ސައިޓޭޝަން ކޮޕީ ކުރުމަށް
2015/HC-A/132
އާމިނަތު ޝާން ޚުޝީ ވ. ުޙައްމަދު ސަޢީދު ޕެރެޑައިސް، 2015/HC-A/132
Aminath Shaan Khushee v. Uhamadhu Saeed Peredais 2015/HC-A/132 (2015/HC-A/132, High Court of the Maldives, 1 November 2016)
އާމިނަތު ޝާން ޚުޝީ ވ. ުޙައްމަދު ސަޢީދު ޕެރެޑައިސް
މައްސަލައިގެ ޚުލާޞާ
ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުން، ކުއްޔަށް ހިފި ފަރާތް އެއްބަސްވުމާ ޚިލާފުވިކަން ސާބިތުނުވާތީ، އެއްބަސްވުން ބާޠިލުކަމަށް ކަނޑައަޅާނެ ޝަރުޢީ އަދި ޤާނޫނީ ހަމައެއް ނެތްކަމަށް ކަނޑައަޅައި، އެއްބަސްވުމަށް އިޙްތިރާމްކުރުމަށް ދެފަރާތަށް އެންގި.
ރެސްޓޯރެންޓެއް ހަދާ ހިންގުމަށް ބިމެއް 9 އަހަރާއި 9 މަހަށް ކުއްޔަށް ދިނުމަށް 2008 ވަނަ އަހަރު ދެފަރާތް އެއްބަސްވި. ކުއްޔަށް ހިފި ފަރާތް އެއްބަސްވުމާ ޚިލާފުވިކަމަށް ބުނެ، އެއްބަސްވުމުގެ 16 ވަނަ މާއްދާގެ ދަށުން އެއްބަސްވުން ބާޠިލްކޮށް ތަން ހުސްކޮށްދިނުމަށް ބިމުގެ ވެރިފަރާތުން ދަޢުވާކުރި.
އިސްތިއުނާފުކުރި ފަރާތުން ބުނީ، ޢިމާރާތުގެ ޚަރަދުގެ ލިޔުމުގެ ކޮޕީ ދިނުމާއި ޚަރަދު ކޯޓުގައި ރަޖިސްޓްރީކުރުން ކުއްޔަށް ހިފި ފަރާތުން ފުރިހަމަނުކުރާއިރު، ޚިލާފުނުވާކަމަށް ހެކިންގެ ބަހަށް ބަލައި ނިންމުމަކީ ޤާނޫނުއަސާސީގެ 142 ވަނަ މާއްދާގެ ރޫޙާ ޚިލާފު ކަމަށާއި، ޚަރަދުގެ ޙައްދާ ބެހޭ އެއްބަސްވުމުގެ 9 ވަނަ މާއްދާއާ ޚިލާފުވުމަށް ރިޢާޔަތްނުކުރުމަކީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 19 އަދި 20 ވަނަ މާއްދާއާ ޚިލާފު ކަމަށެވެ.
މައިގަނޑު ސުވާލު
ބިމެއް ކުއްޔަށް ދިނުމުގެ އެއްބަސްވުމުގެ ބައެއް މާއްދާތަކާ (ޢިމާރާތުގެ ޚަރަދުގެ ލިޔުމުގެ ކޮޕީ ދިނުމާއި ޚަރަދު ކޯޓުގައި ރަޖިސްޓްރީކުރުން) ކުއްޔަށް ހިފި ފަރާތް ޚިލާފުވިކަމަށް ބުނެ، އެއްބަސްވުން ބާޠިލުކަމަށް ކަނޑައަޅާނެ ޝަރުޢީ އަދި ޤާނޫނީ އަސާސެއް އޮތްތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ހައިކޯޓުން ދެކުނީ، އެއްބަސްވުމުގެ 16 ވަނަ މާއްދާގެ ދަށުން ބާޠިލުކުރެވޭނީ ޚިލާފުވުން ސާބިތުވެ އެކަން ޙައްލުނުވުމުން ކަމަށާއި، ކުލި ނުދެއްކުމެއް، ދީނާ ޚިލާފު ކަމެއް ނުވަތަ ޢިމާރާތަށް ގެއްލުމެއް ސާބިތުނުވާ ކަމަށާއި، ޚަރަދުގެ ލިޔުމަށް އެދުނީ 2013 ގައި ކަމަށާއި، އެ ލިޔުން ދިނުމަށް އިންކާރުކުރިކަމުގެ ހެއްކެއް ނެތް ކަމަށާއި، އެކަން ޙައްލުކުރުމަށް އެކަށީގެންވާ މަސައްކަތެއް ނުކުރާތީ އެއްބަސްވުން ބާޠިލުކުރާނެ ހަމައެއް ނެތް ކަމަށެވެ.
ކަނޑައެޅުނު އުޞޫލުތައް
- ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 11 ވަނަ މާއްދާގެ (ހ)، 17 ވަނަ މާއްދާގެ (ހ) އާއި (ނ)، 21 ވަނަ މާއްދާގެ (ހ) އަދި 22 ވަނަ މާއްދާގެ (ހ) އަށް ބެލުމުން، އެގްރީމެންޓް ބާޠިލުކުރެވޭނެކަމަށް އެގްރީމެންޓުގައި ވަކިގޮތަކަށް ބުނެފައިވާނަމަ އެގޮތަކަށް، ނުވަތަ އެގްރީމެންޓުގެ ބައިވެރިންގެ ބާރު ނުފޯރާ ޙާދިސާއެއް މެދުވެރިވެގެން ނުވަތަ އެގްރީމެންޓް ނިމުމަކަށް ގެނައުމަށް އެގްރީމެންޓުގެ ބައިވެރިން އެއްބަސްވެގެން ނުވަތަ އެގްރީމެންޓު ޣައިރު ޤާނޫނީވެގެން ނުވަތަ އެގްރީމެންޓުގެ މުއްދަތު ހަމަވެގެން ނުވަތަ އަނބުރާ އިޢާދަނުކުރެވޭ ފަދަ ޚިލާފުވުމަކުން އެގްރީމެންޓުގެ ބައިވެރިއަކު އެގްރީމެންޓާއި ޚިލާފުވެގެން އެގްރީމެންޓު ބާޠިލުކުރެވިދާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03 (ށ))
- ދެފަރާތެއްގެ ދެމެދުގައިވެފައިވާ އެގްރީމެންޓެއް ބާޠިލުކުރުމަށް ނުވަތަ އެގްރީމެންޓެއް ބާޠިލުވެއްޖެކަމަށް ބުނެ ހުށަހަޅާ މައްސަލަތަކުގައި އެންމެ ފުރަތަމަ ބަލަންޖެހޭނީ، އެ އެގްރީމެންޓެއް ބާޠިލުކުރުމަށް ނުވަތަ އެގްރީމެންޓެއް ބާޠިލުވެއްޖެކަމަށް ކަނޑައެޅުމުގައި ޢަމަލުކުރުމަށް އެގްރީމެންޓުގެ ދެބައިވެރިންގެ މެދުގައި އެއްބަސްވެފައިވަނީ ކޮންގޮތަކަށްތޯކަމާއި، އެގްރީމެންޓު ބާޠިލުވެއްޖެކަމަށް ބުނެ ހުށަހަޅާ ސަބަބަކީ އެގްރީމެންޓުގެ ދަށުން އެގްރީމެންޓު ބާޠިލުކުރުމަށް ދެފަރާތުން އެއްބަސްވެފައިވާ ސަބަބެއްތޯއާއި، އެގްރީމެންޓާއި ޚިލާފުވެ ކުރިކަމަށްބުނާ ޢަމަލަކީ އެގްރީމެންޓުގެ ދެވަނަ ބައިވެރިޔާ ޤަޞްދުގައި ކުރިކަމެއްކަން ނުވަތަ ނޫންކަމެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03 (ށ))
- ޢާއްމު އުޞޫލެއްގެ ގޮތުން ދެފަރާތެއްގެ ދެމެދުގައިވެވޭ އެއްބަސްވުމެއްގެ ދަށުން އެއްފަރާތުން އަނެއްފަރާތަށް އަދާކުރަންޖެހޭ ޒިންމާތައް އެއްބަސްވެފައިވާ ގޮތަށް އަދާކުރަމުން ނުދަނީނަމަ، އެއީ އެއްބަސްވުމެއް ނިމުމަކަށް ގެނެވިދާނެ ޙާލަތެއްކަމަށް ބެލެވިދާނެއެވެ. އެހެންނަމަވެސް އެ ސަބަބަށްޓަކައިވެސް އެއްބަސްވުމަކީ ބާޠިލު އެއްބަސްވުމެއްކަމަށް ކަނޑައަޅާއިރު، އެއްބަސްވުމުގެ ދަށުން އަދާނުކުރި ޒިންމާއަކީ، އެ ސަބަބަށްޓަކައި އެއްބަސްވުން ބާޠިލުކުރަންޖެހޭފަދަ ޒިންމާއެއްކަން ނުވަތަ ނޫންކަން ދެފަރާތުގެ ދެމެދުގައިވެފައިވާ އެއްބަސްވުމުގެ މައްޗަށް ރިޢާޔަތްކޮށް ދެނެގަނެވިދާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03 (ށ))
- އެއްބަސްވުމާ ޚިލާފުވުމަކީ އެއްބަސްވުން ބާޠިލުކުރަން ހުށަހެޅުން ހުއްދަ ސަބަބެއްކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައިވީނަމަވެސް، އެ މާއްދާގައި ބަޔާންކުރާ ގޮތުން އެ ސަބަބަށްޓަކައިވެސް އެއްބަސްވުން ބާޠިލުކުރުން ހުއްދަވަނީ، އެއްބަސްވުމާއި ޚިލާފަށް ޢަމަލެއް ކޮށްފައިވާކަން ސާބިތުވުމާއެކު، އެއްބަސްވެފައިވާ ކަންތައްތަކުގެ ތެރެއިން ކަމެއް ހިނގާ އެކަމެއް ޙައްލުނުވުމުންނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03 (ރ))
- އެއްބަސްވުމުގެ ދަށުން ލިބެންޖެހޭ ލިޔުމެއް ނުލިބިގެން ނުވަތަ ކޯޓުގައި ރަޖިސްޓްރީ ނުކޮށްގެން އެކަން ކޯޓުން ބޭރުގައި ޙައްލުކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއްވެސް ކޮށްފައިވާކަން އެނގެން ނެތްއިރު، އެއްބަސްވުމުގެ ތަބީޢަތަށާއި، އެއްބަސްވުމަށް ހޭދަވެފައިވާ މުއްދަތަށާއި، މައްސަލައިގެ ވަށައިގެން ހުރި ޙަޤީޤަތްތަކުގެ މައްޗަށް ބަލައި، އެ މާއްދާތަކާ ޚިލާފުވެފައިވާތީ އެއްބަސްވުމަކީ ބާޠިލު އެއްބަސްވުމެއްކަމުގައި ކަނޑައަޅާނެ ޝަރުޢީ އަދި ޤާނޫނީ ހަމައެއް ނުވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03 (ރ))
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 11 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 17 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ އަދި 2 ވަނަ ނަންބަރު
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 17 ވަނަ މާއްދާގެ (ނ)
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 21 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 22 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 19 ވަނަ އަދި 20 ވަނަ މާއްދާ (އިސްތިއުނާފުގެ ނުކުތާގައި ޙަވާލާދީފައި)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 142 ވަނަ މާއްދާ (އިސްތިއުނާފުގެ ނުކުތާގައި ޙަވާލާދީފައި)
- ބެންޗު
- ޢަލީ ސަމީރު، ޢަބްދުﷲ ދީދީ، ޢަބްދުﷲ ޙަމީދު
- ޚިލާފު ރައުޔު
- ނެތް