ސައިޓޭޝަން ކޮޕީ ކުރުމަށް
2017/HC-A/46
ޢަލީ ޒުހައިރު ވ. ޒާހިރާ ސުލައިމާން، 2017/HC-A/46
Ali Zuhairu v. Zaahiraa Sulaimaan 2017/HC-A/46 (2017/HC-A/46, High Court of the Maldives, 9 May 2019)
ޢަލީ ޒުހައިރު ވ. ޒާހިރާ ސުލައިމާން
މައްސަލައިގެ ޚުލާޞާ
ފެމިލީ ކޯޓުން 2 މަސްދުވަހުގެ ތެރޭގައި ބައްޕަގެ ގެ (ހ. ލޭކްސައިޑް) އިން ކުދިންނަށް ދިރިއުޅޭނެ ތަނެއް ދެއްކުމަށް އެންގިއެވެ.
ކުދިން ދިރިއުޅޭނެ ތަނެއް ދެއްކުމަށް ބައްޕައަށް 2014 ގައި ކުރި ޙުކުމާ އެއްގޮތަށް ޢަމަލުނުކުރާތީ ފެމިލީ ކޯޓުގެ ޙުކުމް ތަންފީޛުކުރާ ޑިވިޜަނުގެ އިސްނެގުމުން ބެލި މައްސަލައެކެވެ. ބައްޕަ ހުޅުމާލެއިން ދެއްކީ ފްލެޓެއްގެ 1 ކޮޓަރިއެވެ.
ބައްޕަ ބުނީ އަސްލު ޙުކުމުގައި ވަކި ތަނެއް ޚާއްޞަނުކުރާތީ އެ ގެއިން ތަނެއް ދެއްކުމަށް އެންގުމަކީ ތަންފީޛުކުރުމެއް ނޫންކަމަށާއި، ކުއްޔަށް ހިފި ތަނާއި ކުލި ދެއްކުމަށް ތައްޔާރުކަމަށް ބުނި ވާހަކައަށް ރިޢާޔަތްނުކުރާކަމަށާއި، މަންމަ ގެއަށް ވެއްދުމުން މަޞްލަޙަތު ގެއްލޭނެކަމަށާއި، ހެކި ނެތި ޚަޞްމުގެ ބަހަށް ބަލައި ނިންމާފައިވާކަމަށެވެ.
މައިގަނޑު ސުވާލު
ކުދިން ދިރިއުޅޭނެ ތަނެއް ދެއްކުމަށް ބައްޕައަށް ކުރި ޙުކުމް ތަންފީޛުކުރުމުގައި، ބައްޕަގެ ގެއިން ކުދިންނަށް ތަނެއް ދެއްކުމަށް ފެމިލީ ކޯޓުން އެންގުން ރަނގަޅުތޯ، ނުވަތަ ތަންފީޛުކުރުމުގެ އެންމެ މަޞްލަޙަތު ހުރި ގޮތަކީ ކޮބައިތޯ.
ނިންމި ގޮތް
ބައެއް ބަދަލުކުރި
ކުދިންނަށް ތަނެއް ދެއްކުމަކީ ބައްޕަގެ ވާޖިބެއް ނަމަވެސް، ބައްޕަގެ ގެއަށް ވެއްދުމުން މަޞްލަޙަތު ގޯސްވެދާނެތީ އަދި 1 ކޮޓަރިއަކީ އެކަށީގެންވާ ތަނެއް ނޫންތީ، މާލޭގެ ކުލީގެ ޢާއްމު ރޭޓަށް ބަލައި މަހަކު 12,500ރ. ފެމިލީ ކޯޓު މެދުވެރިކޮށް ދެއްކުމަށް ބަދަލުކުރެވުނެވެ.
ކަނޑައެޅުނު އުޞޫލުތައް
- ޢާއިލާއާބެހޭ ޤާނޫނުގެ 38 ވަނަ މާއްދާގައިވާ ގޮތުން، ކައިވެނީގައި އުޅުނުއިރު އަނބިމީހާ އުޅުނީ ފިރިމީހާގެ ގޭގައިނަމަ، ޢިއްދާގެ މުއްދަތުގައި ނުވަތަ ކުދިންގެ ޙަޟާނަތު އޮތްހައި ހިނދަކު، އޭނާގެ ރުހުމެއްނެތި އެ ގެއިން ނެރެންވާނީ އޭނާ އުޅޭނެ އެހެން ތަނެއް ފިރިމީހާ ދެއްކުމަށްފަހުގައެވެ. އެހެންކަމުން ކުދިން ދިރިއުޅޭނެ ތަނެއް ދެއްކުމަކީ ބައްޕަ ކުރަންޖެހޭ ކަމެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3 (ނ))
- ކުދިން ދިރިއުޅޭނެ ތަނެއް ހަމަޖެއްސުމުގައި ދެފަރާތުގެ މަޞްލަޙަތަށް ރިޢާޔަތްކޮށް، ދެފަރާތަށްވެސް އެންމެ ހަމަހަމަވާ ގޮތަކީ ކޮބައިކަން ޝަރީޢަތުން ބަލަންޖެހޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3 (ނ))
- ޙަޟާނަތު ލިބިފައިވާ މަންމައާއި ކުދިން ބައްޕަގެ ގެއަށް ވެއްދުމަކީ ޢާއިލާގެ ތެރޭގައި މަޞްލަޙަތު އިތުރަށް ގޯސްވެދާނެ ސަބަބެއްކަމުގައި ބެލެވޭނަމަ، އަދި ބައްޕަ ދައްކާ ތަނަކީ ކުދިންނާއި ބަލަހައްޓާ ފަރާތަށް އެކަށީގެންވާ ތަނެއް ނޫންނަމަ، ޙުކުމް ތަންފީޛުކުރުމުގެ އެންމެ މަޞްލަޙަތު ހުރި ގޮތަކީ އެކަށީގެންވާ ތަނެއް ކުއްޔަށް ހިފުމަށް ބޭނުންވާ ކުލީގެ ފައިސާ ބައްޕަގެ އަތުން ނަގައިދިނުމެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3 (ނ)، ނިންމުން)
- ކުލީގެ ގޮތުގައި ދައްކަންޖެހޭ ޢަދަދު ކަނޑައަޅާނީ ދެފަރާތުން ކުއްޔާ މެދު ދައްކާ ވާހަކައާއި، ކުދިން ކިޔަވާ ތަނާއި ދިރިއުޅޭ ތަނާއި، އެފަދަ ތަނެއް އެ ސަރަޙައްދުން ކުއްޔަށް ލިބޭ ޢާއްމު ރޭޓުތަކަށް ބަލައިގެންނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3 (ނ))
- ޤާނޫނު ނަންބަރު 4/2000 (ޢާއިލާއާބެހޭ ޤާނޫނު) ގެ 38 ވަނަ މާއްދާ
- ބެންޗު
- ޢަލީ ސަމީރު، ޢަބްދުﷲ ޙަމީދު، ޢަބްދުއްރައޫފު އިބްރާހީމް
- ޚިލާފު ރައުޔު
- ނެތް