ސައިޓޭޝަން ކޮޕީ ކުރުމަށް
[2025] SC 13
ބޭންކް އޮފް މޯލްޑިވްސް ޕލކ ވ. ފާޠިމަތު ޝަފްރަތު، [2025] SC 13 (2022/SC-A/50)
Bank of Maldives PLC v. Fathimath Shafrathu [2025] SC 13 (2022/SC-A/50, Supreme Court of the Maldives, 17 March 2025)
ބޭންކް އޮފް މޯލްޑިވްސް ޕލކ ވ. ފާޠިމަތު ޝަފްރަތު
މައްސަލައިގެ ޚުލާޞާ
ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ 166/VTR/2019 މައްސަލައިގައި ފާޠިމަތު ޝަފްރަތު ވަޒީފާއިން ވަކިކުރީ މައުޟޫޢީ އަދި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކޮށް ކަމަށް ނިންމިއެވެ. ހައިކޯޓުގެ 2020/HC-A/239 ޤަޟިއްޔާގައި އަޣްލަބިއްޔަތު ރައުޔުން ޓްރައިބިއުނަލުގެ ނިންމުން ބާޠިލުކޮށް، ވަޒީފާއަށް އަނބުރާ ރުޖޫޢަކުރުމާއި ބަދަލު ލިބެންޖެހޭ ކަމަށް ނިންމުމުން، ބޭންކް އޮފް މޯލްޑިވްސް ޕލކ އިން ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިއެވެ.
ފާޠިމަތު ޝަފްރަތުގެ ފިރިމީހާގެ މައްޗަށް ކުރެވުނު ޚިޔާނާތުގެ ތުހުމަތެއްގެ ތަޙުޤީޤުގައި، 2014 އިން 2018 އަށް ބޭންކުގެ އިންޓަރނަލް އެކައުންޓްތަކުން އޭނާގެ ކްރެޑިޓް ކާޑުތަކަށް އަމިއްލަ ނޫން 195,378.96ރ. ޖަމާވެފައިވާ ކަން ހާމަވިއެވެ. އެ މުޢާމަލާތްތަކުގެ ޞައްޙަކަން ނުބަލައި ބޭންކާ ހިއްސާނުކުރުމަކީ ފާޅުކަން ބޮޑު ޣައިރު ސުލޫކީ ޢަމަލެއް ކަމަށް ބުނެ، ބޭންކުގެ ޑިސިޕްލިނަރީ އެންޑް ގްރީވަންސް ޕްރޮސީޖަރާއި ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، 25 ޖޫން 2019 ގައި ނޯޓިހަކާ ނުލައި ވަޒީފާއިން ވަކިކުރިއެވެ.
ބޭންކް އޮފް މޯލްޑިވްސް ޕލކ އިން ބުނީ، ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުވެފައިނުވާ ކަމަށް ހައިކޯޓުން ނިންމީ ގޯހަށް ކަމަށާއި، ވަޒީފާއަށް އަނބުރާ ރުޖޫޢަކުރުމަށް ނިންމީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާން ޤަޟިއްޔާގެ އުޞޫލުތަކާ ޚިލާފަށް ކަމަށެވެ. އަދި ތަމްރީނު ލިބިފައިވާ މުވައްޒަފަކަށް ޝައްކު އުފެދޭ މުޢާމަލާތްތައް ނޭނގި އޮތުމަކީ ނާދިރު ކަމެއް ކަމަށް ބުންޏެވެ. ފާޠިމަތު ޝަފްރަތު ބުނީ، އެއީ ފިރިމީހާ ޖަމާކުރި ފައިސާ ކަމަށާއި، ފެމިލީ ރެމިޓެންސް ޖަމާވާނެ ކަން ބޭންކަށް ހާމަކޮށްފައިވާ ކަމަށާއި، އެ ފައިސާއަކީ ޚިޔާނާތުން ހޯދި ފައިސާއެއް ކަމަށް އަންދާޒާ ނުކުރެވޭ ކަމަށެވެ.
މައިގަނޑު ސުވާލު
ބޭންކުގެ އިންޓަރނަލް އެކައުންޓްތަކުން މުވައްޒަފުގެ ކްރެޑިޓް ކާޑުތަކަށް ޝައްކު އުފެދޭ ފައިސާ ޖަމާވިއިރު އޭގެ ޞައްޙަކަން ނުބަލައި ބޭންކާ ހިއްސާނުކުރުމުގެ ސަބަބުން، ފާޅުކަން ބޮޑު ޣައިރު ސުލޫކީ ޢަމަލެއްގެ ގޮތުގައި ނޯޓިހަކާ ނުލައި ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ އަދި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުވެފައިވޭތޯއާއި، ވަޒީފާއަށް އަނބުރާ ރުޖޫޢަކުރުމަށް ހައިކޯޓުން ނިންމުން ރަނގަޅުތޯ.
ނިންމި ގޮތް
ހައިކޯޓުގެ ޙުކުމް ބާޠިލު، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނިންމުން (166/VTR/2019) ޤާއިމް
ވަކިކުރީ ޢަދުލުވެރި އަދި އެކަށީގެންވާ ސަބަބެއްގެ މައްޗަށް ނަމަ މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުވާ ކަމަށާއި، އިޖުރާއީ ޢަދުލުވެރިކަމަކީ ވަކިކުރުމުގެ ކުރިން ފުރިހަމަކުރާ އިޖުރާއަތު ޢަދުލުވެރިވުން ކަމަށް ސުޕްރީމް ކޯޓުން ބަޔާންކުރިއެވެ. ކާޑަށް ފައިސާ ދެއްކޭނީ އަމިއްލަ ފައިސާއިން ކަމަށް ބޭންކުން ކަނޑައަޅާފައިވާ އުޞޫލާ ޚިލާފުވާ ކަމަށާއި، ދިގު މުއްދަތެއްގެ ތަޖުރިބާއާއި ތަމްރީނު ލިބިފައިވާ މުވައްޒަފަކު ފިރިމީހާގެ ޖަވާބަކުން ފުދިގެން ހުރުމާއި، އެއް ފުރާޅެއްގެ ދަށުގައި ދިރިއުޅޭ ފިރިމީހާގެ ނުޙައްޤު މުއްސަނދިކަމެއް އަންދާޒާ ނުކުރެވޭ ކަމަށް ބުނުން ޤަބޫލުކުރެވޭ ކަމެއް ނޫން ކަމަށް ނިންމިއެވެ. އެހެންކަމުން، ފާޅުކަން ބޮޑު ޣައިރު ސުލޫކީ ޢަމަލެއްގެ ސަބަބުން ނޯޓިހަކާ ނުލައި ވަކިކުރުމުގައި ދެ ބާވަތުގެ ޢަދުލުވެރިކަން ޤާއިމުވެފައިވާ ކަމަށް ކަނޑައަޅައި، ހައިކޯޓުގެ ޙުކުމް ބާޠިލުކޮށް ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނިންމުމަށް އިއްތިފާޤުން ތާއީދުކުރިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- މުވައްޒަފު ވަޒީފާއިން ވަކިކޮށްފައިވަނީ ޢަދުލުވެރި އަދި އެކަށީގެންވާ ސަބަބެއްގެ މައްޗަށް ބިނާކޮށް ކަމުގައިވާނަމަ މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުވެފައިވާކަމަށް ބެލެވޭނެއެވެ؛ އިޖުރާއީ ޢަދުލުވެރިކަމަކީ ވަޒީފާއިން ވަކިކުރުމުގެ ކުރިން ފުރިހަމަކޮށްފައިވާ އިޖުރާއަތަކީ ޢަދުލުވެރި އިޖުރާއަތަކަށްވުމެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 19)
- ބޭންކުގެ މުވައްޒަފުން އަމިއްލަ ކްރެޑިޓް ކާޑަށް ފައިސާ ދެއްކުމުގައި، އާއިލާގެ މެންބަރުން ހިމެނޭ ގޮތުން ތިމާ ނޫން މީހެއްގެ ފައިސާއިން ނުދެއްކޭނެކަމަށް ބޭންކުން ކަނޑައަޅާފައިވާ އުޞޫލު އޮތްއިރު، ފިރިމީހާ މުވައްޒަފުގެ ކްރެޑިޓް ކާޑަށް ދައްކާ ފައިސާއަކީ މުވައްޒަފުގެ އަމިއްލަ ފައިސާއެއް ނޫންކަމުން، އެއީ އެ އުޞޫލާ ޚިލާފުވާ ކަމެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 25)
- ޚިޔާނާތުން ހޯދާފައިވާ ފައިސާގެ ނުޙައްޤު މުއްސަނދިކަމުގައި ފިރިމީހާ އުޅެފައިވާއިރު، އެއް ފުރާޅެއްގެ ދަށުގައި ދިރިއުޅޭ ދެމަފިރިންގެ ތެރެއިން އަނެކަކު އެ ފައިސާ ހޯދާފައިވަނީ ޚިޔާނާތުން ކަމަށް އަންދާޒާ ނުކުރެވޭ ކަމަށް ބުނާ ބުނުމަކީ ޤަބޫލުކުރެވިދާނެ ބުނުމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 27)
- ބޭންކުގެ ޑިސިޕްލިނަރީ ޕްރޮސީޖަރގެ ސީރިއަސް/ގްރޮސް މިސްކޮންޑަކްޓާބެހޭ މާއްދާތަކުގެ ދަށުން، ކަމެއް ކުރުން ނުވަތަ ކުރަންޖެހޭ ކަމެއް ނުކޮށް ދޫކޮށްލުމުގެ ސަބަބުން ބޭންކުން މުވައްޒަފުގެ މައްޗަށް ކުރާ އިތުބާރާއި ޔަޤީންކަމަށް ނުވަތަ ޢާންމުން ބޭންކަށް ކުރާ އިތުބާރަށް ބުރޫއަރާނަމަ، އެއީ ވަޒީފާއިން ވަކިކުރެވޭ ފާޅުކަން ބޮޑު ޣައިރު ސުލޫކީ ޢަމަލެއްގެ ތެރޭގައި ހިމެނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 18، 28)
- މުވައްޒަފަށް ތުހުމަތު ކުރެވުނީ ފާޅުކަން ބޮޑު ޣައިރު ސުލޫކީ ޢަމަލެއްކަމަށްވެ، އޭގެ ނަތީޖާއެއްގެ ގޮތުން ނޯޓިހަކާ ނުލައި ވަޒީފާއިން ވަކިކުރުމުގެ އިޚްތިޔާރު ވަޒީފާދޭ ފަރާތަށް ލިބިފައިވާ ހާލަތެއްގައި، އެ ބަޔާންކުރި ކަންކަމުގެ މައްޗަށް ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކޮށްފައިވާކަމަށް ބެލެވޭނެއެވެ؛ އެހެންކަމުން ވަޒީފާއަށް އަނބުރާ ރުޖޫޢަކުރުމަށް ކުރި ހައިކޯޓުގެ ނިންމުން ބާޠިލުވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 28–29)
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު [2025] SC 13 2022/SC-A/50 ޝަރީޢަތް ނިމުނުގޮތް ބޭންކް އޮފް މޯލްޑިވްސް ޕލކ ވ. ފާޠިމަތު ޝަފްރަތު ފަނޑިޔާރުންގެ މަޖިލިސް ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް
ނިމުނު ތާރީޚު 17 މާރޗް 2025
އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ 2020/HC-A/239 އިސްތިއުނާފު ރައްދުވާ ފަރާތް އިސްތިއުނާފުކުރާ ފަރާތް ފާޠިމަތު ޝަފްރަތު، އަބްހަރީގެ، ސ. ހިތަދޫ ބޭންކް އޮފް މޯލްޑިވްސް ޕލކ ޤާނޫނީ ވަކީލު: ޤާނޫނީ ވަކީލު: މުޙައްމަދު ޙިލްމީ (ވަކީލު ޗެމްބަރސް އެލް.އެލް.ޕީ) މަޒްލާން ރަޝީދު (މަޒްލާން އެންޑް މުރާދު ލޯ އެސޯސިއޭޓްސް އެލް.އެލް.ޕީ)
މަދަނީ – ވަޒީފާއާބެހޭ – މައުޟޫޢީ ޢަދުލުވެރިކަން – ވަޒީފާއަށް އަނބުރާ ރުޖޫޢަކުރުން
ފިހުރިސްތު
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު (ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ތާއީދު ކުރައްވާފައި) 1
ތަޢާރުފު 1
މައްސަލައިގައި ކަންހިނގާފައިވާ ގޮތް 1
ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ނިންމިގޮތް 4
ހައިކޯޓުން މައްސަލަ ނިންމިގޮތް 5
ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ ނުކުތާތައް 7
ވަޒީފާއިން ވަކިކުރި ސަބަބު 7
މައުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން 8
ނިންމަން ފެންނަ ގޮތް 12
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު 13
ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު 13
ޙުކުމް 13
` ބޭންކް އޮފް މޯލްޑިވްސް ޕލކ ވ. ފާޠިމަތު ޝަފްރަތު [2025] SC 13 ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު (ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު އަދި
ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ތާއީދު ކުރައްވާފައި) ތަޢާރުފު
1މި މައްސަލައަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-A/239 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ ބޭންކް އޮފް މޯލްޑިވްސް ޕލކ1 (މީގެ ފަހުން "ބޭންކް" ކަމަށް ބުނެފައިވާ ފަރާތުން) ސުޕްރީމް ކޯޓަށް އިސްތިއުނާފަށް ހުށަހެޅި މައްސަލައެކެވެ. މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ސ. ހިތަދޫ، އަބްހަރީގެ، ފާޠިމަތު ޝަފްރަތު2 (މީގެ ފަހުން "ފާޠިމަތު ޝަފްރަތު" ކަމަށް ބުނެފައިވާ ފަރާތް) އެވެ.
މައްސަލައިގައި ކަންހިނގާފައިވާ ގޮތް
220 އޮގަސްޓް 2007 އިން ފެށިގެން ފާޠިމަތު ޝަފްރަތު ބޭންކުގެ ޗެނަލް މެނޭޖްމަންޓް ޑިޕާޓްމަންޓްގެ ޕީ.އޯ.އެސް ބޭންކިންގ ލީޑްގެ މަޤާމުގައި ވަޒީފާ އަދާކުރަމުން ދަނިކޮށް، 07 ޖަނަވަރީ 2019 ގައި ސަސްޕެންޑް ކޮށްފައިވެއެވެ.3
3ފާޠިމަތު ޝަފްރަތު ސަސްޕެންޑް ކޮށްފައިވަނީ ބޭންކް ގައި ހިނގަމުންދިޔަ އެތެރޭގެ ތަޙްޤީޤަކާ ގުޅިގެން ބޭންކް ގެ ޑިސިޕްލިނަރީ އެންޑް ގްރީވަންސް ޕްރޮސީޖަރ ގެ ދަށުންނެވެ. މި ތަޙްޤީޤަކީ އޭރު ބޭންކުގައި ވަޒީފާ އަދާކުރަމުން ދިޔަ ފާޠިމަތު ޝަފްރަތުގެ ފިރިމީހާގެ މައްޗަށް ތުހުމަތު ކުރެވުނު ޚިޔާނާތުގެ މައްސަލައަކާ ގުޅިގެން ކުރެވެމުންދިޔަ ތަޙްޤީޤެއް ކަމަށް ބޭންކުން ބުނެފައިވެއެވެ. އަދި ފާޠިމަތު ޝަފްރަތުގެ އެމެކްސް އަދި ވިސާ ކްރެޑިޓް ކާޑަށް ފާޠިމަތު ޝަފްރަތުގެ އަމިއްލަ ނޫން 195,378.96ރ. (އެއްލައްކަ ނުވަދިހަ ފަސްހާސް ތިން ސަތޭކަ ހަތްދިހަ އަށްރުފިޔާ ނުވަދިހަ ހަލާރި) އެކި ފަހަރު މަތިން ޖަމާކޮށްފައިވާކަން މި ތަޙްޤީޤަށް އެނގިފައިވާ ކަމަށްވެސް ބޭންކުގެ ފަރާތުން ބުނެފައިވެއެވެ.
4މިފައިސާއާ ބެހޭގޮތުން ސުވާލުކުރުމަށް ފާޠިމަތު ޝަފްރަތު 04 ފެބްރުއަރީ 2019 ގައި ބޭންކަށް ޙާޟިރުކުރެވިފައިވެއެވެ. ފާޠިމަތު ޝަފްރަތު ބުނެފައިވަނީ މިފައިސާއަކީ ފާޠިމަތު ޝަފްރަތުގެ މުސާރައާއި، ފިރިމީހާގެ ވިޔަފާރިން ލިބޭ އާމްދަނީއިން ޖަމާކޮށްފައިވާ ފައިސާކަމަށެވެ. މިތާރީޚުގައި ފާޠިމަތު ޝަފްރަތުގެ ސަސްޕެންޝަން ބޭންކުން އިތުރުކޮށްފައިވެއެވެ.
5އެއަށްފަހު، 03 އޭޕްރީލް 2019 ގައި ބޭންކުން ފާޠިމަތު ޝަފްރަތުއަށް ސިޓީއެއް ފޮނުވާފައިވެއެވެ.4 މިސިޓީގައި، ފާޠިމަތު ޝަފްރަތު ގެ އެމެކްސް އަދި ވިސާ ކްރެޑިޓް ކާޑަށް އެކިފަހަރު މަތިން ފާޠިމަތު ޝަފްރަތުގެ އަމިއްލަ ނޫން ފައިސާއިން ފައިސާ ދައްކާފައިވާ ކަމަށާއި، މިފައިސާ ޖަމާވެފައިވަނީ ބޭންކުގެ އިންޓާރނަލް އެކައުންޓް ތަކަކުންކަން ބޭންކުން ކުރި އިންޓަރނަލް ތަޙްޤީޤަށް ހާމަވެފައިވާކަން ބަޔާންކޮށްފައިވެއެވެ. އަދި މި މުޢާމަލާތްތަކާ ބެހޭގޮތުން ޖަވާބުދާރީ ވުމަށް ރަސްމީ 03 (ތިނެއް) ދުވަހުގެ މުއްދަތެއް ދީފައިވެއެވެ. މި ސިޓީގައި ބަޔާންކޮށްފައިވާ ބައެއް މަޢުލޫމާތު ފާޠިމަތު ޝަފްރަތުގެ ކްރެޑިޓް ކާޑް ސްޓޭޓްމަންޓާއި ދިމާނުވާ ކަމަށް ބަޔާންކޮށް 08 އޭޕްރީލް 2019 ގައި ފާޠިމަތު ޝަފްރަތު ބޭންކަށް ސިޓީ ފޮނުވާފައިވެއެވެ.
622 އޭޕްރީލް 2019 ގައި ދެވަނަ ސިޓީއެއް5 ބޭންކުން ފާޠިމަތު ޝަފްރަތު އަށް ފޮނުވާފައިވެއެވެ. 03 އޭޕްރިލް 2019 ގެ ސިޓީގައި ބަޔާންކޮށްފައިވާ ބައެއް މަޢުލޫމާތު ފާޠިމަތު ޝަފްރަތުގެ ބޭންކް ސްޓޭޓްމަންޓާ އެއްގޮތް ނުވާތީ އެކަން މިސިޓީގައި އިސްލާޙުކޮށްފައިވެއެވެ. އަދި ބަޔާންވެދިޔަ ޓްރާންސެކްޝަންތަކާ ބެހޭގޮތުން ރަސްމީ 03 (ތިނެއް) ދުވަސްތެރޭ ޖަވާބުދާރީ ވުމަށް އަންގާފައިވެއެވެ.
7މިސިޓީގެ ޖަވާބު 28 އޭޕްރިލް 2019 ގައި ފާޠިމަތު ޝަފްރަތު ސިޓީއަކުން ދީފައިވެއެވެ. އަދި ފާޠިމަތު ޝަފްރަތުގެ ކްރެޑިޓް ކާޑް ގެ ޓާމްސް އެންޑް ކޮންޑިޝަންސް ގެ ކޮންމެ މާއްދާއަކާ ޙަވާލާދީ، އެ މާއްދާތަކާ ޚިލާފުވެފައި ނުވާނެކަމަށް ބަޔާންކޮށްފައިވެއެވެ.
8ބަޔާންވެދިޔަ ތަޙްޤީޤަށްފަހު ބޭންކުގެ ޑިސިޕްލިނަރީ އެންޑް ގްރީވަންސް ޕްރޮސީޖަރ ގެ 3.1(1) އާއި 3.1(6) އާއި 3.1(8) ވަނަ މާއްދާއާއި ޚިލާފުވެފައިވާ ކަމަށްބުނެ ވަޒީފާއާބެހޭ ޤާނޫނުގެ6 23 ވަނަ މާއްދާއަށް ރިޢާޔަތްކޮށް ފާޠިމަތު ޝަފްރަތު 25 ޖޫން 2019 ގައި ބޭންކުގެ ވަޒީފާއިން ވަކިކޮށްފައިވެއެވެ.
9މިނިންމުން ބަދަލުކޮށް ދިނުމަށް އެދި ފާޠިމަތު ޝަފްރަތުގެ ފަރާތުން 08 ޖުލައި 2019 ގައި ބޭންކަށް ސިޓީ ފޮނުވާފައިވެއެވެ. އެހެންނަމަވެސް ބޭންކުގެ ނިންމުމަށް ބަދަލު ގެންނާނެ ތަނެއް ނެތް ކަމަށް 15 ޖުލައި 2019 ގައި ސިޓީ އަކުން ފާޠިމަތު ޝަފްރަތު އަށް އަނގާފައިވެއެވެ.
10ފާޠިމަތު ޝަފްރަތު ވަޒީފައިން ވަކިކޮށްފައި ވަނީ ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށްކަމަށް ކަނޑައަޅައިދިނުމަށާއި ވަޒީފާ އަނބުރާ އިއާދަކޮށް އެދުވަހާ ހަމައަށް ލިބެންޖެހޭ އެންމެހާ މުސާރަ އާއި ޢިނާޔަތް ލިބިދިނުމަށާއި، ފާޠިމަތު ޝަފްރަތު ސަސްޕެންޑުކޮށްފައި ވަނީ ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށްކަމަށް ކަނޑައަޅައިދިނުމަށް އެދި ބޭންކާ ދެކޮޅަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ފާޠިމަތު ޝަފްރަތު މައްސަލަ ހުށަހަޅާފައިވެއެވެ.
ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ނިންމިގޮތް
11ވަޒީފާއާބެހޭ ޓްރައިބިއުނަލުން މިމައްސަލަ ބަލާފައިވަނީ އެޓްރައިބިއުނަލް ގެ ނަންބަރު 166/VTR/2019 މައްސަލައިގެ ގޮތުގައެވެ. މިމައްސަލައިގައި ޓްރައިބިއުނަލް އިން އަންނަނިވި ކަންކަމަށް ރިޢާޔަތްކޮށް ނިންމާފައިވަނީ، ފާޠިމަތު ޝަފްރަތު ވަޒީފާއިން ވަކިކޮށްފައިވަނީ މައުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކުރުމަށްފަހުގައި ކަމަށްވާތީ ވަޒީފާއަށް އަނބުރާ ރުޖޫޢަ ކުރެވެން ނެތްކަމަށެވެ.
11.1- ފާޠިމަތު ޝަފްރަތުގެ އެމެކްސް އަދި ވިސާ ކްރެޑިޓް ކާޑަށް ފާޠިމަތު ޝަފްރަތުގެ އަމިއްލަ ނޫން ފައިސާ ދައްކާ ކަމަށް ބުރަވެވޭތީ އާއި، ފައިސާ ދެއްކުމަށް ހިންގޭ މުޢާމަލާތްތަކަކީ ޞައްޙަ މުޢާމަލާތްތަކެއްކަން ކަށަވަރު ކުރުމަކީ ފާޠިމަތު ޝަފްރަތުގެ ޒިންމާއެއްކަން ކްރެޑިޓް ކާޑްގެ ޓާރމްސް އެންޑް ކޮންޑިޝަންސް އަށް ބެލުމުން އެނގޭތީއާއި، ފާޠިމަތު ޝަފްރަތުގެ މަޤާމަށް ބަލާއިރު އިސްވެ ބަޔާންކުރެވުނު ޒިންމާ އިތުރަށް ބޮޑުވެގެންދާނެ ކަމަށް ބުރަވެވޭތީ އާއި، މުވައްޒަފުގެ އެކައުންޓުން ކުރެވޭ މުޢާމަލާތްތަކަކީ ހަމައެކަނި އެމުވައްޒަފުގެ އަމިއްލަ ފައިސާއިން ކުރެވޭ މުޢާމަލާތްތަކަކަށްވުމަށް ބޭންކުގެ ސިޔާސަތު ލާޒިމް ކުރާއިރު، ފާޠިމަތު ޝަފްރަތުގެ ޢާއިލާވެސް އިސްތިސްނާ ނުވާތީއާއި، މި ޙާލަތުގައި މުވައްޒަފު ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ އެކަމުގެ ސަބަބުން ބޭންކަށް ޢާންމުން ކުރާ އިތުބާރަށް ބުރޫއަރާފާނެ ކަމެއްކަމަށް ބުރަވެވޭތީ، މިކަންކަމަށް ރިޢާޔަތް ކުރާއިރު ބޭންކުގެ ވަޒީފާއިން މައްސަލަ ހުށަހެޅި ފަރާތް ވަކިކުރެވިފައިވަނީ އެކަށީގެންވާ ސަބަބެއް އޮވެގެން ކަމުގައި ބުރަވެވޭތީ، ފާޠިމަތު ޝަފްރަތު ވަޒީފާއިން ވަކި ކުރިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުކުރެވިފައިވާކަން؛
11.2- ފާޠިމަތު ޝަފްރަތު ވަޒީފާއިން ވަކިކުރުމުގެ ކުރިން ފާޠިމަތު ޝަފްރަތު އާމެދު ތުހުމަތު ކުރެވުނު މައްސަލައާ ބެހޭ މަޢުލޫމާތު ދެވި، ޖަވާބުދާރީ ވުމުގެ ފުރުސަތުވެސް ދެވިފައިވާ ކަމަށް ބުރަވެވޭތީ އާއި، މައްސަލަ އިދާރީ ގޮތުން ތަޙުޤީޤު ކުރުމަށްފަހު ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާއިން ވަޒީފާއިން ވަކިކުރުމަށް ނިންމާފައިވަނީ މައްސަލަ ހުށަހެޅި ފަރާތަށް އެކަން ލިޔުމުން އެންގުމަށްފަހުގައި ކަމަށްވާތީ ފާޠިމަތު ޝަފްރަތު ވަޒީފާއިން ވަކި ކުރުމުގައި އިޖުރާއީ ޢަދުލުވެރިކަން ޤާއިމްކުވެރިފައިވާކަން؛
12މި ނިންމުން ޤާނޫނީ އުސޫލުތަކާ ޚިލާފުކަމަށްބުނެ ފާޠިމަތު ޝަފްރަތުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވެއެވެ.
ހައިކޯޓުން މައްސަލަ ނިންމިގޮތް
13ހައިކޯޓުން މިމައްސަލަ ބަލާފައިވަނީ އެކޯޓުގެ ނަންބަރު 2020/HC-A/239 ޤަޟިއްޔާއިންނެވެ. މިޤަޟިއްޔާ ބެލި ފަނޑިޔާރުންގެ އަޣްލަބިއްޔަތު ރައުޔުން އަންނަނިވި ކަންކަމުގެ މައްޗަށް ބިނާކޮށް ޓްރައިބިއުނަލްގެ ނިންމުން ބާޠިލްކަމަށް ކަނޑައަޅައި ޙުކުމްކޮށްފައިވެއެވެ.
13.1- ފާޠިމަތު ޝަފްރަތު ވަޒީފާއިން ވަކިކުރީ ފާޠިމަތު ޝަފްރަތު ޚިޔާނާތެއް ވެފައިވާކަމަށް ބަލައި އެކަމުގައި ފާޠިމަތު ޝަފްރަތުގެ މައްޗަށް ތުހުމަތު ކޮށްގެން ނޫންކަން ބޭންކުގެ ފަރާތުން ފާޠިމަތު ޝަފްރަތު ވަޒީފާއިން ވަކިކުރި ސަބަބާގުޅޭގޮތުން ދައްކާފައިވާ ވާހަކަތަކުން އެނގޭކަމާއި، ފާޠިމަތު ޝަފްރަތާއި، ފާޠިމަތު ޝަފްރަތުގެ ފިރިމީހާ ކުރިކަމަށް ބުނާ ޚިޔާނަތާ އޮތް ގުޅުމަކީ ކޮބައިކަން ބޭންކުން ހާމަކޮށްދީ އެކަމުގެ މައްޗަށް އެއްވެސް ހެއްކެއް ބޭންކުގެ ފަރާތުން ކޯޓަށް ހުށަހަޅާފައިވެސް ނުވާކަމާއި، ފިރިމީހާގެ ފަރާތުން ފާޠިމަތު ޝަފްރަތުގެ އެކައުންޓަށް ޖަމާކޮށްފައިވާ ފައިސާއަކީ ފިރިމީހާ ކުށެއް ކޮށްގެން ހޯދާފައިވާ ފައިސާކަން ފާޠިމަތު ޝަފްރަތު އަށް އެނގޭކަން އެނގޭ މިންވަރުގެ ޙުއްޖަތްތަކެއް ބޭންކުން ޝަރީޢަތަށް ހުށަހަޅާފައި ނުވާކަމާއި، ފިރިއެއްގެ ކްރެޑިޓް ކާޑަށް އަނބިމީހާ ޖަމާކުރާ ފައިސާ އާއި އަނބިމީހާގެ ކްރެޑިޓް ކާޑަށް ފިރިމީހާ ޖަމާކުރާ ފައިސާއަކީ، ބޭންކުގެ ކްރެޑިޓް ކާޑުގެ ޓާމްސް އެންޑް ކޮންޑިޝަންސް ގައި ބުނާ ކާޑުން މުޢާމަލާތު ކުރުމުގައި އަމިއްލަ ފައިސާ ބޭނުންކުރަންޖެހޭ ކަމަށް އޮތް އޮތުމާއި ފުށުއަރާ ކަމެއް ކަމުގައި ބެލެވޭކަށް ނެތްކަން؛
13.2- މިއެންމެހައި ސަބަބުތައް މިފަދައިން ހުރުމުން އަދި ފާޠިމަތު ޝަފްރަތު ބޭންކުގައި އަދާކުރަމުން ދިޔަ ވަޒީފާއިން ވަކިކުރި ސަބަބުކަމަށް ބޭންކުން ބުނާ ސަބަބު އެއީ ނޯޓިހެއް ދިނުމެއްނެތި މުވައްޒަފު ވަޒީފާއިން ވަކިކުރުން ހުއްދަވާ ފަދަ ފާޅުކަން ބޮޑު ޣައިރު ސުލޫކީ ޢަމަލުތަކުގެ ތެރޭގައި ހިމެނޭފަދަ ޢަމަލެއް ކަމުގައި ބެލެވެން ނެތުމުން، ނޯޓިސް ދިނުމެއްނެތި ފާޠިމަތު ޝަފްރަތު ވަޒީފާއިން ވަކިކުރަންޖެހޭ ފަދަ ޢަދުލުވެރި ސަބަބެއް ނެތްކަމާއި، އެހެން ކަމުން ވަޒީފާއިން ވަކިކުރުމުގައި މަޢުޟޫޢީ އަދުލުވެރިކަން ޤާއިމް ކުރެވިފައި ނުވާކަން؛
13.3- އަދި ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ (ހ) ގެ 3 ގައި ބުނެފައިވާފަދަ ބަދަލެއް ފާޠިމަތު ޝަފްރަތު އަށް ލިބެންޖެހޭ ކަމާއި، ފާޠިމަތު ޝަފްރަތުއަށް ވަޒީފާ ދިނުމުގެ އިތުރުން ބަދަލެއް ލިބުން ޙައްޤުކަން.
14މިމައްސަލައިގައި ހައިކޯޓުގެ ޤަޟިއްޔާގެ އަގައްލިއްޔާތު ރައުޔެއް އޮވެއެވެ. މިރައުޔުގައި ބަޔާންކޮށްފައިވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުމަށް ބަދަލު ގެންނަންޖެހޭފަދަ ޤާނޫނީ ސަބަބެއް ނެތްކަމަށެވެ.
15ހައިކޯޓުގެ މި ޙުކުމް ބޭންކްގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވެއެވެ.
ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ ނުކުތާތައް
16ހައިކޯޓުގެ ނިންމުން ޤާނޫނީ އުޞޫލުތަކާ ޚިލާފުކަމަށް ބުނެ ބޭންކުގެ ފަރާތުން އިސްތިއުނާފީ ދެ ނުކުތާ ހުށަހަޅާފައިވެއެވެ.
16.1- އިސްތިއުނާފީ ފުރަތަމަ ނުކުތާއަކީ، 'ބޭންކުގެ ވަޒީފާއިން ފާޠިމަތު ޝަފްރަތު ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަން ޤާއިމްކޮށްފައިނުވާކަމަށް ނިންމާފައިވަނީ ނުބައިކޮށްކަމަށް' ބުނެ ހުށަހެޅި ނުކުތާއެވެ.
16.2- އިސްތިއުނާފީ ދެވަނަ ނުކުތާއަކީ، 'ބޭންކުގައި ފާޠިމަތު ޝަފްރަތު އަދާކުރަމުންދިޔަ ވަޒީފާ އަނބުރާ ރުޖޫޢަކުރުމަށް ނިންމަވާފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާން7 ޤަޟިއްޔާ އާއި މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާފައިވާ މިފަދަ މައްސަލަތަކުގައި ކަނޑައަޅާފައިވާ އުޞޫލުތަކާ ޚިލާފަށްކަމަށް' ބުނެ ހުށަހެޅި ނުކުތާއެވެ.
17މި މައްސަލައިގައި ބޭންކުން އެދިފައިވަނީ، މިމައްސަލައިގައި ފާޠިމަތު ޝަފްރަތު ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާއި ޢަދުލުވެރިކަން ބޭންކުން ޤާއިމުކޮށްފައިވާކަމަށް ކަނޑައަޅައި، ހައިކޯޓުގެ ޙުކުމް ބާޠިލުކޮށް ޓްރައިބިއުނަލްގެ ނިންމުން ދަމަހައްޓައި ދިނުމަށެވެ.
ވަޒީފާއިން ވަކިކުރި ސަބަބު
18ޕްރިސިޑެންސް 4ބޭންކުގެ ވަޒީފާއިން ފާޠިމަތު ޝަފްރަތު ވަކިކޮށްފައިވަނީ ފާޅުކަންބޮޑު ޣައިރު ސުލޫކީ ޢަމަލެއް ކޮށްފައިވާ ކަމަށް ބަޔާންކޮށްކަން ފާހަގަކުރެވެއެވެ. ބޭންކުން ބުނާ ޣައިރު ސުލޫކީ ޢަމަލަކީ ފާޠިމަތު ޝަފްރަތުގެ ކްރެޑިޓް ކާޑުތަކަށް ގޮތް ނޭނގޭ ފައިސާތަކެއް ޖަމާވަމުން ދިޔައިރު، އެ މުޢާމަލާތްތަކުގެ ޞައްޙަކަން ދެނެގަތުމަށް މަސައްކަތްކޮށްފައި ނުވުމާއި، ޝައްކު ކުރެވޭ މި މުޢާމަލާތްތަކުގެ މަޢުލޫމާތު ބޭންކާ ހިއްސާނުކޮށް ހުރުން ކަމުގައި ބޭންކުން ބުނެއެވެ. މިކަންތައްތަކާ ގުޅިގެން ފާޠިމަތު ޝަފްރަތު ވަކިކުރުމުގައި ބޭންކުން ޙަވާލާދީފައިވަނީ ބޭންކުގެ ޑިސިޕްލިނަރީ އެންޑް ގްރީވަންސް ޕްރޮސީޖަރ ގެ 3.1(1) އާއި 3.1(6) އާއި 3.1(8) ވަނަ މާއްދާތަކަށެވެ.8 އެ މާއްދާތަކަކީ ސީރިއަސް / ގްރޮސް މިސްކޮންޑަކްޓާބެހޭ މާއްދާތަކެވެ. އެ މާއްދާތަކުގައި ބަޔާންވެގެންވާ ގޮތުން ވަޒީފާއިން ވަކިކުރެވޭ ކަންތައްތަކުގެ ތެރޭގައި ކަމެއް ކުރުން ނުވަތަ ކުރަންޖެހޭ ކަމެއް ނުކޮށް ދޫކޮށްލުން ކަމަށްވިޔަސް އެކަމެއްގެ ސަބަބުން ބޭންކުން މުވައްޒަފުގެ މައްޗަށް އޮންނަންޖެހޭ އިތުބާރާއި ޔަޤީންކަމަށް ބުރޫއަރާ ކަންކަން ހިމެނޭ ކަމަށާއި، އެމީހެއްގެ އެ ޢަމަލެއްގެ ސަބަބުން ބޭންކަށް ޢާންމު ރައްޔިތުން ކުރާ އިތުބާރާއި ޔަޤީންކަމަށް އަސަރުކޮށް ޢާންމުން ބޭންކާމެދު ދެކޭގޮތަށް ނުބައި އަސަރުކުރާ ކަންކަން ހިމެނެއެވެ.
މައުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން
19ޕްރިސިޑެންސް 1މުވައްޒަފު ވަޒީފާއިން ވަކިކޮށްފައިވަނީ ޢަދުލުވެރި، އަދި އެކަށީގެންވާ ސަބަބެއްގެ މައްޗަށް ބިނާކޮށް ކަމުގައިވާނަމަ މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުވެފައިވާކަމަށް ބެލެވޭނެކަމަށް ސުޕްރީމް ކޯޓުގެ މީގެ ކުރީގެ ނިންމުންތަކުގައި9 ކަނޑައަޅާފައިވެއެވެ. އަދި އިޖުރާއީ ޢަދުލުވެރިކަމަކީ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ ކުރިން ފުރިހަމަކޮށްފައިވާ އިޖުރާއަތަކީ ޢަދުލުވެރި އިޖުރާއަތަކަށްވުން ކަމުގައި ސުޕްރީމް ކޯޓުގެ ސަންލޭންޑް ޓްރެވެލް ޕްރައިވެޓް ލިމިޓެޑް ވ. އަންޖަލީން މޭރީ ނާޒިއު10 ޤަޟިއްޔާގައި ކަނޑައަޅާފައިވެއެވެ.
20ހުށަހެޅިފައި މިވާ މައްސަލައިގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވަނީ ފާޠިމަތު ޝަފްރަތު ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަންވެސް ޤާއިމުވެފައިވާކަމަށެވެ. އަދި ހައިކޯޓުގެ ނިންމުމުގައިވަނީ، ފާޠިމަތު ޝަފްރަތުގެ އެކައުންޓަށް ޖަމާވެފައިވާ ފައިސާގެ ޢަދަދަށާއި، ފާޠިމަތު ޝަފްރަތުގެ ފިރިމީހާ ކުރިކަމަށް ބުނާ ކުށާއި ފާޠިމަތު ޝަފްރަތާ އެއްވެސް ގުޅުމެއް ވާކަމަށް އެނގެން ނެތްކަމަށާއި، މިއީ ދެމަފިރިންގެ ދެމެދުގައި ކުރެވިފައިވާ އާދަޔާ ޚިލާފު މުޢާމަލާތެއް ކަމަށް ބެލެވެން ނެތްކަމަށެވެ. އެހެންކަމުން މި މައްސަލައިގައި މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުވެފައިނުވާކަމަށް ހައިކޯޓުން ނިންމާފައިވެއެވެ.
21ފާޠިމަތު ޝަފްރަތު ވަޒީފާ އަދާކުރަމުން ދިޔައީ ބޭންކުގެ ޗެނަލް މެނޭޖްމަންޓް ޑިޕާޓްމަންޓްގެ ޕީ.އޯ.އެސް ބޭންކިންގ ލީޑްގެ މަޤާމުގައެވެ. 2007 ވަނަ އަހަރު ބޭންކުގައި ވަޒީފާ އަދާކުރަން ފަށާފައިވާއިރު، އެކި ޑިޕާޓްމަންޓްތަކުގެ އެކި މަޤާމުތައް ފާޠިމަތު ޝަފްރަތު އަދާކޮށްފައިވާކަމަށް ބޭންކުން ބުނެފައިވެއެވެ.11 ވަޒީފާގައި ހޭދަވި މުއްދަތުގެ ތެރޭގައި މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނާއި12، ޕްރޫޑެންޝަލް ރެގިއުލޭޝަންއާއި، ބޭންކުގެ އިންޓަރނަލް ސޭފްޓީ މެޝަރސްތަކާއި، ސެކިއުރިޓީ ލެވެލްގައި ބޭންކުން ޢަމަލުކުރާ ސްޓޭންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރ ތަކާ ގުޅިގެން ތަކުރާރުކޮށް ފާޠިމަތު ޝަފުރަޠުއަށް ތަމްރީނު ދެވިފައިވާނެ ކަމަށް ބޭންކުގެ ފަރާތުން ބުނާ ބުނުމަށް ފާޠިމަތު ޝަފްރަތު އިންކާރެއް ނުކުރެއެވެ.
22ޚިޔާނާތުގެ މައްސަލައާ ގުޅިގެން 7 ޖަނަވަރީ 2019 ގައި ފާޠިމަތު ޝަފްރަޠު ސަސްޕެންޑްކޮށްފައި ވާއިރު، ފްރޯޑް އަދި ޝައްކު އުފެދޭ މުޢާމަލާތާބެހޭގޮތުން މަޢުލޫމާތު އޭނާއަށް ލިބިފައިވަނީ 9 ޖަނަވަރީ 2019 ގައި ކަމުގައި ފާޠިމަތު ޝަފްރަތު ބުނެއެވެ. އަދި އެކަމާ ގުޅިގެން ފިރިމީހާއާ ސުވާލުކޮށްފައިވާ ކަމަށާއި، އެއީ ފިރިމީހާ މަސައްކަތް ކުރަމުންދާ ކުންފުނިން ލިބިފައިވާ ފައިސާ ކަމަށް ފިރިމީހާ ބުނި ބުނުމަށް އިތުބާރު ކުރެވޭ ކަމަށާއި، ސަބަބަކީ، އެ ކުންފުންޏަށް ޕްރޮޖެކްޓްތަކެއް ލިބުނު ކަމުގެ މަޢުލޫމާތު ޚަބަރުން ފެނިފައިވާތީ ކަމަށް ފާޠިމަތު ޝަފްރަތު ބުނެއެވެ.13
23އެކައުންޓަކަށް ޖަމާވި ފައިސާއާ ގުޅިގެން ޚިޔާނާތުގެ ތުހުމަތެއް ކުރެވޭއިރު، ފާޠިމަތު ޝަފްރަތު ފަދަ ބޭންކުގައި ދިގު މުއްދަތަކަށް ވަޒީފާ އަދާކޮށްފައިވާ މުވައްޒަފެއްގެ އެކައުންޓަށް މިފަދަ ފައިސާތަކެއް ޖަމާވެފައިވާ ކަމުގެ ޝައްކު ކުރެވުމުން، ފިރިމީހާއާ ނުވަތަ އެ ފައިސާ ޖަމާކުރި ފަރާތާ ހަމައެކަނި ކޮށްލާ ސުވާލަކަށް ލިބޭ ޖަވާބަކުން ފުއްދާލައިގެން ހުރުމަކީ މި ފަދަ މަޤާމެއް ބޭންކުގައި އަދާކުރާ މުވައްޒަފެއްގެ ކިބައިން ފެނިގެންދިއުން އެކަށީގެންވާ ސުލޫކެއް ކަމުގައި ނުދެކޭކަމަށް ބޭންކުން ބުނެފައިވެއެވެ.
24ޚިޔާނާތުގެ ޝައްކު އުފެދޭ ފައިސާ ފާޠިމަތު ޝަފްރަތުގެ ކްރެޑިޓް ކާޑު އެކައުންޓުތަކަށް ވަދެފައިވަނީ ބޭންކުގެ އިންޓަރނަލް އެކައުންޓަކުން ކަމަށް ބޭންކުން ބުނެއެވެ. އަދި އެ މުޢާމަލާތްތަކުގައި ހުރި ފަރަގު ބޭންކް ސްޓޭޓްމަންޓް އަށް ބެލުމުން އެނގޭނެ ކަމަށް ބޭންކުން ބުނެއެވެ. އެގޮތުން ޞައްޙަ ޕޭމަންޓެއް ކްރެޑިޓް ކާޑަށް ދައްކާނަމަ ޖެނެރޭޓްވާ މެސެޖް އޮންނަނީ
“PAYMENT RECEIVED – THANK YOU” މިފަދައިން ކެޕިޓަލް އަކުރުން ހައިރާން މާކެއް ނުލައި ކަމަށާއި، ނަމަވެސް ޝައްކު ކުރެވޭ ޕޭމަންޓް ތަކުގައި ޖެނެރޭޓް ވެފައިވާ މެސެޖްގައި ވަނީ، “Received your payment – Thank you!” މިފަދައިން ހައިރާން މާކަކާ އެއްކޮށް ކަމަށާއި، މި ދެ ބާވަތުގެ ޕޭމަންޓްވެސް ފާޠިމަތު ޝަފްރަތުގެ ކްރެޑިޓް ކާޑު ސްޓޭޓްމަންޓުން ފެންނަން ހުރި ކަމަށެވެ.14 ޚިޔާނާތަށް ޝައްކު އުފެދޭ ފައިސާ ފާޠިމަތު ޝަފްރަތުގެ އެކައުންޓަށް ވަދެފައިވާކަން އެނގުނު ހިސާބުން އެފަދަ ޝައްކެއް އުފެދެންޖެހުނު ސަބަބެއް އޮތްތޯ އަމިއްލައަށް ބަލައި ސާފުކުރަން މަސައްކަތްކުރިނަމަ، ފާޠިމަތު ޝަފްރަތު ފަދަ ތަމްރީނާއި ތަޖުރިބާ ލިބިފައިވާ މުވައްޒަފަކަށް އެކަން ނޭނގި އޮތުމަކީ ނާދިރުކަމެއް ކަމަށް ބޭންކުން ބުނެފައިވެއެވެ.
25ޕްރިސިޑެންސް 2ފާޠިމަތު ޝަފްރަތުގެ ކްރެޑިޓް ކާޑުތަކަށް ފާޠިމަތު ޝަފްރަތުގެ ފިރިމީހާ ފައިސާ ދައްކާ ކަމުގައި ފާޠިމަތު ޝަފްރަތު ބުނެފައިވެއެވެ. އެހެންކަމުން މި ފަދައިން ދައްކާ ފައިސާއަކީ ފާޠިމަތު ޝަފްރަޠުގެ އަމިއްލަ ފައިސާ ކަމުގައި ނުވާއިރު، މިއީ ބެންކުގެ މުވައްޒަފުން އެމީހުންގެ އަމިއްލަ ކްރެޑިޓް ކާޑަށް ފައިސާ ދެއްކުމުގައި އާއިލާގެ މެންބަރުން ހިމެނޭ ގޮތުން ތިމާ ނޫން އެހެން މީހެއްގެ ފައިސާ އިން ކާޑަށް ފައިސާ ނުދެއްކޭނެ ކަމަށް ބޭންކުން ކަނޑައަޅާފައިވާ އުޞޫލާއި ޚިލާފުވާ ކަމެއްކަން ފާހަގަކުރެވެއެވެ.
26މިކަމަށް ރައްދުދެމުން ފާޠިމަތު ޝަފްރަތުގެ ފަރާތުން ބުނެފައިވަނީ، ބޭންކުގައި އެކައުންޓް ހުޅުވިއިރު، ފެމިލީ ރެމިޓެންސްގެ ގޮތުގައި ފާޠިމަތު ޝަފްރަތުގެ އެކައުންޓަށް ފައިސާ ޖަމާވާނެ ކަން ބޭންކަށް ހާމަކޮށްފައިވާނެ ކަމަށެވެ. އަދި ފިރިމީހާގެ ފަރާތުން ފާޠިމަތު ޝަފްރަތުގެ އެކައުންޓަށް ޖަމާކުރި ފައިސާއަކީ ޚިޔާނާތުން ހޯދާފައިވާ ފައިސާ ކަމުގައި އަންދާޒާވެސް ނުކުރެވޭ ކަމަށެވެ.
27ޕްރިސިޑެންސް 3ފާޠިމަތު ޝަފްރަތުގެ އެކައުންޓަށް ޖަމާވެފައިވާ އަމިއްލަ ނޫން ފައިސާގެ ޖުމްލަ ޢަދަދަކީ 195,378.96ރ. (އެއް ލައްކަ ނުވަދިހަފަސް ހާސް ތިން ސަތޭކަ ހަތްދިހަ އަށް ރުފިޔާ ނުވަދިހަ ހަ ލާރި) އެވެ. އެއީ 2014 ވަނަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން 2018 ވަނަ އަހަރުގެ ނޮވެންބަރު މަހާ ހަމައަށް އެކި ދުވަސް މަތިންނެވެ. މިއީ ބޭންކް އޮފް މޯލްޑިވްސް އިން ތަޙުޤީޤު ކޮށްފައިވާ 7 މިލިއަން ރުފިޔާ ހިމެނޭ، އަދި ދޮޅު އަހަރު ދުވަހުގެ ތެރޭގައި ހިނގާދިޔަ އެ ބޭންކަށް ނިސްބަތްވާ އެންމެ ބޮޑު ޚިޔާނާތް ކަމުގައި ބޭންކުގެ ފަރާތުން ފާހަގަކުރެއެވެ. މިފަދަ ޚިޔާނާތުން ހޯދާފައިވާ ފައިސާގެ ނުޙައްޤު މުއްސަނދި ކަމުގައި ފާޠިމަތު ޝަފްރަތުގެ ފިރިމީހާ އުޅެފައިވާއިރު، އެއް ފުރާޅެއްގެ ދަށުގައި ދިރިއުޅޭ ދެމަފިރިންގެ ތެރެއިން އެކަކު ފައިސާ ހޯދާފައިވަނީ ޚިޔާނާތުން ކަން އަންދާޒާ ނުކުރެވޭ ކަމަށް އަނެއް ފަރާތުން ބުނާ ބުނުމަކީ ޤަބޫލު ކުރެވިދާނެ ބުނުމެއް ކަމަކަށް ނުބެލެވެއެވެ.
28ޕްރިސިޑެންސް 5އިސްވެ ބަޔާންވެދިޔަ ސަބަބުތަކަށް ރިޢާޔަތްކުރާއިރު، ފާތިމަތު ޝަރުފަތުއަށް ތުހުމަތު ކުރެވުނީ ފާޅުކަން ބޮޑު ޣައިރު ސުލޫކީ ޢަމަލެއްކަމަށް ވެފައި، އެ ޢަމަލުގެ ނަތީޖާއެއްގެ ގޮތުން ނޯޓިހަކާ ނުލައި ވަޒީފާއިން ވަކިކުރުމުގެ އިޚްތިޔާރު ބޭންކަށް ލިބިފައިވާއިރު، ފާތިމަތު ޝަރުފަތު ވަޒީފާއިން ވަކިކުރުމުގައި މައުޟޫއީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ގާއިމުކޮށްފައިވާކަން އެނގެވެ.
ނިންމަން ފެންނަ ގޮތް
29ބަޔާންވެދިޔަ ސަބަބުތައް އެހެން ހުރުމާއެކު، މި މައްސަލައިގައި މައުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކޮށްފައިވާކަން އެނގެން އޮންނާތީ، ހައިކޯޓުގެ ޙުކުމް ބާޠިލުކަމަށް ކަނޑައަޅައި، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުމަށް ތާއީދުކުރުމަށް ފެނެއެވެ.
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު
30މި މައްސަލައިގައި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު
31މި މައްސަލައިގައި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެބަޔާންވެދިޔަ ސަބަބުތައް އެގޮތުގެ މަތީން ހުރުމުން، ފާޠިމަތު ޝަފްރަތު ވަޒީފާއިން ވަކިކުރުމުގައި ބޭންކް އޮފް މޯލްޑިވްސް އިން މައުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކޮށްފައިވާކަން އެނގެން އޮންނާތީ، ހައިކޯޓުގެ ނަންބަރު 2020/HC-A/239 ޤަޟިއްޔާގެ ނިންމުން ބާޠިލުކޮށް، ވަޒީފާއާއި ބެހޭ ޓްރެބިއުނަލް ގެ ނަންބަރު 166/VTR/2019 ނިންމުމަށް ތާއީދުކޮށް މިމައްސަލަ ސުޕްރީމް ކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ: ޢާއިޝާ ޝުޖޫން މުޙައްމަދު ޢަލީ ރަޝީދު ޙުސައިން މުޙައްމަދު އިބްރާހީމް (ރިޔާސަތު)
1 ކުންފުނި ރަޖިސްޓްރޭޝަން ނަންބަރު C-22/1982
2
3 ބޭންކް އޮފް މޯލްޑިވްސްގެ ނަންބަރު HR/CDL/003/2019 ސިޓީ
4 ބޭންކް އޮފް މޯލްޑިވްސްގެ ނަންބަރު HR/CDL/020/2019 ސިޓީ
5 ބޭންކް އޮފް މޯލްޑިވްސްގެ ނަންބަރު HR/CDL/037/2019 ސިޓީ
6 ޤާނޫނު ނަންބަރު 2008/2
7 ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/49 ޤަޟިއްޔާ
8 3.1 Serious / gross misconduct
1. Theft, fraud or dishonesty
6. Any act or omission that leads to breach of trust and / or confidence, whether or not during working hours, which by any reasonable standard damages the basis of the employment agreement such that the employment cannot be contained.
8. Any action that may lead the public to lose trust and / or confidence in the Bank or that damages the reputation of the Bank.
9 އާމިނަތު އަރީޖު ޙުސައިން ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް [2021] SC 35 ޤަޟިއްޔާ، ޢަލީ ޢައްޒާމް އަދި އިތުރު 4 ފަރާތެއް ވ. މޯލްޑިވްސް އިންފްލައިޓް ކޭޓަރިންގ ޕްރައިވެޓް ލިމިޓެޑް [2022] SC 88 ޤަޟިއްޔާ އަދި އިސްމާޢީލް ސިވާން ވ. މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް [2023] SC 28 ޤަޟިއްޔާ ހިމެނޭ
10 ސުޕްރީމް ކޯޓުގެ ސަންލޭންޑް ޓްރެވަލް ޕްރައިވެޓް ލިމިޓެޑް ވ. އަންޖަލީން މޭރީ ނާޒިއު (ނަންބަރު 2017/SC-A/44) ޤަޟިއްޔާ
11 އޭގެ ތެރޭގައި ހިމެނެނީ، ކާޑް ސަރވިސަސް އަދި ސެކިއުރިޓީ އެންޑް ޑިސްޕިއުޓް މެނޭޖްމަންޓް ޔުނިޓްއެވެ؛ 24 ޖޫން 2020 ގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ބޭންކް އޮފް މޯލްޑިވްސް ގެ ފަރާތުން ދީފައިވާ ބަޔާން، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 166/VTR/2019 މައްސަލަ ނިމުނުގޮތުގެ ރިޕޯޓު، ސ. 185
12 ޤާނޫނު ނަންބަރު 10/2014
13 ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ޑޮކިއުމަންޓް 11 ގެ ގޮތުގައި ހުށަހަޅާފައިވާ ފާޠިމަތު ޝަފްރަތުގެ ބަޔާން، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 166/VTR/2019 މައްސަލަ ނިމުނުގޮތުގެ ރިޕޯޓު، ސ. 187
14 އބމ 11
2019/SC-A/300 [2021] SC 778
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާ
- ބޭންކް އޮފް މޯލްޑިވްސްގެ ޑިސިޕްލިނަރީ އެންޑް ގްރީވަންސް ޕްރޮސީޖަރގެ 3.1(1)، 3.1(6) އަދި 3.1(8)
- [2021] SC 35 (އާމިނަތު އަރީޖު ޙުސައިން ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
- [2022] SC 88 (ޢަލީ ޢައްޒާމް އަދި އިތުރު 4 ފަރާތެއް ވ. މޯލްޑިވްސް އިންފްލައިޓް ކޭޓަރިންގ ޕްރައިވެޓް ލިމިޓެޑް)
- [2023] SC 28 (އިސްމާޢީލް ސިވާން ވ. މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް)
- 2017/SC-A/44 (ސަންލޭންޑް ޓްރެވަލް ޕްރައިވެޓް ލިމިޓެޑް ވ. އަންޖަލީން މޭރީ ނާޒިއު)
- ބެންޗު
- ޢަލީ ރަޝީދު ޙުސައިން، ޢާއިޝާ ޝުޖޫން މުޙައްމަދު، ޑރ. މުޙައްމަދު އިބްރާހީމް
- ރައުޔު ލިޔުނު ފަނޑިޔާރު
- ޢަލީ ރަޝީދު ޙުސައިން · ތާއީދުކުރެއްވީ: ޢާއިޝާ ޝުޖޫން މުޙައްމަދު
- ޚިލާފު ރައުޔު
- ނެތް
- މި ކޯޓުގައި
- ހުށަހެޅުނީ 1 ޖޫން 2022 · ރަޖިސްޓްރީކުރީ 22 ޖޫން 2022 · ނިމުނީ 17 މާރިޗު 2025 (32.8 މަސް)