ސައިޓޭޝަން ކޮޕީ ކުރުމަށް
2018/HC-A/233
ބޭންކް އޮފް މޯލްޑިވްސް ވ. ޝެހެނާޒް އަޙްމަދު ރިޟާ، 2018/HC-A/233
Bank of Maldives v. Shehenaaz Ahmed Ridaa 2018/HC-A/233 (2018/HC-A/233, High Court of the Maldives, 9 July 2019)
ބޭންކް އޮފް މޯލްޑިވްސް ވ. ޝެހެނާޒް އަޙްމަދު ރިޟާ
މައްސަލައިގެ ޚުލާޞާ
ލޯނު ނެގި ފަރާތުން ޤަވާޢިދުން ފައިސާ ދައްކަމުން ދާތީއާއި ލޯނުގެ ހުރިހާ ޑިސްބާސްމަންޓެއް ބޭންކުން ދޫކުރީ ޝަރުޠުތައް ބެލުމަށްފަހު ކަމަށްވާތީ، ލޯނު ކެންސަލްކޮށް އެއްފަހަރާ ފައިސާ ދެއްކުމަށް އަންގާނެ ތަނެއް ނެތްކަމަށް ސިވިލް ކޯޓުން ޙުކުމްކުރިއެވެ.
ގެރެންޓަރުގެ ނަމުގައިވާ ގޯތީގައި 10 ބުރީގެ ޢިމާރާތެއް ކުރުމަށް 12،400،000 ރުފިޔާގެ ޑިމާންޑް ލޯނެއް ގޯތި ރަހުނުކޮށްގެން ބޭންކުން ދޫކުރިއެވެ. އިންސްޕެކްޝަންތަކުން ލޯނުގެ ފައިސާ ޢިމާރާތަށް ޚަރަދު ނުކުރާކަން ފާހަގަކޮށް، ބޭންކުން ލޯނު ކެންސަލްކޮށް 15 ދުވަހުގެ ތެރޭގައި ފައިސާ ދެއްކުމަށް އެންގުމަށްފަހު ދަޢުވާކުރިއެވެ.
ބޭންކުން ބުނީ ލޯނު ދޫކުރި މަޤްޞަދާ ޚިލާފުވިކަން ދައްކާ ލިޔެކިޔުމާއި ހެކި، ލޯނު އެގްރީމެންޓާއި ރަހުނު އެގްރީމެންޓަށް ސިވިލް ކޯޓުން ރިޢާޔަތް ނުކުރާކަމަށާއި، ހަމައެކަނި ބެލީ އެއް ކަމަކަށް ކަމަށެވެ.
މައިގަނޑު ސުވާލު
ލޯނު ނެގި ފަރާތުން ވަގުތަށް ފައިސާ ދައްކަމުން ދިޔަނަމަވެސް، ލޯނުގެ ފައިސާ ލޯނުދޫކުރި މަޤްޞަދާ ޚިލާފަށް ބޭނުންކުރުމުން ބޭންކަށް ލޯނު ފެސިލިޓީ ކެންސަލްކޮށް ބާކީ ފައިސާ އެއްފަހަރާ ދެއްކުމަށް އެދެވޭތޯ.
ނިންމި ގޮތް
ދަށުކޯޓުގެ ޙުކުމް ބާޠިލު؛ ލޯނު ފެސިލިޓީ ކެންސަލްކަމަށް ކަނޑައަޅައި ފައިސާ ދެއްކުމަށް އަންގައިފި
ޢާންމު ޝަރުޠުތަކުގެ 2.13 ގެ ދަށުން ޝަރުޠަކާ ޚިލާފުވުމުން ލޯނު ބާޠިލުކުރުމުގެ ޙައްޤު ބޭންކަށް ލިބެއެވެ. ލޯނުގެ ފައިސާ މަޤްޞަދާ ޚިލާފަށް ބޭނުންކުރިކަން އިންސްޕެކްޝަންތަކުން އެނގި، ލޯނު ނެގި ފަރާތުން އިންކާރުނުކުރާތީ، ޤަވާޢިދުން ފައިސާ ދެއްކި ނަމަވެސް ދަށުކޯޓުގެ ޙުކުމަށް ބަދަލު ގެންނަންޖެހެއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ލޯނު އަނބުރާ ދެއްކުމަށް ކަނޑައަޅާފައިވާ ޤަވާޢިދުން ނުދެއްކުމުން ނުވަތަ ސެންކްޝަން ސިޓީގެ އެއްވެސް މާއްދާއަކާ ޚިލާފުވުމުން ނުވަތަ އެހެން އެއްވެސް ސަބަބަކާހުރެ ލޯނު ބާޠިލުކޮށް ބާކީ މިންވަރު އަނބުރާ ދައްކަން އެންގުމުގެ ޙައްޤު ބޭންކަށް ލިބޭކަމަށް ލޯނުގެ ޢާންމު ޝަރުޠުތަކުގައި ބަޔާންކޮށް، ލޯނު ނެގި ފަރާތާއި ގެރެންޓަރު އެ ޝަރުޠުތަކުގައި ސޮއިކޮށްފައިވާނަމަ، އެއީ ދެފަރާތަށް ލާޒިމުވާ ލޯނުގެ ޝަރުޠެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03(ނ))
- ލޯނު ނެގި ފަރާތުން މަހުން މަހަށް ޤަވާޢިދުން ފައިސާ ދައްކަމުން ދިޔަކަމުގައި ވިޔަސް، ލޯނުގެ ފައިސާ ބޭނުންކުރަމުން ދިޔައީ ލޯނު ދޫކުރި މަޤްޞަދާ ޚިލާފަށް ކަމަށް ސާބިތުވާނަމަ، ލޯނު ފެސިލިޓީ ކެންސަލްކޮށް ފައިސާ ދެއްކުމަށް ބޭންކަށް އެދެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03(ނ))
- ބޭންކުން ކުރި އިންސްޕެކްޝަންތަކުން ލޯނުގެ ފައިސާ މަޤްޞަދާ ޚިލާފަށް ބޭނުންކުރިކަން އެނގި، ލޯނު ނެގި ފަރާތުން އެކަމަށް އިންކާރުނުކުރާނަމަ، އެކަން ސާބިތުވާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03(ށ)، 03(ނ))
- ލޯނު ކެންސަލްކުރިކަމަށް ކަނޑައަޅާއިރު، ލޯނާ ގުޅިގެން ލިބެންޖެހޭ ފައިސާ ދައްކާ ޚަލާޞްކޮށް ލޯނު އެކައުންޓް ބަންދުކުރެވެންދެން ލޯނާ ގުޅިގެން ވެވުނު ރަހުނު އެގްރީމެންޓް ބާޠިލުނުވެ ދެމިއޮންނާނެއެވެ. (ޙުކުމް)
- ބޭންކް އޮފް މޯލްޑިވްސްގެ "ކްރެޑިޓް ފެސިލިޓީ ދޫކުރެވޭ ޢާންމު ޝަރުތުތައް" ގެ 2.13 ވަނަ މާއްދާ
- ސެންކްޝަން ސިޓީ ނަންބަރު 0030/2014/1674-BML/LSU/MMBR (4 ވަނަ ނަންބަރާއި 7 ވަނަ ނަންބަރުގެ (ހ) ގެ ii)
- ބެންޗު
- މުޙައްމަދު ފައިޞަލް، ޝުޖާޢު ޢުޘްމާން، ޙުސައިން ޝަހީދު
- ޚިލާފު ރައުޔު
- ނެތް