ސައިޓޭޝަން ކޮޕީ ކުރުމަށް
2017/HC-A/443
2017/HC-A/443، 2017/HC-A/443
2017/HC-A/443 (2017/HC-A/443, High Court of the Maldives, 19 April 2018)
2017/HC-A/443
މައްސަލައިގެ ޚުލާޞާ
މަޢުޟޫޢީ ޙައްޤެއް އޮތުމުގެ އިޙްތިމާލު ފާޅުކަން ބޮޑުކަމާއި، އަމުރު ނުނެރެފިނަމަ އިޢާދަނުކުރެވޭނެ ގެއްލުން ލިބިދާނެކަމަށް ފެންނާތީ ސިވިލް ކޯޓުން ވަގުތީ އަމުރު ނެރުއްވި.
ގޯތީގައި ހަދާ އިމާރާތް ކުއްޔަށް ދިނުމަށް ވެވުނު އެއްބަސްވުން ބާޠިލުކުރުމަށް ބިމުގެ ވެރިފަރާތުން ނޯޓިސް ފޮނުވުމުން، ނޯޓިސް ބާޠިލުކޮށް އެއްބަސްވުން ދެމެހެއްޓުމަށް އެދި ކުއްޔަށް ހިފި ކުންފުނިން ސިވިލް ކޯޓުގައި ދަޢުވާކޮށް، ދަޢުވާ ނިމެންދެން ގޯއްޗާއި އިމާރާތުގެ މައްޗަށް ތިންވަނަ ފަރާތެއްގެ މަޞްލަޙަތު އުފެދޭ މުޢާމަލާތެއް ނުކުރުމަށް ވަގުތީ އަމުރަކަށް އެދުނެވެ.
އިސްތިއުނާފުކުރި ފަރާތުން ބުނީ ތަދާރަކު ނުކުރެވޭ ގެއްލުމެއް ސާބިތުކޮށްފައިނުވާކަމަށާއި، މަޢުޟޫޢީ ޙައްޤެއް ފާޅުކަން ބޮޑުގޮތެއްގައި ޤާއިމުވެފައި ނުވާކަމަށާއި، އަމުރަކީ އާޚިރު ޙުކުމަށް އަސަރުކުރާ ނިންމުމެއްކަމަށާއި، ދެފަރާތުގެ ގެއްލުން އަޅާކިޔުމުން އަމުރު ނެރުމަކީ ޢަދުލުވެރި ގޮތް ނޫންކަމަށެވެ.
މައިގަނޑު ސުވާލު
ކުލީގެ އެއްބަސްވުމާ ގުޅޭ ދަޢުވާ ނިމެންދެން އިމާރާތުގެ މައްޗަށް ތިންވަނަ ފަރާތެއްގެ މަޞްލަޙަތު އުފެދޭ މުޢާމަލާތެއް ނުކުރުމަށް ސިވިލް ކޯޓުން ނެރުއްވި ވަގުތީ އަމުރަކީ ވަގުތީ އަމުރު ނެރުމުގެ ޝަރުޠުތަކާ އެއްގޮތަށް ނެރުއްވާފައިވާ އަމުރެއްތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ވަގުތީ އަމުރު ޤާއިމް
އަމުރަކީ ދަޢުވާ ނިމެންދެން އޮތް ޙާލަތު ދެމެހެއްޓުމަށް ނެރުއްވި އަމުރެއް ކަމަށްވާތީ މަޢުޟޫޢީ ޙައްޤަށް އަސަރުކުރާ އަމުރެއް ނޫންކަމަށާއި، ގެއްލުން ސާބިތުކުރަން ނުޖެހޭކަމަށާއި، ސިވިލް ކޯޓުން ބަޔާންކުރި ސަބަބުތަކަކީ ޤަބޫލުކުރެވޭ ސަބަބުތަކެއްކަމަށާއި، 2012/SC-A/21 ގައިވާ ޝަރުޠުތައް ފުރިހަމަވާކަމަށް ހައިކޯޓުން ކަނޑައެޅި.
ކަނޑައެޅުނު އުޞޫލުތައް
- އަސްލު ދަޢުވާއާމެދު ގޮތެއް ނިމެންދެން، އެއްބަސްވުން ބާޠިލުކުރުމަށް ނޯޓިސް ފޮނުވިއިރު އޮތް ޙާލަތު އެގޮތުގައި ދެމެހެއްޓުމަށްޓަކައި ނެރުއްވާފައިވާ ވަގުތީ އަމުރަކީ، އެ އަމުރު ނެރުނު އަސްލީ މައްސަލައިގައި ހިމެނޭ މަޢުޟޫޢީ ޙައްޤަށް ނުވަތަ ޤާނޫނީ މަރުކަޒަށް އަސަރުކުރުވަނިވި ގޮތަކަށް ނުވަތަ އެ ޙައްޤު ސާބިތުކޮށް ނުވަތަ ނަފީކޮށް ނެރުއްވާފައިވާ ވަގުތީ އަމުރެއްކަމަށް ނުބެލެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3.1)
- ވަގުތީ އަމުރެއް ނެރުއްވުމުގައި ވަގުތީ އަމުރަށް އެދޭ ފަރާތަށް ލިބިދާނެކަމަށް ފެންނަ ގެއްލުމަކީ ސާބިތުކޮށްދޭންޖެހޭ ކަމެއް ނޫނެވެ. ނަމަވެސް ވަގުތީ އަމުރަށް އެދޭ ޙާލަތުގައި އެ ފިޔަވަޅު ނާޅައިފިނަމަ، މައްސަލައިގެ ޙުކުމް ކުރެވޭއިރު އެ ޙުކުމުގެ މަޤުޞަދު ޙާޞިލްނުވެ ހިނގާދާނެކަމަށް ޝަރީޢަތަށް ޤަބޫލުކުރެވޭ ސަބަބުތަކެއް ހުރެއްޖެނަމަ ނުވަތަ މައްސަލައިގައި ހިމެނޭ ދެފަރާތުން ކުރެ ފަރާތަކަށް ގެއްލުމެއް ލިބިދާނެކަމަށް ފަނޑިޔާރަށް ފެނިވަޑައިގަންނަވާނަމަ ވަގުތީ އަމުރު ނެރުމުގެ ބާރު ފަނޑިޔާރަށް ލިބިގެންވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3.2)
- ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއްގެ ޝަރީޢަތް ނިމުމުގެ ކުރިން ވަގުތީ އަމުރު ނެރެދިނުމަށް މައްސަލާގައި ހިމެނޭ ފަރާތަކަށް އެދެވިދާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3.2)
- ވަގުތީ އަމުރު ނެރުމަކީ ކޯޓަށް ލިބިގެންވާ އިޚްތިޔާރީ ބާރެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3.2)
- ވަގުތީ އަމުރަށް އެދޭ ފަރާތަށް ޤާނޫނީގޮތުން ހިމާޔަތް ލިބެންޖެހޭ މަޢުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިޙްތިމާލު ފާޅުކަން ބޮޑުގޮތެއްގައި އޮތުމާއިއެކު، ވަގުތީ އަމުރު ނެރުމަކާނުލާ އަސްލު މަޢުޟޫޢީ ދަޢުވާ ލަސްވެގެން ހިނގައްޖެނަމަ، ތަދާރަކު ނުކުރެވޭފަދަ ނުރައްކަލަކާ ނުވަތަ ގެއްލުމަކާއި އެ ވަގުތީ އަމުރަށް އެދުނު ފަރާތުން ކުރިމަތިލާންޖެހުމުގެ ނުރައްކާ ނުވަތަ ބިރު އޮތުމުގެ އިތުރުން، ވަގުތީ އަމުރަށް އެދުނު ފަރާތަކީ އެފަދަ އަމުރަކަށް އެދުމުގެ ޙައިޞިއްޔަތު ޤާނޫނީ ގޮތުން ލިބިގެންވާ ފަރާތެއްކަމަށް ވާނަމަ ވަގުތީ އަމުރެއް ނެރެވިދާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3.2)
- ޝަރީޢަތްކުރުމާބެހޭ ގޮތުން ހެދިފައިވާ ޤަވާއިދު (6) ގެ 295 ވަނަ ނަންބަރު
- ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/21 ޤަޟިއްޔާ
- ބެންޗު
- ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ފަނޑިޔާރު ޝުޖާޢު ޢުޘްމާން
- ޚިލާފު ރައުޔު
- ނެތް