތުކުރެވޭ ފަރާތްތަކަށް އޭނާގެ ނަމުގައި ފައިސާ ފޮނުވާފައިވާކަމުގެ މަޢުލޫމާތު ލިބިފައިވެއެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ އަމުރަކީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ބަންދާބެހޭ ޤަވާޢިދުގެ 7 ވަނަ މާއްދާގެ (ހ) ގެ އުޞޫލަށް ރިޢާޔަތްނުކޮށް، އަދި ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ޚިލާފަށް ނެރުނު އަމުރެއް ކަމަށެވެ.
މައިގަނޑު ސުވާލު
ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރިކުރުމުގެ ތުހުމަތުގައިވާ ފަރާތެއް ގޭބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރަކީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ބަންދާބެހޭ ޤަވާޢިދުގެ 7 ވަނަ މާއްދާގެ (ހ) ގައިވާ އުޞޫލުތަކާ އެއްގޮތަށް ނެރުނު އަމުރެއްތޯ؛ އަދި އެފަރާތް ބަންދުގައި ބަހައްޓަންޖެހޭތޯ.
ނިންމި ގޮތް
ދަށުކޯޓުގެ އަމުރު ބާޠިލު؛ 15 ދުވަހަށް މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް އަމުރުކުރި
ތުހުމަތު އުފެދޭ މިންވަރުގެ ހެކި ޤަރީނާ ހުށަހަޅާފައިވާއިރު، މަސްތުވާތަކެތީގެ ޓްރެފިކްކުރުމަކީ އެންމެ ބޮޑެތި ޖިނާޔަތްތަކުގެ ތެރޭގައި ހިމެނޭ ކުށަކަށްވާތީ، ތުހުމަތުކުރެވޭ ފަރާތް ދޫވެފައި ނުވަތަ ގޭބަންދުގައި ހުރުމަކީ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކަމަށް ބެލެވެއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމުގައި ފަނޑިޔާރު ބަލަންޖެހޭނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި [ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު] ގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ 5 ސަބަބުންކުރެ ސަބަބެއް އޮތްތޯ ކަމެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4(ހ))
- ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި [ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު] ގެ 7 ވަނަ މާއްދާގެ (ހ) އަށް ބަލާއިރު، އެމީހަކާމެދު ތުހުމަތުކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސްދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތް ކޮށްފާނެކަމަށް، ނުވަތަ ކޯޓަށް ހާޒިރު ނުވެދާނެކަމަށް، ނުވަތަ ފިލާފާނެކަމަށް، ނުވަތަ ބަންދުން ދޫކޮށްލައިފިނަމަ މުޖްތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ފަނޑިޔާރަށް ފެނިއްޖެނަމަ، އެމީހަކު ބަންދުގައި ބެހެއްޓުމުގެ އަމުރެއް ނެރުމުގެ ބާރު ފަނޑިޔާރަށް ލިބިގެންވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4(ހ))
- ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާ އެއްގޮތަށް މީހަކު ބަންދުކުރުމުގައި، ތުހުމަތުކުރެވޭ ކުށް ސާބިތުކުރުމަށް ކާފީ ހެކިތަކެއް ނެތްކަމުގައި ވިޔަސް، ޝައްކުކުރެވޭ ކުށުގެ ނުރައްކާތެރިކަމަކީ ކޮބައިކަމާއި، އެކުށް ތަޙްޤީޤުކުރުމުގައި ހުރީ ކިހާ މިންވަރެއްގެ އުނދަގޫތަކެއްތޯއާއި، އެކަމުގައި ހިމެނޭ މީހުންގެ ޢަދަދަކީ ކޮބައިކަމާއި، ކުށުގެ ޠަބީޢަތަކީ ކޮބައިކަމާއި، ކުށުގެ ކުޑަބޮޑު މިނަކީ ކޮބައިކަމާއި، އެކުށަށް ޤާނޫނުގައި ކަނޑައެޅިފައިވާ އަދަބަކީ ކޮބައިކަމާއި، ޝައްކުކުރެވޭ މީހާ ފިލައި ރައްކާވުމުގެ ބިރުއޮތީ ކިހާވަރަކަށްކަމާއި، ހެކިތަކާކުޅެ ހެކިތައް ނައްތާލުމުގެ ބިރު އޮތީ ކިހާ ވަރަކަށްކަން ފަނޑިޔާރު ވަޒަންކުރަންޖެހޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4(ހ))
- މަނާކުރެވިފައިވާ މަސްތުވާތަކެތީގެ ވިޔަފާރިއާއި އޭގެ ބޭނުންކުރުމުގެ ކުށްތަކަކީ އެކުށްތަކުގެ ޒާތާއި ބާވަތުން މުޖުތަމަޢުގެ ޞުލްޙަ މަސަލަސްކަމާއި އަމަންއަމާންކަމަށް އަދި މުޖުތަމަޢަށް ބޮޑެތި ގެއްލުންތައް ލިބެމުންދާ ކުށްތަކެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4(ށ))
- ޤާނޫނު ނަންބަރު 2011/17 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 136 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ޓްރެފިކްކުރުމުގެ ކުށަކީ މުޠުލަޤު މަސްއޫލިއްޔަތު (ސްޓްރިކްޓް ލައިބިލިޓީ) އުފުލަންޖެހޭ ކުށެއްގެ ގޮތުގައި ބަޔާންވެފައިވާ ކުށެއް ކަމާއި މިކުށަކީ އެންމެ ބޮޑެތި ކުށްތަކުގެ ގިންތީގައި ހިމެނޭ ޖިނާޔަތުގެ ކުށެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4(ށ))
- މަނާކުރެވިފައިވާ މަސްތުވާތަކެތީގެ ވިޔަފާރިއާއި އޭގެ ބޭނުންކުރުމުގެ ކުށްތަކަކީ، އެކުށްތަކުގެ ބާވަތުން މުޖުތަމަޢަށް ލިބެމުންދާ ބޮޑެތި ގެއްލުންތަކަށްޓަކައި މުޖުތަމަޢަށް ނުރައްކާތެރިކަން ބޮޑު ކުށުގެ ޢަމަލުތަކެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ކުށްތަކެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4(ށ))
- ތުހުމަތުކުރެވޭ ކުށަށް ތުހުމަތެއް އުފެދޭ މިންވަރުގެ ހެކި ޤަރީނާ ފުލުހުންގެ ފަރާތުން ހުށަހަޅާފައިވާއިރު، މައްސަލައިގެ ބާވަތަށާއި، ހުށަހެޅުނު ހެކި ޤަރީނާގެ މައްޗަށާއި، ސުޕްރީމް ކޯޓުގެ 2011/SC-A/33 ޤަޟިއްޔާގައި ފާހަގަކުރައްވާފައިވާ ކަންކަމުގެ މައްޗަށް ބެލުމުން، މިފަދަ ތުހުމަތެއްގައިވާ ފަރާތެއް ދޫވެފައި ހުރުމަކީ ނުވަތަ ގޭ ބަންދުގައިވެސް ހުރުމަކީ އެކަމުގެ ސަބަބުން މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް އޮތްކަމެއްކަމުގައި ބެލެވެންއޮވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4(ނ))
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ
- ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު ގެ 7 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 136 ވަނަ މާއްދާގެ (ބ)
- ސުޕްރީމް ކޯޓުގެ 2010/SC-A/19
- ސުޕްރީމް ކޯޓުގެ 2016/SC-A/10
- ސުޕްރީމް ކޯޓުގެ 2011/SC-A/33
- ބެންޗު
- ޢަބްދުﷲ ދީދީ، ޢަބްދުﷲ ޙަމީދު، ޢަލީ ސަމީރު
- ޚިލާފު ރައުޔު
- ނެތް