ސައިޓޭޝަން ކޮޕީ ކުރުމަށް
2016/HC-A/145
2016/HC-A/145، 2016/HC-A/145
2016/HC-A/145 (2016/HC-A/145, High Court of the Maldives, 20 July 2016)
2016/HC-A/145
މައްސަލައިގެ ޚުލާޞާ
ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން، ކުލިއާއި ޖޫރިމަނާގެ ގޮތުގައި 772,724.66 ރުފިޔާ ދައްކަންޖެހޭކަން އިޢުތިރާފާއި ލިޔުންތަކުން ސާބިތުވާކަމަށް ކަނޑައަޅައި، 9 މަހުގެ ތެރޭގައި ދައްކައި ޚަލާސްކުރުމަށާއި، ނުދައްކައިފިނަމަ އެއްބަސްވުން ނިމުމަކަށް ގެނެސް ބިން ޙަވާލުކުރަންޖެހޭނެކަމަށް ޙުކުމްކުރިއެވެ.
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑާއި އެޓޯލް ޕެރަޑައިސް ޕްރައިވެޓް ލިމިޓެޑާ ދެމެދު ހުޅުމާލޭގެ ސިނާޢީ ބިމެއް ކުއްޔަށް ދިނުމަށް ވެވުނު އެއްބަސްވުމުގެ ދަށުން ކުލި ނުދައްކާތީ، ކުލިއާއި ޖޫރިމަނާ ހޯދުމަށާއި ބިން ޙަވާލުކުރުމަށް އެދި އެޗް.ޑީ.ސީ އިން ދަޢުވާކުރިއެވެ.
އިސްތިއުނާފުކުރި ފަރާތުން ބުނީ ބިމުގެ ކުއްޔާއި ޖޫރިމަނާއަށް ވަކިން ދަޢުވާކުރެވިގެން ބެލޭނެ މައްސަލައެއް ނޫން ކަމަށާއި، ހުރިހާ ބިންތަކާ ގުޅިގެން އެކުއެކީ ތަޞައްރުފުކުރާތީ މައްސަލަ ބެލުމުގެ އިޚްތިޞާޞް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ނެތް ކަމަށެވެ.
މައިގަނޑު ސުވާލު
ބިމެއް ކުއްޔަށް ދިނުމުގެ އެއްބަސްވުމެއްގެ ދަށުން ކުލިއާއި ޖޫރިމަނާ ހޯދަން ކުރި ދަޢުވާއެއް ބެލުމުގެ އިޚްތިޞާޞް މެޖިސްޓްރޭޓް ކޯޓަށް ލިބިގެންވޭތޯއާއި، އެއް ބިމެއްގެ ކުއްޔާއި ޖޫރިމަނާއަށް ވަކިން ދަޢުވާކުރެވޭނެތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ ދަށުން 5 މިލިއަން ރުފިޔާއަށް ނުދާ މަދަނީ މައްސަލަތަކުގެ އިޚްތިޞާޞް މެޖިސްޓްރޭޓް ކޯޓުތަކަށް ލިބިގެންވެއެވެ. ވަކިން ދަޢުވާކުރުމަށް ހުރަސްއަޅާ ޝަރުޠެއް ނުވަތަ ވަކި ކޯޓެއް ކަނޑައަޅާފައިވާ ޝަރުޠެއް އެއްބަސްވުމުގައި ނެތުމުން، ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން މައްސަލަ ބެލުން ޞައްޙައެވެ.
ކަނޑައެޅުނު އުޞޫލުތައް
- މެޖިސްޓްރޭޓް ކޯޓުތަކުގެ އިޚްތިޞާޞުގެ ތެރޭގައި އެކޯޓެއް ހިމެނޭ ޖުޑިޝަލް ދާއިރާގައި ހިނގާ އެންމެހައި ޖިނާއީ، މަދަނީ، އަދި ޢާއިލީ މައްސަލަތައް ހިމެނެއެވެ. މިއިން އިސްތިސްނާ ކޮށްފައިވަނީ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ ޖަދުވަލު 5 ގައި ނުވަތަ އެޤާނޫނުގެ އެހެން މާއްދާއެއްގައި ނުވަތަ އެހެން ޤާނޫނެއްގައި އިސްތިސްނާ ކޮށްފައިވާ މައްސަލަތައް އެކަނިއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4(ނ))
- 5,000,000 (ފަސް މިލިއަން) ރުފިޔާއިން ފެށިގެން މަތީގެ ޢަދަދުގެ ފައިސާ ހިމެނޭ ނުވަތަ އެއަގުގެ މުދާ ހިމެނޭ މައްސަލަތައް ފިޔަވައި އެހެނިހެން އެންމެހައި މަދަނީ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް، އުޞޫލެއްގެ ގޮތުން މެޖިސްޓްރޭޓް ކޯޓުތަކަށްވެސް ލިބިގެންވެއެވެ. މުދަލުގެ މައްސަލަތަކާއި، ވިޔަފާރީގެ މައްސަލަތަކާއި، ރަހުނުގެ މައްސަލަތަކާއި، ދަރަނީގެ މައްސަލަތަކާއި އަދި އެނޫންވެސް މަދަނީ މައްސަލަތަކަކީ، އެފަދަ މައްސަލައެއްގައި ހިމެނޭ ފައިސާގެ ޢަދަދު ނުވަތަ މުދަލުގެ އަގު 5,000,000 (ފަސް މިލިއަން) ރުފިޔާއިން ފެށިގެން މަތީގެ ޢަދަދަކަށް ނުވާނަމަ މެޖިސްޓްރޭޓް ކޯޓުތަކުގައިވެސް ބެލޭނެ މައްސަލަތަކެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4(ނ))
- އެއްބަސްވުމެއްގެ ދަށުން އެއްފަރާތުން އަދާކުރަންޖެހޭ ޒިންމާތައް އަދާނުކުރުމުން އަނެއް ފަރާތުގެ ޙައްޤުތައް އެ އެއްބަސްވުމުގައިވާ ގޮތުގެމަތިން ހޯދުމަށް ވަކިން ދަޢުވާކުރުމަށް ހުރަސްއަޅާފަދަ މާއްދާއެއް ނުވަތަ ޝަރުޠެއް އެ އެއްބަސްވުމުގައި ނުވަތަ ދެފަރާތުގެ ދެމެދުގައި ވެފައިވާ އެހެން އެއްބަސްވުމެއްގައި ބަޔާންކޮށްފައި އޮތްކަން ދައްކާފައިނުވާނަމަ، އެހެން އެއްބަސްވުންތަކާ ވަކިން އެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ކަންކަން ތަންފީޒުކުރުމަށް ހުރަސް އެޅޭފަދަ ސަބަބެއް ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4(ރ))
- އެއްބަސްވުމުގެ ދަށުން އުފެދޭ ޚުޞޫމަތްތަކާ ގުޅިގެން މައްސަލަ ހުށަހަޅަން ޖެހޭ ވަކި ކޯޓެއް އެއްބަސްވުމުގައި ކަނޑައަޅާފައި ނުވާނަމަ، މައްސަލައިގައި ހިމެނޭ ފައިސާގެ އަދަދަށް ބަލާއިރު އިޚްތިޞާޞް ލިބިގެންވާ މެޖިސްޓްރޭޓް ކޯޓުގައި ފުރަތަމަ މަރުޙަލާގައި އެ މައްސަލަ ބެލުމަށް ހުރަސް އެޅޭފަދަ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4(ރ))
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 53 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ ޖަދުވަލު 3
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ ޖަދުވަލު 5، އޭގެ 3 ވަނަ ނަންބަރުގެ (އ) އާއި 2 ވަނަ ނަންބަރުގެ (ހ)
- ބެންޗު
- ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް، އިސްފަނޑިޔާރު ޢަބްދުﷲ ދީދީ، ފަނޑިޔާރު ޢަލީ ސަމީރު
- ޚިލާފު ރައުޔު
- ނެތް