ސައިޓޭޝަން ކޮޕީ ކުރުމަށް
2014/HC-A/280
2014/HC-A/280، 2014/HC-A/280
2014/HC-A/280 (2014/HC-A/280, High Court of the Maldives, 24 April 2016)
2014/HC-A/280
މައްސަލައިގެ ޚުލާޞާ
ސިވިލް ކޯޓުން، 3 ފޫޓު ފުޅާ ގޯޅިއެއް ބޭއްވުމަށްފަހު، ގުރުއަތުން ދިމާވި ޗާޓާ އެއްގޮތަށް ބިން ބައިކޮށް، އަގުމަގުކުރުމެއް އުނިއިތުރު ހަމަޖެއްސުމެއްނެތި، ކޮންމެ މީހަކަށް ޢައްޔަންކުރެވުނު ބިމުގައިވާ ޢިމާރާތްތަކާއި ނުއުފުލޭމުދާ އެމީހަކަށް މިލްކުވާ ކަމަށް ޙުކުމްކުރިއެވެ.
6 މީހެއްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ 1000 އަކަފޫޓުގެ އަމިއްލަ ގޯއްޗެއް ބައިކޮށްދިނުމަށް ބެހެނިވެރިއަކު ސިވިލް ކޯޓަށް ދަޢުވާކުރިއެވެ. ބިން ޢައްޔަންކުރާނެ ގޮތަކާ ބެހެނިވެރިން އެއްބަސްނުވުމުން ދެފަރާތުން ހުށަހެޅި ޗާޓުތަކުން ކުރެ ޗާޓެއް ގުރުއަތުލައިގެން އިޚްތިޔާރުކުރެވުނެވެ.
އިސްތިއުނާފުކުރި ފަރާތުން ބުނީ ގުރުއަތުގެ ހާމަކަން ގެއްލިފައިވާ ކަމަށާއި، އޭނާއަށް ލިބުނު ބަޔަށް ބަދަލު ގެނައުމުގެ ޚަރަދު އެހެން ބެހެނިވެރިންގެ އަތުން ނަގައިނުދިން ކަމަށާއި، ގޯޅި ކަނޑާފައިވަނީ މާލޭ ޕްލޭނިންގެ ޤަވާޢިދުގެ 2.1.6 އާ ޚިލާފަށް ކަމަށާއި، ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއާ ޚިލާފަށް ޝަރީޢަތްކުރި ކަމަށެވެ.
މައިގަނޑު ސުވާލު
ގޯތި ބައިކުރުމުގައި ބިން ޢައްޔަންކުރުމަށް ދަށުކޯޓުން ގުރުއަތުލީ ގޮތުގައި ހާމަކަން ގެއްލިފައިވޭތޯއާއި، އެއް ބެހެނިވެރިއަކަށް ލިބުނު ބަޔަށް ބަދަލު ގެނައުމުގެ ޚަރަދު އެހެން ބެހެނިވެރިންގެ އަތުން ނަގައިދޭންޖެހޭތޯއާއި، ގޯޅި ކެނޑުމުގައި ޤަވާޢިދާ ޚިލާފުވެފައިވޭތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ގުރުއަތުލީ ގުޅި ޝަރީޢަތުގެ މަޖިލީހުން ނެރެފައިނުވާތީ ހާމަކަން ގެއްލިފައި ނުވާ ކަމަށާއި، އެހެން ބެހެނިވެރިންގެ ނުރުހުމުގައި ޚަރަދު ނަގައިދޭނެ ހަމައެއް ނެތް ކަމަށާއި، ގޯޅި ކެނޑުމަށް އިސްތިއުނާފުކުރި ފަރާތްވެސް ރުހި ޤަބޫލުކޮށްފައިވާ ކަމަށް ހައިކޯޓުން ކަނޑައެޅިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ބިން ޢައްޔަންކުރާނެ ގޮތަކާމެދު ބެހެނިވެރިންގެ މެދުގައި އެއްބަސްވުމަކަށް ނާދެވެމުން ދެފަރާތުން ހުށަހަޅާފައިވާ ޗާޓުންކުރެ ޗާޓެއް އިޚްތިޔާރު ކުރުމަށްޓަކައި ޝަރީޢަތުން ކުރިއަށް ގެންދެވި ގުރުއަތުގައި، ދެ ޗާޓަށް ދެ ނަންބަރު ދިނުމަށްފަހު އެ ދެކަރުދާސްކޮޅު ގުޅިއަކަށް ލައި، ގުޅީގައިވާ ދެ ކަރުދާސްކޮޅުން އެއް ކަރުދާސްކޮޅު ނަގާފައިވާއިރު، އެގުޅި ޝަރީޢަތުގެ މަޖިލީހުން ނެރެފައިނުވާނަމަ، ބިން އައްޔަންކުރުމަށްޓަކައި ޗާޓެއް އިޚްތިޔާރު ކުރުމަށްޓަކައި ގުރުއަތު ނެގުމުގައި ހާމަކަން ގެއްލިފައިވާކަމަށް ބެލެވެން ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ށ))
- ބެހެނިވެރިންގެ މެދުގައި ބިން ޢައްޔަން ކުރެވުނީ ގުރުއަތުލައިގެން ކަމަށްވާއިރު، އެއް ބެހެނިވެރިއަކަށް ލިބުނުބައިގައި ކުރަންޖެހޭ މަސައްކަތް ކުރުމަށްދާ ޚަރަދު ދެންތިބި ބެހެނިވެރިންގެ އަތުން ނަގައިދެވޭނަމަ އެމީހުންގެ ބައިތަކަށް ގެންނަ ބަދަލުތަކަށް ހިނގާ ޚަރަދުވެސް އެގޮތުގެ މަތީން އެ ބެހެނިވެރިޔާގެ އަތުންވެސް ނަގައިދޭންޖެހޭނެއެވެ. އެހެންކަމުން، އެއް ބެހެނިވެރިއަކަށް ލިބިފައިވާ ބަޔަށް ކުރަންޖެހޭ ޚަރަދު އެހެން ބެހެނިވެރިންގެ އަތުން އެމީހުންގެ ނުރުހުމުގައި ނަގައިދިނުމަކީ އިންޞާފުވެރިގޮތެއްގެ ގޮތުގައި ނުބެލެވޭއިރު، އެފައިސާ އެފަރާތްތަކުގެ ނުރުހުމުގައި ނަގައިދޭނެ ހަމައެއް ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ނ))
- ބިން ބައިކުރާއިރު ގޯޅިއެއް ކެނޑުން ބަޔާންކުރެވިފައިވަނީ އިސްތިއުނާފުކުރާ ފަރާތުން ދަށު ކޯޓަށް ހުށަހެޅި ބަޔާނާއި ޗާޓުގައިވެސް ކަމަށްވާއިރު، ޝަރީޢަތުން އެގޮތަށް ޢަމަލުކޮށްފައި ވަނީ، ގޯތި ބައިކުރެވޭ ބެހެނިވެރިންނާއި އަދި ޚުދު އިސްތިއުނާފުކުރާ ފަރާތްވެސް އެގޮތަށް ރުހި ޤަބޫލުވެގެންނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ރ))
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އާއި (ށ)
- މާލޭ ޕްލޭނިންގެ ޤަވާޢިދުގެ 2.1.6 ވަނަ މާއްދާ
- ބެންޗު
- ޢަބްދުﷲ ޙަމީދު، ޢަބްދުއްރައޫފް އިބްރާހީމް، ޝުޖާޢު ޢުޘްމާން
- ޚިލާފު ރައުޔު
- ނެތް