ސައިޓޭޝަން ކޮޕީ ކުރުމަށް
2017/HC-A/247
2017/HC-A/247، 2017/HC-A/247
2017/HC-A/247 (2017/HC-A/247, High Court of the Maldives, 15 June 2017)
2017/HC-A/247
މައްސަލައިގެ ޚުލާޞާ
މުޖުތަމަޢުގެ ހަމަޖެހުމާއި ސަލާމަތާއި ރައްކާތެރިކަމަށްޓަކައި 15 ދުވަހަށް މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުކުރުމަށް ކުރިމިނަލް ކޯޓުން އަމުރުކުރިއެވެ.
މީހަކަށް ތޫނުހަތިޔާރުން ޙަމަލާދީ މަރާލި މައްސަލައެއްގައި ބައިވެރިވިކަމުގެ ތުހުމަތުގައި ބަންދުގެ މުއްދަތު އިތުރުކުރުމަށް ފުލުހުން އެދުނެވެ. ފުލުހުން ހުށަހެޅީ ސިއްރު މަޢުލޫމާތާއި ސީސީޓީވީ ފުޓޭޖެވެ.
އަމުރަކީ ޤާނޫނުއަސާސީގެ 46 ވަނަ މާއްދާއާއި 48 ވަނަ މާއްދާގެ (ށ) އަދި (ރ) އާއި ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާ ޚިލާފަށް ނެރުނު އަމުރެއް ކަމަށް އިސްތިއުނާފުކުރި ފަރާތުން ބުނެފައިވެއެވެ.
މައިގަނޑު ސުވާލު
ޤަސްދުގައި މީހަކު މެރުމާއި ޓެރަރިޒަމާއި ތޫނުހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ތުހުމަތުގައި، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކުރިމިނަލް ކޯޓުން ނެރުނު އަމުރު ޤާނޫނުއަސާސީގެ 46، 48 އަދި 49 ވަނަ މާއްދާތަކާ ޚިލާފުތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ އަމުރު ޤާއިމް
ތުހުމަތަކީ ބޮޑު ކުށެއްގެ ތުހުމަތަކަށްވެ، މައްސަލަ އަދިވެސް ތަޙްޤީޤުކުރަމުންދާއިރު، ތުހުމަތާ ގުޅޭ ހެކި ނުވަތަ ޤަރީނާ ފުލުހުންގެ ފޯމުން އެނގެން އޮތުމާއި، މުޖުތަމަޢަށް ނުރައްކާތެރިވެދާނެ މީހަކު ބަހައްޓަންޖެހޭނީ ނުރައްކާ ނުފޯރުވޭނެ ތަނެއްގައި ކަމުގެ ހައިކޯޓުގެ ސާބިތު އުޞޫލުގެ ދަށުން، އަމުރު ޝަރުޢީ ޤާނޫނީ އުޞޫލަކާ ޚިލާފު ކަމަށް ނުފެނެއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމުގައި ފަނޑިޔާރު ބަލަންޖެހޭނީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދުގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ 5 ސަބަބުންކުރެ ސަބަބެއް އޮތްތޯއެވެ. އެއިން ސަބަބެއް އޮތްކަން ނުވަތަ ނެތްކަމާމެދު ގޮތެއް ނިންމުމުގެ ބާރު ލިބިދީފައިވަނީ ފަނޑިޔާރަށެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03 (ހ))
- ތުހުމަތުކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސްދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތް ކޮށްފާނެކަމަށް، ނުވަތަ ކޯޓަށް ހާޒިރު ނުވެދާނެކަމަށް، ނުވަތަ ފިލާފާނެކަމަށް، ނުވަތަ ބަންދުން ދޫކޮށްލައިފިނަމަ މުޖްތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ފަނޑިޔާރަށް ފެނިއްޖެނަމަ، އެމީހަކު ބަންދުގައި ބެހެއްޓުމުގެ އަމުރެއް ނެރުމުގެ ބާރު ފަނޑިޔާރަށް ލިބިގެންވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03 (ހ))
- ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާ އެއްގޮތަށް މީހަކު ބަންދުކުރުމުގައި، ތުހުމަތުކުރެވޭ ކުށް ސާބިތުކުރުމަށް ކާފީ ހެކިތަކެއް ނެތްކަމުގައި ވިޔަސް، ޝައްކުކުރެވޭ ކުށުގެ ނުރައްކާތެރިކަމާއި، އެކުށް ތަޙްޤީޤުކުރުމުގައި ހުރި އުނދަގޫތަކުގެ މިންވަރާއި، އެކަމުގައި ހިމެނޭ މީހުންގެ ޢަދަދާއި، ކުށުގެ ޠަބީޢަތާއި، ކުށުގެ ކުޑަބޮޑު މިނާއި، އެކުށަށް ޤާނޫނުގައި ކަނޑައެޅިފައިވާ އަދަބާއި، ޝައްކުކުރެވޭ މީހާ ފިލައި ރައްކާވުމުގެ ބިރުއޮތް މިންވަރާއި، ހެކިތަކާކުޅެ ހެކިތައް ނައްތާލުމުގެ ބިރު އޮތް މިންވަރު ފަނޑިޔާރު ވަޒަންކުރަންޖެހޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03 (ހ))
- ޤަސްދުގައި މީހުން މެރުމާއި، ޓެރަރިޒަމާއި، ތޫނުހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށްތަކަކީ އެކުށްތަކުގެ ޒާތާއި ބާވަތުން މުޖުތަމަޢުގެ ޞުލްޙަ މަސަލަސްކަމާއި އަމަންއަމާންކަމަށް އަދި މުޖުތަމަޢަށް ބޮޑެތި ގެއްލުންތައް ލިބެމުންދާ ކުށްތަކެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03 (ށ))
- ކުށެއްގެ ތުހުމަތުގައި ބަންދުކުރެވިފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކުރެވޭ މީހާއަކީ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާތެރިވެދާނެ މީހެއްކަމަށް ފަނޑިޔާރަށް ފެންނަ ޙާލަތްތަކުގައި، އެމީހަކު ބަންދުގައި ބަހައްޓަންޖެހޭނީ އެމީހެއްގެ ފަރާތުން މުޖުތަމަޢަށް ނުރައްކާތެރިކަމެއް ނުފޯރުވޭނެ ފަދަ ތަނެއްގައެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03 (ނ))
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 46 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ށ) އަދި (ރ)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ
- ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދުގެ 7 ވަނަ މާއްދާގެ (ހ)
- ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތު
- 2010/SC-A/19
- 2012/HC-A/260
- 2013/HC-A/35
- ބެންޗު
- ޢަބްދުﷲ ޙަމީދު، ޢަބްދުއްރައޫފު އިބްރާހީމް، ޢަލީ ސަމީރު
- ޚިލާފު ރައުޔު
- ނެތް