ސައިޓޭޝަން ކޮޕީ ކުރުމަށް
2015/HC-A/223
2015/HC-A/223، 2015/HC-A/223
2015/HC-A/223 (2015/HC-A/223, High Court of the Maldives, 16 March 2016)
2015/HC-A/223
މައްސަލައިގެ ޚުލާޞާ
ހިންމަފުށީ މެޖިސްޓްރޭޓް ކޯޓުން، ދަޢުވާކުރި ފަރާތް ޙާޟިރުނުވުމާއި ލާމަރުކަޒީ ޤާނޫނުގެ 145 ވަނަ މާއްދާގެ ދަށުން ކައުންސިލުން ޤަބޫލުނުކުރާތީ އެގްރީމެންޓް ބާޠިލުވެފައިވާތީ މައްސަލަ ކުރިއަށް ނުގެންދެވޭނެކަމަށް ބުނެ ދަޢުވާ ފޯމު ބާޠިލުކުރިއެވެ.
ސަރުކާރާ ވެވުނު އެއްބަސްވުމެއްގެ ދަށުން ފައިބަރު ދޯނީގެ މަސައްކަތަށް ކުއްޔަށް ހިފި ބިމެއް، އެއްބަސްވުމުގެ މުއްދަތު ހަމަނުވަނީސް އެހެން ފަރާތަކަށް ކުއްޔަށް ދިނުމަށް އިޢުލާންކުރުމުން، އެ އިޢުލާން ބާޠިލުކޮށް އެއްބަސްވުމާ އެއްގޮތަށް ޢަމަލުކުރުމަށް ކައުންސިލަށް އަމުރުކޮށްދިނުމަށް އެދި ދަޢުވާ އުފުލިއެވެ.
އިސްތިއުނާފުކުރި ފަރާތުން ބުނީ ނިންމުމަކީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއާއި ކޯޓަށް މީހުން ޙާޟިރުކުރުމުގެ ޤަވާޢިދުގެ 28 ވަނަ މާއްދާއާ ޚިލާފު ނިންމުމެއްކަމަށާއި، އަލަށް އިންތިޚާބުވި ކައުންސިލުން ކުލި ބަލައިގަތުމަކީ 7/2010 ގެ 145 ވަނަ މާއްދާގެ ދަށުން އެއްބަސްވުން ކުރިއަށް ގެންދިއުމަށް ނިންމިކަމަށްވާތީ އެކަމަށް ރިޢާޔަތްނުކުރެވުނުކަމަށެވެ.
މައިގަނޑު ސުވާލު
ދަޢުވާކުރާ ފަރާތް ކޯޓަށް ޙާޟިރުނުވުމުން ދަޢުވާ ފޯމު ބާޠިލުކުރުމާއެކު، މައްސަލައިގެ މައުޟޫޢުގައި އެގްރީމެންޓް ބާޠިލުވެފައިވާކަމަށްވެސް ދަށުކޯޓުން ކަނޑައެޅުމަކީ "ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާނެގޮތުގެ ޤަވާޢިދު" ގެ 29 ވަނަ މާއްދާގެ އިޖުރާޢަތާ އެއްގޮތަށް ކުރެވިފައިވާ ނިންމުމެއްތޯ.
ނިންމި ގޮތް
ދަށުކޯޓުގެ ނިންމުން ބާޠިލު؛ މައްސަލަ އަލުން ހުށަހަޅައިފިނަމަ މައުޟޫޢާމެދު ފައިސަލާކުރަނިވި ޙުކުމެއް ކުރަންޖެހޭ
ދަށުކޯޓުން ފޯމު ބާޠިލުކުރުމުގެ އިތުރުން އެގްރީމެންޓް ބާޠިލުކަމަށް ކަނޑައަޅާފައިވީނަމަވެސް ސަބަބުތައް ބަޔާންކޮށްފައި ނުވެއެވެ. ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދުގެ 29 ވަނަ މާއްދާގެ ކޮން ނަންބަރެއްގެ ދަށުންކަން ނޭނގޭ އަދި ހެކި ވަޒަންކޮށްފައި ނުވާތީ ނިންމުން ޤަވާޢިދާ އެއްގޮތެއް ނޫނެވެ.
ކަނޑައެޅުނު އުޞޫލުތައް
- ޖިނާއީ މައްސަލަތައް ފިޔަވައި އެހެނިހެން މައްސަލަތަކުގައި، ކޯޓަށް ޙާޟިރުވުމުގެ އަމުރުލިބި، މަޤްބޫލު ޢުޛުރެއްނެތި އަމުރުގައިވާ ތާރީޚާއި ގަޑިއަށް ދަޢުވާކުރާ ފަރާތުން ކޯޓަށް ޙާޟިރުނުވެއްޖެނަމަ، ދަޢުވާ ލިބުނު ފަރާތުން ވަކިގޮތަކަށް ކޯޓުން ޢަމަލުކޮށްދިނުމަށް އެދި ހުށަހަޅާފައި ނުވާނަމަ އެމައްސަލައެއް ބާތިލުކުރުމާއި، ވަކިގޮތަކަށް ޢަމަލުކޮށްދިނުމަށް އެދި ހުށަހަޅާފައިވާނަމަ ކޯޓަށް ހުށަހެޅިފައިވާ ހެއްކާއި ޤަރީނާގެ މައްޗަށް ރިޢާޔަތްކޮށް މައްސަލަ ނިންމުމާއި، ޤާނޫނުލްޢުޤޫބާތުގެ 88 ގެ (ހ) ގެ ދަށުން ޖޫރިމަނާކުރުމުގެ އަދަބު ކަނޑައެޅުމާއެކު މައްސަލަ ބާތިލުކުރުމަކީ، ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާނޭ ގޮތުގެ ޤަވާޢިދުގެ 29 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޢަމަލުކުރަންޖެހޭ ގޮތްތަކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ނ))
- ދަޢުވާކުރާ ފަރާތް ޙާޟިރުނުވުމުން މައްސަލައިގެ މައުޟޫޢުގައި ގޮތެއް ކަނޑައަޅައިނަމަ، އެކަން ކުރަންޖެހޭނީ ކޯޓަށް ހުށަހެޅި ހެކި ޤަރީނާތަކަކީ ކޮބައިކަން ބަލައި އެކަންކަން ވަޒަންކުރުމަށްފަހުގައެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ނ))
- ދަޢުވާ ފޯމު ބާތިލުކުރިއިރު 29 ވަނަ މާއްދާގެ ކޮން ނަންބަރެއްގެ މައްޗަށް ރިޢާޔަތްކޮށްގެންކަން އެނގެން ނެތި، ހެކި ޤަރީނާ ވަޒަންކުރިކަމެއް ފާހަގަކޮށްފައި ނެތި، މައްސަލައިގައި ހުށަހެޅުނު ލިޔުންތަކަކީ ކޮބައިކަންވެސް އެނގެން ނެތި، ފޯމު ބާތިލުކޮށް މައްސަލައިގެ މައުޟޫޢުގައި ވަކި ނިންމުމެއް ނިންމުމަކީ ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރަންވީގޮތުގެ ޤަވާޢިދުގެ 29 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިޖުރާޢަތުތަކާއި އެއްގޮތަށްކަމަށް ނުބެލެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ނ))
- ދަށުކޯޓުން ނިންމާފައިވާ ނިންމުން ބިނާކުރި އެކަށީގެންވާ ސަބަބުތަކެއް އެނގެން ނެތުމުންނާއި، ދަޢުވާފޯމް ބާތިލުކޮށްފައިވަނީ ޤަވާޢިދުގެ 29 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިޖުރާޢަތުތަކާއި އެއްގޮތަށްކަން އެނގެން ނެތުމުން، އެ ނިންމުމަށް ބަދަލުގެންނަންޖެހޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ށ)، 3(ނ) އާއި ނިންމުމުގެ ބައި)
- ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދުގެ 29 ވަނަ މާއްދާގެ (ހ) (1)، (2)، (3)
- ޤާނޫނުލްޢުޤޫބާތުގެ 88 ވަނަ މާއްދާގެ (ހ)
- ބެންޗު
- ޢަލީ ސަމީރު، ޢަބްދުﷲ ދީދީ، ޢަބްދުﷲ ޙަމީދު
- ޚިލާފު ރައުޔު
- ނެތް