ސައިޓޭޝަން ކޮޕީ ކުރުމަށް
2022/HC-A/325
އަޙްމަދު ޖަމީލު ވ. ފާޠިމަތު އިބްރާހީމްދީދީ، 2022/HC-A/325
Ahmed Jameelu v. Fathimath Ibraaheemdheedhee 2022/HC-A/325 (2022/HC-A/325, High Court of the Maldives, 28 October 2026)
އަޙްމަދު ޖަމީލު ވ. ފާޠިމަތު އިބްރާހީމްދީދީ
މައްސަލައިގެ ޚުލާޞާ
ގެމަނަފުށީ މެޖިސްޓްރޭޓް ކޯޓުން ދެ ގޯއްޗަށް މިން އެޅިއިރު، އަޙްމަދު ޖަމީލުގެ ގޯތީގެ ޢިމާރާތުން 1 ފޫޓު 10 އިންޗި ފާޠިމަތު އިބްރާހީމްދީދީގެ ގޯއްޗަށް އަރާފައިވާކަން އެނގެން އޮތުމުން، އެ ބައި 30 ދުވަހުގެ ތެރޭ ތަޅާލުމަށާއި ގޯތީގެ ރަޖިސްޓްރީގައިވާ މިންތައް ހަމަކޮށްދިނުމަށް ޙުކުމްކުރިއެވެ. ގޯތިތަކުގެ ރަޖިސްޓްރީ ބަދަލުކުރުމަކީ ކޯޓުގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ކަމެއް ނޫންކަމަށްވެސް އެ ކޯޓުން ފާހަގަކުރިއެވެ.
ފާޠިމަތު އިބްރާހީމްދީދީގެ ގޯތީގެ ބަޔަކާއެކު އަޙްމަދު ޖަމީލުގެ ގޯތީގައި ޢިމާރާތެއް ހަދާފައިވާތީ، އޭނާގެ ގޯތީގެ އިންފާރު ނުރޭނި ގިނަ ދުވަސްވެފައިވާތީ އެކަން ޙައްލުކޮށްދިނުމަށް އެދި ގެމަނަފުށީ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި މައްސަލައެކެވެ.
އަޙްމަދު ޖަމީލު ބުނީ ގޯތިތައް ރަޖިސްޓްރީކޮށްފައިވަނީ އުޞޫލުތަކާ އެއްގޮތަށްތޯ ބެލުމުގެ ފުރުޞަތު ނުލިބުނުކަމަށާއި، ދިރިއުޅޭ ގެއެއް 30 ދުވަހުގެ ތެރޭ ތަޅާލަން އަމުރުކުރީ ދިރިއުޅޭނެ އެހެން ތަނެއް އޮތްތޯ ނުބަލައި ކަމަށާއި، ގޯތީގެ ދެކުނު ފަރާތުން ބަދަލު ބިމެއް ދީގެން ސުލްޙަވުމުގެ ފުރުޞަތު ނުދިނުކަމަށެވެ. ފާޠިމަތު އިބްރާހީމްދީދީ ބުނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާއަށް ފެތޭ އޮޅިގަނޑެއް ހުށަހަޅާފައިނުވާކަމަށާއި، އެދިފައިވާ ފަރުވާތަކަކީ ދަށު ކޯޓުގައި ބަހުސްކޮށްފައިވާ ކަންކަމެއް ނޫންކަމަށާއި، ސުލްޙައިގެ ހުށަހެޅުމަށް ދަށު ކޯޓުގައި އިންކާރުކުރީ އަޙްމަދު ޖަމީލު ކަމަށެވެ.
މައިގަނޑު ސުވާލު
ދަށު ކޯޓުން އިސްތިއުނާފުކުރާ ފަރާތުގެ ޢިމާރާތުން އިސްތިއުނާފު ރައްދުވާ ފަރާތުގެ ގޯއްޗަށް އަރާފައިވާ ބައި 30 ދުވަހުގެ ތެރޭ ތަޅާލުމަށް ކުރި ޙުކުމަކީ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާގެ ދަށުން ބަދަލުގެންނަންޖެހޭ ނުވަތަ ބާޠިލުކުރަންޖެހޭ ޙުކުމެއްތޯ.
ނިންމި ގޮތް
މެޖިސްޓްރޭޓް ކޯޓުގެ ޙުކުމް ޤާއިމް (އިއްތިފާޤުން)
ހައިކޯޓުން ކަނޑައެޅީ ގޯތިތަކުގެ މިންތައް އިތުރަށް ބެލުމުގެ ފުރުޞަތަކީ ދަށު ކޯޓުގައި އެދެންޖެހޭ ފުރުޞަތެއްކަމަށާއި، ތަޅާލުމަށް ވަކި މުއްދަތަކަށް ދަށު ކޯޓުގައި އެދިފައިނުވާއިރު ފަނޑިޔާރަށް ފެންނަ އެކަށީގެންވާ މުއްދަތެއް ކަނޑައެޅުމުގައި ގޯހެއް ނެތްކަމަށާއި، އަނެއް ފަރާތުން ހުށަހެޅި ސުލްޙައިގެ ހުށަހެޅުމަށް އިސްތިއުނާފުކުރާ ފަރާތު ޚުދު އިންކާރުކޮށްފައިވާއިރު ދަށު ކޯޓުން ގޯހެއް ހަދާފައިނުވާކަމަށެވެ. ސުޕްރީމް ކޯޓުގެ 2019/SC-L/91 ނިންމުމަށް ތަބާވެ، އިސްތިއުނާފީ ނުކުތާތައް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާގެ މިންގަނޑަށް ވާސިލުނުވާތީ، މެޖިސްޓްރޭޓް ކޯޓުގެ ޙުކުމަށް ބަދަލެއް ގެންނަންޖެހޭ ނުވަތަ ބާޠިލުކުރަންޖެހޭ ސަބަބެއް ނެތްކަމަށް ކަނޑައަޅައި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކުރިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- މައްސަލަ ބަލާ ފަނޑިޔާރު ޤާނޫނީ ގޮތުން ގޯހެއް ހަދާފައިވާކަމަށް ހަމައެކަނި ބުނާ ބުނުމަކުން ނުވަތަ ރިޢާޔަތްކުރަންޖެހޭ މިންވަރަށް ހެކިތަކަށް ރިޢާޔަތްކޮށްފައިނުވާކަމަށް ބުނާ ބުނުމަކުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރަން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާއިން ހުއްދަކުރާ މިންގަނޑަށް ވާސިލުނުވެވޭނެކަމާއި ޤާނޫނީ ގޮތުން ގޯހެއް ހަދާފައިވާ ކަމަށް ބުނާނަމަ ނުވަތަ ޙައްޤުތައް ގެއްލިފައިވާކަމަށް ބުނާނަމަ ނުވަތަ އިންސާފަށް ހުރަސްއެޅިފައިވާކަމަށް ބުނާ ނަމަ އެކަމުގައި އުފެދޭ ޤާނޫނީ ބަހުސަކީ ކޮބައިކަން އެ ނުކުތާގައި އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދޭ ފަރާތުން ސާފުކޮށް ބުނަންވާނެކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 23)
- ދެ ގޯތީގެ މިންތަކުގައި ފަރަގު ހުރިކަން ފާހަގަވުމަކީ، އިންތައް އިތުރަށް ބަލަން ފުރުޞަތު ލިބެންޖެހޭ ކަމެއްކަމަށް އިސްތިއުނާފު ކުރާ ފަރާތުން ބަޔާންކުރާ ކުރުމަށް މިކޯޓުން ދެވޭނެ ފަރުވާއެއް އޮތްކަމުގައި ނުދެކެމެވެ. އަދި އެކަމަކީ ދަށު ކޯޓުގައި މައްސަލަ ހިނގަމުންދިޔައިރު އެދެންޖެހޭ ފުރުޞަތެއްކަންވެސް ފާހަގަކުރަމެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 15)
- ދަށު ކޯޓުން މައްސަލަ ނިންމިއިރު، އެގޭގައި ދިރިއުޅޭ މީހުން ވަންނާނެ ތަނެއް ހުރިތޯ ބަލައި އެކަމާމެދު ގޮތް ކަނޑައަޅައި، މުއްދަތު ދިނުމަކީ އިސްތިއުނާފު ކުރާ ފަރާތުން ދަށު ކޯޓުގައި އެދުނު ފަރުވާއެއް ނުވަތަ ދެއްކި ވާހަކައަކަށް ނުވާއިރު، މައްސަލަބަލާ ފަނޑިޔާރަށް އެފަދަ ކަންކަމުގައި ފެންނަ އެކަށީގެންވާ މުއްދަތެއް ކަނޑައެޅުމުގައި ގޯހެއް އޮތްކަމުގައި ނުދެކެމެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 18)
- ދަށު ކޯޓަށް އަނެއް ޚަސްމުގެ ފަރާތުން ހުށަހެޅުން ޚުދު އިސްތިއުނާފު ކުރާ ފަރާތުން އެކަމަށް އިންކާރުކުރުމުގެ ސަބަބުން، ދަށު ކޯޓުން ނަގައިދީފައިނުވާ ހައްލެއް ކަމުގައިވާއިރު، ދަށު ކޯޓުން އެކަމުގައި ގޯހެއް ހަދާފައިވާކަމުގައި ނުދެކެމެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 21)
1މިއީ، ހުވަދު އަތޮޅު އުތުރުބުރީ ގެމަނަފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 07/P9C/2021 ޤަޟިއްޔާ ނިންމާފައިވަނީ، ޝަރުޢީ ނުވަތަ ޤާނޫނީ ހަމަތަކާއި ޚިލާފަށް ކަމަށް ބުނެ ގއ. ގެމަނަފުށި/ ސޯމާ، އަޙްމަދު ޖަމީލު (މީގެ ފަހުން" އަޙްމަދު ޖަމީލު" ނުވަތަ "އިސްތިއުނާފު ކުރާ ފަރާތް")ގެ ފަރާތުން އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މި އިސްތިއުނާފު ރައްދުވަނީ، ގއ. ގެމަނަފުށި/ ޖަވާހިރުވާދީ، ފާޠިމަތު އިބްރާހީމްދީދީ (މީގެ ފަހުން "ފާޠިމަތު އިބްރާހީމްދީދީ" ނުވަތަ "އިސްތިއުނާފު ރައްދުވާ ފަރާތް") ގެ މައްޗަށެވެ.
2ހުވަދު އަތޮޅު އުތުރުބުރީ ގެމަނަފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 07/P9C/2021 ޤަޟިއްޔާގައި ބަލާފައިވާ މައްސަލައަކީ، ގއ. ގެމަނަފުށީ ފުއްލާގެ އެވެ ކިޔުނު ގޯތީގެ ބަޔަކާއެކު ގއ. ގެމަނަފުށީ ސޯމާގެ ގޯތީގައި ޢިމާރާތެއް ހަދާފައި ހުރުމުގެ ސަބަބުން ފުއްލާގޭގެ ގޯތީގެ އިންފާރު ނުރޭނި ގިނަ ދުވަސްވެފައިވާތީ އެކަން ޙައްލުކޮށްދިނުމަށް އެދި ފާޠިމަތު އިބްރާހީމްދީދީގެ ފަރާތުން އެކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ.
3ހުވަދު އަތޮޅު އުތުރުބުރީ ގެމަނަފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 07/P9C/2021 ޤަޟިއްޔާގައި ނިންމާފައިވަނީ އަންނަނިވި ފަދައިންނެވެ.
"ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކަށާއި ޝަރީޢަތުގެ މަޖިލީހުގައި ދެކެވިފައިހުރި ވާހަކަތަކަށާއި، މައްސަލައާގުޅިގެން ހުށަހެޅިފައިހުރި ލިޔުންތަކަށާއި، މައްސަލައިގެ ވަށައިގެންވާ އެންމެހައި ކަންކަމަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުން ވިސްނައި ރިޢާޔަތްކޮށް، ގއ. ގެމަނަފުށީ ފުއްލާގެ ގޯތީގެ އިންފާރު ރޭނުމަށް ބެލިއިރު އެގޯތިން ބަޔަކާއިއެކު […] . ގެމަނަފުށީ ސޯމާގޭ ގޯތީގެ އިރު އުތުރުގައި އެގޭ ޢިމާރާތެއް ހަދާފައިހުރުމުގެ ސަބަބުން ފުއްލާގެ ގޯތީގެ އިންފާރު ނުރޭނި ގިނަ ދުވަސްތަކެއްވާތީ އެކަން ޙައްލުކޮށްދިނުމަށްއެދި ފުއްލާގޭ ވެރިފަރާތްކަމުގައިވާ ގއ.ގެމަނަފުށީ ޖަވާހިރުވާދީ ފާޠިމަތު އިބްރާހީމްދީދީގެ ފަރާތުން ހުވަދުއަތޮޅު އުތުރުބުރީ ގެމަނަފުށީ މެޖިސްޓްރޭޓް ކޯޓަށް މައްސަލަ ހުށަހަޅާފައިވުމާއި، ފުއްލާގެގޯތީގެ ހުޅަނގުން ސޯމާގޭ ގޯތީގެ އިރު އުތުރު ފަރާތުގައި ޢިމާރާތެއް ހަދާފައިވާނެކަމަށާއި އެޢިމާރާތުން ބައެއް ފުއްލާގޭ ގޯއްޗަށް އަރާފައިވާކަމަށް ޤަބޫލުނުކުރެވޭކަމަށް ސޯމާގޭގެ ވެރިފަރާތްކަމުގައިވާ އެގޭ އަޙްމަދު ޖަމީލް ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވާކަމާއި، ސޯމާގެއަށް ހަދައި ދީފައިވާ ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީގައިވާ މިންތަކަކީ އަޙްމަދު ޖަމީލު ޤަބޫލުކުރާ މިންތަކެއް ނޫންކަމާއި އަޙްމަދު ޖަމީލް ބޭނުންވަނީ ސޯމާގެ ހިމެނޭ ކޮށީގައިވާ 3 ގޯތިކަމުގައިވާ ސޯމާގޭ ގޯއްޗާއި، ފުއްލާގޭ ގޯއްޗާއި، އާގެ ގޯތި ކޮންމެ ގޯއްޗަކަށްވެސް ހަމަހަމަވާގޮތަށް ބަހައި ރަޖިސްޓްރީތައް ބަދަލުކުރުންކަމުގައި އަޙްމަދު ޖަމީލު ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވާއިރު ގޯތިތަކުގެ ރަޖިސްޓްރީ ބަދަލުކުރުމަކީ ކޯޓުގެ އިޚްތިޞާޞްގެތެރޭގައި ހިމެނޭކަމެއް ނޫންކަމާއި، […] .ގެމަނަފުށީ ސޯމާގެއަށް ހުވަދު އަތޮޅު އުތުރުބުރި އަތޮޅު އޮފީހުން، ހަދައި ދީފައިވާ އެ އޮފީހުގެ ނަންބަރު P-2006/139 ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީގައިވާ ސޯމާގެ ގޯތީގެ މިންތަކަށް ބަލާއިރު، އެ ގޯތީގެ އުތުރުފަރާތު ހުޅަނގުން އިރަށް ހުންނަންޖެހެނީ 49 ފޫޓު 3 އިންޗިކަމުގައިވީނަމަވެސް މި ކޯޓުން އެ ދެ ގޯއްޗަށް، ގޮސްގެން މިން އެޅިއިރު ސޯމާގެ ގޯތީގެ އުތުރުފަރާތު އިރުން ހުޅަނގަށް ހުރީ 51 ފޫޓު 1 އިންޗިކަމަށްވުމުން އެއީ ސޯމާގޭގެ ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީގައިވާ މިންތަކަށްވުރެ 1 ފޫޓު 10 އިންޗި އިތުރު ޢަދަދެއްކަމަށް ވެފައި ސޯމާގޭ ގޯތީގެ އިރު އުތުރުފަރާތުގައި ހަދާފައިވާ ޢިމާރާތް ހަދާފައިވަނީ އެ ޢިމާރާތުން 1 ފޫޓު 10 އިންޗި ފުއްލާގޭ ގޯއްޗަށް އަރާގޮތަށް ކަމުގައި ވެފައި މިދެންނެވި ދެގޯތީގެ މިންތަކުން އެނގެން އޮންނާތީ ސޯމާގޭ ގޯތީގެ އިރު އުތުރު ފަރާތުގައި ރާނާފައިވާ ޢިމާރާތުން ފުއްލާގޭ ގޯއްޗަށް އަރާފައިވާ ބައި މިއަދު 1 އޭޕްރީލް 2021 ވަނަ ދުވަހުން ފެށިގެން 30 ދުވަހުގެތެރޭ ތަޅާލުމަށާއި، ފުއްލާގޭ ގޯތީގެ ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީގައިވާ މިންތައް އެގޯއްޗަށް ހަމަކޮށްދިނުމަށް އަޙްމަދު ޖަމީލުއަށް އަންގައި ޙުކުމްކޮށް މި ޤަޟިއްޔާ ނިންމީމެވެ."
4ހުވަދު އަތޮޅު އުތުރުބުރީ ގެމަނަފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 07/P9C/2021 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި އަޙްމަދު ޖަމީލުގެ ފަރާތުން ހުށަހެޅި ފޯމުގައި ފާހަގަކޮށްފައިވަނީ އަންނަނިވި ނުކުތާތަކެވެ. އެގޮތުން ހުށަހެޅި ނުކުތާތަކަކީ؛
4.2. ސޯމާގެ އަދި ފުއްލާގެ މި ދެގޯތީގެ އިންތަކުގައި ހުރި ފަރަގަށް ބަލައި، ރަށު އޮފީހުން މި ދެ ގޯތި ރަޖިސްޓަރީކޮށްދީފައިވަނީ އުޞޫލުތަކާ އެއްގޮތަށްތޯ އިތުރަށް ބެލުމުގެ ފުރުޞަތު ގެއްލިފައިވާ ކަމަށާއި؛
4.3. ބޮޑު ޚަރަދުކޮށް ރާނާ ނިންމާ އަދި ދިރިއުޅެމުންދާ ގެއެއް، 30 ދުވަހުގެ ތެރޭގައި ތަޅާލުމަށް އަމުރުކޮށްފައިވަނީ، އެ ގޭގައި ދިރިއުޅޭ މީހުން ދިރިއުޅޭނެ އިތުރު ތަނެއް އޮތްތޯ ބެލުމެއް ނެތި، އެކަށީގެންވާ މުއްދަތެއް ދިނުމަކާ ނުލައި ޝަރުއީ އުޞޫލުތަކާއި ޚިލާފަށް އިންސާފުން އެއްކިބާވެ ކަމަށާއި؛
4.4. އިސްތިއުނާފު ރައްދުވާ ފަރާތާއި، އިސްތިއުނާފުކުރާ ފަރާތުން ވާހަކަދައްކައިގެން، ފުއްލާގޭ ގޯއްޗަށް ސޯމާގެ އިތުރަށް ގޮސްފައިވާ މިންވަރަށް، ސޯމާގެ ގޯތިން އިރު ދެކުނު ފަރާތުންދީ އެއްބަސްވުމަކަށް އައުމުގެ ފުރުޞަތު އޮތްއިރު އެކަށީގެންވާ ގޮތަށް އެ މަޝްވަރާ ގެންގޮސް އެއްބަސްވުމަކަށް އައުމަށް ފުރުޞަތު ލިބިފައިނުވާކަމަށެވެ.
5އިސްތިއުނާފީ ނުކުތާތަކުގެ ތަފުސީލުގައި ބުނެފައިވަނީ މިދެ ގޯތީގެ އިންތަކާ ގުޅޭގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ހުރިކަން ގޯތީގެ ރަޖިސްޓަރީއަށް ބެލުމުން އެނގެން އޮންނަކަމަށާއި އެހެންކަމުން ރަޖިސްޓަރީ ހަދާދީފައިވަނީ، ރަށު އޮފީހުގެ އޮންނަ ކުޑަ ފޮތުގައި ހުރި މިންތަކާ އެއްގޮތަށްތޯ ބެލުމުގެ ފުރުޞަތު އޮންނަންޖެހޭ ކަމަށް ދެކޭކަމަށެވެ.
6ސޯމާއެވެ ކިޔުނު ގެއަކީ މީހުން ދިރިއުޅޭތަނެއް ކަމަށާއި، 01 މަސްދުވަސް ތެރޭގައި އެތަން ތަޅާލުމަށް އަމުރުކުރިއިރު އެގޭގައި ދިރިއުޅޭ މީހުން ދިރިއުޅޭނެ އެހެން ތަނެއް ހުރިތޯ ޝަރީޢަތުން ބަލާފައިނުވާ ކަމަށެވެ.
7އަދި މި މައްސަލަ ދެފަރާތުގެ ދެމެދުގައި ސުލްޙަވެރިކަމާއެކު ހައްލުކުރުމުގެ ފުރުޞަތު އޮތް ނަމަވެސް އެކަށީގެންވާ ވަރަށް އެދެވޭ ހައްލެއް ގެނައުމަށް މަޝްވަރާކޮށް މަސައްކަތްކުރެވިފައި ނުވާކަމަށާއި އެފަދަ ފުރުޞަތެއް ޝަރީޢަތުން ދެފަރާތަށް ދޭންޖެހޭނެކަމަށް ދެކޭކަމަށެވެ. އެގޮތުން ހައްލެއްގެ ގޮތުން ސޯމާގެ ޢިމާރާތުން ފުއްލާގެ ގޯއްޗަށް އުތުރު ފަރާތުން އަރާފައިވާ 01 ފޫޓް 10 އިންޗިގެ ބަދަލުގައި ސޯމާގެ ދެކުނު ފަރާތުން 01 ފޫޓް 10 އިންޗި ދިނުމަށް ހުށަހަޅާ ކަމަށެވެ.
8އިސްތިއުނާފުކުރާ ފަރާތުން އެދެނީ މި މައްސަލައިގައި މުޙައްމަދު ޖަމީލު ދިރިއުޅުމަށް ކޮށްފައިވާ ޢިމާރާތް 1(އެކެއް) މަސް ދުވަހުގެ ތެރޭގައި ތަޅާލަން ޙުކުމްކޮށްފައި ވަނީ، މުޙައްމަދު ޖަމީލު ދިރިއުޅޭނެ އިތުރު ތަނެއް ބެލުމެއްނެތި، ކުރު މުއްދަތެއް ދިނުމަށްފަހުގައި ކަމުގައި ވާތީ، މުޙައްމަދު ޖަމީލަށް ލިބޭ ގެއްލުން ކުޑަކޮށް، އަދި އިސްތިއުނާފު ރައްދުވާ ފަރާތަށް ގެއްލުން ނުވާ ފަދައަކުން މުޙައްމަދު ޖަމީލު ހުށަހަޅާފައިވާ ބަދަލު ދިނުމުގެ ހުށަހެޅުމާ މެދު ގޮތެއް ނިންމުމަށް އަލުން މައްސަލަ ބެލުމަށް ހުވަދުއަތޮޅު އުތުރުބުރީ ގެމަނަފުށީ މެޖިސްޓްރޭޓް ކޯޓަށް އެންގުމަށާއި، އަދި އެ ހުށަހެޅުމަށް ހައްލު ނުލިބިއްޖެނަމަ ޢިމާރާތް ތަޅާލަން އެކަށީގެންވާ މުހުލަތެއް ޝަރީޢަތުން ކަނޑައަޅައިދިނުމަށެވެ.
9މި އިސްތިއުނާފުގެ ރައްދުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ހުށަހެޅި ޖަވާބާއިއެކު އިޖުރާއީ އިޢުތިރާޒެއް ހުށަހަޅާފައިވެއެވެ.
10އިޢުތިރާޒުގައި ޖުމްލަކޮށް ބުނެފައިވަނީ އޮޅިގަނޑު ގިރާ ކުރާ އިސްތިއުނާފީ ނުކުތާއެއް ހުށަހަޅާފައި ނުވާ ކަމަށާއި، މި އިސްތިއުނާފަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާއާއި އިސްތިއުނާފުކުރުމާ ގުޅޭގޮތުން މަތީމަރުޙަލާގެ ކޯޓުތަކުން ނިންމާފައިވާ ނިންމުންތަކާ ޚިލާފަށް ހުށަހަޅާފައިވާ އިސްތިއުނާފެއް ކަމަށް ވާތީ އިސްތިއުނާފު ފޯމު ބާޠިލުކޮށްދިނުމަށް އެދޭކަމަށެވެ.
11އަދި އިޖުރާއީ އިޢުތިރާޒުގައި ފާހަގަކުރިކަންކަން އިސްތިއުނާފުގެ ޖަވާބުގައި ވެސް ފާހަގަކޮށް ބަހުސްގެ ބޭނުމަށް މައްސަލައިގެ މައުޟޫޢާ ގުޅޭ ގޮތުން ޖުމްލަކޮށް ބުނެފައިވަނީ، ގޯތީގެ ރަޖިސްޓަރީގެ މައްސަލައެއް އުޅޭކަމަށް ބުނެ އިސްތިއުނާފުކުރާ ފަރާތުން އެއްވެސް އިރެއްގައި މައްސަލައެއް ހުށަހަޅާފައި ނުވާކަމަށާއި ރަޖިސްޓަރީގެ މިންތަކާމެދު ސުވާލު އުފައްދައި އެކަން ސާބިތުކުރުމަށް ހެކި ހުށަހެޅުމެއްނެތި ދެގޯތި ރަޖިސްޓަރީކޮށްފައިވަނީ އުޞޫލަތަކާ އެއްގޮތަށްތޯ އިތުރަށް ބެލުމުގެ ފުރުޞަތު މި މައްސަލައިގެ ތެރެއިން އޮންނަންޖެހޭ އެއްވެސް ޤާނޫނީ ހަމައެއް ނެތްކަމަށެވެ. މިމައްސަލައިގައި ދަށު ކޯޓުން ޙުކުމްކޮށްފައިވަނީ ދެފަރާތުން ހުށަހަޅާފައިވާ ކަންކަމާއި ހެކިތަކަށްބަލައި އެންމެ ޢަދުލުވެރިގޮތަށް ކަމަށާއި، މި މައްސަލައިގައި ދަށުކޯޓުން ޙުކުމްކުރި ފަހުން ވެސް ގިނަ ދުވަސްތަކެއް ވެފައިވާއިރު ދެފަރާތުގެ ދެމެދުގައި އޮތް މައްސަލަ ހައްލުކުރުމަށް އިސްތިއުނާފުކުރާ ފަރާތުން އެއްވެސް މަސައްކަތެއް ކޮށްފައިނުވާކަމަށެވެ. ޢިމާރާތް ތަޅާލުމުގެ ބަދަލުގައި ޢިމާރާތް ކުރުމުގައި ފުއްލާގޭ އިމަށް އަރާފައިވާ މިނަށް ވާވަރުގެ ބައެއް ސޯމާގެ ދޮރުމަތިން ހުސްކޮށް އޮތް ބައިން ލިބިދިނުމަށް ދަށުކޯޓުގެ އިސްތިއުނާފު ރައްދުވާ ފަރާތުން ހުށަހެޅުމެއް ހުށަހެޅި ނަމަވެސް އިސްތިއުނާފު ކުރާ ފަރާތުން އެހުށަހެޅުމަށް އިންކާރުކޮށްފައިވާކަމަށެވެ. އިސްތިއުނާފު ކުރާ ފަރާތުން މި މައްސަލައިގައި ނަގައިދިނުމަށް އެދިފައިވާ ފަރުވާއަކީ ދަށުކޯޓުގައި އެއްވެސް ވަރަކަށް ބަހުސްކޮށްފައިވާ ކަންކަމެއް ނޫންކަމަށެވެ. ދަށު ކޯޓުން މައްސަލަ ނިންމުމުގައި ޚިލާފުވެފައިވަނީ ޤާނޫނީ ނުވަތަ ޝަރުޢީ ކޮން އުޞޫލަކާކަމެއް އިސްތިއުނާފުގައި ބުނެދެވިފައި ނުވާކަމަށެވެ.
12އިސްތިއުނާފު ރައްދުވާ ފަރާތުން އެދެނީ، ހުވަދު އަތޮޅު އުތުރުބުރީ ގެމަނަފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 07/P9C/2021 ޤަޟިއްޔާގެ ނިންމުމަށް ބަދަލުގެންނަންޖެހޭ ނުވަތަ ބާޠިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ކަނޑައަޅައި މައްސަލަ ހުވަދު އަތޮޅު އުތުރުބުރީ ގެމަނަފުށީ މެޖިސްޓްރޭޓް ކޯޓަށް ތަހުވީލުކުރަންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް ކަނޑައަޅައި މައްސަލަ ނިންމައިދިނުމަށްކަމަށެވެ.
13އިސްތިއުނާފީ ފުރަތަމަ ނުކުތާގެ ތަފުޞީލުގައި އިސްތިއުނާފު ކުރާ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، ބަޔާންކޮށްފައިވަނީ، ސޯމާގެ ގޯތީގެ ތާރީޚީ ކަންކަންކަމާއި، މީގެ އިތުރުން އިތުރު ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ، ކުރިން މި ގޯތިތަކުގެ އިންތަކާ ގުޅޭގޮތުން މައްސަލައެއް ޖައްސާފައިނުވާތީ، އިންތަކުގައި މި މައްސަލައިގައި ބަޔާންކުރާ ފަރަގު ހުރިކަން ހާމަވެފައި ނުވާކަމަށާއި، އެހެންކަމުން، މި ދެ ގޯތީގެ އިންތަކާ ގުޅޭގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ހުރުމުން، އެފަދަ ފުރުޞަތެއް އޮންނަންވާނެ ކަމުގައެވެ.
14އެހެންނަމަވެސް، ދަށު ކޯޓުން މައްސަލަ ނިންމުމުގައި މި ނުކުތާއާ ގުޅޭގޮތުން ހަދާފައިވާ އެއްވެސް ގޯހެއް އިސްތިއުނާފު ކުރާ ފަރާތުން ބަޔާންކޮށްފައިނުވެއެވެ. އަދި ދަށު ކޯޓުގެ ރިޕޯޓުގައި މި ނުކުތާއާ ގުޅިގެން ބަޔާންކޮށްފައިވާ ކަމެއްގެ ސަބަބުން އެ ކޯޓުން ކުރި ޙުކުމަށް ކުރި އަސަރަކީ ކޮބައިކަމެއްވެސް އިސްތިއުނާފު ކުރާ ފަރާތުން ބަޔާންކޮށްފައިނުވެއެވެ.
15ޕްރިސިޑެންސް 2އެހެންކަމުން، ދެ ގޯތީގެ މިންތަކުގައި ފަރަގު ހުރިކަން ފާހަގަވުމަކީ، އިންތައް އިތުރަށް ބަލަން ފުރުޞަތު ލިބެންޖެހޭ ކަމެއްކަމަށް އިސްތިއުނާފު ކުރާ ފަރާތުން ބަޔާންކުރާ ކުރުމަށް މިކޯޓުން ދެވޭނެ ފަރުވާއެއް އޮތްކަމުގައި ނުދެކެމެވެ. އަދި އެކަމަކީ ދަށު ކޯޓުގައި މައްސަލަ ހިނގަމުންދިޔައިރު އެދެންޖެހޭ ފުރުޞަތެއްކަންވެސް ފާހަގަކުރަމެވެ.
16އިސްތިއުނާފީ ދެވަނަ ނުކުތާގެ ތަފްސީލުގައި އިސްތިއުނާފު ކުރާ ފަރާތުން ބަޔާންކޮށްފައިވަނީ، ތަޅާލަން އަމުރުކޮށްފައިވާ ޢިމާރާތަކީ، މީހުން ދިރިއުޅޭ ތަނަކަށްވާއިރު، އެތަނުގައި މީހުން ދިރިއުޅެމުންދާތާ އަދި އެހާ ގިނަ ދުވަސް ނުވާކަމަށާއި، އެގޮތަށް އެތަން ތަޅާލަން އަމުރުކޮށްފައިވަނީ އެ ގޭގައި ދިރިއުޅޭ މީހުން ދިރިއުޅޭނެ އެހެން ގެއެއް ހުރިތޯ ޝަރީޢަތުން ނުބަލައި ކަމަށާއި، އެކަން ބަލަންވާނެކަމަށާއި، ފުއްލާގެ ގޯއްޗަށް އަރާފައިވާ މިންވަރު، ކުރު މުއްދަތެއްގެ ތެރޭގައި ތަޅާނުލައިފިނަމަ، ފުއްލާގެ ގޯއްޗަށް އިއާދަނުކުރެވޭ ވަރުގެ ގެއްލުމެއް ލިބޭނެ ހާލަތެއް ނެތުމުން، މުއްދަތު އިތުރުކުރުމާމެދު ޝަރީޢަތުން ގޮތެއް ކަނޑައަޅަންޖެހޭކަމަށް ދެކޭކަމުގައެވެ.
17ދަށު ކޯޓުގައި މައްސަލަ ހިނގަމުންދިޔައިރުވެސް އިސްތިއުނާފު ކުރާ ފަރާތުން މި މައްސަލާގައި އޮތް ހުސޫމަތު (ފުއްލާގޭ ގޯއްޗަށްއަރާގޮތަށް ސޯމާގޭގެ ޢިމާރާތުގެ ބައެއް ހުރިކަން) އަށް އިންކާރު ނުކުރެއެވެ. ދަށު ކޯޓުގައިވެސް ބުނެފައިވަނީ، އެ ޢިމާރާތް ތަޅާލުމަކީ ބޮޑު ގެއްލުމަކަށް ވާނެކަމެއް ކަމުގައެވެ. އެހެންނަމަވެސް، އެ މިންވަރުގެ ތަންކޮޅެއް ގޯތީގެ އެހެންދިމާލަކުން ފުއްލާގެއަށް ދިނުމަށް އޭރުވެސް އިސްތިއުނާފު ކުރާ ފަރާތުން ނުރުހޭކަން ދަށު ކޯޓުގެ ލިޔުންތަކުން އެނގެއެވެ. އަދި ސޯމާގޭގެ ގޯތީގެ ރަޖިސްޓްރީގައިވާ މިންތައްވެސް ޤަބޫލުނުކުރާކަމަށްބުނެ، އެ ގޯތި އޮންނަ ކޮށީގައި އޮންނަ ތިން ގޯތި (ސޯމާގެ، ފުއްލާގެ އަދި އާގެ) ގެ މިންތައް ހަމަހަމައަށް ބަހައި ރަޖިސްޓަރީ ބަދަލުކޮށްދިނުމަށްވެސް ދަށު ކޯޓުގައި އިސްތިއުނާފު ކުރާ ފަރާތުން އެދިފައިވެއެވެ. ބަޔާންވެދިޔަ ކަންކަމަށް ބަލާއިރު، ދަށު ކޯޓުގައިވެސް ފުއްލާގޭ ގޯއްޗަށް އަރާގޮތަށް ސޯމާގޭގެ ޢިމާރާތުގެ ބައެއް ހުރިކަމަށް އިންކާރު ކޮށްފައިނުވާއިރު، ފުއްލާގޭ ގޯއްޗަށް އަރާބައި ތަޅާލުމަށް ވަކި މުއްދަތެއް ބޭނުންވެ، އެކަމަށް ވަކި މުއްދަތަކަށް އެދި ހުށަހަޅާފައިވާތަނެއް ފެންނާކަށް ނެތެވެ.
18ޕްރިސިޑެންސް 3އެހެންކަމުން، ދަށު ކޯޓުން މައްސަލަ ނިންމިއިރު، އެގޭގައި ދިރިއުޅޭ މީހުން ވަންނާނެ ތަނެއް ހުރިތޯ ބަލައި އެކަމާމެދު ގޮތް ކަނޑައަޅައި، މުއްދަތު ދިނުމަކީ އިސްތިއުނާފު ކުރާ ފަރާތުން ދަށު ކޯޓުގައި އެދުނު ފަރުވާއެއް ނުވަތަ ދެއްކި ވާހަކައަކަށް ނުވާއިރު، މައްސަލަބަލާ ފަނޑިޔާރަށް އެފަދަ ކަންކަމުގައި ފެންނަ އެކަށީގެންވާ މުއްދަތެއް ކަނޑައެޅުމުގައި ގޯހެއް އޮތްކަމުގައި ނުދެކެމެވެ. އަދި މި މައްސަލައިގައި ދަށު ކޯޓުގެ ފަނޑިޔާރު އެކަމަށް ކަނޑައަޅާފައިވާ މުއްދަތަކީ، މިކޯޓުން ދަށު ކޯޓުގެ ފަނޑިޔާރު އެ މުއްދަތު ކަނޑައެޅުމުގެ އިޚްތިޔާރު ބޭނުންކުރިގޮތް ބަލައި، އެކަމުގެ ތެރެއަށް ވަންނަންޖެހޭފަދަ ހާލަތެއް އޮތްކަމެއްކަމުގެ މައްޗަށް އިސްތިއުނާފުކުރާ ފަރާތުން މި ނުކުތާގައި އެއްވެސް ކަމެއް ފާހަގަކޮށްފައިނުވެއެވެ.
19ތިންވަނަ އިސްތިއުނާފީ ނުކުތާގެ ތަފްސީލުގައި އިސްތިއުނާފު ކުރާ ފަރާތުން ބަޔާންކޮށްފައިވަނީ، ދަށު ކޯޓުގައި މައްސަލަ ކުރިއަށްދިޔައިރު، ދެފަރާތުން މައްސަލަ ސުލްޙަވެރިކަމާއެކު ހައްލުކުރުމުގެ ފުރުޞަތު އޮތުމުން، އެ ފުރުޞަތު ދޭންވާނެކަމަށް ދެކޭކަމަށާއި، ސަބަބަކީ ބޮޑު ޚަރަދެއް ކޮށްގެން ހަދާފައިވާ ތަނެއް ތަޅާލުމަށްވެސް ޚަރަދުތަކެއް ހިނގާނެތީ، ދެފަރާތަށް އެއްބަސްވެވޭނަމަ ދެފަރާތަށް ގެއްލުން ނުވާނެ ފަދައަކުން މައްސަލަ ނިމިދާނެތީ ކަމަށާއި، އެގޮތުން މައްސަލަ ހައްލުކުރުމަށް ހުށަހަޅާގޮތުގެ ކުރެހުމަށް އިސްތިއުނާފީ މައްސަލައާއެކު ހުށަހެޅިފައިވާނެ ކަމަށާއި، އިސްތިއުނާފު ކުރާ ފަރާތުން ހުށަހަޅާގޮތަކީ، ސޯމާގެ ޢިމާރާތުން ފުއްލާގެ ގޯއްޗަށް އުތުރުފަރާތުން އަރާފައިވާ ބައިގެ ބަދަލުގައި އެވަރުގެ ތަނެއް، ސޯމާގެ ދެކުނު ފަރާތުން ފުއްލާގެއަށް ދިނުންކަމަށް އިސްތިއުނާފުކުރާ ފަރާތުން ބަޔާންކޮށްފައިވެއެވެ.
20އެހެންނަމަވެސް، ދަށު ކޯޓުގައި ޝަރީޢަތް ނިމުނުގޮތަށް ބަލާއިރު، އިސްތިއުނާފު ކުރާ ފަރާތުން މިނުކުތާގައި ހައްލެއްގެ ގޮތުގައި ހޯދައިދިނުމަށް ހައިކޯޓުގައި އެދިފައިވާ ގޮތަކީ، ދަށު ކޯޓުގައި މައްސަލަ ކުރިއަށްދިޔައިރު، އިސްތިއުނާފު ރައްދުވާ ފަރާތުން ހުށަހެޅި ހުށަހެޅުމެއްކަމާއި، އެގޮތުން އެ ހުށަހެޅުމާމެދު އިސްތިއުނާފު ކުރާ ފަރާތުން ނިންމިގޮތަކީ، "ފުއްލާގޭގެ ވެރިފަރާތުން އެދިފައިވާފަދައިން ސޯމާގޭގެ ދޮރުމަތިން އޮންނަ ހުސްބިމުން ބައެއް ފުއްލާގޭ ގޯއްޗަށް ދޫކުރަންވެސް ބޭނުންނުވާކަމަށް" ކަން ދަށު ކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ޚުލާސާ ރިޕޯޓުގެ 5 ވަނަ ނުކުތާގައި ދަށު ކޯޓުގެ ފަނޑިޔާރު ފާހަގަކޮށްފައިވެއެވެ.
21ޕްރިސިޑެންސް 4އެހެންކަމުން، މިހާރު މި ނުކުތާގައި އިސްތިއުނާފު ކުރާ ފަރާތުން ހުށަހަޅާފައިވާ ގޮތަކީ، ދަށު ކޯޓަށް އަނެއް ޚަސްމުގެ ފަރާތުން ހުށަހެޅުން ޚުދު އިސްތިއުނާފު ކުރާ ފަރާތުން އެކަމަށް އިންކާރުކުރުމުގެ ސަބަބުން، ދަށު ކޯޓުން ނަގައިދީފައިނުވާ ހައްލެއް ކަމުގައިވާއިރު، ދަށު ކޯޓުން އެކަމުގައި ގޯހެއް ހަދާފައިވާކަމުގައި ނުދެކެމެވެ.
22ދަށުކޯޓުގެ ޙުކުމްތަކާއި ޓްރައިބިއުނަލްތަކުގެ ނިންމުންތައް އިސްތިއުނާފުކުރެވޭނެ ޙާލަތްތައް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު ގެ 43 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ. އެ ޤާނޫނުގެ 43 ވަނަ މާއްދާގައި ބަޔާންކުރެވިފައިވަނީ؛ "މި ޤާނޫނުގެ 38 ވަނަ މާއްދާ އާއި، 39 ވަނަ މާއްދާގައި ބަޔާންކޮށްފައިވާފަދަ ޙުކުމްތަކާއި ނިންމުންތައް ހައިކޯޓުގައި އިސްތިއުނާފުކުރެވޭނީ އަންނަނިވި ޙާލަތްތަކުގައެވެ. (ހ) އިސްތިއުނާފުކުރަން ހުށަހަޅާ ޙުކުމް ނުވަތަ ނިންމުން ބިނާކުރެވިފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ޤަބޫލުކުރެވޭނެ ސަބަބުތަކެއް ހުރުން ނުވަތަ ޤާނޫނު ތަޠުބީޤުކުރުމުގައި ނުވަތަ ޤާނޫނު މާނަކުރުމުގައި ކުށެއް ހެދިފައިވާކަމަށް ޤަބޫލުކުރެވޭނެ ކަންކަން ހުރުން.
(ށ) ޙުކުމުގެ ނުވަތަ ނިންމުމުގެ ކުރިއަށް އައި އިޖުރާއަތެއްގައި ހިމެނުނު އަންނަނިވި ބާވަތްތަކުންކުރެ ބާވަތެއްގެ އައިބެއްގެ ސަބަބުން އެ ޙުކުމަށް ނުވަތަ ނިންމުމަށް އަސަރު ފޯރުވި އިޖުރާއަތަކީ ބާޠިލު އިޖުރާއަތެއް ކަމުގައިވުން.
(1) އަޑުއެހުން ބޭއްވުމަށް ޤާނޫނުގައި ކަނޑައެޅިފައިވާ ގޮތާ ޚިލާފުވުން، (2) ޙުކުމްކުރި ނުވަތަ ނިންމުން ނިންމި ފަނޑިޔާރަކީ ނުވަތަ ނިޔާވެރިއަކީ އެ މައްސަލައެއް ބެލުމަށް ޝަރުޢީ ނުވަތަ ޤާނޫނީ ގޮތުން ހުރަސްއަޅާފަދަ ސަބަބެއް މެދުވެރިވެފައިވާ ފަނޑިޔާރަކު ނުވަތަ ނިޔާވެރިއަކު ކަމުގައިވުން، (3) ޙުކުމުގައި ނުވަތަ ނިންމުމުގައި ޙުކުމްކުރި ނުވަތަ ނިންމުން ނިންމި ފަނޑިޔާރު ނުވަތަ ނިޔާވެރިޔާގެ ސޮއި ނެތުން، (4) ޙުކުމުގެ ނުވަތަ ނިންމުމުގެ ސަބަބުތައް ބަޔާންވެފައި ނެތުން، މިފަދައިންނެވެ.
23ޕްރިސިޑެންސް 1ދަށުކޯޓުތަކުން ކުރާ ޙުކުމްތަކާއި ނިންމާ ނިންމުންތައް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމަށްޓަކައި އިސްތިއުނާފުކުރާ ފަރާތުން ގިރާ ކުރަންޖެހޭ ޤާނޫނީ އޮޅިގަނޑު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-L/91 މައްސަލަ ބަލައިގަތުމާމެދު ނިންމި ގޮތުގައި ބަޔާންކޮށްފައިވެއެވެ. އެނިންމުމަށް ބަލާއިރު، މައްސަލަ ބަލާ ފަނޑިޔާރު ޤާނޫނީ ގޮތުން ގޯހެއް ހަދާފައިވާކަމަށް ހަމައެކަނި ބުނާ ބުނުމަކުން ނުވަތަ ރިޢާޔަތްކުރަންޖެހޭ މިންވަރަށް ހެކިތަކަށް ރިޢާޔަތްކޮށްފައިނުވާކަމަށް ބުނާ ބުނުމަކުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރަން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާއިން ހުއްދަކުރާ މިންގަނޑަށް ވާސިލުނުވެވޭނެކަމާއި ޤާނޫނީ ގޮތުން ގޯހެއް ހަދާފައިވާ ކަމަށް ބުނާނަމަ ނުވަތަ ޙައްޤުތައް ގެއްލިފައިވާކަމަށް ބުނާނަމަ ނުވަތަ އިންސާފަށް ހުރަސްއެޅިފައިވާކަމަށް ބުނާ ނަމަ އެކަމުގައި އުފެދޭ ޤާނޫނީ ބަހުސަކީ ކޮބައިކަން އެ ނުކުތާގައި އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދޭ ފަރާތުން ސާފުކޮށް ބުނަންވާނެކަމަށް އެނިންމުމުގައި ސުޕްރީމް ކޯޓުން ކަނޑައަޅާފައިވެއެވެ .
24ބަޔާންކުރެވުނު އިސްތިއުނާފުކުރުމުގެ ހަމަތަކަށް ރިޢާޔަތްކޮށް މިމައްސަލާގައި ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާއިން ހުއްދަކުރާ މިންގަނޑަށް ވާސިލުވެވިފައިވާ ނުކުތާކެއްތޯ ބަލާއިރު ހުށަހަޅާފައިވާ ނުކުތާތަކުގައި ދަށުކޯޓުން މައްސަލަ ނިންމާފައިވަނީ ޤާނޫނު ނުވަތަ ޝަރުޢީ އުޞުލަކާ ޚިލާފަށް ކަމަށް ބަޔާންކޮށްފައިނުވާއިރު، ޤާނޫނު މާނަކުރުމުގައި ނުވަތަ ޤާނޫނު ޠަޠުބީޤުކުރުމުގައި ހަދާފައިވާ ގޯހެއްވެސް ބުނެދެވިފައިވާ ކަމަށް ނުފެނެއެވެ.
25ބަޔާންވެދިޔަ އެންމެހާ ކަންކަމަށް ރިޢާޔަތްކުރުމުން، އިސްތިއުނާފު ކުރާ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކަށް ރިޢާޔަތްކޮށް ދަށު ކޯޓުގެ ޙުކުމަށް ބަދަލެއް ގެންނަންޖެހޭ ނުވަތަ ބާޠިލު ކުރަންޖެހޭފަދަ ސަބަބެއް ނެތްކަމުގައި ކަނޑައަޅައި މި މައްސަލަ ނިންމަން ފެނެއެވެ.
26މި މައްސަލައިގައި، ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
27މި މައްސަލައިގައި، ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
28ޙުކުމް ކުރެވޭ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހެޅިދާނެއެވެ.
ދެންފަހެ، ބަޔާންވެދިޔަ އެންމެހާ ކަންކަމަށް ރިޢާޔަތްކުރުމުން، އަޙްމަދު ޖަމީލުގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކަށް ރިޢާޔަތްކޮށް ހުވަދުއަތޮޅު އުތުރުބުރީ ގެމަނަފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 7/P9C/2021 ޤަޟިއްޔާގެ ޙުކުމަށް ބަދަލެއް ގެންނަންޖެހޭ ނުވަތަ ބާޠިލު ކުރަންޖެހޭފަދަ ސަބަބެއް ނެތްކަމުގައި ކަނޑައަޅައި، ދިވެހިރާއްޖޭގެ ހައިކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
މިޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
ފަނޑިޔާރު ޙަސަން ޝަފީޢު
ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ
(ރިޔާސަތު)
ފަނޑިޔާރު ޙުޒައިފާ މުޙައްމަދު
- ޤާނޫނު ނަންބަރު 22/2010
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 43 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ)
- 2019/SC-L/91
- ބެންޗު
- މުޙައްމަދު ޝަނީޒް ޢަބްދުﷲ (ރިޔާސަތު)، ޙަސަން ޝަފީޢު، ޙުޒައިފާ މުޙައްމަދު
- ރިޔާސަތު
- މުޙައްމަދު ޝަނީޒް ޢަބްދުﷲ
- ރައުޔު ލިޔުނު ފަނޑިޔާރު
- މުޙައްމަދު ޝަނީޒް ޢަބްދުﷲ · ތާއީދުކުރެއްވީ: ޙަސަން ޝަފީޢު، ޙުޒައިފާ މުޙައްމަދު
- ޚިލާފު ރައުޔު
- ނެތް