ސައިޓޭޝަން ކޮޕީ ކުރުމަށް
2016/HC-A/579
2016/HC-A/579، 2016/HC-A/579
2016/HC-A/579 (2016/HC-A/579, High Court of the Maldives, 14 May 2018)
2016/HC-A/579
މައްސަލައިގެ ޚުލާޞާ
ސިވިލް ކޯޓުން، އެ ފައިސާއަކީ ދައްކަންޖެހި ނުދައްކާހުރި ފައިސާއެއްކަމަށް މަދަނީ މިންގަޑުން ސާބިތުވާކަމަށް ކަނޑައަޅައި، 3 މަހުގެ ތެރޭގައި ދައްކައި ޚަލާޞްކުރުމަށް ޙުކުމްކުރިއެވެ.
ކައިވެނިކުރުމުގެ ކުރިން، އިސްތިއުނާފުކުރި ފަރާތް އެދިގެން އޭނާގެ ބޭންކް އެކައުންޓަށް އިސްތިއުނާފު ރައްދުވި ފަރާތުން 50,000 ރުފިޔާ ޖަމާކުރިއެވެ. އެ ފައިސާ އަނބުރާ ނުލިބޭތީ އޭނާ ސިވިލް ކޯޓުގައި ދަޢުވާކުރިއެވެ.
އިސްތިއުނާފުކުރި ފަރާތް ބުނީ، ޘާބިތުކުރުމުގެ ބުރަ އޮންނަނީ ދަޢުވާކުރާ ފަރާތުގެ މައްޗަށްކަމަށް 2010/SC-A/02 ގައިވާ އުޞޫލާ ޚިލާފަށް ނިންމާފައިވާ ކަމަށާއި، ފައިސާ ޖަމާކުރީ އަންބެއްގެ މަޤާމުގައި ހުރެ ނޫންކަމަށާއި، ފައިސާއަކީ ދަޢުވާކުރި ފަރާތުގެ ބޭނުންތަކަށް ތަކެތި ގަތުމަށް ފޮނުވި ފައިސާއެއްކަމަށް ދެހެކިން ދިން ހެކިބަހަށް ރިޢާޔަތް ނުކުރާ ކަމަށެވެ.
މައިގަނޑު ސުވާލު
އެހެން ފަރާތެއްގެ އެކައުންޓަށް ޖަމާކުރި ފައިސާ ހޯދުމަށް ކުރާ ދަޢުވާއެއްގައި، ފައިސާ ލިބުނުކަމަށް އެއްބަސްވެ އެ ފައިސާ ދަޢުވާކުރާ ފަރާތުގެ ބޭނުންތަކަށް ޚަރަދުކުރިކަމަށް ދިފާޢު ނަގާއިރު ޘާބިތުކުރުމުގެ ބުރަ އޮންނަނީ ކޮން ފަރާތެއްގެ މައްޗަށްތޯއާއި، ދަށުކޯޓުން ހެކި ވަޒަންކުރި ގޮތް ރަނގަޅުތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ފައިސާ ލިބުނުކަމަށް އެއްބަސްވެ ޚަރަދުކުރިކަމަށް ދިފާޢު ނަގާތީ އެ ދިފާޢު ޘާބިތުކުރުމުގެ ބުރަ އޮތީ އިސްތިއުނާފުކުރި ފަރާތުގެ މައްޗަށެވެ. ހެކީންގެ ހެކިބަހުން ފައިސާއަކީ ތަކެތި ހޯދުމަށް ޖަމާކުރި ފައިސާއެއްކަން ނޭނގޭއިރު، ހައިކޯޓަށް ހުށަހެޅި ލިޔުންތަކުން ހެކި ލިބިގެންދަނީ އިސްތިއުނާފު ރައްދުވި ފަރާތުގެ ބުނުމާ އެއްގޮތަށެވެ.
ކަނޑައެޅުނު އުޞޫލުތައް
- ޢާންމު އުޞޫލެއްގެ ގޮތުގައި މަދަނީ ޚުޞޫމަތްތަކުގައި ޘާބިތުކުރުމުގެ ބުރަ (onus probandi) އަކީ، ދަޢުވާކުރާ ފަރާތުގެ މަސްއޫލިއްޔަތެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3.2)
- މި މާނާގައި ދަޢުވާކުރާ ފަރާތަކީ ހަމައެކަނި ދަޢުވާ ކޯޓަށް ހުށަހަޅާ ފަރާތް ނޫނެވެ. ދަޢުވާ ރައްދުވާ ފަރާތުން ދަޢުވާގެ ދިފާޢުގައި ޚަޞްމުއާ ކުރިމަތިކުރާ "ދަފްޢު" ނުވަތަ ދަޢުވާ ރައްދުވާ ފަރާތުން ކުރާ ދިފާޢީ ދަޢުވާ (counterclaim) ޘާބިތުކުރުމަކީ އެފަރާތެއްގެ މަސްއޫލިއްޔަތެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3.2)
- ދަޢުވާއެއްގައި އެއް ޚަޞްމު އަނެއް ޚަޞްމާ ކުރިމަތިކުރާ "ދަފްޢު" (plea) ޘާބިތުކުރުމުގެ މަސްއޫލިއްޔަތު އުފުލަންޖެހޭ ފަރާތަކީ އެ "ދަފްޢެއް" ކުރާ ފަރާތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3.2)
- ދަޢުވާކުރާ ފަރާތުން ޖަމާކުރިކަމަށް ބުނާ ފައިސާ ދަޢުވާ ރައްދުވާ ފަރާތުގެ އެކައުންޓަށް ޖަމާވިކަމަށް އެއްބަސްވެ، އެފައިސާ ދަޢުވާކުރާ ފަރާތުގެ އަމިއްލަ ބޭނުންތަކަށް ބޭނުންވާ ތަކެތި ގަނެދީ ޚަލާސްކޮށްފައިވާކަމަށްބުނެ ދިފާޢެއް ނަގާފައިވާނަމަ، އެ ދިފާޢު ޝަރީޢަތަށް ޘާބިތުކޮށްދިނުމަކީ ދަޢުވާ ރައްދުވާ ފަރާތުގެ މައްޗަށް އޮތް ބުރައެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3.2)
- ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/02
- ބެންޗު
- ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ޢަބްދުލްޣަނީ މުޙައްމަދު، ޙަސަން ޢަލީ
- ޚިލާފު ރައުޔު
- ނެތް