ސައިޓޭޝަން ކޮޕީ ކުރުމަށް
2016/HC-A/393
ޒުލައިޚާ ނީނާ ވ. މިނިސްޓްރީ އޮފް ފިނޭންސް، 2016/HC-A/393
Zulaikhaa Neenaa v. Ministry of Finance 2016/HC-A/393 (2016/HC-A/393, High Court of the Maldives, 23 July 2018)
ޒުލައިޚާ ނީނާ ވ. މިނިސްޓްރީ އޮފް ފިނޭންސް
މައްސަލައިގެ ޚުލާޞާ
ސިވިލް ކޯޓުން ކަނޑައެޅީ ފޯމު ހުށަހަޅާފައިވަނީ ސަރކިއުލަރގައިވާ 1350 އެޕްލިކޭޝަން ހަމަވުމަށްފަހުކަން ސާބިތުވާތީ، އެދިފައިވާ ގޮތަށް އަމުރުކުރާނެ ތަނެއް ނެތްކަމަށެވެ.
ސަރުކާރުގެ ވަޒީފާއިން ވީއްލުމުގެ ޕްރޮގްރާމުގައި ބައިވެރިވުމަށް ސަރުކާރުގެ މުވައްޒަފަކު ހުށަހެޅި ފޯމު މިނިސްޓްރީން ބަލައިގަތް ނަމަވެސް، ގަނޑުކޮށް ލިބޭ 150,000 ރުފިޔާއާއެކު ވަޒީފާއިން ނުވީއްލާތީ، އެގޮތަށް ވީއްލުމަށް އަމުރުކޮށްދިނުމަށް ދައުލަތުގެ މައްޗަށް ދަޢުވާކުރިއެވެ.
އިސްތިއުނާފުކުރި ފަރާތުން ބުނީ ދައުލަތުގެ ހެކީގެ އިދިކޮޅު ސާބިތުކުރުމަށް އެދުނު ހެކިން ޙާޟިރުނުކޮށް އަދި ދައުލަތުގެ ބަޔާނުގައިވާ ދެމީހުންނާ ސުވާލުކުރުމުގެ ފުރުޞަތު ނުދީ މައްސަލަ ނިންމުމަކީ 2010/SC-A/02 ގެ އުޞޫލާ ޚިލާފު ކަމަށެވެ.
މައިގަނޑު ސުވާލު
"ސަރުކާރުގެ މަސްއޫލިއްޔަތުތަކާއި މަސައްކަތްތަކުން ވީއްލުމުގެ ޕްރޮގްރާމް" ގައި ބައިވެރިވުމަށް ހުށަހެޅި ފޯމު ބަލައިގަތުމުން، ކަނޑައެޅިފައިވާ 1350 އެޕްލިކޭޝަން ހަމަވުމަށްފަހު ހުށަހެޅި ފަރާތެއް އެ ޕްރޮގްރާމުގައި ބައިވެރިކުރުން މިނިސްޓްރީއަށް ލާޒިމުވޭތޯ، އަދި އެދުނު ހެކިން ޙާޟިރުނުކޮށް ދަށުކޯޓުން މައްސަލަ ނިންމުމަކީ ޙުކުމް ބާޠިލުކުރެވޭނެ އަސާސެއްތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ފައިސާ ދޫކުރެވޭނީ 1350 އެޕްލިކޭޝަނަށް ކަމާއި ފޯމު ހުށަހެޅީ އެ އަދަދު ހަމަވުމަށްފަހު ކަމުން ބައިވެރިކުރުން ލާޒިމެއް ނުވެއެވެ. މިނިސްޓްރީގެ ސިޓީއާއެކު ފޮނުވި ލިސްޓުން ކަން ސާފުވާތީ، ހެކިން ޙާޟިރުނުކުރުމަކީ ޙުކުމް ބާޠިލުކުރެވޭނެ އަސާސެއް ނޫނެވެ. ޕްރޮގްރާމް ނިމި، ދަޢުވާކުރި ފަރާތްވެސް ވަޒީފާއިން ވަކިވެފައިވެއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ޕްރޮގްރާމެއްގެ ދަށުން ފައިސާ ދޫކުރެވޭ އެޕްލިކޭޝަންގެ އަދަދު ހަމަވުމަށްފަހު ހުށަހެޅި ފޯމު ބަލައިގަތުމަކީ، އެޕްރޮގްރާމުގެ ދަށުން އެއްފަހަރާ ދިނުމަށް ކަނޑައެޅިފައިވާ ފައިސާ ދީ، ވަޒީފާއިން ވީއްލުމަށް ކަނޑައެޅިފައިވާ އެހެނިހެން ކަންކަމަށް ބެލުމެއްނެތި، އެ ޕްރޮގްރާމުގައި ފޯމު ހުށަހެޅި ފަރާތް ބައިވެރިކުރުމަށް މިނިސްޓްރީގެ މައްޗަށް ލާޒިމުވާނެ ކަމެއްކަމަށް ނުބެލެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3.2)
- މައްސަލައެއްގެ ޚަޞްމުންގެ އަތުގައިވާ ޤާނޫނު ހުއްދަކުރާ އެންމެހައި ހެކިތަކާއި ދަލީލުތައް ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅުމުގެ ފުރުޞަތު ކޯޓުން ޚަޞްމުންނަށް ފަހިކޮށްދޭންވާނެއެވެ. އަދި މައްސަލާގައި ހިމެނޭ ޚަޞްމަކު ހުށަހަޅާ ހެކިތައް ޠަޢުނުކޮށް އިދިކޮޅު ސާބިތުކުރުމުގެ ޙައްޤަކީ އަނެއް ޚަޞްމަށް ލިބިގެންވާ ޙައްޤެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3.3)
- ދައުލަތުން ހުށަހެޅި ލިސްޓަކީ މިނިސްޓްރީގެ ސިޓީއަކާއެކު ފޮނުވާފައިވާ ލިސްޓެއްކަމުން، އެ ލިސްޓުގައި މިނިސްޓްރީގެ ތައްގަނޑު ޖަހާފައިނެތްނަމަވެސް އެ ލިސްޓުގެ ޞައްޙަކަން ކަށަވަރުވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3.3)
- ހެކިން ޙާޟިރުކުރިނަމަވެސް ކިތާބީ ހެކީގެ މައްޗަށް ބިނާކޮށް ސާބިތުވެފައިވާ ވާޤިޢާ ނަފީވެގެންދާނެ އެއްވެސް އިޙްތިމާލެއް އޮތްކަމަށް ފަނޑިޔާރަށް ނުފެންނަ ޙާލަތުގައި، ޝަރީޢަތަށް ހެކިން ޙާޟިރުނުކުރުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިގެންވެއެވެ. އެފަދަ ޙާލަތެއްގައި ހެކިން ޙާޟިރުނުކުރައްވައި މައްސަލަ ނިންމަވާފައިވުމަކީ އެ ނިންމެވުން ބާޠިލުކުރެވިދާނެ އަސާސެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3.3)
- 2011 ގައި ހިންގައި ނިމިގޮސްފައިވާ ޕްރޮގްރާމަކަށްވެފައި، ދަޢުވާކުރާ ފަރާތަކީވެސް އޭގެ ފަހުން ވަޒީފާއިން ވަކިވެގެން ގޮސްފައިވާ ފަރާތެއްކަމަށްވުމުން، އެ ޕްރޮގްރާމުގެ ދަށުން ގަނޑުކޮށް ލިބޭ ފައިސާއާއެކު ވަޒީފާއިން ވީއްލުމުގެ ފުރުސަތު މިހާރު އޮތް ފަރާތެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3.4)
- މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ނަންބަރު 13-E8/CIR/2011/17 ސަރކިއުލަރ (ބައެއް ތަންތަނުގައި 13-E2/CIR/2011/17)
- މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ނަންބަރު 13-E2/CIR/2011/22 ސަރކިއުލަރ
- 2010/SC-A/02
- 2014/HC-A/274
- ބެންޗު
- ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ޝުޖާޢު ޢުޘްމާން، ޙަސަން ޢަލީ
- ޚިލާފު ރައުޔު
- ނެތް