ސައިޓޭޝަން ކޮޕީ ކުރުމަށް
2015/HC-A/386
2015/HC-A/386، 2015/HC-A/386
2015/HC-A/386 (2015/HC-A/386, High Court of the Maldives, 13 November 2017)
2015/HC-A/386
މައްސަލައިގެ ޚުލާޞާ
ކްރިމިނަލް ކޯޓުން ޤާނޫނު ނަންބަރު 77/17 ގެ 2 ވަނަ މާއްދާގެ (ހ) އާއި (ށ) ގެ ދަށުން ވިޔަފާރީގެ ބޭނުމަށް މަސްތުވާއެއްޗެއް އަތުގައި ބެހެއްޓުމުގެ ކުށް ސާބިތުކޮށް، (ރ) ގެ ދަށުން އުމުރަށް ޖަލަށްލުމަށް ޙުކުމްކުރި.
މަސްތުވާތަކެތި ބޭނުންކޮށްފައިވާކަމަށް ޝައްކުކުރެވިގެން ކަސްޓޯޑިއަލަށް ގެނެސް ހަށިގަނޑު ބަލައި ފާސްކުރިއިރު، ތުހުމަތުކުރެވޭ ފަރާތުގެ އަތުން ފެނުނު ފިލްމު ހުސްކުރި ދަޅެއްގައި ކެނަބިސް ބާވަތުގެ މަސްތުވާތަކެތި (10.8099 ގްރާމް ޓެޓްރާހައިޑްރޯކެނަބިނޯލް އަދި 10.6766 ގްރާމް ކެނަބިނޯލް) ހުރިކަން ތަޙުލީލުން ދެއްކިއެވެ.
އިސްތިއުނާފުކުރި ފަރާތުން ބުނީ، ފުލުހުންގެ ބާރުތަކުގެ ޤަވާޢިދާ ޚިލާފަށް ބަލައި ފާސްކޮށް ހޯދި ބާޠިލު ހެކިތަކެއްގެ މައްޗަށް ޙުކުމްކުރި ކަމަށާއި، ތަޙުލީލަށް ފޮނުވި ތަކެއްޗަށް ބަދަލު ގެނައުމުގެ ފުރުޞަތު އޮތް ކަމަށާއި، ފަރުވާގެ ޕްރޮގްރާމް ފުރިހަމަކޮށްފައިވާއިރު ކުރީގެ ކުށަކަށް ދަޢުވާކުރުމަކީ ޤާނޫނުގެ ރޫޙާ ޚިލާފު ކަމެއް ކަމަށެވެ.
މައިގަނޑު ސުވާލު
ކަސްޓޯޑިއަލްގައި ހަށިގަނޑު ބަލައި ފާސްކޮށް ހޯދި ހެކި ބާޠިލުތޯ، ތަޙުލީލަށް ފޮނުވި ތަކެއްޗަށް ބަދަލު އައުމުގެ އިޙްތިމާލު އޮތްތޯ، އަދި ތުހުމަތުކުރެވޭ ފަރާތް ފަރުވާގެ ޕްރޮގްރާމް ފުރިހަމަކޮށްފައިވާއިރު ވިޔަފާރީގެ ބޭނުމަށް މަސްތުވާއެއްޗެއް އަތުގައި ބެހެއްޓުމުގެ ކުށުގެ ދަޢުވާ ކުރިއަށް ގެންދިއުމަކީ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ ރޫޙާ ޚިލާފު ކަމެއްތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލު، ދަށުކޯޓުގެ ޙުކުމް ޤާއިމް
ބަލައި ފާސްކުރީ ޤަވާޢިދުގެ 33 ވަނަ މާއްދާގެ ދަށުން ޝިފްޓް އިންޗާޖުގެ ހުއްދަ ލިބިގެން ކަމަށާއި، ޗެއިން އޮފް ކަސްޓަޑީ ފޯމުން ތަކެތި ފޮރެންސިކަށް ދިޔަގޮތް އެނގޭތީ ބަދަލު އައުމުގެ އިޙްތިމާލެއް ނެތް ކަމަށާއި، ފަރުވާއަކީ ޤާނޫނުގެ ހަމައެކަނި މަޤްޞަދު ނޫން ކަމަށާއި ފަރުވާ ފެށީ މައްސަލަ ހުށަހެޅުމަށްފަހު ކަމަށް ކޯޓުން ނިންމިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ނުވަތަ ބަންދުގައި ހުރި މީހާގެ ހަށިގަނޑުގައި ނުވަތަ ހަށިގަނޑުގެ ތެރޭގައި މަސްތުވުމަށް ބޭނުންކުރެވިދާނެ އެއްޗެއް ފޮރުވާފައިވާ ކަމަށް ފުލުހުންނަށް ޤަބޫލުކުރެވޭނަމަ، ޑިއުޓީގެ އިންޗާޖުގެ ހުއްދަ ހޯދުމަށްފަހު ހަށިގަނޑު ގާތުން ބަލާފާސް ކުރެވިދާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ށ))
- ފުލުހުންނަށް ލިބިދީފައިވާ އެންމެހައި ޤާނޫނީ ބާރުތަކާއި އިޚްތިޔާރުގެ ބޭނުންހިފުމާ ބެހޭ ޤަވާޢިދުގެ 33 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެވަގުތު ޑިއުޓީގައި ޝިފްޓް އިންޗާޖްގެ ގޮތުގައި ހުރި ފަރާތުގެ ހުއްދަ ލިބިގެން ބަލައި ފާސްކޮށްފައިވާނަމަ، ކޮށްފައިވާ ދަޢުވާއަކީ ބާޠިލު ހެކިތަކެއްގެ މައްޗަށް ހިންގާފައިވާ ބާޠިލު ތަޙުޤީޤެއްގެ މައްޗަށް ކޮށްފައިވާ ދަޢުވާއެއްކަމަށް ބެލެވެން ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ށ))
- ފޮރެންސިކް ޑިޕާރޓްމަންޓާ ހަމައަށް ގެންގޮސްފައިވަނީ ތުހުމަތުކުރެވޭ ފަރާތް ބަލައި ފާސްކުރިއިރު ފެނިފައިވާ މަސްތުވާތަކެތިކަން ޗެއިން އޮފް ކަސްޓަޑީ ފޯމުން އެނގެން އޮންނައިރު، އަދި ތަކެތި ލެބޯޓްރީއަށް ޙަވާލުކުރުމަށް ހޭދަވެފައިވާ ދުވަސްތަކަކީ އިދާރީ ގޮތުން ފުރިހަމަކުރަންޖެހޭ ލިޔެކިޔުންތައް ފުރިހަމަކުރުމަށް ނެގި ދުވަސްތަކެއްކަން އެނގެން އޮންނަނަމަ، ތަޙްލީލް ކޮށްފައިވަނީ ބަލާފާސްކުރިއިރު ފެނުނު މަސްތުވާތަކެތިކަމާއި، އެތަކެއްޗަށް އެއްވެސް ބަދަލެއް ގެނައުމުގެ އިޙްތިމާލެއް އޮތްކަމަށް ބެލެވެން ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ނ))
- ޤާނޫނު ނަންބަރު 2011/17 (މަސްތުވާތަކެއްޗާ ބެހޭ ޤާނޫނު) ގެ މަޤްޞަދުތަކަށް ބަލާއިރު، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ފަރުވާދީ އެފަދަ މީހުން އަލުން މުޖުތަމަޢުއަށް ނެރުމަކީ އެ ޤާނޫނުގެ ހަމައެކަނި މަޤްޞަދު ނޫނެވެ. އެ ޤާނޫނުގެ 1 ވަނަ މާއްދާގެ (ހ) އާއި، 2 ވަނަ މާއްދާގެ (ބ) އަދި (ކ) އަށް ބެލުމުން ދިވެހިރާއްޖޭގައި މަސްތުވާތަކެތި ޓްރެފިކްކުރުން ހުއްޓުވުމަކީވެސް ޤާނޫނުގެ މައިގަނޑު އެއް މަޤްޞަދެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ރ))
- މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 36 ވަނަ މާއްދާގައި އިސްތިސްނާވާ ކުށްތަކުގެ ތެރޭގައި މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށްތައް ހިމެނޭއިރު، ޤާނޫނުގެ ހަތްވަނަ ބާބުގައި ޕްރޮސިކިއުޓަރ ޖެނެރަލްއަށް ދީފައިވާ ބާރުތަކާއި އިޚްތިޔާރުތަކުގެ ދަށުން ދަޢުވާނުކޮށް ދޫކޮށްލެވޭ މައްސަލަތަކުގެ ތެރެއިންވެސް މި ބާވަތުގެ މައްސަލަތައް އިސްތިސްނާ ކޮށްފައިވާތީ، ޤާނޫނު ނަންބަރު 2011/17 (މަސްތުވާތަކެއްޗާ ބެހޭ ޤާނޫނު) އަކީ ހަމައެކަނި މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް އަމާޒުކޮށް ތައްޔާރުކުރެވިފައިވާ ޤާނޫނެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ރ))
- މަސްތުވާތަކެތި ވިޔަފާރިކުރުމުގެ ކުށްތަކަކީ ބޮޑެތި ކުށްތަކަށްވާއިރު، މިފަދަ ކުށްތަކަށް ދަޢުވާ ނުކޮށް ދޫކޮށްލުމަކީ އެކަމުގެ ސަބަބުން މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާވުމުގެ ފުރުޞަތު ބޮޑުވެގެން ދާނެކަމެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ރ))
- ފަރުވާގެ ޕްރޮގްރާމް ފަށާފައިވަނީ މައްސަލަ ކޯޓަށް ހުށަހެޅުމުގެ ފަހުގެ ތާރީޚެއްގައިކަން އެނގެން އޮތުމުން، މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ވިޔަފާރީގެ ބޭނުމަށް އަތުގައި ބެހެއްޓުމުގެ ކުށުގެ މައްސަލަ ކުރިއަށް ގެންގޮސް ކޯޓުން މައްސަލަ ނިންމުމަކީ ޤާނޫނު ނަންބަރު 2011/17 (މަސްތުވާތަކެއްޗާ ބެހޭ ޤާނޫނު) ގެ ރޫޙާ ޚިލާފަށް ކަމަށް ބަލާނެ ހަމައެއް ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ރ))
- ޤާނޫނު ނަންބަރު 77/17 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ހ)، (ށ) އަދި (ރ)
- ޤާނޫނު ނަންބަރު 2011/17 (މަސްތުވާތަކެއްޗާ ބެހޭ ޤާނޫނު) ގެ 1 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 2011/17 (މަސްތުވާތަކެއްޗާ ބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ބ) އަދި (ކ)
- މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 36 ވަނަ މާއްދާ
- މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ ހަތްވަނަ ބާބު
- ފުލުހުންނަށް ލިބިދީފައިވާ އެންމެހާ ޤާނޫނީ ބާރުތަކާއި އިޚްތިޔާރުގެ ބޭނުންހިފުމާބެހޭ ޤަވާޢިދުގެ 33 ވަނަ މާއްދާގެ (ހ) ގެ (3)
- ފުލުހުންނަށް ލިބިދީފައިވާ އެންމެހާ ޤާނޫނީ ބާރުތަކާއި އިޚްތިޔާރުތައް ބޭނުން ހިފުމާބެހޭ ޤަވާޢިދުގެ 35 ވަނަ މާއްދާ (އިސްތިއުނާފުކުރި ފަރާތުން ހުށަހެޅި)
- ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) (އިސްތިއުނާފުކުރި ފަރާތުން ހުށަހެޅި)
- ބެންޗު
- ފަނޑިޔާރު ޢަބްދުﷲ ޙަމީދު، އިސްފަނޑިޔާރު ޢަބްދުﷲ ދީދީ، ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް
- ޚިލާފު ރައުޔު
- ނެތް