ސައިޓޭޝަން ކޮޕީ ކުރުމަށް
2015/HC-A/159
2015/HC-A/159، 2015/HC-A/159
2015/HC-A/159 (2015/HC-A/159, High Court of the Maldives, 30 October 2017)
2015/HC-A/159
މައްސަލައިގެ ޚުލާޞާ
ވަޒީފާއާބެހޭ ޓްރައިބިއުނަލުން ވަކިކުރީ އެކަށީގެންވާ ސަބަބެއް ނެތިކަމަށް ކަނޑައަޅައި، ވަޒީފާއަށް އަނބުރާ ބަހައްޓައި ވަކިކުރި ތާރީޚުން ފެށިގެން މުސާރައާއި ޢިނާޔަތްތައް ދިނުމަށް އަމުރުކުރިއެވެ.
ކައުންސިލްގެ އިދާރާއެއްގެ އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރަކު މަޤާމާ އެކަށޭނެ ޢިލްމީ ޤާބިލުކަން ނެތުމުން ފަންތި ދަށްކޮށް މަސައްކަތު މަޤާމަކަށް ބަދަލުކުރުމަށް ހުށަހެޅުމުން އޭނާ އިޢުތިރާޟުކުރުމުން، ސިވިލް ސަރވިސް ކޮމިޝަނުން އޭނާ ވަޒީފާއިން ވަކިކުރިއެވެ.
ކޮމިޝަނުން ބުނީ ޤާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) ގެ 42 ވަނަ މާއްދާގެ (ށ) ގެ 3 ގެ ދަށުން ދިން ފުރުޞަތަށާއި ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 47 ވަނަ މާއްދާގެ (ނ) ގެ 3 އަށް ޓްރައިބިއުނަލުން ރިޢާޔަތްނުކުރިކަމަށާއި، ސުޕަރވައިޒަރުގެ ހެކިބަސް ނުބެލިކަމަށާއި، ސިވިލް ސަރވިސްގެ ޚާއްޞަ ޤާނޫނަށް ވުރެ ވަޒީފާއާބެހޭ ޤާނޫނަށް އިސްކަންދިންކަމަށެވެ.
މައިގަނޑު ސުވާލު
މަޤާމާ އެކަށޭނެ ޢިލްމީ ޤާބިލުކަން ނެތުމުގެ ސަބަބުން ސިވިލް ސަރވިސްގެ ޤާނޫނުގެ 42 ވަނަ މާއްދާގެ (ށ) ގެ 3 އާއި 47 ވަނަ މާއްދާގެ (ނ) ގެ 3 ގެ ދަށުން ސިވިލް ސަރވިސްގެ މުވައްޒަފަކު ވަކިކުރުމަކީ އެކަށީގެންވާ ސަބަބެއް އޮވެގެން ކުރެވުނު ކަމެއްތޯ، އަދި ޓްރައިބިއުނަލްގެ ނިންމުމަށް ބަދަލު ގެންނަންޖެހޭތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ޓްރައިބިއުނަލްގެ ނިންމުން ޤާއިމް
ޢިލްމީ ޤާބިލުކަން ނެތުމުން ވަކިކުރެވޭނީ ޤާބިލުކަން އޮޅުވާލައިގެން ވަޒީފާ ހޯދާފައިވާނަމަ ނުވަތަ ޤާބިލުކަން ޙާޞިލުކުރުން ޝަރުޠުކޮށް ވަޒީފާ ދީފައިވާނަމަ ކަމަށާއި، 28 އަހަރު ވަޒީފާ އަދާކުރި މުވައްޒަފަށް ނަޞޭހަތެއް ފިޔަވައި އިޞްލާޙީ ފިޔަވަޅެއް އަޅާފައިނުވާއިރު ކޯޑް އޮފް ކޮންޑަކްޓާ ޚިލާފުވީ ކިހިނެއްކަން ކޮމިޝަނަށް ބުނެދެވިފައިނުވާތީ ޓްރައިބިއުނަލްގެ ނިންމުމަށް ބަދަލެއް ނުގެނެސްފައެވެ.
ކަނޑައެޅުނު އުޞޫލުތައް
- މުވައްޒަފެއްގެ މަސައްކަތުގެ ޤާބިލުކަން ނުވަތަ އަޚްލާޤީ މިންގަނޑު ރަނގަޅު ކުރުމަށް ފިޔަވަޅު އެޅުމަށްފަހުވެސް އޭނާގެ މަސައްކަތުގެ އަޚްލާޤާއި ނުވަތަ އޭނާ ވަޒީފާ އަދާކުރާ ތަން ރަނގަޅު ގޮތުގައި ހިންގުމާ ގުޅިފައިވާ އޭނާގެ ޒިންމާ އަދާ ނުކުރާކަމުގެ އެކަށީގެންވާ ސަބަބަކާލައިގެން މެނުވީ، ވަޒީފާ އަދާކުރަމުންދާ މުވައްޒަފަކު، އޭނާގެ ވަޒީފާއިން ވަކިކޮށްގެން ނުވާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ނ))
- ސިވިލް ސަރވިސްގެ މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނީ، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤަވާއިދާއި، އަދި ދިވެހި ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓާ ޚިލާފުވިކަން ސިވިލް ސަރވިސް ކޮމިޝަނަށް ސާބިތުވާ ޙާލަތެއްގައެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ނ))
- މުވައްޒަފު އަދާކުރަންޖެހޭ ވާޖިބުތަކާއި ޒިންމާތައް އަދާކުރުމުގެ ޢިލްމީ ޤާބިލުކަން ނެތުމުގެ ސަބަބުން ވަޒީފާއިން ވަކިކުރެވޭނީ، ވަޒީފާއަށް އެދި ހުށަހެޅި ފަރާތުގެ ޢިލްމީ ޤާބިލުކަން ވަޒީފާދިން ފަރާތަށް އޮޅުވާލައިގެން ވަޒީފާ ހޯދާފައިވުން، ނުވަތަ ވަޒީފާދިން އިރު ވަޒީފާއާ ގުޅޭ ގޮތުން އިތުރަށް ޙާޞިލުކުރަންޖެހޭ ޢިލްމީ ޤާބިލުކަން ޙާޞިލުކުރުން ޝަރުޠުކޮށް ވަޒީފާ ދީފައިވާނަމައެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ރ))
- ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓާ ޚިލާފުވުމުގެ ސަބަބުން މުވައްޒަފަކު ވަކިކުރާނަމަ، މުވައްޒަފު ކޯޑް އޮފް ކޮންޑަކްޓާ ޚިލާފުވެފައިވަނީ ކިހިނެއްކަން އެކަށީގެންވާ ގޮތެއްގައި ސިވިލް ސަރވިސް ކޮމިޝަނަށް ބުނެދޭންޖެހެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ރ))
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 21 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 27 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 29 ވަނަ މާއްދާގެ (ހ) ގެ (2)
- ޤާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) ގެ 42 ވަނަ މާއްދާގެ (ށ) ގެ 3
- ޤާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) ގެ 47 ވަނަ މާއްދާގެ (ނ) ގެ 3
- ދިވެހި ސިވިލް ސަރވިސްގެ ޤަވާއިދު
- ދިވެހި ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓް
- ބެންޗު
- ޢަބްދުﷲ ޙަމީދު، ޢަބްދުﷲ ދީދީ، ޢަލީ ސަމީރު
- ޚިލާފު ރައުޔު
- ނެތް