ސައިޓޭޝަން ކޮޕީ ކުރުމަށް
2016/HC-A/59
2016/HC-A/59، 2016/HC-A/59
2016/HC-A/59 (2016/HC-A/59, High Court of the Maldives, 31 January 2017)
2016/HC-A/59
މައްސަލައިގެ ޚުލާޞާ
ފައިސާ ދައްކަންޖެހި ނުދައްކައިވާކަން ސާބިތުވާކަމަށް ކަނޑައަޅައި، ލޯނު ނަގާ ފަރާތާއި ޔަޤީންކަން ދިން ފަރާތްތަކުން (އިސްތިއުނާފުކުރި ފަރާތް ހިމެނޭ) 8 މަސްދުވަހުގެ ތެރޭގައި ފައިސާ ދައްކަން އަންގައި، ނުދައްކައިފިނަމަ ވިއްކާލެވިފައިވާ ކޮނޮއްޓާ ނުހިމަނާ ބާކީ ރަހުނުކުރެވިފައިވާ ދެ ރަށް ވިއްކާލުމުގެ ހުއްދަ ބޭންކަށް ލިބިގެންވާކަމަށް ސިވިލް ކޯޓުން ޙުކުމްކުރިއެވެ.
ސްޓޭޓް ބޭންކް އޮފް އިންޑިޔާއިން ކްރިސްޓަލް ލެގޫން ރިޒޯޓްސް ޕްރައިވެޓް ލިމިޓެޑަށް 2006 އާއި 2008 ގައި ދޫކުރި ދެ ޓަރމް ލޯނުގެ ފައިސާ ނުދައްކާތީ، ލޯނުގެ ފައިސާ، އިންޓަރެސްޓާއި ޖޫރިމަނާ ހޯދުމަށާއި ރަހުނުކުރެވިފައިވާ ރަށްތަކުގެ ކުއްޔަށް ހިފުމުގެ ޙައްޤުތައް ވިއްކާލުމުގެ ހުއްދައަށާއި ޔަޤީންކަން ދިން ފަރާތްތައް ޒިންމާވާންޖެހޭކަން ކަނޑައެޅުމަށް ބޭންކުން ދަޢުވާކުރިއެވެ. ޝަރީޢަތް ހިނގަމުން ދަނިކޮށް ކޮނޮއްޓާ ރަހުނުން އުނިކުރުމަށް ސެންކްޝަން ސިޓީއެއްގައި ސޮއިކުރެވުނެވެ.
އިސްތިއުނާފުކުރި ފަރާތުން ބުނީ، ދަޢުވާ ބިނާކުރި އެއްބަސްވުމަށް ޝަރީޢަތް ހިނގަމުން ދަނިކޮށް ބަދަލުގެނެސްފައިވާއިރު، އިޞްލާޙްކުރެވުނު އެއްބަސްވުމަށް ނުބަލާ ދަޢުވާ ހުށަހެޅިއިރު އޮތް އެއްބަސްވުމުގެ މައްޗަށް ޙުކުމްކުރީ ކަމަށެވެ.
މައިގަނޑު ސުވާލު
ޝަރީޢަތް ހިނގަމުން ދަނިކޮށް ރަހުނުން ރަށެއް އުނިކުރުމަށް ސޮއިކުރެވުނު ސެންކްޝަން ސިޓީއަކީ މައި ލޯނު އެއްބަސްވުމަށް ބަދަލުގެނައި އައު އެއްބަސްވުމެއް ކަމުން، މައި އެއްބަސްވުމަށް ބިނާކޮށް ޙުކުމްކުރުމަކީ ޤާނޫނާ ޚިލާފު ކަމެއްތޯ.
ނިންމި ގޮތް
އިސްތިއުނާފު ބަލައިނުގަނެ، ދަށުކޯޓުގެ ޙުކުމް ޤާއިމް
ސެންކްޝަން ސިޓީއަކީ ކޮނޮއްޓާ ރަހުނުން އުނިކުރުމަށް ސޮއިކުރި، މައި އެއްބަސްވުމުގެ ޝަރުޠުތައް ދެމިގެންދާނެކަމަށް ބުނާ ލިޔުމެއް ކަމުން އެއީ އައު ލޯނު އެއްބަސްވުމެއް ނޫނެވެ. އަދި ދަށުކޯޓުގެ ޙުކުމުގައި ކޮނޮއްޓާ ނުހިމަނާ ބާކީ ރަށްތައް ވިއްކުމުގެ ހުއްދަ ދީފައިވާތީ ޙުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތެވެ.
ކަނޑައެޅުނު އުޞޫލުތައް
- ލޯނުގެ ގޮތުގައި ފައިސާ ލިބުނުކަމާއިމެދު ދަޢުވާލިބުނު ފަރާތްތަކުން އިންކާރުކޮށްފައިނުވާއިރު، އަދި ލޯނުގެ ފައިސާ އަނބުރާ ބޭންކަށް ދައްކާފައިނުވާކަން އެނގެން އޮންނައިރު، ދަޢުވާ ބިނާވަނީ ބޭންކާއި ދަޢުވާލިބުނު ފަރާތްތަކާއި ދެމެދު ވެފައިވާ ސެންކްޝަން ސިޓީތަކާއި މޯގޭޖް އެއްބަސްވުންތަކުގެ މައްޗަށެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03 (ހ))
- ލޯނަށް ރަހުނު ކުރެވިފައިވާ ރަށްތަކުގެ ތެރެއިން ރަށެއް އުނިކޮށް އެކަން ބަޔާންކުރުމުގެ ގޮތުން ސޮއިކުރެވިފައިވާ ސެންކްޝަން ސިޓީއެއްގައި ފަރާތްތަކުގެ މެދުގައިވެފައިވާ މައި އެއްބަސްވުމުގެ މާއްދާތަކާއި ޝަރުތުތައް އެގޮތަށް ދެމިގެންދާނެކަމަށް ބަޔާންކޮށްފައިވާނަމަ، އެއީ ލޯނުގެ ފައިސާ ދެއްކުމަށްޓަކައި އައު ޝަރުތުތަކެއް ހިމަނާފައިވާ އެއްބަސްވުމަކަށް ނުވުމުން އަދި މައި އެއްބަސްވުމާއި ޚިލާފަށް ވެފައިވާ އައު ލޯނު އެއްބަސްވުމެއް ނޫންކަމުން، އެ ސެންކްޝަން ސިޓީއާއި ގުޅިގެން އައު ދަޢުވާއެއް ކުރަންޖެހޭ ސަބަބެއް އޮތްކަމުގައި ނުބެލެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03 (ށ))
- ބެންޗު
- ޢަލީ ސަމީރު، ޢަބްދުﷲ ދީދީ، ޢަބްދުއްރައޫފު އިބްރާހީމް
- ޚިލާފު ރައުޔު
- ނެތް