ސައިޓޭޝަން ކޮޕީ ކުރުމަށް
2015/HC-A/266
2015/HC-A/266، 2015/HC-A/266
2015/HC-A/266 (2015/HC-A/266, High Court of the Maldives, 15 November 2017)
2015/HC-A/266
މައްސަލައިގެ ޚުލާޞާ
އެއްބަސްވުމަކީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 12 އާއި 13 ގެ ދަށުން ބާޠިލް ކޮންޓްރެކްޓެއް ކަމަށާއި، ނިމިފައިވާ މަސައްކަތަކީ 60.53% ކަމަށް ބަލާއިރު ދައްކާފައިވާ ފައިސާ އިތުރުކަމަށާއި، މަސައްކަތް ހުއްޓާލީ ކޮންޓްރެކްޓަރު އަމިއްލައަށް ކަމުން ގެއްލުމުގެ ބަދަލު ނުނެގޭނެކަމަށް ސިވިލް ކޯޓުން ޙުކުމްކުރިއެވެ.
ރިސޯޓެއް ތަރައްޤީކުރުމަށް ޓާރންކީ އުޞޫލުން ވެވުނު އެއްބަސްވުމެއްގެ ދަށުން މަސައްކަތްކުރަމުން އައި ރާއްޖޭގައި ރަޖިސްޓްރީ ނުކޮށްފައިވާ ބިދޭސީ ކުންފުންޏަކުން، އިންވޮއިސްތަކަށް ފައިސާ ނުދައްކާތީ މަސައްކަތް ހުއްޓާލިކަމަށް ބުނެ، ކުރި މަސައްކަތުގެ އަގާއި، ތަކެތީގެ އަގާއި، ގެއްލުމުގެ ބަދަލު ހޯދުމަށް ދަޢުވާކުރިއެވެ.
ކޮންޓްރެކްޓަރުން ބުނީ ކޮންޓްރެކްޓް ބާޠިލުކުރުމަކީ ރަނގަޅު ނިންމުމެއް ނޫންކަމަށާއި، އެއްބަސްވުމުގެ 5.5 (3) އާއި 7.4 އަށް ރިޢާޔަތް ނުކޮށް ކަމަށާއި، އަނެއް ފަރާތުގެ އެސެސްމެންޓް ރިޕޯޓަށް އެކަނި ރިޢާޔަތްކުރި ކަމަށާއި، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ގެއްލުމުގެ ބަދަލު ލިބިދޭންޖެހޭ ކަމަށެވެ.
މައިގަނޑު ސުވާލު
ދިވެހިރާއްޖޭގައި ރަޖިސްޓްރީ ނުކޮށް ބިދޭސީ ކުންފުންޏަކާ ވެވުނު ރިސޯޓް ތަރައްޤީކުރުމުގެ ޓާރންކީ އެއްބަސްވުމަކީ ބާޠިލް އެއްބަސްވުމެއްތޯ؛ ކޮންޓްރެކްޓަރަށް މަސައްކަތް ހުއްޓާލުމުގެ ޙައްޤު ލިބިފައިވޭތޯ؛ ނިންމި މަސައްކަތުގެ މިންވަރު ކަނޑައެޅުނު ގޮތާއި ގެއްލުމުގެ ބަދަލު ނަގައިދެވޭތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ރަޖިސްޓްރީ ނުކޮށް ރާއްޖޭގައި ވިޔަފާރި ނުކުރެވޭނެތީ އަދި އެކަން އަނެއް ފަރާތަށް އަންގާފައި ނުވާތީ ކޮންޓްރެކްޓް ބާޠިލުކުރުން ޞައްޙަ ކަމަށާއި، ޕްރޮޖެކްޓް މެނޭޖަރާއި ކޮންސަލްޓެންޓް ސޮއި ނުކޮށްވާ އިންވޮއިސްތަކުގެ ސަބަބުން މަސައްކަތް ހުއްޓާލުމުގެ ޙައްޤު ނުލިބޭ ކަމަށާއި، މަސައްކަތުގެ މިންވަރު ކަނޑައެޅީ ހުށަހެޅުނު ލިޔުންތަކަށް ރިޢާޔަތްކޮށް ކަމަށާއި، މަސައްކަތް ހުއްޓާލީ އަމިއްލައަށް ކަމުން ބަދަލު ނުނެގޭ ކަމަށް ބަލައި ޙުކުމް ޤާއިމްކުރިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ދިވެހިރާއްޖޭގައި ބިދޭސީން ވިޔަފާރި ކުރުމުގެ ޤާނޫނާއި ދިވެހިރާއްޖޭގައި ކުރެވޭ ފޮރިން އިންވެސްޓްމަންޓާބެހޭ ޤާނޫނަށް ބެލުމުން، ދިވެހިރާއްޖޭގައި ބިދޭސީންނަށް އަމިއްލަ ވިޔަފާރި ހިންގޭނީ ނުވަތަ ފޮރިން އިންވެސްޓްމަންޓެއް ހިންގޭނީ ކަމާބެހޭ އިދާރާގައި ރަޖިސްޓްރީކުރުމަށްފަހުގައެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ހ))
- ދިވެހިރާއްޖޭގެ ރަށެއްގައި ޓުއަރިސްޓް ރިސޯޓެއް ތަރައްޤީކުރުމަށް ވެވުނު އެއްބަސްވުމަކަށް ހިނގާނީ ދިވެހިރާއްޖޭގެ ޤާނޫނެވެ؛ ދިވެހިރާއްޖޭގެ ޤާނޫނުގެ ދަށުން ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިނުވާ ކުންފުންޏަކަށް މިފަދަ ވިޔަފާރިތައް ނުކުރެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ހ))
- ރާއްޖޭގައި ރަޖިސްޓްރީކޮށްފައިނުވާ ކުންފުންޏެއްކަން އެއްބަސްވުމުގެ އަނެއް ފަރާތަށް އަންގާފައިވާކަން ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން ނެތްނަމަ، އެ ދެފަރާތުގެ ދެމެދު ވެވުނު އެއްބަސްވުމަކީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 12 އަދި 13 ވަނަ މާއްދާއަށް ރިޢާޔަތްކޮށް ބާޠިލް އެއްބަސްވުމެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ހ))
- އެއްބަސްވުމުގެ ދަށުން މަސައްކަތް ހުއްޓާލުމުގެ ޙައްޤު ކޮންޓްރެކްޓަރުގެ ޙައިޘިއްޔަތުން ލިބިދެނީ ޕްރޮޖެކްޓް މެނޭޖަރ އާއި ކޮންސަލްޓެންޓް ސޮއިކޮށްފައިވާ އިންވޮއިސް ރެއިސްކުރާތާ 30 ދުވަހުގެ ތެރޭގައި ފައިސާ ދައްކާފައިނުވާނަމަ ކަމުގައިވާއިރު، ޕްރޮޖެކްޓް މެނޭޖަރ އަދި ކޮންސަލްޓެންޓް ސޮއިކޮށްފައިވާކަން އެނގެން ނެތް އިންވޮއިސްތަކަށް ރިޢާޔަތްކޮށް ކޮންޓްރެކްޓަރަށް މަސައްކަތް ހުއްޓާލުމުގެ ޙައްޤު ލިބިގެން ނުވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ށ))
- މަސައްކަތަށް ބަދަލުތަކެއް ގެނައިކަން އެނގެން އޮތްނަމަވެސް، އެ ބަދަލުތަކުގެ ސަބަބުން މަސައްކަތުގެ އަގަށް އައިސްފައިވާ ބަދަލަކީ ކޮބައިކަން އެނގޭނެފަދަ ލިޔުމެއް ނުވަތަ ނިންމާފައިވާ މަސައްކަތުގެ މިންވަރު އަންގައިދޭ ލިޔުމެއް ކޮންޓްރެކްޓަރުގެ ފަރާތުން ހުށަހަޅާފައިނުވާއިރު، އަނެއް ފަރާތުން ހުށަހެޅި އެސެސްމެންޓް ރިޕޯޓަށް ބައްލަވައިގެން ނިންމި މަސައްކަތުގެ މިންވަރު ކަނޑައަޅުއްވާފައިވަނީ މައްސަލާގައި ހުށަހެޅުނު ލިޔުންތަކަށް ރިޢާޔަތްކުރެއްވުމަށްފަހުގައެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ނ))
- އެއްބަސްވުމުގެ ދަށުން މަސައްކަތް ހުއްޓާލުމުގެ ޙައްޤު ކޮންޓްރެކްޓަރަށް ލިބިގެން ނުވާނަމަ، ކޮންޓްރެކްޓަރުން މަސައްކަތް ހުއްޓާލާފައިވަނީ އަމިއްލައަށްކަމަށް ބަލައި، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 24 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ގެއްލުމުގެ ބަދަލުގެ ގޮތުގައި ހޯދުމަށް އެދިފައިވާ ފައިސާއަކީ ނަގާދެވޭނެ ފައިސާއެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ރ))
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 12 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 13 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 24 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 4/79 (ދިވެހިރާއްޖޭގައި ބިދޭސީން ވިޔަފާރި ކުރުމުގެ ޤާނޫނު)
- ޤާނޫނު ނަންބަރު 25/79 (ދިވެހިރާއްޖޭގައި ކުރެވޭ ފޮރިން އިންވެސްޓްމަންޓާބެހޭ ޤާނޫނު)
- ބެންޗު
- ޢަބްދުﷲ ޙަމީދު، ޢަބްދުﷲ ދީދީ، ޢަބްދުއްރައޫފު އިބްރާހީމް
- ޚިލާފު ރައުޔު
- ނެތް