ސައިޓޭޝަން ކޮޕީ ކުރުމަށް
2019/HC-A/399
ޢަލީ ރަޝީދު ވ. މުޙައްމަދު އިބްރާހީމް ދީދީ، 2019/HC-A/399
Ali Rasheed v. Mohamed Ibrahim Didi 2019/HC-A/399 (2019/HC-A/399, High Court of the Maldives, 24 November 2020)
ޢަލީ ރަޝީދު ވ. މުޙައްމަދު އިބްރާހީމް ދީދީ
މައްސަލައިގެ ޚުލާޞާ
ސިވިލް ކޯޓުން ތަން ހުސްކޮށް ޙަވާލުކުރުމަށާއި، ފާއިތުވި މުއްދަތުގެ ކުލި 36،290.32 ރުފިޔާ ދެއްކުމަށާއި، ތަން ހުސްކުރާ ހިނދާ ހަމައަށް މަހަކު 75،000 ރުފިޔާ ކުލި ދެއްކުމަށް ޙުކުމްކުރިއެވެ.
ކުރީގެ ވެރިފަރާތާ ވެފައިވާ އެއްބަސްވުމެއްގެ ދަށުން، މަހަކު 25،000 ރުފިޔާއަށް، ކުރިއަށް އޮތް އެތައް އަހަރެއްގެ މުއްދަތަކަށް ގޯއްޗެއްގައިވާ ފިހާރައެއް ކުއްޔަށް ހިފައި އެޑްވާންސް ދައްކާފައިވެއެވެ. އޭގެފަހުން ގޯތި ލާޖައްސައި މިލްކުވެރިކަން އިސްތިއުނާފު ރައްދުވާ ފަރާތަށް ބަދަލުވުމުން، އެ ފަރާތުން ކުލީގެ އެއްބަސްވުން ބާޠިލުކަމަށް އަންގައި، މަހަކު 75،000 ރުފިޔާގެ ކުއްޔަކަށް ހުށަހަޅައި، ތަން ހުސްކުރުމަށް ދަޢުވާކުރިއެވެ.
އިސްތިއުނާފުކުރި ފަރާތުން ބުނީ ލާޖެއްސުމުގައި ކުރީގެ ވެރިފަރާތުން ކުލީގެ އެއްބަސްވުމަށް އިޙްތިރާމްކުރުމުގެ ޝަރުޠެއް ކުރި ކަމަށާއި، އެކަން ސާބިތުކުރުމަށް ހުށަހެޅި ހެކިބަސް ނުނެގި ކަމަށާއި، ސަބަބެއްނެތި ކުލި ބޮޑުކުރީކަމަށެވެ.
މައިގަނޑު ސުވާލު
ކުއްޔަށް ދީފައިވާ ޢިމާރާތެއްގެ މިލްކުވެރިކަން ލާޖެއްސުމުގެ ސަބަބުން އެހެން ފަރާތަކަށް ބަދަލުވުމުން، ކުރީގެ ވެރިފަރާތާ ވެފައިވާ ކުލީގެ އެއްބަސްވުން ބާޠިލުވޭތޯއާއި، އަލަށް މިލްކުވެރިވި ފަރާތަށް އެއްބަސްވުމާ ޚިލާފަށް ކުލި ބޮޑުކޮށް ތަން ހުސްކުރުވިދާނެތޯ؛ އަދި ކުރީގެ ވެރިފަރާތުގެ ހެކިބަސް ނުނެގުމަކީ ރަނގަޅު ނިންމުމެއްތޯ.
ނިންމި ގޮތް
ދަށުކޯޓުގެ ޙުކުމް ބާޠިލު
ހެކިބަސް ނުނެގި ސަބަބުތައް ރަނގަޅު ނޫނެވެ. ލާޖެއްސުމުގެ އެއްބަސްވުމާ ކުލީގެ އެއްބަސްވުން ފުށުނާރައެވެ. ފިހާރަ ކުއްޔަށް ދީފައިވާކަން އަލަށް މިލްކުވެރިވި ފަރާތަށް އެނގޭނެއެވެ. 2015/SC-A/06 ގެ އުޞޫލުން އަލަށް މިލްކުވެރިވި ފަރާތް ކުލީގެ އެއްބަސްވުމަށް ބަރޯސާވާއިރު، އެއްފަރާތުން ބާޠިލުކުރުމަކީ ޞައްޙަ ކަމެއް ނޫނެވެ.
ކަނޑައެޅުނު އުޞޫލުތައް
- ހެކިވެރިޔާގެ އަމިއްލަ މަޞްލަޙަތު ހިމެނޭ ކަމެއްގައި ދޭ ހެކިބަހެއްވިޔަސް، އެ ހެކިބަހަށް ބާރުދޭ އިތުރު ހެކި ނުވަތަ ޤަރީނާ ހުރެއްޖެނަމަ ނުވަތަ އިތުރު ޤަރީނާއިން ގުޅުވާލެވޭނަމަ (corroborate) އެ ހެކިބަސް ރައްދުނުކޮށް ބަލައިގަނެ ވަޒަންކުރެވިދާނެއެވެ؛ މިނިވަން ހެއްކެއްގެ ބުރަދަން ނުދެވުނަސް ޤަރީނާއެއްގެ ބުރަދަން ދެވިދާނެއެވެ.
- ކަމެއް ސާބިތުކުރުމުގެ ޙައްޤަކީ ޚަޞްމުންނަށް ލިބިގެންވާ ޙައްޤެއްކަމުން ޤާނޫނު ހުއްދަކުރާ ހެކި ހުށަހެޅުމުގެ ފުރުޞަތު ކޯޓުން ފަހިކޮށްދޭންވާނެއެވެ؛ ނަމަވެސް މިއީ މުޠުލަޤު ޙައްޤެއް ނޫނެވެ. ހުށަހަޅާ ހެކިބަސް އެ ހެކިބަސް ނަގަން އެދޭ ބޭނުމާ ގުޅިފައިނުވާ ސަބަބެއްގެ މައްޗަށް ހެކިބަސް ނުނެގުމަކީ ރަނގަޅު ނިންމުމެއް ނޫނެވެ.
- ކުއްޔަށް ދިނުމުގެ އެއްބަސްވުމެއް އޮތުމަކީ އޭގެޒާތުގައި ޢިމާރާތުގެ މިލްކުވެރިކަން ބަދަލުކުރުމަށް ހުރަހެއް ނޫނެވެ؛ ކުއްޔަށްދޭ ފަރާތުގެ އިލްތިޒާމުތައް ޢިމާރާތް ލިބޭ ފަރާތަށް (އަލް ޚަލަފު އަލް ޚާއްޞް / singular successor) ނަޤުލުވާ އުޞޫލުން މިލްކުވެރިކަން ބަދަލުކުރެވިދާނެއެވެ (2015/SC-A/06).
- ކުއްޔަށް ދީފައިވާ ތަނެއްގެ މިލްކުވެރިކަން އަލަށް ލިބޭ ފަރާތަކީ ކުރީގެ މިލްކުވެރިޔާގެ މަޤާމަށް އަންނަ ފަރާތެއްކަމުން، ކުރީގެ މިލްކުވެރިޔާއާ ވެފައިވާ ޞައްޙަ ކުލީގެ އެއްބަސްވުމަކަށް، ޤާނޫނު ޤަބޫލުކުރާ ސަބަބެއް ނެތްނަމަ، އަލަށް މިލްކުވެރިވާ ފަރާތުން އިޙްތިރާމްކުރަންޖެހޭނެއެވެ.
- ފިހާރައެއް ފާޅުގައި ހުރި ގޯއްޗެއްގެ މިލްކުވެރިކަން ބަދަލުވާ މުޢާމަލާތަކަށް ވަންނަ ފަރާތަކަށް، އެ ތަނަކީ ކުއްޔަށް ދީފައިވާ ތަނެއްކަން އެނގޭނެކަމަށް ބެލެވޭނެއެވެ.
- ޝަރުޢީ ނުވަތަ ޤާނޫނީ ސަބަބެއް ނެތި ނުވަތަ ދެފަރާތުގެ އެއްބަސްވުމެއް ނެތި، ކުލީގެ އެއްބަސްވުމެއް އެއްފަރާތުން ބާޠިލުކޮށް އަންގައިގެން ބާޠިލެއް ނުވާނެއެވެ؛ އެއްބަސްވުމުގެ މުއްދަތު ހަމަވަންދެން އެއްބަސްވުން ދެމިގެންދާނެއެވެ. އަދި އެއްބަސްވުމާ ޚިލާފަށް ކުލި ބޮޑުކުރެވޭނެ ހަމައެއް ނެތެވެ.
- ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/01
- ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/02
- ސުޕްރީމް ކޯޓުގެ ނަންބަރު 2011/SC-A/36
- ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-A/26
- ސުޕްރީމް ކޯޓުގެ ނަންބަރު 2015/SC-A/06
- ބެންޗު
- ޙުސައިން މަޒީދު، މުޙައްމަދު ފައިޞަލް، ޢަބްދުއްރައޫފު އިބްރާހީމް
- ޚިލާފު ރައުޔު
- ނެތް