ސައިޓޭޝަން ކޮޕީ ކުރުމަށް
[2021] SC 90
އަތަމާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ވ. ނެތް، [2021] SC 90 (2021/SC-A/22)
Athamaa Investment Private Limited v. Not specified [2021] SC 90 (2021/SC-A/22, Supreme Court of the Maldives, 3 October 2021)
އަތަމާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ވ. ނެތް
މައްސަލައިގެ ޚުލާޞާ
ރަޖިސްޓްރާރގެ ނިންމުން އަލުން ބަލައިދިނުމަށް އެދުނު ހުށަހެޅުން ސިވިލް ކޯޓުގެ އިސްޤާޟީ ބަލައިނުގަތީ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 61 ވަނަ މާއްދާގެ (ށ) ގައިވާ ހަތް ދުވަހުގެ މުއްދަތު ފާއިތުވުމަށްފަހު ހުށަހެޅި ކަމަށް ބުނެއެވެ. އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފުކުރުމުން، ދުވަސް ގުނާފައިވަނީ މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 35 ވަނަ މާއްދާގެ (ނ) އާ ޚިލާފަށް ކަމަށް ހައިކޯޓުން ކަނޑައެޅި ނަމަވެސް، ރަޖިސްޓްރާރ ފާހަގަކުރި އެހެން ސަބަބުތަކަށް ބަލައި މައްސަލަ ސިވިލް ކޯޓަށް އަލުން މުރާޖަޢާކުރަން ނުފޮނުވަން ނިންމިއެވެ. ހައިކޯޓުގެ އެ ޙުކުމް އަތަމާ އިންވެސްޓްމަންޓުން ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރުމުން މި މައްސަލަ ސުޕްރީމް ކޯޓަށް އައީއެވެ.
ނ. މާވެލާވަރުގައި ރިސޯޓެއް ތަރައްޤީކުރުމަށް ސްޓޭޓް ބޭންކް އޮފް އިންޑިޔާ (މާލޭ ބްރާންޗް) އިން ނެގި ލޯނާ ގުޅިގެން، ރަހުނު ވިއްކާލުމުގެ ބަދަލުގައި އިންޓްރެސްޓް ނެގުމުގެ މަޤްޞަދުގައި ބޭންކުން ޢަމަލުކޮށް އެއްބަސްވުމާ ޚިލާފުވެފައިވާ ކަމަށް ބުނެ، އަތަމާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން 04 ސެޕްޓެންބަރު 2019 ގައި ސިވިލް ކޯޓަށް ދަޢުވާއެއް ހުށަހެޅިއެވެ. ސިވިލް ކޯޓުގެ ރަޖިސްޓްރާރ އެ ދަޢުވާ ބަލައިނުގަތީ، އެ މައްސަލައަކީ ނިހާއީވެފައިވާ 2384/Cv-C/2011 ޤަޟިއްޔާގެ މައުޟޫޢުގައި ހުށަހެޅެން އޮތް ނުކުތާއެއް ކަމަށާއި، އައު ނުކުތާއެއް އޮތްނަމަ ތަންފީޛީ ޤަޟިއްޔާ 1950/Cv-C/2011 ގައި ހުށަހެޅިދާނެ ކަމަށް ބުނެއެވެ.
ސިވިލް ކޯޓުގެ އިސްޤާޟީ ނިންމާފައިވަނީ ހަމައެކަނި މުއްދަތުގެ މައްޗަށް ކަމުން ހައިކޯޓަށް އިސްތިއުނާފުކުރެވުނީވެސް މުއްދަތު ގުނުމުގެ ޚުޞޫމަތަށް އެކަނި ކަމަށާއި، އިސްޤާޟީ ގޮތް ކަނޑައަޅާފައި ނުވާ ސަބަބުތަކަށް ބިނާކޮށް ހައިކޯޓުން މައްސަލަ ނިންމީ ކަންހިނގާފައިވާ ގޮތަށް އެކަށީގެންވާ ވަރަށް ނުބަލާ ކަމަށް އަތަމާ އިންވެސްޓްމަންޓުން ބުންޏެވެ. އިސްތިއުނާފުކުރެވުނު ފަރާތުގެ ހުށަހެޅުންތައް ޙުކުމުގައި ބަޔާންކޮށްފައެއް ނުވެއެވެ.
މައިގަނޑު ސުވާލު
ރަޖިސްޓްރާރގެ ނިންމުން އަލުން ބަލައިދިނުމަށް އެދި ހުށަހެޅި މުއްދަތު ގުނުމުގައި ސިވިލް ކޯޓަށް ގޯހެއް ހިނގާފައިވާކަން ކަނޑައަޅާފައި ވަނިކޮށް، އިސްތިއުނާފުކުރެވުނު ނިންމުމުގައި ގޮތް ކަނޑައަޅާފައި ނުވާ މައުޟޫޢީ ސަބަބުތަކަށް ބިނާކޮށް މައްސަލަ ސިވިލް ކޯޓަށް އަލުން މުރާޖަޢާކުރަން ނުފޮނުވަން ހައިކޯޓުން ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށްތޯ.
ނިންމި ގޮތް
ހައިކޯޓުގެ ޙުކުމުގެ ބައެއް ބާޠިލު (އިއްތިފާޤުން)
ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 60 ވަނަ މާއްދާއާއި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 61 ވަނަ މާއްދާގެ ދަށުން ރަޖިސްޓްރާރަށް ލިބިގެންވާ ބާރާއި، އެ ނިންމުން އަލުން ބެލުމުގެ އިޖުރާއަތާއި، އިސްޤާޟީގެ ނިންމުމަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 38 ވަނަ މާއްދާގެ ދަށުން ހައިކޯޓަށް އިސްތިއުނާފުކުރެވޭ ނިންމުމެއްކަން ކޯޓުން ބަޔާންކުރިއެވެ. ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާއާއި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 33 ވަނަ މާއްދާގެ (ރ) އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާއިދު 2011 ގެ 47 ވަނަ މާއްދާގެ (ށ) ގެ އަލީގައި، މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 35 ވަނަ މާއްދާގެ (ނ) ގެ ދަށުން ދުވަސް ގުނުމާ ބެހޭގޮތުން ހައިކޯޓުން ނިންމީ ރަނގަޅަށް ކަމަށާއި، ނަމަވެސް އިސްތިއުނާފުކުރެވުނު ނިންމުމުގައި ގޮތް ކަނޑައަޅާފައި ނުވާ އަދި އިސްތިއުނާފު ނުކުރާ ކަންކަމުގެ މައްޗަށް ހައިކޯޓުން ގޮތް ކަނޑައެޅީ ޤާނޫނާ ޚިލާފަށް ކަމަށް ކޯޓުން ކަނޑައެޅިއެވެ. އެހެންކަމުން، މައްސަލަ އަލުން މުރާޖަޢާކުރަން ފޮނުވަން ނުޖެހޭ ކަމަށް ހައިކޯޓުން ކަނޑައެޅި ބައި ބާޠިލުކޮށް، ރަޖިސްޓްރާރގެ ނިންމުން އަލުން ބަލައިދިނުމަށް އެދި 03 އޮކްޓޫބަރު 2021 އިން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ހުށަހެޅުމުގެ ފުރުޞަތު އަތަމާ އިންވެސްޓްމަންޓަށް ދީ، ފަނޑިޔާރުންގެ އިއްތިފާޤުން ނިންމިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ސިވިލް ކޯޓުގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ މައްސަލަތައް ކޯޓަށް ބަލައިގަތުމާއި، ކޯޓަށް ހުށަހެޅޭ މައްސަލަތަކާއި ލިޔެކިޔުންތައް ހުށަހެޅިފައިވަނީ ކޯޓުގެ ގަވާއިދާ އެއްގޮތަށްތޯ ކަށަވަރުކުރުމާއި، ހުށަހެޅިފައިވާ މައްސަލައަކީ ނުވަތަ ލިޔެކިޔުމަކީ އެ (ކޯޓުގެ) ގަވާއިދާ ޚިލާފަށް ހުށަހެޅިފައިވާ މައްސަލައެއް ނުވަތަ ލިޔުމެއްނަމަ، އެ މައްސަލައެއް ނުވަތަ ލިޔުމެއް، އެ ގަވާއިދާ އެއްގޮތަށް އިޞްލާޙުކުރުމަށް އެންގުމުގެ ނުވަތަ އެ މައްސަލައެއް ނުވަތަ ލިޔުމެއް ބަލައިނުގަތުމަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުން ކޯޓުގެ ރަޖިސްޓްރާރަށް ލިބިގެންވާ އިޚްތިޔާރީ ބާރެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 8)
- މައްސަލައެއް ހުށަހެޅުމުން، އެ މައްސަލައާމެދު ރަޖިސްޓްރާރ ނިންމިގޮތާމެދު (ނުވަތަ އެނޫންވެސް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހަދާ ގަވާއިދެއްގެ ދަށުން ބާރުލިބިގެން ރަޖިސްޓްރާރ ކުރާ އެއްވެސް ކަމަކާމެދު، ނުވަތަ ނިންމާ ނިންމުމަކާމެދު) ހިތްހަމަނުޖެހޭނަމަ، އަލުން އެ ނިންމުމެއް ބަލައިދިނުމަށް އެދި އެ ކޯޓަކަށް ހުށަހެޅުމުގެ އިޚްތިޔާރު، އެ ނިންމުމަކާ ގުޅުންހުރި ކޮންމެ ފަރާތަކަށްވެސް ލިބިގެންވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 9)
- ރަޖިސްޓްރާރގެ ނިންމުންތައް އަލުން ބަލައިދިނުމަށް އެދި، އެ ނިންމުން ނިންމި ތާރީޚުން ފެށިގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި ހުށަހަޅައިފިނަމަ، އެ ހުށަހެޅުމާމެދު ކޯޓުން ގޮތް ކަނޑައަޅަމުން އަންނަނީ ކޯޓުގެ އިސްޤާޟީއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 9)
- ރަޖިސްޓްރާރގެ ނިންމުން އަލުން ބެލުމަށްފަހު، އިސްޤާޟީގެ ނިންމުމަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 38 ވަނަ މާއްދާގައިވާ ފަދައިން ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރެވޭ ނިންމުމެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 9)
- ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގައި، ހައިކޯޓުން މައްސަލަތައް ބަލާނީ ދަށު ކޯޓުގައި ހުށަހެޅި ހެކިތަކާއި ދިފާޢުތަކަކީ އަސާސްކަމުގައި ބަލައިގެން ކަމުގައި ބަޔާންކޮށްފައިވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 10)
- ދަށު ކޯޓުގައި ބެލިއިރު ނުބެލި ހުރި ކަންތައްތަކެއް ހުރިކަމަށް ހައިކޯޓުގައި މައްސަލަ ބަލާ ފަނޑިޔާރުންނަށް ފާހަގަކުރެވިގެން އެ މައްސަލަ އަލުން ބެލުމުގެ މަޞްލަޙަތު ބޮޑުކަމަށް ފެނިއްޖެނަމަ، ދަށު ކޯޓުގައި އެ މައްސަލަ ބަލަންޖެހޭ ޤާނޫނީ އުސޫލުތައް ކަނޑައަޅައި، އެ މައްސަލަ ބެލުމަށްޓަކައި، އެ މައްސަލަ ބެލި ދަށު ކޯޓަށް ފޮނުވުން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގައި ހިމަނާފައިވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 10)
- ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 33 ވަނަ މާއްދާގެ (ރ) ގައި ހައިކޯޓަށް އިސްތިއުނާފަށް ހުށަހެޅި މައްސަލައެއްގައި އިސްތިއުނާފު ކުރިއިރު ހުށަހެޅި ނުކުތާތައް ފިޔަވައި، އިސްތިއުނާފުކުރުމަށް ހުށަހެޅިފައިވާ މައްސަލައިގައި އާ ހުށަހެޅުންތަކެއް ހުށަހެޅި ކަމުގައިވީނަމަވެސް، އެ މައްސަލަ ހައިކޯޓުން ބެލުމުގައި އެ ނުކުތާތައް ބަލައިނުދެވޭނެ ކަމަށް ހައިކޯޓުގެ އިސްނެގުމުގައި ކަނޑައަޅަންވާނެ ކަމުގައި ބަޔާންކޮށްފައިވެއެވެ. މިކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާއިދު 2011 ގެ 47 ވަނަ މާއްދާގެ (ށ) ގައިވެސް ނަކަލުކޮށްފައިވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 11)
- އިސްތިއުނާފު ކުރެވުނު ނިންމުމުގައި ގޮތް ކަނޑައަޅާފައިނުވާ އަދި އިސްތިއުނާފު ކޮށްފައިނުވާ ކަންކަމުގެ މައްޗަށް ހައިކޯޓުން ގޮތް ކަނޑައަޅާފައިވަނީ އެކަންކުރުމަށް ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތާއި ޚިލާފަށް ކަމުގައި އަހުރެން ދެކެމެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 20)
އަތަމާ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު (ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ތާއީދު ކުރައްވާފައި)
1މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު2020/HC-A/85 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި އަތަމާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް (މީގެ ފަހުން "އަތަމާ އިންވެސްޓްމަންޓް" ނުވަތަ "އިސްތިއުނާފު ކުރާ ފަރާތް") ގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން، މި ކޯޓުން ބެލި އިސްތިއުނާފީ މައްސަލައެކެވެ. މި މައްސަލައިގައި މި ކޯޓުން ގޮތް ކަނޑައަޅަންޖެހޭ މައިގަނޑު ކަމަކީ، މި މައްސަލަ ސިވިލް ކޯޓުގެ އިސްޤާޟީ ނިންމަވާފައިވާ ނިންމުން އެކަމެއްގެ މައްޗަށް ބިނާވާ ކަންކަން ނޫން، އެ ނިންމުމުގައި ފާހަގަކޮށްފައިވާ (އެ ކަންކަމުގެ މައްޗަށް ނިންމުންގައި ގޮތެއް ކަނޑައަޅާފައި ނުވާ) މައުޟޫޢީ ކަންކަން، އަލުން މުރާޖަޢާކުރުމަށް ސިވިލް ކޯޓަށް ފޮނުވާނެ ތަނެއް ނެތް ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށްކަން ނުވަތަ ނޫންކަމުގެ މައްޗަށެވެ.
2ނ. އަތޮޅު މާވެލާވަރުގައި ރިސޯޓެއް ތަރައްޤީ ކުރުމަށްޓަކައި އަތަމާ އިންވެސްޓްމަންޓްގެ ފަރާތުން ސްޓޭޓް ބޭންކް އޮފް އިންޑިޔާ (މާލޭ ބްރާންޗް) (މީގެ ފަހުން " އެސް.ބީ.އައި") އިން ނަގާފައިވާ US$20,000,00.00 (ވިހި މިލިޔަން އެމެރިކާ ޑޮލަރު) ގެ ލޯނު ފައިސާ އަނބުރާ ހޯދުމަށް އެސް.ބީ.އައި އިން ހުށަހެޅުމާ ގުޅިގެން، އެ ލޯނުތަކާއި ގުޅިގެން އަތަމާ އިންވެސްޓްމަންޓުން ރަހުނުކޮށްފައިވާ ނ. މާވެލާވަރު އެވެ ކިޔާ ރަށުގެ މައްޗަށް އަތަމާ އިންވެސްޓްމަންޓަށް ލިބިފައިވާ ޙައްޤުތައް (މީގެ ފަހުން "ރަހުނު") ވިއްކާލުމަށްފަހު އެ ފައިސާ ހޯދުމާމެދު އިޢުތިރާޟެއް ނެތްކަމަށް އަތަމާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން 08 ޖުލައި 2010 ގައި އެސް.ބީ.އައި ގައި ބުނެފައިވާހިނދު، ރަހުނު ވިއްކާލުމުގެ ބަދަލުގައި އިންޓްރެސްޓް ނެގުމުގެ މަޤްޞަދުގައި އަތަމާ އިންވެސްޓްމަންޓަށް ގެއްލުން ލިބޭގޮތަށް ޢަމަލުކޮށް، ދެފަރާތުގެ މެދުގައި ވެފައިވާ އެއްބަސްވުމާ ޚިލާފުވެފައިވާ ކަމަށް ބުނެ، އަތަމާ އިންވެސްޓްމަންޓްގެ ފަރާތުން އެސް.ބީ.އައި.ގެ މައްޗަށް ދަޢުވާކުރުމަށް 04 ސެޕްޓެންބަރު 2019 ގައި ސިވިލް ކޯޓަށް މައްސަލައެއް ހުށަހެޅިއެވެ.
3އަތަމާ އިންވެސްޓްމަންޓުން ބުނެވުނު މައްސަލަ ހުށަހެޅުމުން، ރަޖިސްޓްރާރގެ ނިންމުން ނަންބަރު 144-REG/2019/112 (12 ސެޕްޓެންބަރު 2019) (މީގެ ފަހުން "ރަޖިސްޓްރާރގެ ނިންމުން") އިން ސިވިލް ކޯޓުގެ ރަޖިސްޓްރާރ ނިންމާފައިވަނީ، ދަޢުވާގައި ހިމެނޭ ނަންބަރު ADV/47 ފެސިލިޓީ އާއި، ނަންބަރު ADV/347 ފެސިލިޓީ އަދި ނަންބަރު ADV/361 ފެސިލިޓީއަކީ ސިވިލް ކޯޓުގެ ނަންބަރު 2384/Cv-C/2011 ޤަޟިއްޔާގައި ބަލައި ފައިސަލާކޮށް، ނިހާއީ ވެފައިވާ ޤަޟިއްޔާއެއް ކަމުގައިވާތީ އާއި، އެ ޤަޟިއްޔާގައި ރަހުނު ވިއްކާލުމުގެ ހުއްދަ ލިބިދީފައިވާތީ، އަދި އެކަން ހިމެނޭ ގޮތުން އެ މައްސަލައިގެ ތަންފީޒީ ޤަޟިއްޔާ ސިވިލް ކޯޓުގެ ނަންބަރު 1950/Cv-C/2011 ޤަޟިއްޔާއިން ބަލަމުންދާތީ، އަތަމާ އިންވެސްޓްމަންޓުން (މިހާރު ދަޢުވާކުރުމަށް) ހުށަހަޅާފައިވާ މައްސަލައަކީ، ސިވިލް ކޯޓުގެ ނަންބަރު 2384/Cv-C/2011 ޤަޟިއްޔާގެ މައުޟޫޢުގައި ހުށަހެޅެން އޮތް ނުކުތާއެއް ކަމާއި، އަދި ދައްކަންޖެހޭ ފައިސާގެ ޢަދަދު ހިސާބުކުރުމުގައި މިހާތަނަށް ފައިސަލާކޮށްފައި ނެތް އައު ނުކުތާއެއް އޮތްނަމަ، ސިވިލް ކޯޓުގެ ނަންބަރު 1950/Cv-C/2011 ޤަޟިއްޔާގައި، ޝަރީޢަތުން ހުއްދަދޭ ގޮތެއްގެ މަތިން އެ ނުކުތާ ހުށަހެޅިދާނެ ކަމަށެވެ. އަދި އެސަބަބުތަކަށްޓަކައި އަތަމާ އިންވެސްޓްމަންޓުން ހުށަހެޅި މައްސަލަ ބަލައި ނުގަތުމަށެވެ.
4އިސްވެބުނެވުނު، ރަޖިސްޓްރާރގެ ނިންމުން އަލުން ބަލައިދިނުމަށް އެދި އަތަމާ އިންވެސްޓްމަންޓުން ހުށަހެޅުމުން، ސިވިލް ކޯޓުގެ ނަންބަރު 10/RNA/2019 ރަޖިސްޓްރާރގެ ނިންމުން އަލުންބަލައި ނިންމިގޮތް (މީގެ ފަހުން "ރަޖިސްޓްރާރގެ ނިންމުން އަލުންބަލައި ނިންމިގޮތް") އިން 30 ޑިސެމްބަރ 2019 ގައި ސިވިލް ކޯޓުގެ އިސްޤާޟީ ނިންމާފައިވަނީ، ރަޖިސްޓްރާރގެ ނިންމުމާމެދު ހިތްހަމަނުޖެހޭނަމަ، އެ ނިންމުމެއް ބަލައިދިނުމަށް ހުށަހެޅޭނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 61 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ 7 (ހަތެއް) ދުވަހުގެ ތެރޭގައި ކަމަށްވެފައި، އެ މުއްދަތުގެ ތެރޭގައި އަތަމާ އިންވެސްޓްމަންޓުން ރަޖިސްޓްރާރގެ ނިންމުން ބަލައިދިނުމަށް އެދި ހުށަހަޅާފައިނުވާތީ އެ މައްސަލަ ބަލައިގަނެވެން ނެތްކަމަށެވެ.
5ރަޖިސްޓްރާރގެ ނިންމުން އަލުންބަލައި ނިންމިގޮތް އަތަމާ އިންވެސްޓްމަންޓުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން އެ ކޯޓުގެ ނަންބަރު 2020/HC-A/85 ޤަޟިއްޔާއިން އެ މައްސަލަ ބަލާފައިވެއެވެ.
6ހައިކޯޓުގެ ނަންބަރު 2020/HC-A/85 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓުން، އެ ކޯޓުގައި އެ މައްސަލަ ނިންމާފައިވަނީ އަންނަނިވި ކަންކަމުގެ މައްޗަށް ބިނާކޮށްކަން އެނގެން އޮވެއެވެ.
1. އަތަމާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ރަޖިސްޓްރާރގެ ނިންމުމާމެދު ހިތްހަމަނުޖެހިގެން، އަލުން އެ ނިންމުން ބަލައިދިނުމަށް އެދި 23 ސެޕްޓެންބަރު 2019 ގައި ހުށަހަޅާފައިވާއިރު، ރަޖިސްޓްރާރގެ ނިންމުން ބަލައިދިނުމަށް ހުށަހަޅަންޖެހޭ އެންމެފަހުގެ ތާރީޚަކީ 24 ސެޕްޓެންބަރު 2019 ކަން އެނގޭތީ، ރަޖިސްޓްރާރގެ ނިންމުން އަލުން ބަލައިދިނުމަށް ހުށަހަޅާފައިވަނީ ޤާނޫނުގައި ބަޔާންކުރާ މުއްދަތު ހަމަވުމަށްފަހުގައި ކަމަށް ސިވިލް ކޯޓުން ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށް ނޫންކަން؛ އަދި
2. އަތަމާ އިންވެސްޓްމަންޓުގެ ފަރާތުން ހުށަހަޅާފައިވާ ކަންކަމަކީ، ސިވިލް ކޯޓުގައި ހިންގަމުންދާ އެ ކޯޓުގެ ނަންބަރު 1950/Cv-C/2019 ޤަޟިއްޔާގައި ޝަރީޢަތުން ހުއްދަދެވޭ ގޮތެއްގެމަތިން އެ ނުކުތާއެއް ހުށަހެޅިދާނެ ކަންކަން ކަމުގައި ވާތީއާއި، ވަކި މައުޟޫޢުއެއްގެ ގޮތުގައި މި މައްސަލަ ބެލުމަކީ ތަންފީޒުކުރެވޭ ޙުކުމް ތަންފީޒުކުރުން ފަސްކުރުމަށް އޭގެ ސަބަބު މެދުވެރިވެދާނެ އަދި އެ ޙުކުމަށް އަސަރު ފޯރުވުމަށް މަގުފަހިވާގޮތަށް އޮތްކަމެއްކަން އެންގެން އޮންނާތީ، މުއްދަތާ ގުޅޭގޮތުން ނިންމި ނިންމުން ބާޠިލުކުރުމަކީ، މި މައްސަލަ އަލުން މުރާޖަޢާކުރަން ދަށު ކޯޓަށް ފޮނުވާނެ ސަބަބެއް ނޫންކަން.
7ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-A/85 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށްބުނެ، އެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި އަތަމާ އިންވެސްޓްމަންޓްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ 01 (އެކެއް) ސަބަބެވެ. އެއީ، ސިވިލް ކޯޓުގެ ނަންބަރު 10/RNA/2019 ރަޖިސްޓްރާރގެ ނިންމުން އަލުންބަލައި ނިންމިގޮތުގައި، އަތަމާ އިންވެސްޓްމަންޓްގެ ފަރާތުން ހުށަހެޅި މައްސަލަ ބަލައި ނުގަނެވޭނެ ސަބަބުތައް ކަމުގައި ސިވިލް ކޯޓުގެ އިސްޤާޟީ ފާހަގަކޮށްފައިވާ އެހެން ސަބަބުތަކެއް ދިވެހިރާއްޖޭގެ ހައިކޯޓުން މާނަކޮށް، އެ މޭރުމުން ހައިކޯޓުން މައްސަލަ ނިންމުމަކީ މައްސަލައިގައި ކަންހިނގާފައިވާ ގޮތަށް އެކަށީގެންވާ ވަރަށް ބެލުމެއްނެތި ނިންމާފައިވާ ނިންމުމެއް ކަމަށެވެ. އަތަމާ އިންވެސްޓްމަންޓްގެ ފަރާތުން މިކަން މިފަދައިން ފާހަގަކުރާ ސަބަބަކީ، އެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުނު ކަންތައްތައް ރަޖިސްޓްރާރ ބަލައިނުގަތުމަށް ނިންމާފައިވާ ސަބަބުތަކަށް އިސްޤާޟީ ގޮތް ކަނޑައަޅުއްވާފައި ނުވާތީ ކަމެވެ.
8ޕްރިސިޑެންސް 1ސިވިލް ކޯޓުގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ މައްސަލަތައް ކޯޓަށް ބަލައިގަތުމާއި، ކޯޓަށް ހުށަހެޅޭ މައްސަލަތަކާއި ލިޔެކިޔުންތައް ހުށަހެޅިފައިވަނީ ކޯޓުގެ ގަވާއިދާ އެއްގޮތަށްތޯ ކަށަވަރުކުރުމާއި، ހުށަހެޅިފައިވާ މައްސަލައަކީ ނުވަތަ ލިޔެކިޔުމަކީ އެ (ކޯޓުގެ) ގަވާއިދާ ޚިލާފަށް ހުށަހެޅިފައިވާ މައްސަލައެއް ނުވަތަ ލިޔުމެއްނަމަ، އެ މައްސަލައެއް ނުވަތަ ލިޔުމެއް، އެ ގަވާއިދާ އެއްގޮތަށް އިޞްލާޙުކުރުމަށް އެންގުމުގެ ނުވަތަ އެ މައްސަލައެއް ނުވަތަ ލިޔުމެއް ބަލައިނުގަތުމަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުން ކޯޓުގެ ރަޖިސްޓްރާރަށް ލިބިގެންވާ އިޚްތިޔާރީ ބާރެކެވެ.
9ޕްރިސިޑެންސް 2ޕްރިސިޑެންސް 3ޕްރިސިޑެންސް 4މައްސަލައެއް ހުށަހެޅުމުން، އެ މައްސަލައާމެދު ރަޖިސްޓްރާރ ނިންމިގޮތާމެދު (ނުވަތަ އެނޫންވެސް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހަދާ ގަވާއިދެއްގެ ދަށުން ބާރުލިބިގެން ރަޖިސްޓްރާރ ކުރާ އެއްވެސް ކަމަކާމެދު، ނުވަތަ ނިންމާ ނިންމުމަކާމެދު) ހިތްހަމަނުޖެހޭނަމަ، އަލުން އެ ނިންމުމެއް ބަލައިދިނުމަށް އެދި އެ ކޯޓަކަށް ހުށަހެޅުމުގެ އިޚްތިޔާރު، އެ ނިންމުމަކާ ގުޅުންހުރި ކޮންމެ ފަރާތަކަށްވެސް ލިބިގެންވެއެވެ. އަދި މިފަދައިން، ރަޖިސްޓްރާރގެ ނިންމުންތައް އަލުން ބަލައިދިނުމަށް އެދި، އެ ނިންމުން ނިންމި ތާރީޚުން ފެށިގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި ހުށަހަޅައިފިނަމަ، އެ ހުށަހެޅުމާމެދު ކޯޓުން ގޮތް ކަނޑައަޅަމުން އަންނަނީ ކޯޓުގެ އިސްޤާޟީއެވެ. އަދި މި ގޮތުގެމަތިން ރަޖިސްޓްރާރގެ ނިންމުން އަލުން ބެލުމަށްފަހު، އިސްޤާޟީގެ ނިންމުމަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 38 ވަނަ މާއްދާގައިވާ ފަދައިން ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރެވޭ ނިންމުމެކެވެ.
10ޕްރިސިޑެންސް 5ޕްރިސިޑެންސް 6ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ބެލުމުގައި ގެންގުޅެންޖެހޭ ވަކި އުސޫލެއް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގައި ބަޔާންކޮށްފައި އޮވެއެވެ. އެގޮތުން، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގައި، ހައިކޯޓުން މައްސަލަތައް ބަލާނީ ދަށު ކޯޓުގައި ހުށަހެޅި ހެކިތަކާއި ދިފާޢުތަކަކީ އަސާސްކަމުގައި ބަލައިގެން ކަމުގައި ބަޔާންކުރުމުގެ އިތުރުން، ދަށު ކޯޓުގައި ބެލިއިރު ނުބެލި ހުރި ކަންތައްތަކެއް ހުރިކަމަށް ހައިކޯޓުގައި މައްސަލަ ބަލާ ފަނޑިޔާރުންނަށް ފާހަގަކުރެވިގެން އެ މައްސަލަ އަލުން ބެލުމުގެ މަޞްލަޙަތު ބޮޑުކަމަށް ފެނިއްޖެނަމަ، ދަށު ކޯޓުގައި އެ މައްސަލަ ބަލަންޖެހޭ ޤާނޫނީ އުސޫލުތައް ކަނޑައަޅައި، އެ މައްސަލަ ބެލުމަށްޓަކައި، އެ މައްސަލަ ބެލި ދަށު ކޯޓަށް ފޮނުވުން ހިމަނާފައިވެއެވެ.
11ޕްރިސިޑެންސް 7ހަމަ އެއާއެކު، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 33 ވަނަ މާއްދާގެ (ރ) ގައި ހައިކޯޓަށް އިސްތިއުނާފަށް ހުށަހެޅި މައްސަލައެއްގައި އިސްތިއުނާފު ކުރިއިރު ހުށަހެޅި ނުކުތާތައް ފިޔަވައި، އިސްތިއުނާފުކުރުމަށް ހުށަހެޅިފައިވާ މައްސަލައިގައި އާ ހުށަހެޅުންތަކެއް ހުށަހެޅި ކަމުގައިވީނަމަވެސް، އެ މައްސަލަ ހައިކޯޓުން ބެލުމުގައި އެ ނުކުތާތައް ބަލައިނުދެވޭނެ ކަމަށް ހައިކޯޓުގެ އިސްނެގުމުގައި ކަނޑައަޅަންވާނެ ކަމުގައި ބަޔާންކޮށްފައިވެއެވެ. އަދި މިކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާއިދު 2011 ގެ 47 ވަނަ މާއްދާގެ (ށ) ގައިވެސް ނަކަލުކޮށްފައިވެއެވެ.
12އަތަމާ އިންވެސްޓްމަންޓްގެ ފަރާތުން 04 ސެޕްޓެންބަރު 2019 ގައި ސިވިލް ކޯޓަށް މައްސަލައެއް ހުށަހެޅުމުން، އެ މައްސަލަ ސިވިލް ކޯޓަށް ބަލައިނުގަތުމަށް އެ ކޯޓުގެ ރަޖިސްޓްރާރ ނިންމާފައިވަނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 60 ވަނަ މާއްދާއިން ރަޖިސްޓްރާރަށް ލިބިގެންވާ އިޚްތިޔާރީ ބާރުގެ ތެރެއިންނެވެ.
13ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް 12 ސެޕްޓެންބަރު 2019 ގައި އެ ކޯޓުގެ ރަޖިސްޓްރާރ ނިންމުމުން، އެ ނިންމުން އަލުން ބަލައިދިނުމަށް އެދި 23 ސެޕްޓެންބަރު 2019 ގައި އަތަމާ އިންވެސްޓްމަންޓްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވަނީ، މައްސަލަ ހުށަހެޅި ފަރާތުގެ ހައިސިއްޔަތުން އެ ފަރާތަށް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 61 ވަނަ މާއްދާގެ (ހ) އިން ލިބިދޭ އިޚްތިޔާރުގެ ދަށުންނެވެ.
14ރަޖިސްޓްރާރގެ ނިންމުން އަލުން ބަލައިދިނުމަށް އެދި ހުށަހެޅުމުން، އެ ފަދައިން އެދި އަތަމާ އިންވެސްޓްމަންޓްގެ ފަރާތުން ހުށަހަޅާފައިވަނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 61 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މުއްދަތު ފާއިތުވި ފަހުން ކަމުން، މައްސަލަ އަލުން ބަލައިދިނުމަށް އެދި ހުށަހަޅާފައިވާ ކަންކަމުގެ މައްޗަށް ގޮތެއް ކަނޑައެޅޭނެ ތަނެއް ނެތްކަމުގައި ސިވިލް ކޯޓުން 30 ޑިސެންބަރު 2019 ގައި ކަނޑައެޅިއެވެ.
15އެހެންކަމުން، ސިވިލް ކޯޓުން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 61 ވަނަ މާއްދާގެ (ށ) އާ ޙަވާލާދީ ދުވަސް ގުނާފައިވަނީ މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 35 ވަނަ މާއްދާގެ (ނ) އާއި ޚިލާފަށް ކަމުގައި ބުނެ، ސިވިލް ކޯޓުން ރަޖިސްޓްރާރގެ ނިންމުން އަލުންބަލައި ނިންމިގޮތް އަތަމާ އިންވެސްޓްމަންޓްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.
16ބުނެވުނު އިސްތިއުނާފީ މައްސަލަ، 12 މާރިޗު 2020 ގައި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު2020/HC-A/85 ޤަޟިއްޔާގެ ގޮތުގައި ރަޖިސްޓަރީ ކުރެވުނެވެ.
1708 ނޮވެންބަރު 2020 ގައި އިއްވި ހައިކޯޓުގެ ނަންބަރު 2020/HC-A/85 ޤަޟިއްޔާގެ ޙުކުމުގައި، އިސްތިއުނާފަށް ހުށަހެޅުނު މުއްދަތާއި ގުޅޭ ކަންކަން ސިވިލް ކޯޓުން މާނަކޮށްފައިވަނީ މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 35 ވަނަ މާއްދާގެ (ނ) އާއި ޚިލާފަށް ކަމުގައާއި، އަތަމާ އިންވެސްޓްމަންޓްގެ ފަރާތުން ރަޖިސްޓްރާރގެ ނިންމުން އަލުން ބަލައިދިނުމަށް ހުށަހަޅާފައިވަނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 61 ވަނަ މާއްދާގެ (ށ) ގައިބުނާ 07 (ހަތެއް) ދުވަހުގެ މުއްދަތު ހަމަވި ފަހުން ކަމަށް ކަނޑައަޅާފައިވާ ބައި ބާތިލުކުރިއެވެ. އަދި އެއިގެ އިތުރުން، އެ ޙުކުމުން، އިސްތިއުނާފުކުރި ސިވިލް ކޯޓުގެ ނިންމުމުގައި ފާހަގަކޮށްފައިވާ ސަބަބުތަކުގެ ތެރެއިން ތާރީޚާއި ގުޅުންހުރި ކަންކަމުގެ އިތުރުން އެ މައްސަލަ ބަލައި ނުގަނެވޭނެކަމަށް ސަބަބުތަކެއް ފާހަގަކޮށްފައިވާތީ، އެ ނިންމުމުގައި ތާރީޚު ގުނުމުގައި އެފަދައިން އޮތް އޮތުމަށްޓަކައި ދަށު ކޯޓުގެ މުޅި ނިންމުން ބާޠިލުކޮށް މުޅި މައްސަލަ އަލުން މުރާޖަޢާކުރަން ފޮނުވަން ނުޖެހޭ ކަމަށް ކަނޑައެޅިއެވެ.
18ހައިކޯޓުން އިސްވެ ބަޔާންކޮށްފައިވާ ފަދައިން ކަނޑައަޅާފައިވާއިރު، އެ ކޯޓަށް އިސްތިއުނާފު ކުރެވުނު ނިންމުމުގައި (ރަޖިސްޓްރާރގެ ނިންމުން އަލުންބަލައި ނިންމިގޮތުގައި) ގޮތް ކަނޑައަޅާފައިވަނީ ހަމައެކަނި ރަޖިސްޓްރާރގެ ނިންމުން އަލުން ބަލައިދިނުމަށް އެދި ހުށަހެޅި މުއްދަތުގެ މައްޗަށް ކަމާއި، އެ ސަބަބަށްޓަކައި ރަޖިސްޓްރާރގެ ނިންމުން އަލުން ބަލައި ގޮތެއް ކަނޑައެޅޭނެ ތަނެއް ނެތް ކަމުގައި ސާފުކޮށް ބަޔާންކޮށްފައިވެއެވެ.
19މި ސަބަބަށްޓަކައި، އަތަމާ އިންވެސްޓްމަންޓްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވަނީ ވެސް ހަމައެކަނި މުއްދަތު ގުނުމުގައި އޮތް ޚުޞޫމަތް އެކަންޏެވެ. އެއީ ރަޖިސްޓްރާރގެ ނިންމުން އަލުން ބަލައިދިނުމަށް ހުށަހެޅި ކަންކަމަށް ގޮތް ކަނޑައެޅުމުގެ ބަދަލުގައި، އެކަން އަލުން ބެލުމަށްޓަކައި ކޯޓަށް ހުށަހަޅަން އޮންނަ މުއްދަތު ފާއިތުވެފައިވާ ކަމަށް ބުނެ، ނިންމުން އަލުން ބަލައިދިނުމަށް އެދި އަތަމާ އިންވެސްޓްމަންޓުން ހުށަހެޅި ކަންކަމުގެ މައްޗަށް އިސްޤާޟީ ގޮތެއް ކަނޑައަޅާފައި ނުވާތީ، އަދި ޤާނޫނުގައި ބުނާ މުއްދަތު ގުނުމުގައި ސިވިލް ކޯޓަށް އޮޅުމެއް އަރާފައިވާ ކަމުގައި ދެކިގެންކަމުގައި އެ ކުންފުނިން ބުނެއެވެ.
20ޕްރިސިޑެންސް 8މައްސަލައާ ގުޅިގެން ކަންހިނގާފައިވާ ގޮތަށް ބަލާއިރު، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 33 ވަނަ މާއްދާގެ (ރ) އާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާއިދު 2011 ގެ 47 ވަނަ މާއްދާގެ (ށ) އަދި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ އަލީގައި، ހައިކޯޓުގެ ނަންބަރު 2020/HC-A/85 ޤަޟިއްޔާގެ ޙުކުމުގައި، މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 35 ވަނަ މާއްދާގެ (ނ) އާއި ހަވާލާދީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 61 ވަނަ މާއްދާގެ (ށ) ގައިބުނާ 07 (ހަތެއް) ދުވަސް ގުނުމާ ގުޅޭގޮތުން ގޮތް ކަނޑައަޅާފައިވަނީ ރަނގަޅަށް ކަމުގައި އަހުރެން ދެކޭހިނދު، އެ މައްސަލައިގައި އިސްތިއުނާފު ކުރެވުނު ނިންމުމުގައި ގޮތް ކަނޑައަޅާފައިނުވާ އަދި އިސްތިއުނާފު ކޮށްފައިނުވާ ކަންކަމުގެ މައްޗަށް ހައިކޯޓުން ގޮތް ކަނޑައަޅާފައިވަނީ އެކަންކުރުމަށް ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތާއި ޚިލާފަށް ކަމުގައިވެސް އަހުރެން ދެކެމެވެ.
21އެހެންކަމުން، މީގެ ނަތީޖާއަކީ، އަތަމާ އިންވެސްޓްމަންޓްގެ ފަރާތުން ރަޖިސްޓްރާރގެ ނިންމުން އަލުން ބަލައިދިނުމަށް އެދި ހުށަހެޅުމާއި ގުޅިގެން، އެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ހުށަހެޅުމާމެދު ރަޖިސްޓްރާރގެ ނިންމުން އަލުން ބަލައި ނިންމި ގޮތުގައި، އެފަދައިން ރަޖިސްޓްރާރގެ ނިންމުން އަލުން ބަލައިދިނުމަށް އެދި ހުށަހަޅާފައިވަނީ ރަޖިސްޓްރާރގެ ނިންމުން އަލުން ބަލައިދިނުމަށް އެދެން އޮންނަ މުއްދަތު ފަހަނައަޅާ ދިޔަފަހުން ކަމުގައިވާތީ، ރަޖިސްޓްރާރގެ ނިންމުން އަލުން ބަލައިދޭނެ ޤާނޫނީ ހަމައެއް ނެތްކަމުގައި ބަޔާންކޮށްފައިވުން ބާޠިލުވުމާއެކު، އެ ސަބަބާއިހުރެ، އަތަމާ އިންވެސްޓްމަންޓަށް ރަޖިސްޓްރާރގެ ނިންމުން އަލުން ބަލައިދިނުމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވުމެވެ.
23ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު މި މައްސަލައިގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެ ގޮތުގެމަތިން ހުރުމާއެކު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-A/85 ޤަޟިއްޔާގެ ޙުކުމުގައި، ސިވިލް ކޯޓުގެ ނަންބަރު 10/RNA/2019 "ރަޖިސްޓްރާރގެ ނިންމުން އަލުން ބަލައި ނިންމިގޮތް" (30 ޑިސެންބަރު 2019) ގައި، ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 61 ވަނަ މާއްދާގެ (ށ) ގެ ދަށުން 7 (ހަތެއް) ދުވަސް ގުނާފައިވަނީ ޤާނޫނު ނަންބަރު 2011/4 (މާނަކުރުމުގެ ހަމަތައް ބަޔާންކުރާ ޤާނޫނު) ގެ 35 ވަނަ މާއްދާގެ (ނ) އާ އެއްގޮތަށް ނޫންކަމުގައި ކަނޑައަޅާފައިވާ ބަޔަށް ތާއީދުކޮށް، އެ ނިންމުމަކީ އެކުގައި ބާޠިލުކޮށް އަލުން މުރާޖަޢާކުރަން ފޮނުވަންޖެހޭ މައްސަލައެއް ނޫން ކަމުގައި ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅާފައިވާ ބައި ބާޠިލުކޮށް، އަތަމާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސިވިލް ކޯޓުގެ ނަންބަރު 144-REG/2019/112 "ރަޖިސްޓްރާރގެ ނިންމުން" (12 ސެޕްޓެންބަރު 2019) އަލުން ބަލައިދިނުން އެދި ހުށަހެޅުމަށް އެދޭނަމަ، މިއަދު، (03 އޮކްޓޫބަރު 2021) އިން ފެށިގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް އެކަން ހުށަހެޅުމުގެ ފުރުޞަތު އޮތްކަމުގައި ކަނޑައަޅައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
މަޙާޒު ޢަލީ ޒާހިރުޢާއިޝާ ޝުޖޫން މުޙައްމަދުމުޙައްމަދު އިބްރާހީމް(ރިޔާސަތު)
- ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 61 ވަނަ މާއްދާގެ (ށ)
- ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 61 ވަނަ މާއްދާގެ (ހ)
- ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 60 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 38 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 33 ވަނަ މާއްދާގެ (ރ)
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާއިދު 2011 ގެ 47 ވަނަ މާއްދާގެ (ށ)
- ޤާނޫނު ނަންބަރު 2011/4 (މާނަކުރުމުގެ ހަމަތައް ބަޔާންކުރާ ޤާނޫނު) ގެ 35 ވަނަ މާއްދާގެ (ނ)
- ބެންޗު
- ޢާއިޝާ ޝުޖޫން މުޙައްމަދު (ރިޔާސަތު)، މަޙާޒު ޢަލީ ޒާހިރު، ޑރ. މުޙައްމަދު އިބްރާހީމް
- ރިޔާސަތު
- ޢާއިޝާ ޝުޖޫން މުޙައްމަދު
- ރައުޔު ލިޔުނު ފަނޑިޔާރު
- ޢާއިޝާ ޝުޖޫން މުޙައްމަދު · ތާއީދުކުރެއްވީ: މަޙާޒު ޢަލީ ޒާހިރު، ޑރ. މުޙައްމަދު އިބްރާހީމް
- ޚިލާފު ރައުޔު
- ނެތް
- މި ކޯޓުގައި
- ހުށަހެޅުނީ 3 ފެބުރުއަރީ 2021 · ރަޖިސްޓްރީކުރީ 18 އޭޕްރީލް 2021 · ނިމުނީ 3 އޮކްޓޫބަރު 2021 (5.5 މަސް)