ސައިޓޭޝަން ކޮޕީ ކުރުމަށް
[2022] SC 51
އަޙްމަދު ނަބީޙު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް، [2022] SC 51 (2021/SC-A/44)
Ahmed Nabeehu v. Prosecutor General's Office [2022] SC 51 (2021/SC-A/44, Supreme Court of the Maldives, 29 August 2022)
އަޙްމަދު ނަބީޙު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
މައްސަލައިގެ ޚުލާޞާ
ހިރިމަރަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 04/B6C/2016 ގަޒިއްޔާގައި، ހެކިބަހުގެ ތަފާތުތަކާއި ތާރީޚުތަކުގެ ތަފާތުތަކުގެ ސަބަބުން ދަޢުވާ ސާބިތުނުވާކަމަށް ޙުކުމްކުރިއެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ކުރި އިސްތިއުނާފުގައި ހައިކޯޓުގެ ނަންބަރު 2019/HC-N-A/19 ގަޒިއްޔާއިން އެ ޙުކުމް ބާޠިލުކޮށް، ކެނެބިސް ޓްރެފިކްކުރުމުގެ ކުށް އަޙްމަދު ނަބީޙުގެ މައްޗަށް ސާބިތުވާކަމަށް ޙުކުމްކުރިއެވެ. އެ ހައިކޯޓުގެ ޙުކުމް ބާޠިލުކުރުމަށް އެދި އަޙްމަދު ނަބީޙު ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރިއެވެ.
ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އަޙްމަދު ނަބީޙުގެ ފޯނުން މަސްތުވާތަކެއްޗާ ގުޅުންހުރި ފޮޓޯއާއި ޗެޓް ލޮގްތައް ފެނުމުން، ތަޙުޤީޤުގައި އޭނާ ދެއްކި ތަންތަނުން ހދ. ހިރިމަރަދޫ އަތިރިމަތިންނާއި ވަލުތެރެއިން ކެނެބިސް ފެނުނެވެ. އެ ތަކެތީގައި 20.4425 ގްރާމް ކެނެބިސް ހުރިކަން ތަޙްލީލުން އެނގުމުން، މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 108 ވަނަ މާއްދާގެ ދަށުން ކެނެބިސް ޓްރެފިކްކުރުމުގެ ދަޢުވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އޭނާގެ މައްޗަށް ކުރިއެވެ.
އަޙްމަދު ނަބީޙު ބުނީ، ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 163 ވަނަ މާއްދާގައިވާ އިސްތިއުނާފީ މުއްދަތު ހަމަވުމަށްފަހު ހައިކޯޓަށް އިސްތިއުނާފު ބަލައިގަތްކަމަށާއި، ދަށު ކޯޓުގެ އިޖުރާއީ އުނިކަންކަމަށް ރިޢާޔަތްނުކޮށް ހައިކޯޓުން ކުށް ސާބިތުކުރުމުން ޤާނޫނުއަސާސީގެ 56 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ އިސްތިއުނާފީ އެއް މަރުޙަލާ ގެއްލުނުކަމަށާއި، މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 10 ވަނަ، 17 ވަނަ އަދި 144 ވަނަ މާއްދާތަކާ ޚިލާފަށް ޓްރެފިކްކުރުމުގެ އުންސުރުތައް ފުރިހަމަވާކަމަށް ހައިކޯޓުން ބެލިކަމަށެވެ. އޭނާ އިތުރަށް ބުނީ، މައްސަލަ ދަށު ކޯޓަށް ތަހުވީލުކުރަންޖެހޭނެކަމަށާއި، އޭނާއަކީ ޕެޑްލަރެއްނޫންކަމަށް ހައިކޯޓުން ކަނޑައެޅީ ރަނގަޅަށް ނޫންކަމަށެވެ. ދައުލަތުން ބުނީ، ސަރުކާރު ބަންދު ދުވަސްތައް އުނިކުރުމުން އިސްތިއުނާފު ހުށަހެޅީ މުއްދަތުގެ ތެރޭގައިކަމަށެވެ.
މައިގަނޑު ސުވާލު
ދަށު ކޯޓުން ސާބިތުނުވާކަމަށް ޙުކުމްކުރި ކެނެބިސް ޓްރެފިކްކުރުމުގެ ދަޢުވާ އަޙްމަދު ނަބީޙުގެ މައްޗަށް ސާބިތުވާކަމަށް ހައިކޯޓުން ކަނޑައެޅީ، ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 163 ވަނަ މާއްދާގައިވާ އިސްތިއުނާފީ މުއްދަތާއި، ޤާނޫނުއަސާސީގެ 56 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ އިސްތިއުނާފުކުރުމުގެ ޙައްޤާއި، މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 17 ވަނަ މާއްދާއާ ޚިލާފަށްތޯ.
ނިންމި ގޮތް
ހައިކޯޓުގެ ޙުކުމް ޤާއިމް (އިއްތިފާޤުން)
ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 164 ވަނަ މާއްދާގެ (ހ) ގެ ދަށުން ފިޠުރު ޢީދުގެ ބަންދު ދުވަސްތައް އުނިކުރުމުން މުއްދަތު ހަމަވަނީ 23 ޖޫން 2019 ގައިކަމަށާއި، މިއީ ސުޕްރީމް ކޯޓާ ހަމައަށް ގެންނަންޖެހޭ ނުކުތާއެއް ނޫންކަމަށް ކޯޓުން ކަނޑައެޅިއެވެ. ޤާނޫނުއަސާސީގެ 60 ވަނަ މާއްދާގެ (ށ) އާއި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ ދަށުން، ދަށު ކޯޓުން ބަރީއަކުރި ދަޢުވާއެއް ހައިކޯޓަށް ސާބިތުކުރެވޭނެކަމަށާއި، ތަހުވީލުކުރަންޖެހެނީ ދަށު ކޯޓުގެ ރިކޯޑުން ގޮތެއް ކަނޑައެޅެން ނެތް ހާލަތްތަކުގައިކަމަށާއި، ހައިކޯޓަށް ނުހުށަހަޅާ ނުކުތާތަކުން ޤާނޫނުއަސާސީގެ 56 ވަނަ މާއްދާގެ ޙައްޤު ގެއްލުނުކަން ދެއްކިފައިނުވާކަމަށް ކޯޓުން ކަނޑައެޅިއެވެ. ރުޖޫޢަވި އިޢުތިރާފަށް ބާރުދޭ ހެއްކެއް ނެތުމުން އޭނާއަކީ ޕެޑްލަރެއްނޫންކަމަށް ހައިކޯޓުން ކަނޑައެޅީ ރަނގަޅަށްކަމަށާއި، މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 142 ވަނަ މާއްދާގެ (ފ) އާއި 137 ވަނަ މާއްދާގެ (ބ) ގެ ދަށުން 14 ގްރާމަށްވުރެ ގިނަ ކެނެބިސް އަތުގައި ހުރުމަކީ ޓްރެފިކްކުރުންކަމަށް ބަލައި، ހައިކޯޓުގެ ޙުކުމް އިއްތިފާޤުން ޤާއިމްކުރިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- މައްސަލައެއް ކޯޓަށް ބަލައިގަތުމުގެ ކުރިން، އެ މައްސަލައިގެ އިސްތިއުނާފު ފޯމުގައި ޤާނޫނީ ބަހުސެއް އެކުލެވިގެންވޭތޯ ނުވަތަ ނޫންތޯ ކޯޓުގެ ރަޖިސްޓްރާރ ކަނޑައަޅައެވެ. ޤާނޫނީ ބަހުސެއް ފެންނަން ނެތްނަމަ، ރަޖިސްޓްރާރއަށް މައްސަލަ ބަލައިނުގަތުމުގެ ބާރު ލިބިފައިވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 15، 45–46)
- ކޯޓުގެ ވަގުތާއި ވަސީލަތްތަކަށް ރިޢާޔަތްކޮށް، އިސްތިއުނާފު ފޯމުގައި ހިމެނިފައިވާ އެތައް ނުކުތާތަކެއްގެ ތެރެއިން، ފާޅުކަން ބޮޑުގޮތަކަށް ކަންއޮތްގޮތް އެނގެން އޮތް ނުކުތާއެއްވާނަމަ، އެފަދަ ނުކުތާތައް ފޯމުން އުނިކޮށް، ފޯމު އިސްލާހުކުރުމަށް އެންގުމުގެ ބާރު ކޯޓުގެ ރަޖިސްޓްރާރއަށް ލިބިގެންވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 15، 45–46)
- އޭރު ޢަމަލުކުރަމުންދިޔަ ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 163 ވަނަ މާއްދާގެ (ހ) ގައި މައްސަލައެއް އިސްތިއުނާފުކުރުމުގެ މުއްދަތަކީ 10 (ދިހައެއް) ދުވަސްކަމަށް ބަޔާންކޮށްފައިވެއެވެ. ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 164 ވަނަ މާއްދާގެ (ހ) ގައި 10 (ދިހައެއް) ދުވަހުގެ މުއްދަތު ގުނާނީ ފުރަތަމަ މަރުހަލާ ކޯޓުން މައްސަލަ ނިންމި ދުވަހާއި މުއްދަތު ހަމަވާ ދުވަހާ ދެމެދަށް އަންނަ ސަރުކާރު ބަންދު ދުވަސްތައް ނުހިމެނޭގޮތަށްކަމަށް ބަޔާންކޮށްފައިވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 10، 45–46)
- ދަށު ކޯޓުން ކުށެއް ސާބިތުނުވާކަމަށް ކަނޑައެޅުނު ނަމަވެސް އެ ކުށް ސާބިތުވާކަމަށް ހައިކޯޓަށް ކަނޑައެޅިދާނެއެވެ. ހަމަ އެފަދައިން، ދަށު ކޯޓާއި ހައިކޯޓަށް ސާބިތުވާނުވާ ކުށެއް ސާބިތުވާކަމަށް ސުޕްރީމް ކޯޓަށްވެސް ކަނޑައެޅިދާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 21، 45–46)
- ޤާނޫނުއަސާސީގެ 60 ވަނަ މާއްދާގެ (ށ) ގެ ދޭހައަކީ ޖިނާއީ ކުށެއްގެ ދަޢުވާ މީހެއްގެ މައްޗަށް ސާބިތުނުވާކަމަށް ކޯޓަކުން ޙުކުމްކޮށްފިނަމަ، އެ މައްސަލަ އިސްތިއުނާފު ކުރުމަކީ ދެވަނަ ފަހަރަށް އަލުން އެ ދަޢުވާ އޭނާގެ މައްޗަށް އުފުލުންކަމުގައި ނުބެލެވުމެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 21، 45–46)
- ދަށު ކޯޓަށް ކުށެއް ސާބިތުނުވުމަކީ ހަމައެކަނި އެކަމުގެ މައްޗަށް ބިނާކޮށް އަލުން މައްސަލަ ބެލުމަށްޓަކައި އެ މައްސަލަ އިސްތިއުނާފީ ކޯޓުން ދަށު ކޯޓަށް ތަހުވީލުކުރަންޖެހޭ ނުވަތަ އަނބުރާ ފޮނުވާލަންޖެހޭ ސަބަބެއްނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 21، 45–46)
- ހައިކޯޓުން މައްސަލައެއް ދަށު ކޯޓަށް ތަހުވީލުކުރާނީ ދަށު ކޯޓަށް ހުށަހެޅުނު ލިޔެކިއުންތަކާއި ހެކީގެ މައްޗަށް ބިނާކޮށް ހައިކޯޓަށް ގޮތެއް ކަނޑައެޅެންނެތް ހާލަތްތަކުގައެވެ. މީގެ މިސާލެއްގެ ގޮތުގައި، މައްސަލައާ ގުޅިގެން އިތުރަށް ކަށަވަރުކުރަންޖެހޭ ޙަޤީޤަތްތަކެއްހުރިނަމަ، އަދި އެކަންކަންކަމަކީ އައު ހެކި ހުށަހެޅިގެން މެނުވީ ކުރަންޖެހޭ ކަމެއްކަމުގައިވާނަމަ، އެކަންކަންކަމާ މެދު ގޮތެއް ކަނޑައެޅުމަށްޓަކައި މައްސަލައެއް ދަށު ކޯޓަށް ތަހުވީލުކުރެވިދާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 22–23، 45–46)
- ހައިކޯޓުން މައްސަލަ ބެލުމުގެ އަސާސަކީ ދަށު ކޯޓަށް ޤާނޫނީ ގޯހެއް ހެދިފައިވާނަމަ އެކަން ރަނގަޅުކުރުން ކަމުގައިވާއިރު، ދަށު ކޯޓުން އެއްވެސް ވަރަކަށް ނުބަލާ ކަމެއްގައި ހައިކޯޓަށް ގޮތެއް ކަނޑައެޅެން ނޯންނާނެއެވެ. އެ ހާލަތަކީ ދަށު ކޯޓުން މައްސަލަ ބެލުމުގައި ހެކި ވަޒަންކުރިގޮތް ނުވަތަ ޤާނޫނު ތަޠުބީޤުކުރި ގޮތް ގޯސްކަމަށް ފެންނަ ހާލަތާ ތަފާތު ހާލަތެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 23، 45–46)
- މައްސަލައެއް ބެލުމުގެ އިޚްތިޞާޞް ދަށު ކޯޓަށް ނެތްކަމަށް އެކޯޓުން ކަނޑައަޅާ މައްސަލައެއްގައި، ހައިކޯޓުން ދަށު ކޯޓަށް އެ މައްސަލަ ބެލުމުގެ އިޚްތިޞާޞް ލިބިފައިވޭތޯ ނުވަތަ ނޫންތޯ ކަނޑައެޅުމުގެ ބަދަލުގައި، މައްސަލައިގެ މައުލޫއުއަށް ޙުކުމެއްކޮށްފިނަމަ، އެ ހާލަތުގައި ޤާނޫނުއަސާސީގެ 56 ވަނަ މާއްދާގައި ބުނާ އިސްތިއުނާފުކުރުމުގެ ޙައްޤު ހަނިވާފަދައިން ހައިކޯޓުން ޢަމަލުކުރިކަން ބެލުމުގެ ފުރުސަތު އޮންނާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 25، 45–46)
- މަސްތުވާތަކެތި ބޭނުންކުރާ މީހެއްކަމަށް އޭނާ ބުނާ ބުނުމަށް ބުރަދަން ދެވިދާނެ ހެކި ޤަރީނާއެއް ހުރިނަމަ، މަސްތުވާތަކެތި ބޭނުންކުރާކަމަށް ތަޙުޤީޤުގައި ވެފައިވާ އިޢުތިރާފަށް ބުރަދަންދެވިދާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 40، 45–46)
- މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 17 ވަނަ މާއްދާގެ ސާފު އިބާރާތުން ޕެޑްލަރަކަށްނުވާ މީހަކު ޓްރެފިކްކުރިކަމަށް ބެލެވޭނީ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 142 ވަނަ މާއްދާގައި (މަސްތުވާތަކެއްޗާބެހޭ ޤާނޫނު އިސްލާޙުކުރުމުން މިހާރުގެ 144 ވަނަ މާއްދާ) ބުނާ ކަންތައްތަކުގެ ތެރެއިން އެއް ކަމެއް ފުރިހަމަވާނަމައެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 43، 45–46)
- ޓްރެފިކްކުރިކަން ސާބިތުކުރަން މަސްތުވާތަކެތިން މުޢާމަލާތްކުރުން ސާބިތުކޮށްދޭކަށް ނުޖެހެއެވެ. މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 142 ވަނަ މާއްދާގެ (ފ) ގައި (މަސްތުވާތަކެއްޗާބެހޭ ޤާނޫނު އިސްލާޙުކުރުމުން މިހާރުގެ 144 ވަނަ މާއްދާގެ (ފ)) ޓްރެފިކްކުރާ މީހެއްކަމަށް ބެލެވޭ މިންވަރުކަމަށް ޤާނޫނުގައި ކަނޑައަޅާފައިވާ މިންވަރަށް މަސްތުވާތަކެތި އަތުގައި ހުރުމަކީ ޓްރެފިކްކުރުންކަމަށް ބެލެވޭނެކަމަށް ބަޔާންކޮށްފައިވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 43، 45–46)
އަޙްމަދު ނަބީޙު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
1އަޙްމަދު ނަބީޙުގެ މައްޗަށް މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 108 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ށ) ގެ ދަށުން ކެނެބިސް ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާ ތިލަދުންމަތީ ދެކުނުބުރީ ހިރިމަރަދޫ މެޖިސްޓްރޭޓް ކޯޓުގެ (މީގެ ފަހުން "ހިރިމަރަދޫ މެޖިސްޓްރޭޓު ކޯޓު") ނަންބަރު 04/B6C/2016 ގަޒިއްޔާގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން (މީގެ ފަހުން "ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް" ނުވަތަ "ދައުލަތް") ކުރިއެވެ. އެ ގަޒިއްޔާގައި ޙުކުމްކުރީ މި ދަޢުވާ އަޙްމަދު ނަބީޙުގެ މައްޗަށް ސާބިތުނުވާކަމަށެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހިރިމަރަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 04/B6C/2016 ގަޒިއްޔާ ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ. ހައިކޯޓުން އެ މައްސަލަ ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 2019/HC-N-A/19 ގަޒިއްޔާގައެވެ. އެ ގަޒިއްޔާގައި ޙުކުމްކުރީ އަޙްމަދުގެ ނަބީޙުގެ މައްޗަށް ކެނެބިސް ޓްރެފިކްކުރުމުގެ ކުށް ސާބިތުވާކަމަށެވެ.
2މިއީ، ބުނެވުނު ހައިކޯޓުގެ ނަންބަރު 2019/HC-N-A/19 ގަޒިއްޔާ އަޙްމަދު ނަބީޙުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުން، އެ މައްސަލައާމެދު މި ކޯޓުން ނިންމިގޮތެވެ.
312 ފެބްރުއަރީ 2016 ގައި ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި އަޙްމަދު ނަބީޙު މަސްތުވާތަކެތި ގެންގުޅެ ވިޔަފާރިކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް އަޙްމަދު ނަބީޙު ގެންދިއުމަށްފަހު، އަޙްމަދު ނަބީޙު ގެންގުޅޭ މޯބައިލް ފޯނު ފުލުހުން ބަލައިފާސްކުރުމުން، އެ ފޯނުން މަސްތުވާތަކެއްޗާއި ގުޅުންހުރި ފޮޓޯއާއި ޗެޓް ލޮގްތަކެއް ފުލުހުންނަށް ފެނުނެވެ. މިކަމާއި ގުޅިގެން އަޙްމަދު ނަބީޙުއާ ފުލުހުން ސުވާލުކުރުމުން މަސްތުވާތަކެތި ރައްކާކޮށް ފޮރުވާފައި ހުންނާނެކަމަށް ބުނެ އެތަކެތި ހުރި ތަންތަން ފުލުހުންނަށް ދައްކާފައިވެއެވެ. އެގޮތުން، ހދ. ހިރިމަރަދޫ އަތިރިމަތީގައި ހުރި ހޮޅުއަށްޓެއްގެ ހޮޅުގަނޑެއްގެ ތެރެއިންނާއި ހިރިމަރަދޫ ވަލުތެރޭގައި ހުރި ގަސްތަކެއްގެ ތެރޭގައި ވަޅުލާފައިވާ މަސްތުވާތަކެތި ދައްކާފައިވެއެވެ. މި ތަކެތި ތަހުލީލުކުރުމުން މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ކެނެބިސްއަށް ޕޮޒިޓިވްވެފައިވާތީ، އަޙްމަދު ނަބީޙުގެ މައްޗަށް ކެނެބިސް ޓްރެފިކްކުރުމުގެ ދަޢުވާ ތިލަދުންމަތީ ދެކުނުބުރީ ހިރިމަރަދޫ މެޖިސްޓްރޭޓު ކޯޓުގައި ދައުލަތުން އުފުލިއެވެ.
4މި ހާދިސާއާ ގުޅިގެން ދައުލަތުން އަޙްމަދު ނަބީޙުގެ މައްޗަށް ކުރި ކެނެބިސް ޓްރެފިކްކުރުމުގެ ދަޢުވާ ހިރިމަރަދޫ މެޖިސްޓްރޭޓް ކޯޓުން ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 04/B6C/2016 ގަޒިއްޔާގައެވެ. އެ ގަޒިއްޔާގައި ޙުކުމްކުރީ އަޙްމަދު ނަބީޙުގެ މައްޗަށް މި ދަޢުވާ ސާބިތުނުވާކަމަށެވެ. ހިރިމަރަދޫ މެޖިސްޓްރޭޓް ކޯޓުން މިގޮތަށް ނިންމީ އަންނަނިވި ސަބަބުތަކުގެ މައްޗަށް ބުރަވެއެވެ.
(ހ) މި ދަޢުވާގެ ސީޣާގައި އަޙްމަދު ނަބީޙު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތާރީޚާއި ކުށުގެ ވެށިން ގެނެވޭ މީހުންގެ މަޢުލޫމާތު ފޯމުގައި އަޙްމަދު ނަބީޙު ހައްޔަރުކޮށްފައިވާ ތާރީޚާއި އަދި ހެކިންގެ ހެކިބަހުގައި ތަފާތުތަކެއް ހުރިކަން؛
(ށ) އަޙްމަދު ނަބީޙު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ތަޙްޤީޤު ފުރިހަމަކުރަމުން ދިޔައިރު ނުވަތަ މަސްތުވާތަކެތި ހޯދަމުން ދިޔައިރު ވީޑިއޯ ނުވަތަ ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަން ހިންގާފައިނެތްކަން؛
(ނ) މިދަޢުވާ ސާބިތުކުރުމަށް ފުލުހުންގެ އިތުރުން އިތުރު ހެއްކެއް ހުށަހަޅާފައި ނެތުމާއި އަދި ހެކިންގެ ގޮތުގައި ހުށަހަޅާފައިވާ ހެކިންގެ ބަޔާނުގަވެސް އަޙްމަދު ނަބީޙު ބަލައި ފާސްކޮށް މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ތަކެތި ހޯދަމުން ދިޔައީ ތިން މީހުން އެއް ހާޒިރެއްގައިކަމަށް ބުނެދެވިފައިނުވުމާއި އަދި ފެނުނުކަމަށް ބުނާ އެއްޗެހި ބަޔާންކޮށްދިނުމުގައިވެސް 3 މީހުންގެ ބަސް ތަފާތުކަން؛
5މި ސަބަބުތަކުގެ މައްޗަށް ބުރަވެ ބުނެވުނު ހިރިމަރަދޫ މެޖިސްޓްރޭޓް ކޯޓުގެ ގަޒިއްޔާގައި ޙުކުމްކޮށްފައިވަނީ ދައުލަތުން ކޮށްފައިވާ ކެނެބިސް ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާ އަޙްމަދު ނަބީޙުގެ މައްޗަށް ސާބިތުނުވާކަމަށެވެ.
6ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހިރިމަރަދޫ މެޖިސްޓްރޭޓް ކޯޓުގެ ގަޒިއްޔާ ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ. ހައިކޯޓުން އެ މައްސަލަ ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 2019/HC-N-A/19 ގަޒިއްޔާއިންނެވެ. އެ ގަޒިއްޔާގައި ޙުކުމްކުރީ އަޙްމަދު ނަބީޙުގެ މައްޗަށް ކެނެބިސް ޓްރެފިކްކުރުމުގެ ދަޢުވާ ސާބިތުވާކަމަށެވެ. ހައިކޯޓުން މިގޮތަށް ޙުކުމްކުރީ އަންނަނިވި ސަބަބުތަކުގެ މައްޗަށް ބުރަވެއެވެ.
(ހ) މި މައްސަލަ ހައިކޯޓުން ބަލައިގަނެފައިވަނީ އިސްތިއުނާފީ މުއްދަތު ފާއިތުވެދިޔަފަހުންކަމަށް ބުނެ އަޙްމަދު ނަބީޙުގެ ފަރާތުން ހައިކޯޓުގައި އިޖުރާއީ ނުކުތާއެއް ނަގާފައިވާތީ، އެކަމާ ގުޅިގެން ހައިކޯޓުން ކަނޑައެޅީ، ހިރިމަރަދޫ މެޖިސްޓްރޭޓް ކޯޓަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން އިސްތިއުނާފީ މުއްދަތުގައި މައްސަލަ ހުށަހެޅިކަމަށާއި، އެގޮތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އިސްތިއުނާފު ފޯމު ހިރިމަރަދޫ މެޖިސްޓްރޭޓް ކޯޓަށް 10 (ދިހައެއް) ދުވަހުގެ މުއްދަތުގެ ތެރޭގައި ހުށަހެޅުމުން، އެ މައްސަލަ ހުށަހެޅުމުގެ މުއްދަތު ހަމަވެފައިވާކަމަށް ބުނެ އެ ކޯޓުން އެ ފޯމު ބަލައިނުގަތުމަށް ނިންމާފައިވަނީ، ހިރިމަރަދޫ މެޖިސްޓްރޭޓް ކޯޓުން ހައިކޯޓުގެ އިސްތިއުނާފީ ފޯމުތަކާމެދު ގޮތް ކަނޑައެޅުމުގެ އެއްވެސް ހައިސިއްޔަތެއް ނުވަތަ ޤާނޫނީ ބާރެއް ނެތިކަމަށާއި، އަދި އޭގެ ފަހުން، 26 ޖޫން 2019 ގައި މައްސަލަ އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ސީދާ ހައިކޯޓުގެ އުތުރު ގޮތްޕަށް އެ މައްސަލަ ހުށަހެޅުމުން، އެ މައްސަލަ އިސްތިއުނާފުކުރުމުގެ ހުއްދަ ދިނުމަށް މައްސަލަ ބެލި ފަނޑިޔާރުން ނިންމާފައިވާތީ އަޙްމަދު ނަބީޙުގެ ފަރާތުން ހުށަހެޅި އިޖުރާއީ ނުކުތާ ބަލައިގަނެވެން ނެތްކަން؛
(ށ) މައްސަލައިގެ ހާދިސާ ހިނގާފައިވާ ތާރީޚުކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ނަންބަރު 96/ބީ/2016/1823 ދަޢުވާ ފޯމުގެ ދަޢުވާގެ ޚުލާސާގައި ބަޔާންކޮށްފައިވަނީ ރަނގަޅަށް ނޫންކަމާއި، ހާދިސާ ހިނގާފައިވަނީ 12 ފެބްރުއަރީ 2016 ދުވަހުގެ 00:35 އެހައިކަށްހާއިރުކަން؛
(ނ) ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 150 ވަނަ މާއްދާގެ (ހ) ގައިވާ ފަދައިން މައްސަލައިގެ ދެފަރާތަށް ޚުލާޞާ ބަޔާން ހުށަހެޅުމުގެ ފުރުޞަތު ދީފައިވާކަން އެނގެން ނެތްކަމާއި، އަދި އެ ޤާނޫނުގެ 151 ވަނަ މާއްދާގެ (ހ) އާއި (ރ) ގައިވާ ފަދައިން މައްސަލައެއްގެ އަޑުއެހުން ނިންމާލުމާއެކު އެ މައްސަލައިގެ ޙުކުމްކުރުމުގެ މަޖިލިސް އޮންނާނެ ތާރީޚެއް ފަނޑިޔާރު އިޢުލާންކުރަންވާނެކަމަށް ބަޔާންކޮށްފައިވާއިރު، އެފަދައިން ޢަމަލުކޮށްފައިނުވާކަން؛
(ރ) އަޙްމަދު ނަބީޙު ތަޙުޤީޤުގައި ވެފައިވާ އިޢުތިރާފުން ރުޖޫޢަވެފައިވާއިރު، އިޢުތިރާފުން ރުޖޫޢަވުން ބިނާކުރި ސަބަބުތައް ދަށު ކޯޓުން ވަޒަންކޮށްފައިވާކަން އެނގެން ނެތްކަމާއި، އަޙްމަދު ނަބީޙުގެ އިޢުތިރާފަކީ ހަމައެކަނި އޭނާ އަނގަބަހުން ބުނާ ބުނުމެއްގެ މައްޗަށް ބިނާވެފައިވާ އިޢުތިރާފެއް ނޫންކަމާއި، އޭނާ ބުނި ބަސް އަނބުރާ ގެނައިކަމަށް ބެލި ނަމަވެސް، އޭނާ ބުނި ތަނުން މަސްތުވާތަކެތި ފެނުމުން އެ ބަސް ތެދުކަން އެނގޭކަމާއި، އެހެންކަމުން، މިއީ އެ މައްޗަށް ކުށް ސާބިތުކުރެވޭނެ ފާޅުވެ ފެންނާން އޮތް ހަރުދަނާ ޤަރީނާތަކެއްކަމާއި، މިޙާލަތުގައި ހެކި ހުށަހަޅައިގެން މި ޤަރީނާތައް ނަފީކޮށްލުމުގެ ބުރަ އުފުލަންޖެހޭނީ އަޙްމަދު ނަބީޙުކަމާއި، އެކަން އަޙްމަދު ނަބީޙުއަށް ކުރެވިފައިނުވާކަން؛
(ބ) މި މައްސަލަ ސާބިތުކުރުމަށް ހުށަހެޅި ހެކިންގެ ހެކިބަހުގައި ފުށުއެރުންތަކެއް ހުރިކަމަށް ހިރިމަރަދޫ މެޖިސްޓްރޭޓް ކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާއިރު، އެ ފުށުއެރުންތަކަކީ ކޮބައިކަން ބަޔާންކޮށްދީފައި ނުވާކަމާއި، އެހެންކަމުން، ހެކިންގެ ހެކިބަސްތަކަކީ ފުރިހަމައަށް ބުރަދަންދޭންޖެހޭ ހެކިބަސްތަކެއް ކަމަށާއި، ހެކިންގެ ހެކިބަހުގައި ތަފާތުތަކެއް ހުންނަ ޙާލަތުގައިވެސް އެތަފާތުތަކަކީ މެޓީރިއަލް ތަފާތުތަކެއްކަމަށް ނުވާނަމަ އެފަދަ ހެކިބަސްތަކަށް ފުރިހަމައަށް ބުރަދަންދޭންޖެހޭކަން؛
(ޅ) މި މައްސަލައިގައި މަސްތުވާތަކެތި ހޯދައި އެތަކެތި ތަޙްލީލު ކުރިގޮތާމެދު އަޙްމަދު ނަބީޙުގެ ފަރާތުންނާއި، ދަށު ކޯޓުންވެސް ސުވާލު އުފައްދާފައިވާކަން އެނގެން ނެތްކަމާއި، މި ރިޕޯޓަކީ ބުރަދަންދޭންޖެހޭ ރިޕޯޓެއް ކަމުގައިވާއިރު، ރިޕޯޓަށް ބުރަދަން ދީފައިނުވާ އެއްވެސް ސަބަބެއް ދަށު ކޯޓުން ބަޔާންކޮށްފައިނުވާކަން؛
(ކ) މި މައްސަލައިގައި މަސްތުވާތަކެތި ފެނިފައިވަނީ އަޙްމަދު ނަބީޙު ފުލުހުންނާއެކު ގޮސް ފުލުހުންނަށް އަޙްމަދު ނަބީޙު ދެއްކި ތަންތަނުންކަން އެނގެން އޮތުމުން، އެ ތަކެތި ފެނިފައިވަނީ އަޙްމަދު ނަބީޙުގެ ހިޔާޒަތުގެ ދަށުންކަން އެނގޭކަމާއި، އެހެންކަމުން އެ ތަކެއްޗާމެދު ޒިންމާވާނެ އެހެން ފަރާތެއް ދެއްކިފައިނުވާތީ އެ ތަކެއްޗަކީ އަޙްމަދު ނަބީޙު ޒިންމާވާންޖެހޭ ތަކެތިކަމުގައި ބަލަންޖެހޭކަން؛
(އ) އަޙްމަދު ނަބީޙުއަކީ މަސްތުވާތަކެތި ބޭނުންކުރާ މީހެއްކަމުގައި ތަހުޤީޤުގައި ބުނެފައިވީނަމަވެސް، ދަށު ކޯޓުގެ ޝަރީޢަތުގައި އަޙްމަދު ނަބީޙުގެ ފަރާތުން ތަޙްޤީޤުގައި ވެފައިވާ އިޢުތިރާފުން ރުޖޫޢަވެފައިވާކަމާއި، އެހެންކަމުން، މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގައިވާ ފަދައިން މަސްތުވާތަކެއްޗަށް ދެވި ހިފާފައިވާ މީހެއްކަމުގައި ބެލެވޭނެ ޤާނޫނީ ހަމައެއް ނެތަތީވެ، އަޙްމަދު ނަބީޙުއަކީ "ޕެޑްލަރެއް" ކަމުގައި ބެލެވެން ނެތްކަމަށާއި، އަޙްމަދު ނަބީޙުގެ އަތުން ފެނުނު މަސްތުވާތަކެތީގައި އެކުޖުމްލަ 20 ގްރާމްއަށް ވުރެ ގިނައިން ކެނެބިސް (ކެނެބިނޯލް) ފެނިފައިވާކަން އެނގެން އޮތުމާއެކު، އަޙްމަދު ނަބީޙުއަކީ މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހެއްކަން އެނގެން ނެތުމުން، އަޙްމަދު ނަބީޙުގެ މި ޢަމަލަކީ ކެނެބިސް ޓްރެފިކްކުރުމުގެ ޢަމަލެއްކަން އެނގޭކަން؛
7މި ސަބަބުތަކުގެ މައްޗަށް ބުރަވެ ހައިކޯޓުން ޙުކުމްކޮށްފައިވަނީ ހިރިމަރަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 04/B6C/2016 ގަޒިއްޔާ ބާޠިލުކޮށް، އަޙްމަދު ނަބީޙުގެ މައްޗަށް ކެނެބިސް ޓްރެފިކްކުރުމުގެ ދަޢުވާ ސާބިތުވާކަމަށެވެ.
8އަޙްމަދު ނަބީޙުގެ ފަރާތުން ބުނެވުނު ހައިކޯޓުގެ ނަންބަރު 2019/HC-N-A/19 ގަޒިއްޔާ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރަމުން، އަންނަނިވި 3 (ތިނެއް) ނުކުތާ ހުށަހަޅައި އެ ނުކުތާތަކާމެދު ވާހަކަ ދައްކާފައިވެއެވެ.
8.1 ހައިކޯޓަށް އިސްތިއުނާފުކުރުމުގެ މުއްދަތު ހަމަވުމަށްފަހު މައްސަލައިގެ އިސްތިއުނާފު ހައިކޯޓަށް ބަލައިގަނެފައިވަނީ ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 163 ވަނަ މާއްދާއާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާ.
8.2 ހައިކޯޓުން މި މައްސަލަ ނިންމުމުގައި ހެކި ޤަރީނާ ވަޒަންކޮށްފައިވަނީ، އިސްތިއުނާފުގެ އެއް މަރުޙަލާ އަޙްމަދު ނަބީޙުއަށް ގެއްލިގެންދާ ގޮތެއްގައިކަމަށްވާތީ، މި މައްސަލަ ނިމިގެން ގޮސްފައިވަނީ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާއިން އަޙުމަދު ނަބީޙުއަށް ކަށަވަރުކޮށްދީފައިވާ އިސްތިއުނާފުކުރުމުގެ ޙައްޤަށް ހުރަސް އެޅިގެންދާގޮތަށްކަމަށް ބުނެ ހުށަހެޅި ނުކުތާ.
8.3 މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށުގެ އުންސުރުތައް އަޙުމަދު ނަބީޙުގެ ޢަމަލުގައި ފުރިހަމަވެފައިވާކަމަށް ބެލުމުގައި، މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 17 ވަނަ މާއްދާއާއި 144 ވަނަ މާއްދާއާއި 10 ވަނަ މާއްދާއަށް ރިޢާޔަތްނުކުރެވި އެމާއްދާތަކާ ޚިލާފަށް މައްސަލަ ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
9އަޙްމަދު ނަބީޙުގެ ފަރާތުން މި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަމުން، ހައިކޯޓުން މި މައްސަލަ ބަލައިގަނެފައިވަނީ އެއިރު ޢަމަލުކުރަމުންދިޔަ ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 163 ވަނަ މާއްދާއާ ޚިލާފަށްކަމަށް ބުނެފައިވެއެވެ. މިނުކުތާގެ ތަފުސީލުގައި، އިސްތިއުނާފުކުރުމުގެ މުއްދަތު 17 ޖޫން 2019 އަށް ހަމަވާކަމަށާއި، 23 ޖޫން 2019 ގައި މައްސަލަ ބަލައިގަނެފައިވަނީ އިސްތިއުނާފު މުއްދަތު ހަމަވުމަށްފަހުގައިކަމަށް އަޙްމަދު ނަބީޙުގެ ފަރާތުން ސުޕްރީމް ކޯޓުގައި ފާހަގަކޮށްފައިވެއެވެ.
10ޕްރިސިޑެންސް 3އޭރު ޢަމަލުކުރަމުންދިޔަ ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 163 ވަނަ މާއްދާގެ (ހ) ގައި މައްސަލައެއް އިސްތިއުނާފުކުރުމުގެ މުއްދަތަކީ 10 (ދިހައެއް) ދުވަސްކަމަށް ބަޔާންކޮށްފައިވެއެވެ. އެ ގަވާއިދުގެ 164 ވަނަ މާއްދާގެ (ހ) ގައި 10 (ދިހައެއް) ދުވަހުގެ މުއްދަތު ގުނާނީ ފުރަތަމަ މަރުހަލާ ކޯޓުން މައްސަލަ ނިންމި ދުވަހާއި މުއްދަތު ހަމަވާ ދުވަހާ ދެމެދަށް އަންނަ ސަރުކާރު ބަންދު ދުވަސްތައް ނުހިމެނޭގޮތަށްކަމަށް ބަޔާންކޮށްފައިވެއެވެ.
11ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ބުނެފައިވަނީ، މައްސަލައިގައި ޙުކުމްކުރި ދުވަހާއި އިސްތިއުނާފު މުއްދަތު ހަމަވާ ދުވަހާއި ދެމެދަށް އައިސްފައިވާ ސަރުކާރު އީދު ބަންދު ދުވަސްތަކާއި ބަންދު ދުވަސްތައް އުނިކުރުމުން، އިސްތިއުނާފުކުރުމަށް އޮންނަ އެންމެ ފަހު ތާރީޚަކީ 23 ޖޫން 2019 ކަމަށާއި، މި މައްސަލަ 23 ޖޫން 2019 ގައި އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާކަމަށެވެ.
12ހައިކޯޓުން މައްސަލަ ބަލައިގަނެފައިވާ ގޮތާމެދު ފާހަގަކުރި މި ނުކުތާއަކީ ހައިކޯޓުގައިވެސް އަޙްމަދު ނަބީޙުގެ ފަރާތުން ފާހަގަކޮށްފައިވާ ނުކުތާއެކެވެ. ހައިކޯޓުން މި ނުކުތާއާ ގުޅިގެން ބުނެފައިވަނީ ހިރިމަރަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 04/B6C/2016 ގަޒިއްޔާގައި ޙުކުމްކޮށްފައިވަނީ 03 ޖޫން 2019 ގައި ކަމަށާއި، 23 ޖޫން 2019 ދުވަހު އިސްތިއުނާފު ފޯމު ހިރިމަރަދޫ މެޖިސްޓްރޭޓް ކޯޓަށް ފޮނުވާފައިވާކަމަށެވެ. އެހެންކަމުން، މައްސަލަ ނިންމި ދުވަހާއި މުއްދަތު ހަމަވާ ދުވަހާއި އެދެމެދަށް އަންނަ ސަރުކާރު ބަންދު ދުވަސްތައް ނުހިމެނޭގޮތުން 10 (ދިހައެއް) ދުވަހުގެ މުއްދަތުގެ ތެރޭގައި ފޯމު ހުށަހަޅާފައިވާކަމަށެވެ.
13ސުޕްރީމް ކޯޓުގައި މިހާރު ބަލަމުންމިދާ މައްސަލައިގައި އަޙްމަދު ނަބީޙުގެ މައިގަނޑު ޝަކުވާއަކީ، ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެންވެސް 3 ޖޫން 2019 އާއި 23 ޖޫން 2019 ގެ ދެމެދަށް 10 (ދިހައެއް) ރަސްމީ ދުވަސް އަންނަގޮތަކާމެދުގައެވެ.
142019 ގެ ޖޫން މަހުގެ 4، 5 އަދި 6 ވަނަ ދުވަހަކީ ފިޠުރު ޢީދުގެ މުނާސަބަތުގައި ސަރުކާރު ރަސްމީ ބަންދު ދުވަސްތަކެކެވެ. މި ދުވަސްތައް އުނިކުރުމުން، މުއްދަތު ހަމަވާ ތަރީޚަކީ 23 ޖޫން 2019 ކަން ފާހަގަކުރެވެއެވެ.
15ޕްރިސިޑެންސް 1ޕްރިސިޑެންސް 2މިއީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާ ހަމައަށް އިސްތިއުނާފީ ނުކުތާއެއްގެ ގޮތުގައި ހުށަހަޅަންޖެހޭ ނުކުތާއެއްކަމުގައި އަހުރެން ނުދެކެމެވެ. އަޙްމަދު ނަބީޙުގެ ފަރާތުން 2019 ގެ ދިވެހިރާއްޖޭގެ ކަލަންޑަރެއް ބަލައިލިނަމަ އެކަށީގެންވާ ވަރަށް މައުލޫމާތު ސާފުވާނެކަމަށް ދެކެމެވެ. މައްސަލައެއް ކޯޓަށް ބަލައިގަތުމުގެ ކުރިން، އެ މައްސަލައިގެ އިސްތިއުނާފު ފޯމުގައި ޤާނޫނީ ބަހުސެއް އެކުލެވިގެންވޭތޯ ނުވަތަ ނޫންތޯ ކޯޓުގެ ރަޖިސްޓްރާރ ކަނޑައަޅައެވެ. ޤާނޫނީ ބަހުސެއް ފެންނަން ނެތްނަމަ، ރަޖިސްޓްރާރއަށް މައްސަލަ ބަލައިނުގަތުމުގެ ބާރު ލިބިފައިވެއެވެ. ހަމަ އެފަދައިން، ކޯޓުގެ ވަގުތާއި ވަސީލަތްތަކަށް ރިޢާޔަތްކޮށް، އިސްތިއުނާފު ފޯމުގައި ހިމެނިފައިވާ އެތައް ނުކުތާތަކެއްގެ ތެރެއިން، މިހާރު ބަލަމުންދާފަދަ ފާޅުކަން ބޮޑުގޮތަކަށް ކަންއޮތްގޮތް އެނގެން އޮތް ނުކުތާއެއްވާނަމަ، އެފަދަ ނުކުތާތައް ފޯމުން އުނިކޮށް، ފޯމު އިސްލާހުކުރުމަށް އެންގުމުގެ ބާރު ކޯޓުގެ ރަޖިސްޓްރާރއަށް ލިބިގެންވާކަން މި ފުރުސަތުގައި ފާހަގަކުރަމެވެ.
16މީގެ އިތުރުން، އިސްތިއުނާފު ކުރެވޭ ހައިކޯޓުގެ ނަންބަރު 2019/HC-N-A/19 ގަޒިއްޔާއަކީ ހައިކޯޓު ގަވާއިދުގެ 29 ވަނަ މާއްދާގެ (ނ) އިން ހައިކޯޓު ފަނޑިޔާރުންގެ ހުއްދައާއެކު އިސްތިއުނާފުކޮށްފައިވާ ގަޒިއްޔާއެއްކަން ފާހަގަކުރަމެވެ. އަދި އެ ކޯޓުގެ ފަނޑިޔާރުން މައްސަލަ ބަލައިގަތުމާ ގުޅޭ ގޮތުން ނިންމި ނިންމުން ޤާނޫނާ ޚިލާފުވާގޮތް އަޙްމަދު ނަބީޙުއަށް ބުނެދެވިފައިނުވެއެވެ.
17އެހެންކަމުން، އަޙްމަދު ނަބީޙުގެ ފަރާތުން ހުށަހެޅި މުއްދަތު ގުނުމާ ގުޅޭ ވާހަކަތައް އިސްތިއުނާފީ ނުކުތާއެއްގެ ގޮތުގައި އަހުރެން ބަލައިނުގަންނަމެވެ.
18މި މައްސަލަ ނިންމުމުގައި ހައިކޯޓުން ހެކިވަޒަންކޮށްފައިވަނީ އިސްތިއުނާފުގެ އެއް މަރުހަލާ އަޙްމަދު ނަބީޙުއަށް ގެއްލިގެންދާގޮތަށް ކަމަށްވާތީ، ޤާނޫނުއަސާސީގެ 56 ވަނަ މާއްދާއިން އަޙްމަދު ނަބީޙުއަށް ކަށަވަރުކޮށްދީފައިވާ އިސްތިއުނާފުކުރުމުގެ ޙައްޤަށް ހުރަސްއެޅިގެން ގޮސްފައިވާކަމަށް އަޙްމަދު ނަބީޙުގެ ފަރާތުން ސުޕްރީމް ކޯޓުގައި ފާހަގަކޮށްފައިވެއެވެ.
19އެގޮތުން، ދަށު މަރުހަލާގައި ޚުލާސާ ބަޔާން ހުށަހެޅުމަށް ފުރުސަތު ލިބިފައިނުވުމާއި، މި މައްސަލައިގައި ހިމެނޭ މަސްތުވާތަކެތި ތަޙްލީލުކުރި ފަރާތް ދަށު ކޯޓަށް ހާޒިރުކޮށްފައިނުވުމުން، އޭނާއަށް ސުވާލުކުރުމުގެ ފުރުސަތު އަޙްމަދު ނަބީޙުއަށް ގެއްލިފައިވުމާއި އަދި ދަށު ކޯޓުގައި އަޙްމަދު ނަބީޙު ތަޙުޤީޤުގައިވީ އިޢުތިރާފުން ރުޖޫޢަވި ސަބަބަށް ރިޢާޔަތްކޮށްފައިނުވާއިރު، ދަށު ކޯޓުން އޭނާގެ މައްޗަށް ކުށް ސާބިތުނުވެ، އެކަމަކު ހައިކޯޓުން ކުށް ސާބިތުވިކަމަށް ކަނޑައެޅުމަކީ އިސްތިއުނާފީ އެއް މަރުހަލާ އަޙްމަދު ނަބީޙުއަށް ގެއްލިގެން ދިޔުންކަމުގައި ބުނެފައިވެއެވެ.
20އަޙްމަދު ނަބީޙުގެ ފަރާތުން މައިގަނޑު ގޮތެއްގައި ފާހަގަކުރަނީ ދަށު ކޯޓުން މި މައްސަލަ ބެލިއިރު ހުރި އުނި ކަންތައްތަކެއްގެ ވާހަކައެވެ. މި ވާހަކަތަކަކީ ދައުލަތުގެ ފަރާތުން މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރިއިރުވެސް، އަޙްމަދު ނަބީޙުގެ ފަރާތުން ފާހަގަކޮށްފައިވާ ކަންތައްތަކެއްނޫނެވެ. ސުޕްރީމް ކޯޓުގައި މި ނުކުތާއާ ގުޅިގެން އަޙްމަދު ނަބީޙުގެ ޝަކުވާއަކީ، ދަށު މަރުހަލާގައި މި މައްސަލަ ބެލުމުގައި އުނިކަންތައްތަކެއް ހުރިއިރު، އެކަންކަމަށް ރިޢާޔަތްކުރުމެއްނެތި، ހައިކޯޓަށް މި މައްސަލައިގައި ޙުކުމެއް ނުކުރެވޭނެކަމެވެ. އަދި ހައިކޯޓަށް ދަށު ކޯޓުން މައްސަލަ ނިންމާފައިވަނީ ރަނގަޅަށް ނޫންކަމުގައި ބުރަވެވޭނަމަ، މި މައްސަލަ ޖެހޭނީ އަލުން ދަށު ކޯޓަށް ތަހުވީލުކުރަންކަމަށް އަޙްމަދު ނަބީޙުގެ ފަރާތުން ބުނެއެވެ. އަދި ސުޕްރީމް ކޯޓުގެ އެޓޯލް ބެންޑް ޕްރައިވެޓް ލިމިޓެޑް ވ. މޫސާ އަބްދުއްރަހީމް ގަޒިއްޔާގައި ދަށު ކޯޓުން ގޮތެއް ކަނޑައަޅާފައިނުވާކަމެއްގައި އެއަށްވުރެ މަތީ މަރުހަލާގެ ކޯޓުން ގޮތެއް ކަނޑައެޅުމަކީ ޤާނޫނީގޮތުން ރަނގަޅު އުސޫލެއްނޫންކަމަށް ކަނޑައަޅާފައިވާއިރު، މި މައްސަލަ ހައިކޯޓުން ނިންމާފައިވަނީ ބުނެވުނު އުސޫލާ ޚިލާފަށްކަމަށް އަޙްމަދު ނަބީޙުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިތުރަށް ފާހަގަކޮށްފައިވެއެވެ.
21ޕްރިސިޑެންސް 4ޕްރިސިޑެންސް 5ޕްރިސިޑެންސް 6ދަށު ކޯޓުން ކުށެއް ސާބިތުނުވާކަމަށް ކަނޑައެޅުނު ނަމަވެސް އެ ކުށް ސާބިތުވާކަމަށް ހައިކޯޓަށް ކަނޑައެޅިދާނެއެވެ. މިކަމަށް ބާރުދޭ އެއް މާއްދާއަކީ ޤާނޫނުއަސާސީގެ 60 ވަނަ މާއްދާގެ (ށ) އެވެ. އެ މާއްދާގެ ދޭހައަކީ ޖިނާއީ ކުށެއްގެ ދަޢުވާ މީހެއްގެ މައްޗަށް ސާބިތުނުވާކަމަށް ކޯޓަކުން ޙުކުމްކޮށްފިނަމަ، އެ މައްސަލަ އިސްތިއުނާފު ކުރުމަކީ ދެވަނަ ފަހަރަށް އަލުން އެ ދަޢުވާ އޭނާގެ މައްޗަށް އުފުލުންކަމުގައި ނުބެލެވުމެވެ. އަދި ހަމަ އެފަދައިން، ދަށު ކޯޓާއި ހައިކޯޓަށް ސާބިތުވާނުވާ ކުށެއް ސާބިތުވާކަމަށް ސުޕްރީމް ކޯޓަށްވެސް ކަނޑައެޅިދާނެއެވެ. ދަށު ކޯޓަށް ކުށެއް ސާބިތުނުވުމަކީ ހަމައެކަނި އެކަމުގެ މައްޗަށް ބިނާކޮށް އަލުން މައްސަލަ ބެލުމަށްޓަކައި އެ މައްސަލަ އިސްތިއުނާފީ ކޯޓުން ދަށު ކޯޓަށް ތަހުވީލުކުރަންޖެހޭ ނުވަތަ އަނބުރާ ފޮނުވާލަންޖެހޭ ސަބަބެއްނޫނެވެ.
22ޕްރިސިޑެންސް 7ހައިކޯޓުން މައްސަލައެއް ދަށު ކޯޓަށް އަލުން ބެލުމަށްޓަކައި ތަހުވީލުކުރުމުގެ އުސޫލު ބަޔާންކޮށްފައިވަނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ނ) ގައެވެ. މި އަކުރުގައި ބަޔާންކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ.
ހައިކޯޓުގައި އިސްތިއުނާފުކުރެވޭ މައްސަލަ ބަލާ ފަނޑިޔާރުންނަށް، އެ މައްސަލަ ދަށު ކޯޓުގައި ބެލިއިރު، ނުބެލި ހުރި ކަންތައްތަކެއް ހުރިކަން ފާހަގަކުރެވިގެން އެ މައްސަލަ އަލުން ބެލުމުގެ މަޞްލަޙަތު ބޮޑުކަމަށް ފެނިއްޖެނަމަ، ދަށު ކޯޓުގައި އެ މައްސަލަ ބަލަންޖެހޭ ޤާނޫނީ އުޞޫލުތައް ކަނޑައަޅައި، އެ މައްސަލަ ބެލުމަށްޓަކައި، އެ މައްސަލަ ބެލި ދަށު ކޯޓަށް ފޮނުވިދާނެއެވެ.
23ޕްރިސިޑެންސް 8ހަމަ އެފަދައިން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) ގައި ހައިކޯޓުން މައްސަލަތައް ބަލާނީ ދަށު ކޯޓުގައި ހުށަހެޅުނު ހެކިތަކާއި ދިފާޢުތަކަކީ އަސާސްކަމަށް ބަލައިގެންކަމަށް ބަޔާންކޮށްފައިވެއެވެ. ވުމާއެކު، ހައިކޯޓުން މައްސަލައެއް ދަށު ކޯޓަށް ތަހުވީލުކުރާނީ ދަށު ކޯޓަށް ހުށަހެޅުނު ލިޔެކިއުންތަކާއި ހެކީގެ މައްޗަށް ބިނާކޮށް ހައިކޯޓަށް ގޮތެއް ކަނޑައެޅެންނެތް ހާލަތްތަކުގައެވެ. މީގެ މިސާލެއްގެ ގޮތުގައި، މައްސަލައާ ގުޅިގެން އިތުރަށް ކަށަވަރުކުރަންޖެހޭ ޙަޤީޤަތްތަކެއްހުރިނަމަ، އަދި އެކަންކަންކަމަކީ އައު ހެކި ހުށަހެޅިގެން މެނުވީ ކުރަންޖެހޭ ކަމެއްކަމުގައިވާނަމަ، އެކަންކަންކަމާ މެދު ގޮތެއް ކަނޑައެޅުމަށްޓަކައި މައްސަލައެއް ދަށު ކޯޓަށް ތަހުވީލުކުރެވިދާނެއެވެ. އެހެނީ، ހައިކޯޓުން މައްސަލަ ބެލުމުގެ އަސާސަކީ ދަށު ކޯޓަށް ޤާނޫނީ ގޯހެއް ހެދިފައިވާނަމަ އެކަން ރަނގަޅުކުރުން ކަމުގައިވާއިރު، ދަށު ކޯޓުން އެއްވެސް ވަރަކަށް ނުބަލާ ކަމެއްގައި ހައިކޯޓަށް ގޮތެއް ކަނޑައެޅެން ނޯންނާނެތީއެވެ. މި ހާލަތަކީ ދަށު ކޯޓުން މައްސަލަ ބެލުމުގައި ހެކި ވަޒަންކުރިގޮތް ނުވަތަ ޤާނޫނު ތަޠުބީޤުކުރި ގޮތް ގޯސްކަމަށް ފެންނަ ހާލަތާ ތަފާތު ހާލަތެކެވެ.
24ހުށަހެޅިފައިމިވާ މައްސަލައަށް ބަލާއިރު، ހައިކޯޓުގެ ނަންބަރު 2019/HC-N-A/19 ގަޒިއްޔާގައި އެ ކޯޓުން ގޮތެއް ކަނޑައެޅިއިރު، ހިރިމަރަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަނޭޅޭ އެއްވެސް އައު ހެއްކަކަށް ރިޢާޔަތްކޮށްފައިނުވެއެވެ. އަދި ހިރިމަރަދޫ މެޖިސްޓްރޭޓް ކޯޓުގައި ނުދައްކާ އެއްވެސް އައު ވާހަކަތަކެއް ދައްކައި، އެކަމުގެ މައްޗަށް ޙުކުމެއްވެސް ކޮށްފައިނުވެއެވެ. ހައިކޯޓުގެ ޙުކުމުގެ ނަތީޖާއަކީ ހިރިމަރަދޫ މެޖިސްޓްރޭޓް ކޯޓުން މި މައްސަލައިގައި ހުށަހެޅިފައިހުރި ހެކި ވަޒަންކުރިގޮތް އަދި އެ ހެއްކަށް ބުރަދަންދީފައިވާ ގޮތް ޤާނޫނީ އުސޫލުތަކާ އެއްގޮތް ނޫންކަމަށް ކަނޑައެޅިގެން ދިޔުމެވެ. އަދި ނަތީޖާއެއްގެ ގޮތުން، އަޙްމަދު ނަބީޙުގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައެޅިގެންދިޔުމެވެ.
25ޕްރިސިޑެންސް 9ސުވާލަކީ، ހައިކޯޓު މަރުހަލާގައި ކުށް ސާބިތުވުމުން، އަޙްމަދު ނަބީޙުއަށް އިސްތިއުނާފީ އެއް މަރުހަލާ ގެއްލިފައިވާކަމަށް ބެލެވިދާނެ ހާލަތެއް މި މައްސަލައިގައި މެދުވެރިވެފައިވޭ ހެއްޔެވެ؟ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާގައި ބުނާ އިސްތިއުނާފުކުރުމުގެ ޙައްޤު އެންމެ ފާޅުކަން ބޮޑު ގޮތެއްގައި ގެއްލިގެންދާ މިސާލެއް ނަގާނަމަ، މައްސަލައެއް ބެލުމުގެ އިޚްތިޞާޞް ދަށު ކޯޓަށް ނެތްކަމަށް އެކޯޓުން ކަނޑައަޅާ މައްސަލައެއްގައި، ހައިކޯޓުން ދަށު ކޯޓަށް އެ މައްސަލަ ބެލުމުގެ އިޚްތިޞާޞް ލިބިފައިވޭތޯ ނުވަތަ ނޫންތޯ ކަނޑައެޅުމުގެ ބަދަލުގައި، މައްސަލައިގެ މައުލޫއުއަށް ޙުކުމެއްކޮށްފިނަމަ، އެ ހާލަތުގައި ޤާނޫނުއަސާސީގެ 56 ވަނަ މާއްދާގައި ބުނާ އިސްތިއުނާފުކުރުމުގެ ޙައްޤު ހަނިވާފަދައިން ހައިކޯޓުން ޢަމަލުކުރިކަން ބެލުމުގެ ފުރުސަތު އޮންނާނެއެވެ.
26މި މައްސަލައިގައި، އިސްތިއުނާފުކުރުމުގެ ޙައްޤަށް އުނިވާގޮތަށް ހައިކޯޓުން ޢަމަލުކޮށްފައިވާ ސަބަބުކަމަށް އަޙްމަދު ނަބީޙުގެ ފަރާތުން ބުނަނީ
ދަށު މަރުހަލާގައި ޚުލާސާ ބަޔާން ހުށަހެޅުމަށް ފުރުސަތު ލިބިފައިނުވުން؛
މި މައްސަލައިގައި ހިމެނޭ މަސްތުވާތަކެތި ތަޙްލީލުކުރި ފަރާތް ދަށު ކޯޓަށް ހާޒިރުކޮށްފައިނުވުމުން އޭނާއަށް ސުވާލުކުރުމުގެ ފުރުސަތު އަޙްމަދު ނަބީޙުއަށް ގެއްލިފައިވުން؛ އަދި
ދަށު ކޯޓުގައި އަޙްމަދު ނަބީޙު ތަޙުޤީޤުގައިވީ އިޢުތިރާފުން ރުޖޫޢަވި ސަބަބަށް ރިޢާޔަތްކޮށްފައިނުވުން
27މި ތިންކަމަކީވެސް ދަށު ކޯޓުން މައްސަލަ ބެލި ގޮތާ ގުޅޭ ތިންކަންތައް ކަމުގައިވާއިރު، މި ތިން ނުކުތާވެސް އަޙްމަދު ނަބީޙުގެ ފަރާތުން ހައިކޯޓަށް ހުށަހަޅާފައިނުވެއެވެ. އެއާ ޚިލާފަށް ހައިކޯޓު މައްސަލައިގައި އަޙްމަދު ނަބީޙުގެ ތަޙްޤީޤު ބަޔާނާ ގުޅިގެން އޭނާގެ ޤާނޫނީ ވަކީލު އަލްއުސްތާޛު އިސްމާޢީލް މުޙައްމަދު ބުނެފައިވަނީ އަޙްމަދު ނަބީޙު ތަހުޤީޤު މަރުހަލާގައިވި އިޢުތިރާފުން ޝަރީޢަތުގެ މަޖިލިހުގައި ރުޖޫއަވެފައިވާތީ، ތަޙުޤީޤުގައިވި އިޢުތިރާފަކީ ޝަރީޢަތުގެ މަޖިލިހުގައި ރިޢާޔަތް ނުކުރެވޭނެ އަދި އަޙްމަދު ނަބީޙުއާ ދެކޮޅަށް ބޭނުންނުކުރެވޭނެ ހެއްކެއްކަމަށެވެ. ދައުލަތުގެ ފަރާތުން ބުނެފައިވަނީ މި މައްސަލައިގެ މަސްތުވާތަކެތި ފެނިފައިވަނީ އަޙްމަދު ނަބީޙު މޯލްޑިވްސް ޕޮލިސް ސަރވިސްގެ ތަޙްޤީޤުގައި ދެއްކި ވާހަކަތަކަށްފަހު، އަޙްމަދު ނަބީޙު ބުނި ތަންތަން ފުލުހުންގޮސް ބަލައި ފާސްކުރުމުން އެތަންތަނުން މަސްތުވާތަކެތި ފެނިފައިވާތީ، އެއީ އަޙްމަދު ނަބީޙު ތަޙްޤީޤުގައިވި އިޢުތިރާފުގެ ސަބަބުން މި މައްސަލައިގައި ލިބިފައިވާ ހެކިކަމަށެވެ. އަދި އެ ހެކިން އަޙްމަދު ނަބީޙުގެ ތަޙްޤީޤު ބަޔާނަށް ބާރު ލިއްބައިދޭކަމަށެވެ.
28ހަމަ އެފަދައިން، ޚުލާސާ ބަޔާން ހުށަހެޅުމުގެ ފުރުސަތު ދިނުމާއި މައްސަލައިގެ އަޑުއެހުންތައް ނިމިފައިވާކަމަށް ޝަރީޢަތުން އިޢުލާނުކުރަންޖެހޭކަމަށް އޮތް އޮތުމާ ގުޅިގެން، އަޙްމަދު ނަބީޙުގެ ފަރާތުން ހައިކޯޓުގެ ނަންބަރު 2019/HC-N-A/19 ގަޒިއްޔާގެ ޝަރީޢަތުގައި ޖުމްލަ ގޮތެއްގައި ބުނެފައިވަނީ އެ މައްސަލަ ހިރިމަރަދޫ މެޖިސްޓްރޭޓް ކޯޓުގައި ހިނގާފައިވަނީ ޤާނޫނާ ޚިލާފަށް ނޫންކަމަށެވެ. އެގޮތުން، ދައުލަތަށް ހިރިމަރަދޫ މެޖިސްޓްރޭޓް ކޯޓުގައި ޚުލާސާ ބަޔާން އިއްވުމުގެ ފުރުސަތު ލިބުނުކަމަށާއި އަދި ޚުލާސާ ބަޔާން އިއްވާ ދުވަހު ޙުކުމްކުރުމުގެ ޤާނޫނީ ހުރަހެއް ނެތްކަމަށެވެ.
29ޖުމްލަކޮށް، މިހާރު ސުޕްރީމް ކޯޓުގައި ދައްކާ އެއްވެސް ވާހަކައެއް ހައިކޯޓުގައި ދައްކާފައިނުވާކަން ފާހަގަކުރަމެވެ. ޤާނޫނުއަސާސީގެ 56 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ އިސްތިއުނާފުކުރުމުގެ ޙައްޤު އަޙްމަދު ނަބީޙުއަށް ގެއްލިފައިވާ ގޮތަކަށް ހައިކޯޓުން ޢަމަލުކޮށްފައިވޭތޯ ބަލާއިރު، ދަށު ކޯޓުގައި ޚުލާސާ ބަޔާން ހުށަހެޅުމުގެ ފުރުސަތު ނުލިބުމާއި، މަސްތުވާތަކެތި ތަހުލީލުކުރި ފަރާތް ދަށު ކޯޓަށް ހާޒިރުކޮށްފައިނުވުމާއި، އަދި ދަށު ކޯޓުގައި އަޙްމަދު ނަބީޙު ތަޙުޤީޤުގައިވި އިޢުތިރާފުން ރުޖޫޢަވި ސަބަބު ނުބަލާ އޮތްނަމަވެސް، ހައިކޯޓުން މިކަންކަމާ ގުޅިގެން ޢަމަލުކޮށްފައިވަނީ ޤާނޫނާ ޚިލާފަށްކަން އަޙްމަދު ނަބީޙުއަށް ބުނެދެވިފައިނުވެއެވެ. އެހެންގޮތަކަށް ބުނާނަމަ، ދަށު ކޯޓަށް ހެދިފައިވާ އިޖުރާއީ ގޯސްތައް ހައިކޯޓުން ރަނގަޅުކޮށްފައިނުވާކަން އަޙްމަދު ނަބީޙުގެ ފަރާތުން ފާހަގަނުކުރެއެވެ. ނުވަތަ ދަށު ކޯޓަށް ހެދުނު އިޖުރާއީ ގޯހަކީ އަޙްމަދު ނަބީޙުގެ މަސްލަހަތަށްޓަކައި އަދި އިންސާފު ޤާއިމުކުރުމަށްޓަކައި ޤާނޫނީ އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތިން ކޮންމެހެންވެސް ދަށު ކޯޓަށް ތަހުވީލުކުރަންޖެހޭ ފަދަ މައްސަލައެއްކަން އަޙްމަދު ނަބީޙުއަށް ދެއްކިފައިނުވެއެވެ.
30ވުމާއެކު، މި މައްސަލައިގައި ހައިކޯޓުން ޢަމަލުކޮށްފައިވަނީ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާއިން ލިބިދެވޭ ޙައްޤު ހަނިވާފަދަ ގޮތަކަށްކަން އަޙްމަދު ނަބީޙުއަށް ސުޕްރީމް ކޯޓުގައި ބުނެދެވިފައިނުވެއެވެ.
31ހިރިމަރަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 04/B6C/2016 ގަޒިއްޔާގައި އަޙްމަދު ނަބީޙުގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދަޢުވާއަކީ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 108 ވަނަ މާއްދާ (ކުރީގެ 106 ވަނަ މާއްދާ) ގެ (ހ) އާ ޙަވާލާދީ އެ މާއްދާގެ (ރ) ގެ ދަށުން، ކެނެބިސް ޓްރެފިކްކުރުމުގެ ދަޢުވާއެވެ.
32އެ ޤާނޫނުގެ 17 ވަނަ މާއްދާގައި ޓްރެފިކްކުރުމަކީ ކޮބައިކަން ބުނެދީފައިވެއެވެ.
"ޓްރެފިކްކުރުން" ކަމަށް ބުނެފައިވަނީ، ޕެޑްލަރަށްނުވާ މީހަކު މި ޤާނޫނުގެ 142 ވަނަ މާއްދާގައި ބަޔާންކުރާ ކަންކަމުގެ ތެރެއިން ކަމެއް ފުރިހަމަވާގޮތަށް މަސްތުވާތަކެތިން މުޢާމަލާތްކުރުމަށެވެ. ނުވަތަ ޕެޑްލަރަކަށް ހުރެ، މި ޤާނޫނުގެ 142 ވަނަ މާއްދާގައި ބަޔާންކުރާ ކަންކަމުގެ ތެރެއިން ދެ ކަމެއް ފުރިހަމަވާގޮތަށް މަސްތުވާތަކެތިން މުޢާމަލާތްކުރުމަށެވެ.
33އެ ޤާނޫނުގެ 142 ވަނަ މާއްދާ (އެއީ މަސްތުވާތަކެއްޗާބެހޭ ޤާނޫނު އިސްލާޙުކުރުމުން މިހާރުގެ 144 ވަނަ މާއްދާ)ގެ (ފ) ގައި ބުނެފައިވަނީ؛
މި ޤާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާހިނދަކު، މަސްތުވާތަކެތިން މުޢާމަލާތްކުރާ މީހަކު، އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް ކޮށްފިކަމަށް ސާބިތުކުރެވޭނަމަ، އޭނާއަކީ، މަސްތުވާތަކެތިން ޓްރެފިކްކުރާ މީހެއް ކަމުގައި ބެލެވޭނެއެވެ.
(ފ) ޓްރެފިކްކުރާ މީހެއްކަމަށް ބެލެވޭ މިންވަރުކަމަށް މި ޤާނޫނުގައި ކަނޑައަޅާފައިވާ މިންވަރަށް މަސްތުވާތަކެތި އަތުގައި ހުރުން؛ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 137 ވަނަ މާއްދާ (އެއީ މަސްތުވާތަކެއްޗާބެހޭ ޤާނޫނު އިސްލާޙުކުރުމުން މިހާރުގެ 139 ވަނަ މާއްދާ) ގެ (ބ) ގައި ބުނެފައިވަނީ؛
މަސްތުވާތަކެއްޗަށް ދެވިހިފާފައިނުވާ މީހެއްގެ އަތުގައި، 14 (ސާދަ) ގްރާމަށްވުރެ ގިނަ ޢަދަދަކަށް ކެނެބިސް ނުވަތަ ކެނެބިސް މިކްސްޗަރ ނުވަތަ ކެނެބިސް ރެޒިން ހުރެއްޖެނަމަ، އެ އެއްޗެއް އޭނާގެ އަތުގައި އެހުރީ، އެ އެއްޗެއް ޓްރެފިކްކުރުމަށް ކަމުގައި ބެލެވޭނެއެވެ.ހައިކޯޓުން މައްސަލަ ނިންމުމުގައި އަޙްމަދު ނަބީޙުއަކީ ޕެޑްލަރެއްނޫންކަމަށް ކަނޑައެޅި ކަނޑައެޅުން ސައްޙަނޫންކަމަށާއި، އަޙްމަދު ނަބީޙުވެފައިވާ އިޢުތިރާފުން ރުޖޫޢަވި ރުޖޫޢަވުން ހައިކޯޓުން ބަލައިގަނެފައި ނުވާކަމަށާއި، ނަމަވެސް، އަޙްމަދު ނަބީޙުގެ މަޞްލަޙަތަށް ފަހިވާ ތަންތަނުގައި އޭނާގެ ރުޖޫޢަވުން ޤަބޫލުނުކުރެވި އޭނާގެ މަޞްލަޙަތަށް ގެއްލުންވާ ތަނުގައި އޭނާގެ ރުޖޫޢަވުން ޤަބޫލުކުރެވިފައިވަނީ އިންސާފުވެރި އުޞޫލަކުން ނޫންކަމަށް އަޙްމަދު ނަބީޙުގެ ފަރާތުން ސުޕްރީމް ކޯޓުގައި ބުނެފައިވެއެވެ.
36ހައިކޯޓުގެ ރިޕޯޓުގައި ބުނެފައިވަނީ އަޙްމަދު ނަބީޙުއަކީ މަސްތުވާތަކެތި ބޭނުންކުރާ މީހެއްކަމުގައި ތަޙްޤީޤުގައި އޭނާ ބުނެފައިވިޔަސް ޝަރީޢަތުގައި އޭނާ ތަޙްޤީޤުގައިވެފައިވާ އިޢުތިރާފުން ރުޖޫޢަވެފައިވާތީވެ، އަޙްމަދު ނަބީޙުއަކީ "ޕެޑްލަރެއް" ކަމުގައި ބެލެވެން ނެތްކަމަށެވެ. އަދި މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 137 ވަނަ މާއްދާގެ (މަސްތުވާތަކެއްޗާބެހޭ ޤާނޫނު އިސްލާޙުކުރުމުން މިހާރުގެ 139 ވަނަ މާއްދާ)ގެ (ބ) ގައި މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހަކު އެމީހެއްގެ ހިޔާޒަތުގެ ދަށުގައި 14 (ސާދަ) ގްރާމަށް ވުރެ ގިނަ ޢަދަދަކަށް ކެނެބިސް ހުރުމަކީ މަސްތުވާތަކެތި ޓްރެފިކްކުރުން ކަމުގައި ބެލެވޭތީ، އަދި އަޙްމަދު ނަބީޙުގެ ހިޔާޒަތުގެ ދަށުން 20 (ވިހި) ގްރާމްއަށްވުރެ ގިނައިން ކެނެބިސް ފެނިފައިވާތީ، އަޙްމަދު ނަބީޙުގެ މި ޢަމަލަކީ ކެނެބިސް ޓްރެފިކްކުރުން ކަމަށް ބެލެވޭކަމަށް ހައިކޯޓުގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
37އަޙްމަދު ނަބީޙުއަކީ ޕެޑްލަރެއްނޫންކަމަށް ހައިކޯޓުގެ ގަޒިއްޔާގައި ކަނޑައަޅާފައިވަނީ ރަނގަޅަށް ނޫންކަމަށް އަޙްމަދު ނަބީޙުގެ ފަރާތުން ސުޕްރީމް ކޯޓުގައި ބުނެފައިވެއެވެ. މި މައްސަލައާ ގުޅިގެން ތަޙުޤީޤުކުރި ފަރާތަށް އަޙްމަދު ނަބީޙު ދީފައިވާ ބަޔާނަށް ބަލާއިރު، އަޙްމަދު ނަބީޙުއަކީ 2015 ވަނަ އަހަރުން ފެށިގެން މަސްތުވާތަކެތި ބޭނުންކުރަމުން އަންނަ މީހެއްކަމަށާއި، މަސްތުވާތަކެތި ބޭނުންކުރަން ފެށުނީ މާލޭގައި އުޅުނު ރައްޓެހިންނާއެކު އޭގެ އަޖުމަ ބަލާލުމުގެ ގޮތުންކަމަށާއި، އަޙްމަދު ނަބީޙު މަސްތުވާތަކެތި ގެންގުޅޭކަން އެއްވެސް މީހަކަށް ނޭނގޭނެކަމަށާއި، އަދި މަސްތުވާތަކެތި އެއްވެސް މީހަކަށްދީ، ވިއްކައި، ވިޔަފާރިކޮށްފައިނުވާނެކަމަށް ތަޙުޤީޤުގައި ބުނެފައިވެއެވެ.
38ތަޙުޤީޤުގައި މިގޮތަށް އިޢުތިރާފުވިނަމަވެސް ހިރިމަރަދޫ މެޖިސްޓްރޭޓް ކޯޓުގެ ޝަރީޢަތުގައި އަޙްމަދު ނަބީޙުގެ ފަރާތުން ދަޢުވާއަށްކުރީ އިންކާރެވެ. އިސްތިއުނާފުކުރެވޭ ހައިކޯޓުގެ ގަޒިއްޔާގައި އަޙްމަދު ނަބީޙު ތަޙުޤީޤަށް ވެފައިވާ އިޢުތިރާފުން ރުޖޫޢަވެފައިވީނަމަވެސް، އަޙްމަދު ނަބީޙު ބުނި ތަންތަނުން މަސްތުވާތަކެތި ފެނިފައިވާތީ، އަޙްމަދު ނަބީޙު ބުނި ބަހަކީ ތެދުކަން އެނގެން އޮންނާތީ، ފެނިފައިވާ މަސްތުވާތަކެއްޗަކީ އަޙްމަދު ނަބީޙުގެ ހިޔާޒަތުގެ ދަށުގައިވާ ތަކެތިކަމަށް ބަލައި، ތަޙުޤީޤުގައި ވެފައިވާ އިޢުތިރާފުން ރުޖޫޢަވި ރުޖޫޢަވުމަށް ހައިކޯޓުން ބުރަދަން ދީފައިވާކަން އެނގެން އޮވެއެވެ. ނަމަވެސް، އަޙްމަދު ނަބީޙުއަކީ މަސްތުވާތަކެތި ބޭނުންކުރާ މީހެއްކަމުގައި ތަޙްޤީޤުގައި އޭނާ ބުނެފައިވިޔަސް ޝަރީޢަތުގައި އިޢުތިރާފުން ރުޖޫޢަވެފައިވާތީވެ، އަޙްމަދު ނަބީޙުއަކީ "ޕެޑްލަރެއް" ކަމުގައި ބެލެވެން ނެތްކަމަށް ހައިކޯޓުގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
39ހައިކޯޓުގެ ރިޕޯޓުގައި މި މައްސަލައިގައި ފެނިފައިވާ މަސްތުވާތަކެއްޗަކީ އަޙްމަދު ނަބީޙުގެ ހިޔާޒަތުގެ ދަށުން ފެނުނު މަސްތުވާތަކެތިކަމަށް ބެލުމުގައި، ތަޙުޤީޤުގައިވެފައިވާ އިޢުތިރާފަށް ބުރަދަން ދީފައިވަނީ މައްސަލައިގައި ހުށަހެޅިފައިވާ ހެކި ޤަރީނާ ގުޅުވާލުމުން، އަޙްމަދު ނަބީޙު ދެއްކި ވާހަކަތަކަކީ ތެދު ވާހަކަކަމަށް ބާރުލިބޭތީއެވެ. މި މައްސަލައިގައި ހޯދާފައިވާ މަސްތުވާތަކެތި ނަގާފައިވަނީ އަޙްމަދު ނަބީޙު ގެންގުޅޭ ތަކެތިކަމަށް ބުނެ އަޙްމަދު ނަބީޙު ފުލުހުންނާއެކީ ހދ. ހިރިމަރަދޫ އަތިރިމައްޗަށާއި ވަލުތެރެއަށް ގޮސް އަޙްމަދު ނަބީޙު ދެއްކި ތަންތަނުންނެވެ. ވުމާއެކު، އަޙްމަދު ނަބީޙު ދެއްކި ތަންތަނުގައި މަސްތުވާތަކެތި ހުރުމުން އަޙްމަދު ނަބީޙު އެ ބުނާ ބުނުމަކީ ތެދުކަން އެނގެއެވެ. މިކަންކަން ހައިކޯޓުގެ ރިޕޯޓުގައިވެސް ފާހަގަކޮށްފައިވެއެވެ.
40ޕްރިސިޑެންސް 10މިއާ ޚިލާފަށް، އަޙްމަދު ނަބީޙުއަކީ ޕެޑްލަރެއްނޫނަކަމަށް ހައިކޯޓުގެ ރިޕޯޓުގައި ބުނެފައިވަނީ އަޙްމަދު ނަބީޙު އިޢުތިރާފުން ރުޖޫޢަވެފައިވާތީއެވެ. އަދި މި ރުޖޫޢަވި ރުޖޫޢަވުމަށް ބާރު ލިބިދޭ އެއްވެސް ހެއްކެއް ޤަރީނާއެއް ހުށަހެޅިފައި ނުވާތީއެވެ. އަޙްމަދު ނަބީޙުގެ ކުޑަކަމުދާތަކެތި ތަޙުލީލުކުރެވުނުއިރު މަސްތުވާތަކެއްޗަށް ނެގަޓިވްކަމަށް ދެއްކިއެވެ. އަޙްމަދު ނަބީޙުއަކީ މަސްތުވާތަކެތި ބޭނުންކުރާ މީހެއްކަމަށް އޭނާ ބުނާ ބުނުމަށް ބުރަދަން ދެވިދާނެ ހެކި ޤަރީނާއެއް ހުރިނަމަ، މަސްތުވާތަކެތި ބޭނުންކުރާކަމަށް ތަޙުޤީޤުގައި ވެފައިވާ އިޢުތިރާފަށް ބުރަދަންދެވިދާނެއެވެ. ނަމަވެސް، މި މައްސަލައިގައި އެފަދަ އެއްވެސް ހެކި ޤަރީނާއެއް ހުށަހެޅިފައި ނުވެއެވެ.
41މީގެ އިތުރުން، ހައިކޯޓުގެ ނަންބަރު 2019/HC-N-A/19 ގަޒިއްޔާގެ ޝަރީޢަތުގެ މަޖިލިސް ނިންމާލުމުގެ ކުރިން އަޙްމަދު ނަބީޙުގެ މައްޗަށް ކޮށްފައިވާ ކެނެބިސް ޓްރެފިކްކުރުމުގެ ކުށް ސާބިތުވެއްޖެނަމަ، އަޙްމަދު ނަބީޙުއަށް ދެވޭނެ އަދަބާ ދޭތެރޭ އަޙްމަދު ނަބީޙުގެ ފަރާތުން ބުނަނީ ކީކޭތޯ އެ މައްސަލައިގެ ރިޔާސަތު ބެލެހެއްޓި ފަނޑިޔާރު ޙުސައިން މަޒީދު ސުވާލުކޮށްފައިވެއެވެ. އަޙްމަދު ނަބީޙުގެ ޤާނޫނީ ވަކީލު، އިސްމާޢީލް މުޙައްމަދު ބުނެފައިވަނީ "ދައުލަތުން ދަޢުވާކޮށްފައިމިވަނީ ޚާއްސަ ޤާނޫނަކުންކަމަށްވާތީވެ މި ޤާނޫނުގައި މިފަދަ މައްސަލައެއް ސާބިތުވެއްޖިއްޔާމުން ކަނޑައެޅޭނެ އަދަބު ބަޔާންކޮށްފައި އޮންނާތީވެ ކުށުގެ ރިކޯޑަށް ބަލާފައި ނުވަތަ ފަނޑިޔާރަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން އަދަބަށް އިންކްރީޒްއެއް ނުވަތަ ޑިކްރީޒްއެއް ގެނެވޭނެ އެއްވެސް ހާލަތެއް ނެތަތީވެ އަޅުގަނޑު އަދަބާއި ބެހޭގޮތުން ފާހަގަކުރަންޏާމުން ފާހަގަކުރަންއޮތީ ޤާނޫނުގައި ވަރަށް ސަރީޙަކޮށް ބަޔާންކޮށްފައި އޮންނަކަން" މިހެންނެވެ. އަޙްމަދު ނަބީޙުގެ މައްޗަށް ކުށް ސާބިތުވާނަމަ، ޕެޑްލަރެއްކަމަށް ބަލައިދިނުމަށް ނުވަތަ އަޙްމަދު ނަބީޙުގެ މަސްލަޙަތުގައި މިނޫންވެސް އެހެންކަމަކަށް ރިޢާޔަތްކޮށްދިނުމަށް އެދި އިތުރު އެއްވެސް ކަމެއް ފާހަގަކޮށްފައިނުވެއެވެ.
42ވުމާއެކު، އަޙްމަދު ނަބީޙުއަކީ ޕެޑްލަރެއްނޫންކަމަށް ހައިކޯޓުން ކަނޑައަޅާފައިވަނީ ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބަލާނެ ތަނެއް ނެތެވެ.
43ޕްރިސިޑެންސް 11ޕްރިސިޑެންސް 12މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 17 ވަނަ މާއްދާގައި ޕެޑްލަރަކަށްނުވާ މީހަކު ޤާނޫނުގެ 142 ވަނަ މާއްދާގައި (މަސްތުވާތަކެއްޗާބެހޭ ޤާނޫނު އިސްލާޙުކުރުމުން މިހާރުގެ 144 ވަނަ މާއްދާ) ބަޔާންކުރާ ކަންކަމުގެ ތެރެއިން ކަމެއް ފުރިހަމަވާގޮތަށް މަސްތުވާތަކެތިން މުޢާމަލާތްކުރުމަކީ ޓްރެފިކްކުރުންކަމަށް ބެލެވޭނެކަމަށް އޮންނައިރު، ޤާނޫނުގެ 17 ވަނަ މާއްދާއަށް ބެލުމުން އެ މާއްދާގެ ސާފު އިބާރާތުން ޕެޑްލަރަކަށްނުވާ މީހަކު ޓްރެފިކްކުރިކަމަށް ބެލެވޭނީ ޤާނޫނުގެ 142 ވަނަ މާއްދާގައި (މަސްތުވާތަކެއްޗާބެހޭ ޤާނޫނު އިސްލާޙުކުރުމުން މިހާރުގެ 144 ވަނަ މާއްދާ) ބުނާ ކަންތައްތަކުގެ ތެރެއިން އެއް ކަމެއް ފުރިހަމަވާނަމައެވެ. ޓްރެފިކްކުރާ މީހެއްކަމަށް ކަނޑައެޅުމުގައި މަސްތުވާތަކެތިން މުޢާމަލާތްކުރުމަކީ ސާބިތުކޮށްދޭންޖެހޭ ކަމެއްކަމަށް އަޙްމަދު ނަބީޙުގެ ފަރާތުން ބުނެފައިވާއިރު، ޓްރެފިކްކުރިކަން ސާބިތުކުރަން މަސްތުވާތަކެތިން މުޢާމަލާތްކުރުން ސާބިތުކޮށްދޭކަށް ނުޖެހެއެވެ. އަދި އެ ޤާނޫނުގެ 142 ވަނަ މާއްދާގެ (ފ) ގައި (މަސްތުވާތަކެއްޗާބެހޭ ޤާނޫނު އިސްލާޙުކުރުމުން މިހާރުގެ 144 ވަނަ މާއްދާގެ (ފ)) ޓްރެފިކްކުރާ މީހެއްކަމަށް ބެލެވޭ މިންވަރުކަމަށް ޤާނޫނުގައި ކަނޑައަޅާފައިވާ މިންވަރަށް މަސްތުވާތަކެތި އަތުގައި ހުރުމަކީ ޓްރެފިކްކުރުންކަމަށް ބެލެވޭނެކަމަށް ބަޔާންކޮށްފައިވެއެވެ. އަޙްމަދު ނަބީޙުގެ އަތުން ފެނުނު ކެނެބިހުގެ ޖުމްލަ ބަރުދަނުގައި 20.4425 ގްރާމް ހުރިކަން އެތަކެތީގެ ތަޙްލީލް ރިޕޯޓުން އެނގެން އޮވެއެވެ. ވުމާއެކު، މި އަދަދަށް ކެނެބިސް އަތުގައި ހުރުމަކީ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 137 ވަނަ މާއްދާގެ (ބ) ގެ (މަސްތުވާތަކެއްޗާބެހޭ ޤާނޫނު އިސްލާޙުކުރުމުން މިހާރުގެ 139 ވަނަ މާއްދާގެ (ބ)) ބޭނުމަށްޓަކައި ކެނެބިސް ޓްރެފިކްކުރުމެވެ.
44އެހެންކަމުން، ހައިކޯޓުގެ ނަންބަރު 2019/HC-N-A/19 ގަޒިއްޔާގައި އަޙްމަދު ނަބީޙުގެ މައްޗަށް ކެނެބިސް ޓްރެފިކްކުރުމުގެ ކުށް ސާބިތުވާކަމަށް ކަނޑައަޅާފައިވަނީ ޤާނޫނީ އުޞޫލުތަކާ އެއްގޮތަށްކަމަށް އަހުރެން ދެކެމެވެ.
45މި މައްސަލައިގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
46މި މައްސަލައިގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ދެންފަހެ، އިސްވެ ބަޔާންކުރެވުނު ސަބަބުތައް އެހެންހުރުމާއެކު އިސްތިއުނާފުކުރެވޭ ހައިކޯޓުގެ ނަންބަރު 2019/HC-N-A/19 ގަޒިއްޔާގައި އަޙްމަދު ނަބީޙުގެ މައްޗަށް ކެނެބިސް ޓްރެފިކްކުރުމުގެ ކުށް ސާބިތުވާކަމަށް ކަނޑައަޅާފައިވަނީ ޤާނޫނީ އަދި ޝަރުޢީ އުޞޫލުތަކާ އެއްގޮތަށްކަމަށް ފެންނާތީ އެ ގަޒިއްޔާގައި ކޮށްފައިވާ ޙުކުމަށް ތާއީދުކޮށް، މި ގަޒިއްޔާ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްޠިފާޤުން ޙުކުމްކޮށްފީމެވެ. މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
މަޙާޒު ޢަލީ ޒާހިރުއަޒްމިރާލްދާ ޒާހިރުޙުސްނުއްސުޢޫދު(ރިޔާސަތު)
- މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 108 ވަނަ މާއްދާ (ކުރީގެ 106 ވަނަ މާއްދާ)
- މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 10 ވަނަ މާއްދާ
- މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 17 ވަނަ މާއްދާ
- މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާ
- މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 137 ވަނަ މާއްދާ (އެއީ މަސްތުވާތަކެއްޗާބެހޭ ޤާނޫނު އިސްލާޙުކުރުމުން މިހާރުގެ 139 ވަނަ މާއްދާ) ގެ (ބ)
- މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 142 ވަނަ މާއްދާ (އެއީ މަސްތުވާތަކެއްޗާބެހޭ ޤާނޫނު އިސްލާޙުކުރުމުން މިހާރުގެ 144 ވަނަ މާއްދާ)ގެ (ފ)
- ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 163 ވަނަ މާއްދާގެ (ހ)
- ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 164 ވަނަ މާއްދާގެ (ހ)
- ހައިކޯޓު ގަވާއިދުގެ 29 ވަނަ މާއްދާގެ (ނ)
- ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 150 ވަނަ މާއްދާގެ (ހ)
- ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 151 ވަނަ މާއްދާގެ (ހ) އާއި (ރ)
- ޤާނޫނުއަސާސީގެ 56 ވަނަ މާއްދާ
- ޤާނޫނުއަސާސީގެ 60 ވަނަ މާއްދާގެ (ށ)
- ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ)
- ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ނ)
- އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
- އިސްމާޢީލް މުޙައްމަދު
- ބެންޗު
- ޑރ. އަޒްމިރާލްދާ ޒާހިރު (ރިޔާސަތު)، މަޙާޒު ޢަލީ ޒާހިރު، ޙުސްނުއްސުޢޫދު
- ރިޔާސަތު
- ޑރ. އަޒްމިރާލްދާ ޒާހިރު
- ރައުޔު ލިޔުނު ފަނޑިޔާރު
- އަޒްމިރާލްދާ ޒާހިރު · ތާއީދުކުރެއްވީ: މަޙާޒު ޢަލީ ޒާހިރު، ޙުސްނުއްސުޢޫދު
- ޚިލާފު ރައުޔު
- ނެތް
- މި ކޯޓުގައި
- ހުށަހެޅުނީ 4 މޭ 2021 · ރަޖިސްޓްރީކުރީ 30 މޭ 2021 · ނިމުނީ 29 އޮގަސްޓް 2022 (15.0 މަސް)