ސައިޓޭޝަން ކޮޕީ ކުރުމަށް
2015/HC-A/331
2015/HC-A/331، 2015/HC-A/331
2015/HC-A/331 (2015/HC-A/331, High Court of the Maldives, 30 April 2017)
2015/HC-A/331
މައްސަލައިގެ ޚުލާޞާ
ސިވިލް ކޯޓުން ދަޢުވާލިބޭ ފަރާތުގެ ޣައިރު ޙާޟިރުގައި މައްސަލަ ހިންގައި، ޚާލިސް ދަރަނީގެ މުޢާމަލާތުގައި ފައިދާއާއި ޖޫރިމަނާ ނަގައިނުދެވޭނެކަމަށް ކަނޑައަޅައި، 300,000 ރުފިޔާ ދައްކަން ޙުކުމްކުރިއެވެ.
އެނަރޖީ ޑްރިންކްސް ރާއްޖެ ގެނައުމުގެ ވިޔަފާރީގެ އެއްބަސްވުމެއްގެ ދަށުން ދަޢުވާކުރާ ފަރާތުން 300,000 ރުފިޔާ ދީ، 45 ދުވަހުގެ ތެރޭގައި ފައިދާއާއެކު 400,000 ރުފިޔާ އަނބުރާ ދިނުމަށާއި ލަސްވާ ކޮންމެ ދުވަހަކަށް 500 ރުފިޔާ ދިނުމަށް އެއްބަސްވެފައިވާއިރު، ފައިސާ އަނބުރާ ދިނުމަށް ދިން ޗެކް ބައުންސްވިއެވެ.
އިސްތިއުނާފުކުރި ފަރާތުން ބުނީ ޣައިރު ޙާޟިރުގައި މައްސަލަ ހިންގީ ޤަވާޢިދާއި ހައިކޯޓުގެ ސާބިޤާއާ ޚިލާފަށް ކަމަށާއި، ފައިސާ ލިބިފައި ނުވާކަމަށާއި، ޗެކުގެ ޞައްޙަކަން ނުބަލާ ސާބިތުނުވާ ހެއްކަކަށް ބިނާކޮށް ޙުކުމްކުރި ކަމަށެވެ.
މައިގަނޑު ސުވާލު
ދަޢުވާލިބޭ ފަރާތަށް ފައިސާ ލިބިފައިވާކަން ހެކިބަހާއި ޗެކުގެ ޤަރީނާއިން ސާބިތުވޭތޯއާއި، ދަޢުވާލިބޭ ފަރާތުގެ ޣައިރު ޙާޟިރުގައި ސިވިލް ކޯޓުން މައްސަލަ ހިންގި އިޖުރާއާތު ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތްތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
އެއްބަސްވުމަށް އިންކާރުނުކުރާއިރު ހެކިބަހުން ފައިސާ ލިބުނުކަން ސާބިތުވާކަމާއި، ޗެކަކީ ދަޢުވާއަށް ބާރުދޭ ޤަރީނާއެއްކަމާއި، ޗެކުގެ ޞައްޙަކަމަށް އުފައްދާ ކަންކަން ސާބިތުކުރަންޖެހެނީ އެ އުފައްދާ ފަރާތުންކަމާއި، ދެފަހަރު ޗިޓު ރައްދުވެ ޙާޟިރުނުވީ މަޤްބޫލު ސަބަބަކާހުރެ ކަމަށް ނުބުނާތީ ޣައިރު ޙާޟިރުގައި ހިންގުން ޞައްޙަކަމެވެ.
ކަނޑައެޅުނު އުޞޫލުތައް
- ދަޢުވާލިބޭ ފަރާތުން ފައިސާ ލިބިފައިނެތްކަމަށް ބުނެފައިވީނަމަވެސް، އެއްބަސްވުމާއި މެދު އިންކާރު ނުކުރާއިރު، ހެކިންގެ ހެކިބަހުން މުޢާމަލާތްކުރެވުނުކަމާއި ފައިސާ ލިބިފައިވާ ކަމުގެ މައްޗަށް ހެކިބަސްލިބެން އޮތްނަމަ، އެހެކިންގެ ހެކިބަސް ޤަބޫލުކުރަންނުޖެހޭ އެކަށީގެންވާ ޙުއްޖަތްތަކެއް ބުނެދޭންޖެހެނީ ދަޢުވާލިބޭ ފަރާތުންނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03 (ށ))
- މުޢާމަލާތާއި ގުޅިގެން ދޫކޮށްފައިވާ ޗެކުގައިވާ ފައިސާގެ ޢަދަދަށް ބެލުމުން އެއީ އެމުޢާމަލާތާއި ގުޅިގެން ދޫކުރެވިފައިވާ ޗެކެއްކަން އެނގެން އޮތުމުން، އެއީ ދަޢުވާކުރާ ފަރާތް ބުނާ ބުނުމަށް އިތުރަށް ބާރު ލިއްބައިދޭ ޤަރީނާއެއްކަމުގައި ބެލެވެން އޮންނަކަމެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03 (ށ))
- ޗެކުގެ ސައްޙަކަމާއިމެދު ދަޢުވާލިބޭ ފަރާތުން އުފައްދާ ކަންކަން ސާބިތުކޮށްދިނުމަކީ އެފަރާތުން ކުރަންޖެހޭކަމެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03 (ށ))
- ދަޢުވާކުރެވުނު މައްސަލައިގައި ދިފާޢުވުމުގެ ފުރޞަތު ދިނުމަށްފަހު، ޝަރީޢަތަށް ޙާޟިރުނުވިނަމަވެސް މައްސަލަ ޣައިރު ޙާޟިރުގައި ހިންގާނެކަން އެންގުމަށްފަހު، ޗިޓު ރައްދުވެ ޗިޓުގައިވާ ތާރީޚުގައި ޝަރީޢަތަށް ޙާޟިރުވެފައިނުވަނީ މަޤްބޫލު ކޮންސަބަބެއް މެދުވެރިގެންކަން ބުނެދެވިފައިނެތުމުން، ދަޢުވާލިބޭ ފަރާތުގެ ޣައިރު ޙާޟިރުގައި މައްސަލަ ހިންގުމަކީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފުވެފައިވާކަމުގައި ނުބެލެވޭކަމެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03 (ނ))
- ކޯޓަށް މީހުން ޙާޟިރުކުރުމުގައި އަމަލުކުރާނެ ގޮތުގެ ޤަވާޢިދު ގެ 28 ވަނަ މާއްދާގެ (ހ)
- 2013/HC-A/31
- 2010/SC-A/2
- ބެންޗު
- ޢަލީ ސަމީރު، ޢަބްދުﷲ ޙަމީދު، ޢަބްދުއްރައޫފު އިބްރާހީމް
- ޚިލާފު ރައުޔު
- ނެތް