ސައިޓޭޝަން ކޮޕީ ކުރުމަށް
2015/HC-A/95
2015/HC-A/95، 2015/HC-A/95
2015/HC-A/95 (2015/HC-A/95, High Court of the Maldives, 28 February 2017)
2015/HC-A/95
މައްސަލައިގެ ޚުލާޞާ
ވަކިކުރީ އެކަށީގެންވާ ސަބަބެއް އޮވެގެންކަން ކޮމިޝަނުން ސާބިތުކޮށްދީފައިވާތީ، ވަކިކުރީ ވަޒީފާއާބެހޭ ޤާނޫނާއި ސިވިލް ސަރވިސްގެ ޤާނޫނާ އެއްގޮތަށްކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމިއެވެ.
ސްކޫލެއްގެ ޓްރެއިންޑް ޓީޗަރެއްގެ މަޤާމުގައި ހުރި އިސްތިއުނާފުކުރި ފަރާތް، ދަރަޖަ 1، 2 އަދި 3 ގެ ވަޒީފާގެ ކުށްތައް ކޮށް ތަކުރާރުކުރުމުން ނަޞޭހަތާއި އިންޒާރު ދިނުމަށްފަހު، ސިވިލް ސަރވިސް ކޮމިޝަނުން 07 މެއި 2014 ގައި ވަޒީފާއިން ވަކިކުރިއެވެ.
އިސްތިއުނާފުކުރި ފަރާތުން ބުނީ، ސިވިލް ސަރވިސްގެ ޤާނޫނުގެ 47 ވަނަ މާއްދާއާ ޚިލާފަށް ކަމަށާއި، އޭނާގެ ދިފާޢަށް ރިޢާޔަތްކޮށްފައި ނުވާކަމަށާއި، ހާޒިރީއާއި އެޕްރައިސަލަށް ނުބަލާ ކަމަށާއި، 2010/HC-A/24 އާއި 2011/HC-A/134 ގެ އުޞޫލުތަކާ ޚިލާފު ކަމަށާއި، 73 (ނ) އަށް ރިޢާޔަތް ނުކުރި ކަމަށާއި، އެހެން މުވައްޒަފުންނާ ތަފާތުކުރި ކަމަށެވެ.
މައިގަނޑު ސުވާލު
ސިވިލް ސަރވިސްގެ ޓީޗަރެއް ވަޒީފާގެ ކުށްތައް ތަކުރާރުކުރުމުން ނަޞޭހަތާއި އިންޒާރުދީފައި ވަޒީފާއިން ވަކިކުރުމަކީ ވަޒީފާއާބެހޭ ޤާނޫނާއި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދާ އެއްގޮތަށް ކުރި ކަމެއްތޯ.
ނިންމި ގޮތް
އިސްތިއުނާފު ބަލައިނުގަނެ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުން ޤާއިމް
ދަރަޖަ 1 އާއި 2 ގެ ކުށްތައް ތަކުރާރުކުރިއިރު ނަޞޭހަތާއި އިންޒާރު ދީފައިވާކަން ލިޔުންތަކުން އެނގޭއިރު، ދަރަޖަ 3 ގެ ކުށަކީ ފުރަތަމަ ފަހަރުވެސް ވަކިކުރެވިދާނެ ކުށެކެވެ. އިޞްލާހީ ފިޔަވަޅުތަކާމެދު ޓްރައިބިއުނަލަށް ޝަކުވާ ނުކުރާތީ އެއީ ޤާނޫނާ އެއްގޮތަށް އެޅި ފިޔަވަޅުތަކެއް ކަމުގައި ބެލެވޭތީ، ވަކިކުރުން ޤާނޫނާއި ގަވާއިދާ އެއްގޮތެވެ.
ކަނޑައެޅުނު އުޞޫލުތައް
- މުވައްޒަފެއްގެ މަސައްކަތުގެ ޤާބިލުކަން ނުވަތަ އަޚްލާޤީ މިންގަނޑު ރަނގަޅު ކުރުމަށް ފިޔަވަޅު އެޅުމަށްފަހުވެސް އޭނާގެ މަސައްކަތުގެ އަޚްލާޤް ނުވަތަ އޭނާ ވަޒީފާ އަދާކުރާ ތަން ރަނގަޅު ގޮތުގައި ހިންގުމާ ގުޅިފައިވާ އޭނާގެ ޒިންމާ އަދާ ނުކުރާކަމުގެ އެކަށީގެންވާ ސަބަބަކާލައިގެން މެނުވީ، ވަޒީފާ އަދާކުރަމުންދާ މުވައްޒަފަކު، އޭނާގެ ވަޒީފާއިން ވަކިކޮށްގެން ނުވާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03 (ނ))
- ސިވިލް ސަރވިސްގެ މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނީ، ދިވެހި ސިވިލް ސަރވިސްގެ ގަވާއިދާއި، ދިވެހި ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓާ ޚިލާފުވިކަން ސިވިލް ސަރވިސް ކޮމިޝަނަށް ސާބިތުވާ ޙާލަތެއްގައެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03 (ނ))
- ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުގެ 215 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރެވިފައިވާ ކުށްކުށަކީ ވަޒީފާގެ ކުށުގެ ދަރަޖަ 1 ގައި ހިމެނޭ ކުށްކުށް ކަމާއި، މި ކުށްކުށަކީ ނަސޭޙަތްދީގެންނާއި އެނޫންވެސް އެކަމަށް އެކަށީގެންވާ ފިޔަވަޅު އަޅައިގެން މުވައްޒަފުންނަށް އިސްލާހުވުމަށް ފުރުޞަތު ދޭންވާނެ ފަދަ ކުށްކުށެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03 (ރ))
- ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުގެ 215 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރެވިފައިވާ ކުށްކުށަކީ ވަޒީފާގެ ކުށުގެ ދަރަޖަ 2 ގައި ހިމެނޭ ކުށްތަކެއްކަމާއި، މިކުށްތަކަކީ އިސްލާހުވުމަށް ފުރުޞަތުދީ ތަކުރާރުވާނަމަ، ވަޒީފާއިން ވަކިކުރުމަށް ހުށަހެޅޭނެ ކުށްތަކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03 (ރ))
- ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުގެ 215 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރެވިފައިވާ ކުށަކީ ވަޒީފާ ކުށުގެ ދަރަޖަ 3 ގައި ހިމެނޭ ކުށެއްކަމާއި، މި ކުށަކީ އެންމެ ފުރަތަމަ ފަހަރުވެސް ވަޒީފާއިން ވަކިކުރުމަށް ހުށަހެޅިދާނެ ކުށެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03 (ރ)، (ބ))
- މުވައްޒަފާމެދު އަޅާފައިވާ އިޞްލާހީ ފިޔަވަޅުތަކަކީ އެކަށީގެންނުވާ ނުވަތަ ޤާނޫނީ އިމުގެ ބޭރުން އަޅާފައިވާ ފިޔަވަޅުތަކެއްކަމުގައި އޭނާ ޤަބޫލު ކުރިނަމަވެސް، އެކަމުގެ ޝަކުވާ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުގެ ޙައްޤު އޮވެމެ، އެޙައްޤުގެ ބޭނުން ހިފާފައިނުވުމުން، އެ އިޞްލާހީ ފިޔަވަޅުތަކަކީ ވަޒީފާއާބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސާރވިސްގެ ޤާނޫނާއި ގަވާއިދާ އެއްގޮތްވާގޮތުގެ މަތިން އަޅާފައިވާ އިޞްލާހީ ފިޔަވަޅުތަކެއްކަމުގައި ބެލެވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03 (ބ))
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 21 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) ގެ 47 ވަނަ މާއްދާގެ (ނ) ގެ 3 ވަނަ ނަންބަރު
- ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2010 ގެ 215 ވަނަ މާއްދާގެ (ހ) ގެ (1)، (3)، (5)
- ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2010 ގެ 215 ވަނަ މާއްދާގެ (ށ) ގެ (2)، (4)
- ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2010 ގެ 215 ވަނަ މާއްދާގެ (ނ) ގެ (2) އާއި (17)
- ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2010 ގެ 217 ވަނަ މާއްދާގެ (ހ)
- ބެންޗު
- ޢަބްދުﷲ ޙަމީދު، ޢަބްދުއްރައޫފު އިބްރާހީމް، ޢަލީ ސަމީރު
- ޚިލާފު ރައުޔު
- ނެތް