ސައިޓޭޝަން ކޮޕީ ކުރުމަށް
2016/HC-A/279
ޢަލީ ޢަބްދުاﷲ ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް، 2016/HC-A/279
Ali Abdhuاﷲ v. Prosecutor General's Office 2016/HC-A/279 (2016/HC-A/279, High Court of the Maldives, 14 August 2016)
ޢަލީ ޢަބްދުاﷲ ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
މައްސަލައިގެ ޚުލާޞާ
ފެލިދޫ މެޖިސްޓްރޭޓް ކޯޓުން ހެކިންގެ ހެކިބަހާއި މެޑިކޯ ލީގަލް ރިޕޯޓުގެ މައްޗަށް ބިނާކޮށް ކުށް ސާބިތުވާކަމަށް ކަނޑައަޅައި 4 މަސްދުވަހަށް ޖަލަށްލުމަށް ޙުކުމްކުރިއެވެ.
ދެބަސްވުމެއްގައި ލަކުޑި ފަތިގަނޑަކުން އަނިޔާލިބުނު ފަރާތުގެ ބުރަކަށީގައި ޖަހައި މާރާމާރީ ހިންގިކަމުގެ ދަޢުވާ ދައުލަތުން އިސްތިއުނާފުކުރި ފަރާތުގެ މައްޗަށް އުފުލިއެވެ. އޭނާ ތަޙްޤީޤުގައާއި ޝަރީޢަތުގައި ދަޢުވާއަށް އިންކާރުކުރިއެވެ.
އިސްތިއުނާފުކުރި ފަރާތުން ބުނީ، ހެކިންނާ ސުވާލުކުރުމުގެ ފުރުޞަތު ނުދީ ޤާނޫނުއަސާސީގެ 51 (ކ) އާ ޚިލާފަށް ޝަރީޢަތް ހިންގި ކަމަށާއި، ޝަރީޢަތަށް ސައްޙަ ހެކިބަހެއް ނުލިބި ކުށް ސާބިތުކުރި ކަމަށާއި، ޚަބީރު ޙާޟިރުނުކޮށް ރިޕޯޓަށް ބުރަވެ ނިންމި ކަމަށާއި، ޝައްކެއްނެތް މިންވަރަށް ދަޢުވާ ސާބިތުނުވާ ކަމަށެވެ.
މައިގަނޑު ސުވާލު
ތަޙްޤީޤަށް ދިން ބަޔާނަށް ރިފަރކޮށް ދެވުނު ހެކިބަހާއި، ތުހުމަތުކުރެވޭ ފަރާތަށް ހެކިންނާ ސުވާލުކުރުމުގެ ފުރުޞަތު ދީފައިނުވާ ހާލު ނެގުނު ހެކިބަހުގެ މައްޗަށް ބިނާކޮށް މާރާމާރީ ހިންގުމުގެ ކުށް ސާބިތުކުރުން ޝަރުޢީ އަދި ޤާނޫނީ ގޮތުން ސައްޙަ ތޯ.
ނިންމި ގޮތް
ދަށުކޯޓުގެ ޙުކުމް ބާޠިލު
ހެކިން ހެކިބަސް ދީފައިވަނީ ތަޙްޤީޤަށް ބަޔާން ދިންކަމަށް ބުނުމުން ކަމުން އެއީ ހައިކޯޓުން ކަނޑައަޅާފައިވާ އުޞޫލާ އެއްގޮތަށް ނެގޭ ހެކިބަހެއް ނޫނެވެ. އަދި ހެކިންނާ ސުވާލުކުރުމުގެ ފުރުޞަތު ދިންކަން ދަށުކޯޓުގެ ރިޕޯޓުން ނޭނގޭތީ، ކުށް ސާބިތުކުރީ ޤާނޫނީ ގޮތުން ސައްޙަ ދަލީލަކަށް ނުވާ ހެކިބަހުގެ މައްޗަށެވެ.
ކަނޑައެޅުނު އުޞޫލުތައް
- ކޯޓަށްދޭ ހެކިބަހުގައި ތަޙްޤީޤު ބަޔާނަށް ރިފަރކޮށް ހެކިބަސްދީފައިވާ ގޮތަކީ، ޝަރީޢަތަށް ކަމެއް ސާބިތުކުރުމަށް ޝަރީޢަތުގެ މަޖިލީހުގައި އެކަމެއްކުރަނިކޮށް ދެކުނުގޮތަށް އެކަން ކުރި ބައެއް އެކަން ސިފަކޮށް ބަޔާންކޮށްދޭންޖެހޭ އުޞޫލުން ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ކ) ގެ މަޤްޞަދު ޙާޞިލުވާގޮތަށް ދޭ ހެކިބަހެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ށ))
- ހެކިބަހަކީ އެއާއިމެދު ޝަރީޢަތުގައި ސުވާލުކުރެވި ސާފުކޮށް ޝަރީޢަތަށް ކަންވެފައިވާގޮތް ހާމަކުރެވެންޖެހޭ، ޝަރީޢަތުގައި ދެވޭ ހެކިބަހަކަށް ވާންޖެހޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ށ))
- ކުށެއްކުރިކަމަށް ދަޢުވާ އުފުލިފައިވާ ކޮންމެ މީހަކަށްމެ ކުށުން ބަރީއަވުމަށް މަސައްކަތްކުރުމަށްޓަކައި އެކަށީގެންވާ ވަގުތާއި އެކަށީގެންވާ ވަސީލަތްތައް ލިބުމަކީ ޢަދުލުވެރިކަމާއި އެކު ޝަރީޢަތް ހިންގުމުގެ މުހިއްމު އެއް އަސާސެވެ. ދިފާޢު ބިނާކުރުމަށްޓަކައި އެކަށީގެންވާ ވަސީލަތް ލިބުމުގެ ތެރޭގައި އެމީހެއްގެ މައްޗަށް ހުށަހެޅިފައިވާ މާއްދީ ހެކިތަކާއި، ޝަފަހީ އަދި ކިތާބީ ހެކިތައް ދެނެގަނެ، އެހެކިތަކާއި ގުޅޭ ގޮތުން ސުވާލުކުރެވި، ހެކިބަސް ތަޢުނުކުރުމުގެ ފުރުޞަތު ތަނަވަސްވެފައި އޮތުން ހިމެނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ނ))
- ތިމާއާއި ދެކޮޅަށް ޝަރީޢަތަށް ހުށަހެޅޭ ހެކިތަކާއި ގުޅޭ ގޮތުން ސުވާލުކުރެވި، ހެކިބަސް ތަޢުނުކުރުމުގެ ފުރުޞަތު ދިނުމަކީ ޝަރީޢަތް ހިންގުމުގެ އެއް އަސާސެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ރ))
- ޖިނާއީ ދަޢުވާއެއް ސާބިތުވާކަމަށް ކަނޑައަޅައި ކޯޓުން ކުރާ ޙުކުމް ބިނާވާންޖެހޭނީ އަބަދުވެސް ޤާނޫނީ ގޮތުން ސައްޙަ ދަލީލުތަކާއި ޤަރީނާތަކެއްގެ މައްޗަށެވެ. ޖިނާއީ މައްސަލަތައް ސާބިތުކުރުމަށް ބޭނުންކުރެވޭ އެންމެ މުހިއްމު އެއް ދަލީލުކަމުގައިވާ ހެކިންގެ ހެކިބަސް ޝަރުޢީ އަދި ޤާނޫނީ ގޮތުން ސައްޙަ ހެކިބަހަކަށްވެގެން މެނުވީ އެހެކިބަހަކީ ޤާނޫނީ ގޮތުން ސައްޙަ ދަލީލެއްކަމުގައި ނުބެލެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ރ))
- ހެކިންނާއި ސުވާލުކުރުމުގެ ފުރުޞަތު ތުހުމަތުކުރެވޭ ފަރާތަށް ލިބިދީފައިވާކަން އެނގެން ނެތްއިރު، ހައިކޯޓުން ކަނޑައަޅާފައިވާ އުޞޫލުތަކާއި ޚިލާފުގޮތަކަށް ނެގިފައިވާ ހެކިބަހަކީ ޤާނޫނީ ގޮތުން ސައްޙަ ދަލީލެއްކަމުގައި ނުބެލެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ރ))
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ކ)
- 2008/HC-A/171
- 2013/HC-A/276
- ބެންޗު
- ޢަލީ ސަމީރު، ޢަބްދުﷲ ޙަމީދު، ޢަބްދުﷲ ދީދީ
- ޚިލާފު ރައުޔު
- ނެތް