ސައިޓޭޝަން ކޮޕީ ކުރުމަށް
2017/HC-A/100
2017/HC-A/100، 2017/HC-A/100
2017/HC-A/100 (2017/HC-A/100, High Court of the Maldives, 23 February 2017)
2017/HC-A/100
މައްސަލައިގެ ޚުލާޞާ
ސިވިލް ކޯޓުން، އިސްތިޞްޙާބުގެ އުޞޫލާއި ޢަދާލަތުގެ ހަމަތަކަށް ބިނާކޮށް، އެއްބަސްވުން ނިމުމާމެދު ޝަރީޢަތުން ގޮތެއް ކަނޑައަޅަންދެން ނޯޓިސްއަށް ޢަމަލުކުރުން ފަސްކުރުމަށް ވަގުތީ އަމުރު ނެރުނެވެ.
ކާޑެއްދޫ އެއަރޕޯޓު ތަރައްޤީކޮށް ހިންގުމުގެ އެއްބަސްވުމާ ވިލާ އެއަރ ޕްރައިވެޓް ލިމިޓެޑް ޚިލާފުވެފައިވާކަމަށް ބުނެ، ސިވިލް އޭވިއޭޝަން އޮތޯރިޓީގެ މިންގަނޑުތަކާ އެއްގޮތަށް އެއަރޕޯޓު ހިންގާފައިނުވާތީ، އެއްބަސްވުމުގެ 40 (i) އާއި 41 ވަނަ މާއްދާގެ ދަށުން އެއްބަސްވުން ބާޠިލުކުރުމުގެ ނޯޓިސް މިނިސްޓްރީ އޮފް ޓޫރިޒަމުން ދިނެވެ. އެ ނޯޓިސް ޚިލާފުކޮށް ވިލާ އެއަރ ސިވިލް ކޯޓުގައި ދަޢުވާކޮށް ވަގުތީ އަމުރަކަށް އެދުނެވެ.
ދައުލަތުން ބުނީ އިޢާދަނުކުރެވޭ ގެއްލުމާއި މައުޟޫޢީ ޙައްޤު އޮތްކަމަށް ކަނޑައެޅީ 2012/SC-A/21 ގެ އުޞޫލުތަކާ ޚިލާފަށްކަމަށާއި، އަމުރު ނެރުމުން ދައުލަތަށް ލިބޭ ގެއްލުމަށް 2015/HC-A/71 ގައިވާ ގޮތަށް ރިޢާޔަތްކޮށްފައި ނުވާކަމަށެވެ.
މައިގަނޑު ސުވާލު
ދައުލަތާ ވިލާ އެއަރ ޕްރައިވެޓް ލިމިޓެޑާ ދެމެދު ކާޑެއްދޫ އެއަރޕޯޓު ހިންގުމުގެ އެއްބަސްވުން ބާޠިލުކުރުމުގެ ނޯޓިސްއަށް ޢަމަލުކުރުން ފަސްކުރުމަށް ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރު، ސުޕްރީމް ކޯޓުގެ 2012/SC-A/21 ގައި ކަނޑައެޅި ޝަރުޠުތަކާއި ދެފަރާތަށް ލިބޭ ގެއްލުން ބެލެންސްކުރުމުގެ އުޞޫލާ އެއްގޮތަށް ނެރުނު އަމުރެއްތޯ.
ނިންމި ގޮތް
ސިވިލް ކޯޓުގެ ވަގުތީ އަމުރު ބާޠިލު
ވިލާ އެއަރ ބަޔާންކުރި ގެއްލުންތަކަކީ ފައިސާއިން އަގުކުރެވޭނެ، ބަދަލު ނަގައިދެވޭނެ ކަންތައްތަކެއްކަމާއި ދައުލަތުން ގެއްލުމުގެ ބަދަލު ދޭން ތައްޔާރުކަން ބުނެފައިވާއިރު، ސަލާމަތީ މިންގަނޑުތައް ފުރިހަމަނުވާ ޙާލު އެއަރޕޯޓު ހިންގުމަކީ ގިނަ ބައެއްގެ ސަލާމަތަށް ނުރައްކާކަމަށް ދައުލަތުން ބުނުމަށް ދެކޮޅުހަދާފައި ނުވެއެވެ. ދަށު ކޯޓުން ދައުލަތަށް ލިބޭ ގެއްލުމަށް ރިޢާޔަތް ނުކުރާތީއާއި ދައުލަތުގެ މަސްލަޙަތު ބޮޑުވާތީ އަމުރު ބާޠިލުކުރެވުނެވެ.
ކަނޑައެޅުނު އުޞޫލުތައް
- ޝަރުޢީ ކޯޓަކަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ވަގުތީ އަމުރެއް ނުވަތަ ވަގުތީ ފިޔަވަޅެއް ނާޅައިފިނަމަ، ޙުކުމް ކުރެވޭއިރު، އެޙުކުމުގެ މަޤްޞަދު ހާޞިލް ނުވެ ހިނގައިދާނެކަމަށް، ނުވަތަ މައްސަލާގައި ހިމެނޭ ފަރާތަކަށް ގެއްލުމެއް ލިބިދާނެކަމަށް ނުވަތަ ދަޢުވާކުރެވޭ މުދާ ނުވަތަ ފައިސާ ކޯޓުގެ ބާރު ނުހިނގާނެ ގޮތަކަށް ރާއްޖެއިން ބޭރަށް ގެންގޮސްފާނެކަމަށް ނުވަތަ ދަޢުވާ ލިބޭ މީހާ ފިލައިގެން ހިނގައިދާނެކަމަށް ނުވަތަ ދަޢުވާކުރެވޭ މުދާ ނުވަތަ ފައިސާ ކޯޓުގެ ބާރު ނުހިނގާފަދަ ގޮތަކަށް ނުވަތަ އެމުދަލެއްގެ ނުވަތަ ފައިސާގެ އަގެއް ނުހުންނާނެ ގޮތަކަށް ވެދާނެކަމަށް ޤަބޫލުކުރެވޭނަމަ އެކަން ހުއްޓުވުމަށް އަމުރު ކުރުމުގެ ބާރު ކޯޓަށް ލިބިދީފައިވާކަން ޝަރީޢަތްކުރުމާބެހޭ ގޮތުން ހެދިފައިވާ ގަވާއިދު 6 ގެ 295 ވަނަ މާއްދާއަށް ބެލުމުން އެނގެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4(ށ))
- މައްސަލައިގެ ވަށައިގެންވާ ކަންތައްތަކަށާއި، ޒާތަށާއި، ބާވަތަށާއި، ހާލަތަށާއި، ވަގުތީ އަމުރަށް އެދި ހުށަހަޅާފައިވާ ހުށަހެޅުމުގެ މައްޗަށް ބައްލަވައި ވަގުތީ އަމުރެއް ނުވަތަ ވަގުތީ ފިޔަވަޅެއް އެޅުމަކީ އެމައްސަލަ ބައްލަވާ ފަނޑިޔާރަށް ލިބިގެންވާ އިޚްތިޔާރީ (discretionary) ބާރެއްނަމަވެސް އެބާރަކީ މުޠުލަޤު ބާރެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4(ށ))
- ވަގުތީ އަމުރުތައް ނެރުމުގައި ކޯޓުން ފުރިހަމަ ވޭތޯ ބަލަންޖެހޭ ޝަރުޠުތަކަކީ: (1) ވަގުތީ އަމުރަށް އެދޭ ފަރާތަށް ޤާނޫނީ ގޮތުން ޙިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިޙްތިމާލު ފާޅުކަން ބޮޑުގޮތެއްގައި ޤާއިމުވެގެންވުން (Fumus boni juris)؛ (2) ވަގުތީ އަމުރު ނެރުމަކާނުލައި އަސްލު މައުޟޫޢީ ދަޢުވާ ލަސްވެގެން ހިނގައްޖެނަމަ ކުރިމަތިވެދާނެ ނުރައްކަލެއް އޮތުން (Periculum in mora)، އެއީ މައުޟޫޢީ ދަޢުވާ އާދައިގެ އިޖްރާއާތުގެ ދަށުން ފުރިހަމަކޮށްފިނަމަ، ތަދާރުކު ނުކުރެވޭފަދަ އަދި އިޢާދަ ނުކުރެވޭފަދަ ނުރައްކަލަކާއި ނުވަތަ ގެއްލުމަކާ ވަގުތީ އަމުރަށް އެދޭ ފަރާތުން ކުރިމަތިލާން ޖެހުން؛ އަދި (3) ވަގުތީ އަމުރަށް އެދޭ ފަރާތަކީ އެފަދަ އަމުރަކަށް އެދުމުގެ ހައިސިއްޔަތު ޤާނޫނީ ގޮތުން ލިބިގެންވާ ފަރާތެއްކަމުގައިވުމެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4(ށ))
- މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިޙްތިމާލު ޤާއިމުވެގެންވާ ކަމުގައި ބެލެވޭނީ އެޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް ޙިމާޔަތްކުރާ ޤާނޫނީ ޤާޢިދާއެއް އޮތުމުގެ އިތުރުން، ވަގުތީ އަމުރަށް އެދި ހުށަހަޅާ ވަޤާއިޢުތަކަކީ އެފަދަ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް ވާކަމުގެ އިޙްތިމާލު ޤާއިމްވެގެންވާކަމުގައި ކޯޓަށް ޤަބޫލުކުރެވޭ މިންވަރުގެ ކާފީ ވަޤާއިޢުތަކަށް ވުމުންނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4(ށ))
- ކޯޓަށް ހުށަހެޅޭ މައްސަލައާ ގުޅިގެން ނެރެދެވޭ ވަގުތީ އަމުރުގައި، އަސްލު މައްސަލާގައި ހިމެނޭ މައުޟޫޢީ ޙައްޤަށް ނުވަތަ ޤާނޫނީ މަރުކަޒަށް އަސަރުކުރަނިވި ފަދަ ގޮތަކަށް ނުވަތަ އެޙައްޤު ސާބިތުކޮށް ނުވަތަ ނަފީކޮށް ވަގުތީ އަމުރު ނެރުމުގެ ބާރު ކޯޓަށް ލިބިގެން ނުވެއެވެ. އެހެންނޫންނަމަ އެވާނީ އެމައްސަލަ ބެލުމުގެ ކުރިން، އެމައްސަލާގައި ހިމެނޭ މައުޟޫޢީ ޙައްޤަށް ނުވަތަ ޤާނޫނީ މަރުކަޒަށް ދާއިމީ ޙިމާޔަތް ކުރިއާލައި ދެވުމެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4(ށ))
- ވަގުތީ އަމުރަށް އެދި ހުށަހަޅާ މައްސަލަތަކުގައި އެއަމުރު ނުނެރެފިނަމަ، އެއަމުރަށް އެދުނު ފަރާތަށް ލިބިދާނެ ގެއްލުމަކަށް ރިޢާޔަތްކުރާފަދައިން އެއަމުރު ނެރުމުގެ ސަބަބުން އަނެއް ފަރާތަށް ލިބިދާނެ ގެއްލުމަކަށްވެސް ޝަރީޢަތުން ރިޢާޔަތްކުރަންޖެހޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4(ނ))
- ވަގުތީ އަމުރު ނެރުއްވުމުގައި، އެއަމުރު ނެރުއްވުމުގެ ސަބަބުން އަނެއް ފަރާތަށް ލިބިދާނެ ގެއްލުން ކުޑަކުރެވޭނެ ނުވަތަ ހިމާޔަތްކުރެވޭނެ ގޮތްތަކެއްގެ މައްޗަށް ދަށު ކޯޓުން ރިޢާޔަތްކުރައްވާފައިނުވާއިރު، ވަގުތީ އަމުރު ނެރުއްވުމުގައި ހިމާޔަތްކުރެވޭ މަސްލަޙަތަށްވުރެ، އެއަމުރު ނުނެރުމުން ހިމާޔަތްކޮށް ރައްކާކުރެވޭ މަސްލަޙަތު ބޮޑުނަމަ، އެ ވަގުތީ އަމުރަކީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނެރުއްވާފައިވާ އަމުރެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4(ނ))
- ޝަރީޢަތްކުރުމާބެހޭ ގޮތުން ހެދިފައިވާ ގަވާއިދު (6) ގެ 295 ވަނަ މާއްދާ
- ސުޕްރީމް ކޯޓުގެ ޤަޟިއްޔާ ނަންބަރު 2012/SC-A/21
- ހައިކޯޓުގެ ޤަޟިއްޔާ ނަންބަރު 2015/HC-A/71
- ބެންޗު
- ޢަބްދުﷲ ދީދީ، ޢަބްދުﷲ ޙަމީދު، ޢަބްދުއްރައޫފު އިބްރާހީމް
- ޚިލާފު ރައުޔު
- ނެތް