ސައިޓޭޝަން ކޮޕީ ކުރުމަށް
2015/HC-A/255
2015/HC-A/255، 2015/HC-A/255
2015/HC-A/255 (2015/HC-A/255, High Court of the Maldives, 24 October 2017)
2015/HC-A/255
މައްސަލައިގެ ޚުލާޞާ
އިންވޮއިސްގައިވާ ޖަޒާއީ ޝަރުތުގެ މައްޗަށް ބިނާކޮށް އެދިފައިވާ ފައިސާ ނަގައިދެވޭނެ ތަނެއް ނެތްކަމަށް ސިވިލް ކޯޓުން ކަނޑައެޅިއެވެ.
ހުޅުލޭ އިމާރާތެއްގެ ބޭރު ކުލަލުމުގެ އެއްބަސްވުމެއްގެ ދަށުން މަސައްކަތް ނިންމާ ކޮންޓްރެކްޓަރު އިންވޮއިސް ފޮނުވިއެވެ. ފައިސާ ދެއްކުން ލަސްވިކަމަށް ބުނެ، އިންވޮއިސްގައިވާ ޖަޒާއީ ޝަރުތުގެ ދަށުން 500،000 ރުފިޔާ ހޯދުމަށް ދަޢުވާކުރެވުނެވެ.
އިސްތިއުނާފުކުރި ފަރާތުން ބުނީ، މަސައްކަތް ބަލައިގަތުމަށްފަހު 30 ދުވަހުގެ ތެރޭގައި ފައިސާ ދައްކަންޖެހޭ ކަމަށްވާ އެއްބަސްވުމުގެ މާއްދާ ނުރަނގަޅު ނިޔަތުގައި މާނަކޮށް ސިވިލް ކޯޓުން ޙުކުމްކޮށްފައިވާކަމަށެވެ.
މައިގަނޑު ސުވާލު
މަސައްކަތުގެ އެއްބަސްވުމެއްގެ ދަށުން ފޮނުވި އިންވޮއިސްގެ ފައިސާ ދެއްކުން ލަސްވިކަމަށް ބުނެ އިންވޮއިސްގައިވާ ޖަޒާއީ ޝަރުތުގެ ދަށުން ޖޫރިމަނާ ފައިސާ ހޯދުމަށް ކުރި ދަޢުވާ ސިވިލް ކޯޓުން ރައްދުކުރީ، ފައިސާ ދައްކަންޖެހޭ މުއްދަތާ ބެހޭ އެއްބަސްވުމުގެ މާއްދާ ނުރަނގަޅަށް މާނަކޮށްގެންތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
މަސައްކަތް ރަސްމީކޮށް ބަލައިގަނެ ވޯކް ކޮމްޕްލީޝަން ސެޓްފިކެޓް ދީފައިވަނީ ޑިސެމްބަރު 2014 ގައި ކަމާއި، އިންވޮއިސް ފޮނުވާފައިވަނީ މަސައްކަތް ބަލައިގަތުމުގެ ކުރިން، އެއްބަސްވުމާ ޚިލާފަށް ކަމާއި، ފައިސާ ދައްކާފައިވަނީ އެ ދުވަހުކަމުން ލަސްވުމެއް ނެތްކަމަށް ކޯޓުން ފާހަގަކޮށް، ދަށުކޯޓުގެ ޙުކުމް ޤާއިމްކުރިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- އެއްބަސްވުމުގެ މުއްދަތު ގުނުމުގައި، މަސައްކަތް ހަވާލުކުރި ފަރާތުން އަންގައިގެން މަސައްކަތް ނުކުރެވިދާ ދުވަސްތައް މުއްދަތު ގުނުމުގައި ނުހިމެނުމަށް ޟިމްނީ ގޮތުން ދެފަރާތުން އެއްބަސްވެފައިވާކަން ދެފަރާތުގެ ބަހުން އެނގެން އޮންނަނަމަ، އެ ދުވަސްތައް އުނިކޮށް މަސައްކަތް ނިންމަންޖެހޭ ދުވަސް ބަލަންވާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3 (ށ))
- މަސައްކަތް ނިންމުމަށްފަހު އެކަން އެންގުމުން މަސައްކަތުގެ ފެންވަރާއި މިންވަރު ބެލުމަށްފަހު އެ މަސައްކަތް މަސައްކަތް ހަވާލުކުރި ފަރާތުން ބަލައިގަތުމުންނޫނީ ކޮންޓްރެކްޓަރަށް އިންވޮއިސް ހުށަހެޅުމުގެ ފުރުސަތު ލިބިގެންނުދާނެއެވެ. އަދި އިންވޮއިސް ހުށަހެޅުމަށްފަހު 30 (ތިރީސް) ދުވަހުގެ ތެރޭގައި ފައިސާ ދައްކަން ޖެހޭނެކަމަށް އެއްބަސްވުމުގައިވާނަމަ، ފައިސާ ދައްކަންޖެހޭ މުއްދަތު ގުނަންވާނީ މަސައްކަތް ބަލައިގަތުމަށްފަހު ހުށަހަޅާ އިންވޮއިސްއަކުންނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3 (ނ))
- އެއްބަސްވުމުގެ ދަށުން ކުރެވޭ ހުރިހާ މުޢާމަލާތެއް ކުރަންވާނީ ރަސްމީ ލިޔުމުންކަމަށް ބަޔާންކޮށްފައިވާއިރު، މަސައްކަތް ބަލައިގަތްކަން ރަސްމީކޮށް އަންގާފައިނުވަނީސް ފޮނުވާ އިންވޮއިސްއަކީ އެއްބަސްވުމުގައިވާ ގޮތުގެ މަތިން ފޮނުވާފައިވާ އިންވޮއިސްއެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3 (ށ)، (ނ))
- ބެންޗު
- ޢަބްދުލްޣަނީ މުޙައްމަދު، ޝުޖާޢު ޢުޘްމާން، ޝުޢައިބު ޙުސައިން ޒަކަރިއްޔާ
- ޚިލާފު ރައުޔު
- ނެތް