ސައިޓޭޝަން ކޮޕީ ކުރުމަށް
2016/HC-A/354
2016/HC-A/354، 2016/HC-A/354
2016/HC-A/354 (2016/HC-A/354, High Court of the Maldives, 14 February 2018)
2016/HC-A/354
މައްސަލައިގެ ޚުލާޞާ
ސިވިލް ކޯޓުން އެއްބަސްވުން ސާބިތުނުވާކަމަށް ކަނޑައަޅައިފައިވީނަމަވެސް، ކުންފުނީގެ މުދާ ޢިމާރާތުގައި ބަހައްޓައި ބޭނުންކުރި 12 މަހަށް މަހަކު 15,000 ރުފިޔާގެ ގޮތުން 180,000 ރުފިޔާ ކުލީގެ ގޮތުގައި ދިނުމަށް ޙުކުމްކުރިއެވެ.
ފުވައްމުލަކުގައި ކުލީބިމެއްގައި ހަދާފައިވާ ޢިމާރާތްތައް ކުއްޔަށް ދިނުމުގެ އެއްބަސްވުމެއްގެ ދަށުން ލިބެންޖެހޭ ކުލި ހޯދުމަށް ޢިމާރާތުގެ ވެރިފަރާތުން ކުންފުންޏެއްގެ މައްޗަށް ދަޢުވާކުރިއެވެ. އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ކުންފުނީގެ ފިހާރައެއްގެ ނަމުގައެވެ.
އިސްތިއުނާފުކުރި ކުންފުނިން ބުނީ އެއްބަސްވުމަކީ ކޮންޓްރެކްޓް ޤާނޫނާ ޚިލާފު، ދެފަރާތުގެ ދެމެދު ވެފައިވާ އެއްބަސްވުމެއް ނޫންކަމަށާއި، ސޮއިކުރި ފަރާތްތަކަކީ ޢިމާރާތުގެ ވެރިފަރާތުގެ ބޭފުޅުން ކަމުން ކުންފުންޏަށް ނޭނގި މުދާ ބެހެއްޓުމުގެ ޒިންމާ ކުންފުނިން ނުއުފުލޭނެކަމަށެވެ.
މައިގަނޑު ސުވާލު
ފިހާރައެއްގެ ނަމުގައި ސޮއިކުރެވިފައިވާ ކުލީ އެއްބަސްވުމެއްގެ ޒިންމާ އެ ފިހާރަ ހިންގާ ކުންފުނިން އުފުލަންޖެހޭތޯއާއި، ދަޢުވާގެ އަސާސަކީ އެއްބަސްވުމަކަށްވެފައި އެ އެއްބަސްވުން ސާބިތުނުވާއިރު، ޢިމާރާތް ބޭނުންކުރިކަމުގެ މައްޗަށް ކުލި ނަގައިދެވޭތޯ.
ނިންމި ގޮތް
ދަށުކޯޓުގެ ޙުކުމް ބާޠިލު
ފިހާރަ ނަމަކީ ޤާނޫނީ ޝަޚްޞެއް ނޫން ކަމާއި، ލިޔުމުގައި ސޮއިކުރި މީހާގެ ނަމާއި ކުންފުނީގެ ތައްގަނޑު ނެތްކަމާއި، ކުންފުނީގެ ހުއްދައާއެކު ސޮއިކުރިކަމުގެ ޙުއްޖަތެއް ނެތުމުން، އެއްބަސްވުމުގެ މައްޗަށް ބިނާކުރި ދަޢުވާ ސާބިތުނުވެއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ފިހާރަ ނަމަކީ ޤާނޫނީ ޝަޚްޞެއް ނޫނެވެ. ފިހާރަ ނަމެއްގެ ނަމުގައިވާ ލިޔުމެއްގައި ސޮއިކުރި މީހެއްގެ ނަން ނެތް، އެ ސޮޔަކީ ކޮން ފަރާތަކުން ކޮށްފައިވާ ސޮޔެއްކަން ބަޔާންކޮށްފައި ނުވާ، އަދި ކުންފުނީގެ ތައްގަނޑު ޖެހިފައިނުވާ ލިޔުމަކީ އެ ކުންފުންޏާއި ދަޢުވާކުރާ ފަރާތާ ދެމެދު ސޮއިކުރެވި އެއްބަސްވެފައިވާ އެއްބަސްވުމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ށ))
- ކުންފުނިން ހިންގި ފިހާރައެއްގެ ނަމުގައި ވެފައިވާކަމަށް ބުނާ އެއްބަސްވުމެއްގައި ބަޔާންކުރާ ކަންކަމުގެ ޒިންމާ އެ ކުންފުނިން އުފުލަންޖެހޭނީ، އެ އެއްބަސްވުމަކީ ކުންފުނިން އެދިގެން އެކުންފުނީގެ ހުއްދައާއި އެކު ސޮއިކުރެވިފައިވާ އެއްބަސްވުމެއްކަން ޝަރީޢަތަށް ސާބިތުވާފަދަ ޙުއްޖަތެއް ހުށަހަޅައިފިނަމައެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ނ))
- ދަޢުވާގެ މުޅި އަސާސް ބިނާވެގެންވަނީ އެއްބަސްވުމެއްގެ ދަށުން ފައިސާ ހޯދުމަށްކަމުގައިވެފައި، ދަޢުވާގެ ސީޣާއަކީވެސް އެއްބަސްވުމާ ޚިލާފުވެފައިވާތީ އެއްބަސްވުމުގެ ދަށުން ލިބެންޖެހޭ ކުލި ހޯދުންކަމުގައިވާއިރު، އެ އެއްބަސްވުމަކީ ދެފަރާތުގެ ދެމެދު ވެފައިވާ އެއްބަސްވުމެއްކަން ސާބިތުވާން ނެތުމުން، އެ އެއްބަސްވުމުގެ މައްޗަށް ރިޢާޔަތްކޮށް އެއްވެސް ފައިސާއެއް ކުލީގެ ގޮތުގައި ދައްކަންޖެހޭކަން ސާބިތެއް ނުވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ރ))
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 19 ވަނަ މާއްދާ އަދި 22 ވަނަ މާއްދާގެ (ނ) - އިސްތިއުނާފުކުރި ފަރާތުން ޙަވާލާދީފައި
- ބެންޗު
- ޢަބްދުﷲ ޙަމީދު، ޢަލީ ސަމީރު، ޢަބްދުއްރައޫފު އިބްރާހީމް
- ޚިލާފު ރައުޔު
- ނެތް