ސައިޓޭޝަން ކޮޕީ ކުރުމަށް
2016/HC-A/191
2016/HC-A/191، 2016/HC-A/191
2016/HC-A/191 (2016/HC-A/191, High Court of the Maldives, 26 May 2016)
2016/HC-A/191
މައްސަލައިގެ ޚުލާޞާ
ކްރިމިނަލް ކޯޓުން މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ދިހަ ދުވަހަށް މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް އަމުރުކުރިއެވެ.
މަނީލޯންޑްރިންގގެ ތުހުމަތުގައި ތުހުމަތުކުރެވޭ ފަރާތް ބަންދުގައި ބެހެއްޓުމަށް ފުލުހުން އެދުނެވެ.
އިސްތިއުނާފުކުރި ފަރާތުން ބުނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ޙައްޤު ލިބިނުދީ އަމުރު ނިންމި ކަމަށާއި، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގެ ދަށުން ބަންދުގައި ބެހެއްޓިދާނެ ސަބަބެއް ހާމަނުކޮށް އަމުރުކުރި ކަމަށާއި، 2010/SC-A/19 ގައިވާ އުޞޫލުތަކާ ޚިލާފު ކަމަށެވެ.
މައިގަނޑު ސުވާލު
މަނީލޯންޑްރިންގގެ ތުހުމަތުގައި މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރަކީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ޙައްޤާއި، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި، ސުޕްރީމް ކޯޓުގެ 2010/SC-A/19 ގައިވާ އުޞޫލުތަކާ ޚިލާފު އަމުރެއްތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ކްރިމިނަލް ކޯޓުގެ އަމުރު ޤާއިމް
ވަކީލެއްގެ އެހީ ހޯދުމުގެ ފުރުސަތު ފުލުހުން ފަހިކޮށްދީފައިވާތީ އެ ޙައްޤުން މަޙްރޫމްކޮށްފައިނުވެއެވެ. މުޖުތަމަޢުގެ ސަލާމަތަކީ ބަންދަށް ހުއްދަ ސަބަބެއް ކަމާއި، ކުށުގެ ބާވަތާއި، ހިމެނޭ މީހުންގެ އަދަދާއި، ކުށުގެ ކުޑަބޮޑު މިނަށް ބަލާއިރު އަމުރަކީ 2010/SC-A/19 ގެ އުޞޫލުތަކާ ޚިލާފު އަމުރެއް ނޫނެވެ.
ކަނޑައެޅުނު އުޞޫލުތައް
- ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ފުރުސަތު ފުލުހުންގެ ފަރާތުން ތުހުމަތުކުރެވޭ ފަރާތަށް ފަހިކޮށްދީފައިވާކަން އެނގެން އޮތްނަމަ، ޤާނޫނީ ވަކީލެއްގެ އެހީ ހޯދުމުގެ ޙައްޤުން އޭނާ މަޙްރޫމްކޮށްފައިވާކަމުގައި ނުބެލެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4 (ށ))
- ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމުގައި ފަނޑިޔާރު ބަލަންޖެހޭނީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާއިދު" ގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ 5 ސަބަބުންކުރެ ސަބަބެއް އޮތްތޯއެވެ. އެއިން ސަބަބެއް ފުރިހަމަވެފައިވާކަން ނުވަތަ ނޫންކަމާމެދު ގޮތެއް ނިންމުމުގެ ބާރު ލިބިދީފައިވަނީ، ކޯޓަށް ހުށައެޅޭ ހެކި ޤަރީނާތަކުގެ މައްޗަށް ރިޢާޔަތްކޮށް ބަންދުގެ މައްސަލަ ބައްލަވާ ފަނޑިޔާރަށެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4 (ނ))
- ކުށެއްގެ ތުހުމަތުގައިވާ މީހަކީ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާތެރިވެދާނެ މީހެއްކަމަށް ފަނޑިޔާރަށް ފެނުމަކީ، ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ބަންދުގައި ބެހެއްޓުމަށް ހުއްދަ ސަބަބެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4 (ނ))
- ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި އެއްގޮތްވާގޮތުގެ މަތީން މީހަކު ބަންދުކުރުމުގައި، ތުހުމަތުކުރެވޭ ކުށް ސާބިތުކުރުމަށް ކާފީ ހެކި ނެތްކަމުގައިވިޔަސް، ތުހުމަތު ކުރެވޭ ކުށުގެ ނުރައްކާތެރިކަން އޮތް މިންވަރަށާއި، އެހާދިސާ ތަޙްޤީޤު ކުރުމުގައިހުރި ގޮންޖެހުންތަކަށާއި، އެކަމުގައި ހިމެނޭ މީހުންގެ ޢަދަދަށާއި، ކުށުގެ ޠަބީޢަތަށާއި، ކުށުގެ ކުޑަބޮޑުމިނަށާއި، އެކުށަށް ޤާނޫނުގައި ކަނޑައެޅިފައިވާ އަދަބަށާއި، މިއެންމެހައި ކަންތައްތަކަށް ފަނޑިޔާރު ރިޢާޔަތްކުރަންޖެހޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4 (ރ))
- ތުހުމަތު ކުރެވިފައިވާ ކުށުގެ ބާވަތަށާއި، އެކަމުގައި ހިމެނޭ މީހުންގެ ޢަދަދަށާއި، އެކުށުގެ ތަބީޢަތަށާއި، އެކުށުގެ ކުޑަބޮޑު މިނަށާއި، ތުހުމަތުކުރެވިފައިވާ ކުށުގެ ޢަމަލަށް ބަލައި ބަންދުގައި ބަހައްޓަން ނިންމުމަކީ ސުޕްރީމް ކޯޓުގެ 2010/SC-A/19 ޤަޟިއްޔާގައި ބަޔާންކޮށްފައިވާ އުޞޫލުތަކާއި ޚިލާފަށް ނިންމާފައިވާ ކަމެއްކަމުގައި ނުބެލެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4 (ރ))
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ށ)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ރ)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ
- "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާއިދު" ގެ 7 ވަނަ މާއްދާގެ (ހ)
- ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/19 ޤަޟިއްޔާ (ފާހަގަކުރެވުނު ނުކުތާތަކުގެ 9 ވަނަ ނަންބަރު)
- ބެންޗު
- ޢަލީ ސަމީރު، ޢަބްދުﷲ ދީދީ، ޢަބްދުއްރައޫފު އިބްރާހީމް
- ޚިލާފު ރައުޔު
- ނެތް