ސައިޓޭޝަން ކޮޕީ ކުރުމަށް
2015/HC-A/352
2015/HC-A/352، 2015/HC-A/352
2015/HC-A/352 (2015/HC-A/352, High Court of the Maldives, 9 November 2017)
2015/HC-A/352
މައްސަލައިގެ ޚުލާޞާ
ސިވިލް ކޯޓުން ކަނޑައެޅީ ދައްކަންޖެހޭ ޢަދަދަކީ 44,845 ރުފިޔާކަމަށާއި، ޑިޕޮޒިޓް ފައިސާއަކީ ނަގައިދެވޭނެ ފައިސާއެއް ނޫންކަމަށެވެ.
ކުއްޔަށް ހިފި ފަރާތުން 3 މަހުގެ ކުލި ނުދައްކާތީ ކުލީގެ އެއްބަސްވުން އުވާލައި ތަން ހުސްކުރުމަށް އެންގިއިރު، ތަނުގެ ތަޅުދަނޑި ހަވާލުކޮށްފައި ނުވެއެވެ. ކުއްޔަށްދިން ކުންފުނިން ނުދައްކާހުރި ކުލިއާއި ބިލުތަކާއި ދައްކާފައިނުވާ ޑިޕޮޒިޓް ހޯދުމަށް ދަޢުވާކުރިއެވެ.
އިސްތިއުނާފުކުރި ފަރާތުން ބުނީ، ޑިޕޮޒިޓް ނަގައި ނުދެވޭނެކަމަށް ކަނޑައެޅުމާއި، ބިލުތަކަށް ދައްކާފައިވާކަމަށް ކުންފުނިން ބުނިކަމަށް ކަނޑައެޅުމަކީ ޤާނޫނުއަސާސީގެ 42(ށ) އާއި ފަނޑިޔާރުންގެ ޤާނޫނާ ޚިލާފު ނިންމުންކަމަށެވެ.
މައިގަނޑު ސުވާލު
ކުލީގެ އެއްބަސްވުމެއް ކުއްޔަށް ހިފި ފަރާތުގެ ޚިލާފުވުމުން އުވާލެވުމުން، ދައްކާފައިނުވާ ސެކިއުރިޓީ ޑިޕޮޒިޓް ފައިސާ ކުއްޔަށްދިން ފަރާތަށް ނަގައިދެވޭނެތޯއާއި، ދައްކާފައިވާ ޑިޕޮޒިޓް ހިފެހެއްޓޭނެތޯއާއި، ނުދައްކާ ހުރި ކުލިއާއި ޔުޓިލިޓީ ބިލުތަކަށް ދައްކަންޖެހޭ ޢަދަދު ސިވިލް ކޯޓުން ކަނޑައަޅާފައިވަނީ ރަނގަޅަށްތޯ.
ނިންމި ގޮތް
ދަށުކޯޓުގެ ޙުކުމް ބާޠިލުކޮށް، ދައްކަންޖެހޭ ޢަދަދު ބަދަލުކުރި
ދައްކާފައިނުވާ ޑިޕޮޒިޓް ނަގައި ނުދެވޭނެ ނަމަވެސް ދައްކާފައިވާ ޑިޕޮޒިޓް އެއްބަސްވުމުގެ 3.10(d) ގެ ދަށުން ހިފެހެއްޓޭނެއެވެ. ތަން ހަވާލުކުރާހާ ހިނދަކު ދުވަހުގެ ރޭޓުން ކުލިއާއި ތަޅު ބަދަލުކުރުމުގެ ޚަރަދާއެކު 63,845 ރުފިޔާ ދައްކަން ޖެހޭކަމަށާއި، ސާބިތުވާ ކަރަންޓް ބިލުތައް ޑިޕޮޒިޓުން އުނިކުރެވޭނެކަމަށް ކަނޑައެޅިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ޑިޕޮސިޓް ފައިސާއަކީ ސެކިއުރިޓީއެއްގެ ގޮތުގައި އަނބުރާ ކުއްޔަށްހިފި ފަރާތަށް ރައްދުކުރުމުގެ ގޮތުން ބެހެއްޓޭ ފައިސާއެއްކަމާއި، ޑިޕޮސިޓްގެ ގޮތުގައި ބެހެއްޓިފައިނުވާ ފައިސާއެއް ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި ނަގައިނުދެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ށ))
- ކުއްޔަށްހިފާ ފަރާތުން އެއްބަސްވުމާއި ޚިލާފުވެގެން އެއްބަސްވުން އުވާލެވޭ ހާލަތުގައި ޑިޕޮސިޓްގެ ގޮތުގައި ދައްކާފައިވާ ފައިސާ ހިފެހެއްޓުމުގެ އިޚްތިޔާރު ކުއްޔަށްދޭ ފަރާތަށް ލިބިގެންވާކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައިވާނަމަ، ކުއްޔަށްހިފި ފަރާތުގެ ޚިލާފުވުމުން އެއްބަސްވުން އުވާލެވުމުން، ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި ދައްކާފައިވާ ފައިސާއަކީ ކުއްޔަށްދޭ ފަރާތުން ހިފެހެއްޓޭނެ ފައިސާއެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ށ))
- ކުއްޔަށް ހިފި ފަރާތް ތަނުން ނުކުމެފައިވިޔަސް ތަނުގެ ތަޅުދަނޑިއާއި ތަނުގައިވާ އެއްޗެހި ހުސްކޮށް ތަން އަނބުރާ ހަވާލުކޮށްފައިނުވާނަމަ، އެ މުއްދަތަށް ދުވާލަކަށް ޖެހޭ ރޭޓުން ކުލި ދައްކަންޖެހޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ނ))
- ތަން ހުސްކުރުމަށްފަހު ހަމައެކަނި މަހު ފީ ނެގުމުގެ ގޮތުން ކޮށްފައިވާ ބިލެއްގައިވާ ފައިސާއަކީ ކުއްޔަށްހިފި ފަރާތުން ދައްކަންޖެހޭ ފައިސާއެއް ނޫނެވެ. އަދި ކޮންމަހެއްގެ ބިލުތަކެއްކަން ރަސީދަށް ބެލުމުން އެނގެން ނެތްނަމަ، އެ ރަސީދުން އެ ފައިސާ ކުއްޔަށްހިފި ފަރާތުން ދައްކަންޖެހޭކަން ސާބިތެއް ނުވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ރ))
- ކުއްޔަށްހިފި ފަރާތުން ނުދައްކާ ހުރި ޔުޓިލިޓީ ބިލުތަކަށްވާ ފައިސާއަކީ، ކުލީގެ އެއްބަސްވުމުގައިވާ ގޮތުން، އެ ފަރާތުން ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި ދައްކާފައިވާ ފައިސާއިން އުނިކުރެވޭނެ ފައިސާއެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ރ))
- ދެފަރާތުގެ މެދުގައި ވެވިފައިވާ "ލީސް އެގްރިމެންޓް" ގެ 3.1، 3.3، 3.10 (a)، (c)، (d) ވަނަ މާއްދާތައް
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 20 ވަނަ މާއްދާގެ (ހ) (ދަޢުވާގެ ބިންގާ)
- ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) (އިސްތިއުނާފުގެ ނުކުތާގައި)
- ޤާނޫނު ނަންބަރު 13/2010 (ފަނޑިޔާރުންގެ ޤާނޫނު) (އިސްތިއުނާފުގެ ނުކުތާގައި)
- ބެންޗު
- ޢަބްދުﷲ ދީދީ، ޝުޖާޢު ޢުޘްމާން، ޢަބްދުﷲ ޙަމީދު
- ޚިލާފު ރައުޔު
- ނެތް