ސައިޓޭޝަން ކޮޕީ ކުރުމަށް
[2021] SC 08
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. އާދަމް ޒަމީލް، [2021] SC 08 (2019/SC-A/68)
Maldives Airports Company Limited v. Adam Zameel [2021] SC 08 (2019/SC-A/68, Supreme Court of the Maldives, 18 January 2021)
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. އާދަމް ޒަމީލް
މައްސަލައިގެ ޚުލާޞާ
ޓްރައިބިއުނަލުން ނިންމީ ވަކިކުރީ އެކަށީގެންވާ ސަބަބެއް އޮވެގެން ނަމަވެސް އިޖުރާއީ ޢަދުލުވެރިކަން ފުރިހަމަނުވާތީ 6,200 ރުފިޔާ ބަދަލު ދިނުމަށެވެ. ހައިކޯޓުން ނިންމީ މައުޟޫޢީ އަދި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުނުކޮށް ވަކިކުރި ކަމަށާއި، ވަޒީފާއަށް އަނބުރާ ރުޖޫޢަކޮށް ވަކިކުރި ދުވަހުން ފެށިގެން މުސާރައާއި ޢިނާޔަތްތައް ދިނުމަށެވެ.
އެމް.އޭ.ސީ.އެލްގެ ފިއުލް ފާމުން 19,000 ލީޓަރުގެ ޖެޓް ފިއުލް ވަގަށް ނެގި މައްސަލައިގައި އާދަމް ޒަމީލް ބައިވެރިވި ކަމަށް ފުލުހުންގެ ރިޕޯޓުގައި ބުނެފައިވާތީ، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ނޯޓިސް ނުދީ އޭނާ ވަޒީފާއިން ވަކިކުރިއެވެ.
އެމް.އޭ.ސީ.އެލްގެ ޚިޔާލުގައި މަދަނީ މިންގަނޑުން ބައިވެރިވިކަން ސާބިތުވާތީ 23 (ށ) ގެ ދަށުން ވަކިކުރުން ޞައްޙަ ކަމަށާއި، ފުލުހުންނަށް މައްސަލަ ހުށަހެޅުމުން ތަޙްޤީޤުގެ ޒިންމާ އަދާވާ ކަމަށާއި، ވަޒީފާއަށް ރުޖޫޢަކުރުމަކީ ނުޙައްޤު މަންފާއެއް ކަމަށެވެ. އާދަމް ޒަމީލް ބުނީ ސީސީޓީވީ ފުޓޭޖުން އެއްވެސް ކަމެއް ސާބިތުނުވާ ކަމަށާއި، މައުޟޫޢީ ޢަދުލުވެރިކަން ނެތްނަމަ ވަޒީފާއަށް ރުޖޫޢަކުރުމަކީ ސާބިތު އުޞޫލެއް ކަމަށެވެ.
މައިގަނޑު ސުވާލު
ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ނޯޓިސް ނުދީ އާދަމް ޒަމީލް ވަޒީފާއިން ވަކިކުރީ މައުޟޫޢީ އަދި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކުރުމަށްފަހުތޯ؛ އަދި އޭނާ ވަޒީފާއަށް އަނބުރާ ރުޖޫޢަކުރުމަށް ކުރި އަމުރަކީ އެހެން މައްސަލަތަކުގެ ނިންމުންތަކާ ޚިލާފު، ނުޙައްޤު މަންފާއެއް ލިބިދޭ އަމުރެއްތޯ.
ނިންމި ގޮތް
ހައިކޯޓުގެ ޙުކުމް ބާޠިލުކޮށް، ވަކިކުރުން ވަޒީފާއާބެހޭ ޤާނޫނާ ޚިލާފު ކަމަށް ކަނޑައަޅައި، 14 ދުވަހުގެ ތެރޭގައި ވަޒީފާ ހަމަޖައްސައި 37,200 ރުފިޔާ ދިނުމަށް އަމުރު
ފުލުހުންގެ ރިޕޯޓުގައި ބައިވެރިވި ގޮތުގެ ތަފްޞީލެއް ނެތުމާއި، ފުޓޭޖުން މީހުން ދެނެނުގަނެވުމާއި، ކުންފުނިން ތަޙްޤީޤެއް ނުކޮށް، މުވައްޒަފަށް ޖަވާބުދާރީވުމުގެ ފުރުޞަތު ނުދިނުމުން މައުޟޫޢީ އަދި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުނުވާތީ ވަކިކުރުން ޤާނޫނާ ޚިލާފެވެ. އިތުބާރު ގެއްލުމުގެ ދައްޗަކީވެސް ސާބިތުނުވާ ވައްކަމުގެ ތުހުމަތު ކަމުން ރުޖޫޢަކުރުމަށް ހުރަހެއް ނެތެވެ؛ ނަމަވެސް ފަހުން ނިންމާފައިވާ ޤަޟިއްޔާތަކާ އެއްގޮތަށް ބަދަލަކީ 6 މަހުގެ އަސާސީ މުސާރައެވެ.
ކަނޑައެޅުނު އުޞޫލުތައް
- އިސްމާޢީލް މަސްޢޫދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން އަދި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާން ގައި ކަނޑައަޅާފައިވާ، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި ޢަމަލުކުރަންޖެހޭ ލާޒިމު އިޖުރާއަތަކީ، ވަޒީފާއާބެހޭ ޤާނޫނުން އިސްތިސްނާކޮށްފައިވާ ފަރާތްތައް ފިޔަވައި، ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ އަދި ވަޒީފާދޭ ހުރިހާ ފަރާތްތަކެއްގެ މައްޗަށް ޢަމަލުކުރަންޖެހޭ އިޖުރާއަތެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 14)
- މުވައްޒަފަކު ވަޒީފާއިން ވަކިކުރި ސަބަބަކީ އެކަށީގެންވާ ސަބަބެއްކަން ސާބިތުކޮށްދިނުމަކީ ވަޒީފާދޭ ފަރާތުގެ ޒިންމާއެވެ. އެހެންކަމުން، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ހ) ގެ ދަށުން ނޯޓިސް ނުދީ ވަކިކުރާއިރުވެސް މައުޟޫޢީ އަދި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުވެފައިވާކަން ކަށަވަރުކުރުމަކީ ވަޒީފާދޭ ފަރާތުގެ ޒިންމާއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 15)
- ނޯޓިސް ނުދީ ވަކިކުރެވޭނީ ޢަދުލުވެރި ސަބަބެއް އޮވެގެން، އެއީ ފާޅުކަންބޮޑު ޣައިރުސުލޫކީ އަމަލެއް ނުވަތަ ޚިޔާނާތެއް ވެފައިވާނަމައެވެ. ޣައިރުސުލޫކީ އަމަލަކީ ފާޅުކަންބޮޑު އަމަލެއް ކަމަށް ބެލެވޭނީ، ވަޒީފާގެ ގުޅުން އެއްކޮށް ކެނޑޭ މިންވަރުގެ ސީރިއަސް އަމަލެއް (ވަޒީފާގެ އެއްބަސްވުމުގެ ޖައުހަރީ ޝަރުޠަކާ ޚިލާފުވުން، ދެފަރާތުގެ އިތުބާރާއި އަމާނާތްތެރިކަން ގެއްލުން، ނުވަތަ ވަޒީފާގެ އިލްތިޒާމުތަކާ އަސާސީގޮތުން ޚިލާފުވުން) ކަމަށްވާނަމައެވެ؛ އަދި އޭގެ ސީރިއަސްކަން މަސައްކަތުގެ ބާވަތާއި މަޤާމާއި މަސްއޫލިއްޔަތާއި އަމާނާތްތެރިކަމުގެ ޒިންމާއާ ގުޅިގެން ތަފާތުވެދާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 16-17)
- މުވައްޒަފަކު ވައްކަމުގައި ބައިވެރިވި ކަމަށް ފުލުހުންގެ ރިޕޯޓެއްގައި ތަފްޞީލެއް ނެތި ބުނެފައިވުމާއި، ސީސީޓީވީ ފުޓޭޖުން ކަންކުރި މީހުން ދެނެނުގަނެވުމާއި، ހާދިސާ ހިނގިރޭ ޑިއުޓީގައި ހުރުމަކީ ވައްކަމުގައި ޢަމަލީގޮތުން ބައިވެރިވިކަމަށް ދަލާލާތުކުރާ ކަމެއް ނޫންކަމާއި، ވަޒީފާދޭ ފަރާތުން އަމިއްލަ ތަޙްޤީޤެއް ނުކުރުމުގެ ސަބަބުން، އެ ރިޕޯޓަށް ބިނާކޮށް ވަކިކުރުމަކީ މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުކޮށްގެން ވަކިކުރުމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 18-20)
- އިޖުރާއީ ޢަދުލުވެރިކަމަކީ، ވަޒީފާއިން ވަކިކުރުމުގެ ކުރިން މުވައްޒަފުގެ މައްޗަށް ކުރެވުނު ތުހުމަތުގެ މަޢުލޫމާތު ދެވެން ހުރި މިންވަރަކުން ދީ، އެކަމަށް ޖަވާބުދާރީވުމުގެ ފުރުޞަތު ދިނުމެވެ؛ މުވައްޒަފުގެ ބަސް ނުހޯދައި، ދިފާޢުވުމުގެ ފުރުޞަތު ނުދީ ވަކިކުރުމަކީ އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކުރުމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 21)
- އެކަށީގެންވާ ސަބަބެއް ނެތި ވަކިކުރާ މުވައްޒަފަކަށް ވަޒީފާއާބެހޭ ޤާނޫނުގެ 29 (ހ) ގެ ދަށުން ވަޒީފާއަށް ރުޖޫޢަކުރުން، އެކަށީގެންވާ އެހެން ވަޒީފާއެއްގައި ބެހެއްޓުން، ނުވަތަ ބަދަލު ދެވިދާނެއެވެ. އޭގެ ތެރެއިން އެންމެ އަސާސީ ޙައްލަކީ ވަޒީފާއަށް ރުޖޫޢަކުރުމެވެ؛ 29 (ށ) ގެ ދަށުން ވަކިކުރެވުނު ޙާލަތާއި، ދެފަރާތުގެ އިތުބާރާއި، ރުޖޫޢަކުރުން ޢަމަލީގޮތުން ކުރެވޭތޯ ވަޒަންކުރުމަށްފަހު، އިސްތިސްނާއީ ޙާލަތެއް ނުވަތަ ހުރަހެއް ނެތްނަމަ ވަޒީފާއަށް ރުޖޫޢަކުރަންވާނެއެވެ. އަނބުރާ އިޢާދަނުކުރެވޭ މިންވަރަށް އިތުބާރު ގެއްލުން، އެކަށީގެންވާ ވަރަށްވުރެ ދިގު މުއްދަތެއް ފާއިތުވުން، ވިޔަފާރީގެ ކުޑަބޮޑުމިން، ވިޔަފާރީގެ ޙާލަތު ފަދަ ކަންކަމަކީ ހުރަސްތަކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 22-25)
- ވަޒީފާއިން ވަކިކުރުމަށްފަހު ވަޒީފާދޭ ފަރާތުން އިތުބާރު ގެއްލިއްޖެ ކަމަށް ބުނާ ބުނުމަކީ ހަރުދަނާ ސަބަބުތަކުގެ މައްޗަށް ބިނާކޮށްގެން ބުނާ ބުނުމެއްތޯ، މައްސަލައިގެ ޚާއްޞަ ޙާލަތްތަކުގެ އަލީގައި ބުއްދީގެ ހަމަތަކުގެ މަތިން ޓްރައިބިއުނަލުން ނުވަތަ ކޯޓުން ބަލަންވާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 27)
- މައުޟޫޢީ އަދި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުނުކޮށް ވަކިކުރި މުވައްޒަފަކަށް ވަޒީފާ އަނބުރާ ލިބިނުދިނުމަކީ، ޤާނޫނުގައިވާ އިޖުރާއަތުގެ ބޭރުން ވަކިކުރުމުގެ އެކަށީގެންނުވާ އަމަލު ބަލައިގަތުމާއި، މުވައްޒަފަށް ޤާނޫނުން ދޭ އަސާސީ ޙައްޤުން މަޙްރޫމުކުރުމެވެ؛ އެފަދަ ޙާލަތެއްގައި ވަޒީފާއަށް ރުޖޫޢަކުރުމަކީ ނުޙައްޤު މަންފާއެއް ލިބިދިނުމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 33)
- ވަޒީފާއާބެހޭ ޤާނޫނުގެ 29 (ހ) (3) ގެ ދަށުން ބަދަލު ކަނޑައަޅާއިރު ވަޒީފާގެ ބާވަތާއި، ޚިދުމަތުގެ މުއްދަތާއި، މުސާރައާއި ޢިނާޔަތްތަކާއި، ވަޒީފާދޭ ފަރާތުގެ ހެޔޮނިޔަތާއި، ޢުމުރާއި، މުވައްޒަފުގެ ޙިއްޞާއާއި، ގެއްލުން ކުޑަކުރުމަށް އެޅި ފިޔަވަޅުތަކާއި، ނުޙައްޤު މުއްސަނދިކަމާއި، އަބުރަށް ލިބުނު ގެއްލުން ފަދަ ކަންކަމަށް ރިޢާޔަތްކުރަންވާނެއެވެ. މައުޟޫޢީ އަދި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުނުކޮށް ވަކިކުރުމުން ވަޒީފާއަށް ރުޖޫޢަކުރުމުގެ އިތުރުން 6 މަހުގެ އަސާސީ މުސާރަ އަސާސީ ބަދަލެއްގެ ގޮތުގައި ދިނުން އެކަށީގެންވެއެވެ؛ އިތުރު ގެއްލުމެއް ލިބިފައިވާނަމަ އެއީ ވަކި މައްސަލައެއްގެ ގޮތުގައި ހުށަހަޅައިގެން ބަލަންޖެހޭ ކަމެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 26، 34-35)
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
ޝަރީޢަތް ނިމުނުގޮތް
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. އާދަމް ޒަމީލް
ފަނޑިޔާރުންގެ މަޖިލިސް
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުފަނޑިޔާރު ޙުސްނުއް ސުޢޫދުނިމުނު ތާރީޚު
18 ޖަނަވަރީ 2021އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ
އިސްތިއުނާފު ރައްދުވާ ފަރާތް
އިސްތިއުނާފުކުރާ ފަރާތް
އާދަމް ޒަމީލް
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ބަދަލުގައި: ނޫރުއް ސަލާމް އަބޫބަކުރު، ޕެޝާވަރު، ހދ.ކުޅުދުއްފުށި ޤާނޫނީ ވަކީލު: މަޒްލާން ރަޝީދު، ގ.ރަވްވިލާ، މާލެ
މަދަނީ - ވަޒީފާއާ ބެހޭ-ޤާނޫނާ ޚިލާފަށް ވަޒީފާއިން ވަކިކުރުން - މައުޟޫޢީ ޢަދުލުވެރިކަން - އިޖުރާއީ ޢަދުލުވެރިކަން - ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 29 ވަނަ މާއްދާގެ (ރ)
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. އާދަމް ޒަމީލް
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު (ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު ޙުސްނުއްސުޢޫދު ތާއީދު ކުރައްވާފައި)
ތަޢާރުފު
މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު2016/HC-A/519 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު C-239/2009) (މީގެފަހުން "އިސްތިއުނާފު ކުރާ ފަރާތް" ނުވަތަ "އެމް.އޭ.ސީ.އެލް") ގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން، ގ. އިވްނިންގ ސްޓާރ، މާލެ އާދަމް ޒަމީލް(މީގެ ފަހުން "އިސްތިއުނާފު ރައްދުވާ ފަރާތް" ނުވަތަ "އާދަމް ޒަމީލް"( ގެ މައްޗަށް ރައްދުވާގޮތަށް، މި ކޯޓުން ބެލި އިސްތިއުނާފީ މައްސަލައެކެވެ.
ކަންހިނގާފައިވާ ގޮތް
އާދަމް ޒަމީލް އެމް.އޭ.ސީ.އެލް ގައި ސީނިއަރ ފިއުލްފާމް އޮޕަރޭޓަރު (ލެވެލް 1) ގައި ވަޒީފާ އަދާކުރަމުން ދަނިކޮށް، 04 ސެޕްޓެންބަރު 2015 ވަނަ ދުވަހުގެ ރޭގެ ދަންވަރުގެ ވަގުތެއްގައި އިތުރު ބަޔަކާއެކު، އޭނާ ބައިވެރިގެން އިބްރާހީމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓުގައި (މީގެ ފަހުން "އެއަރޕޯޓު") އެމް.އޭ.ސީ.އެލްގެ ފަރާތުން ޤާއިމުކޮށްފައިވާ ފިއުލް ސަރވިސް ޑިޕާޓްމަންޓުގެ ވެހިކަލްތަކެއް އެ ކުންފުނީގެ ގަވާއިދާ ޚިލާފަށް ބޭނުންކޮށް، ކުންފުނީގެ ފަރާތުން މަތިންދާ ބޯޓަށް އެޅުމަށްޓަކައި ބޭނުންކުރަމުން ގެންދާ ޖެޓް ފިއުލް ރައްކާކޮށްފައި ހުރި ބައުޒަރަކުން ޖެޓް ފިއުލް ވަގަށް ނަގައި އެއަރޕޯޓުން ބޭރުކޮށްފައިވާ ކަމުގެ ތުޙުމަތުގައި، ކޯޓު އަމުރެއްގެ ދަށުން އާދަމް ޒަމީލް ބަންދުކޮށްފައިވެއެވެ. އަދި އާދަމް ޒަމީލް ބަންދުކޮށްފައިވާ މައްސަލައިގައި ވަކިގޮތެއް ނުނިމެނީސް 01 ޑިސެންބަރު 2015 ގައި އޭނާ ވަޒީފާއިން ވަކިކޮށްފައިވެއެވެ.
އެމް.އޭ.ސީ.އެލް ގައި ސީނިއަރ ފިއުލްފާމް އޮޕަރޭޓަރު (ލެވެލް 1) ގެ މާޤާމުން އާދަމް ޒަމީލް ވަކިކޮށްފައިވަނީ އެއަރޕޯޓުގައި ޤާއިމުކޮށްފައިވާ ފިއުލް ސަރވިސް ސެކްޝަނުގައި ބާއްވާފައި އޮތް 10 ނަންބަރު ފިއުލް ބައުޒަރުން، 2015 ސެޕްޓެންބަރު 04 ވަނަ ދުވަހުގެ ރޭގެ ދަންވަރުގެ ވަގުތެއްގައި 19,000 (ނަވާރަ ހާސް) ލީޓަރުގެ ޖެޓް ފިއުލް ވަގަށް ނަގާފައިވާ މައްސަލައިގައި، އާދަމް ޒަމީލްގެ މައްޗަށް ތުޙުމަތު ކުރެވިފައިވާކަމާއި، މައްސަލަ ތަޙުޤީޤުކުރުމަށްފަހު، މި ވައްކަމުގެ މައްސަލައިގައި އާދަމް ޒަމީލް ބައިވެރިވެފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން އަންގާފައިވާތީ، ކުންފުނީގެ މުދަލުން ވައްކަން ކުރުމާއި ޚިޔާނާތްތެރިވުން ފަދަ މައްސަލަތަކުގައި ކުންފުނީގެ މުވައްޒަފުން ބައިވެރިވުމަކީ ކުންފުނީގެ ޕޮލިސީތަކާއި އުސޫލުތަކާއި ޚިލާފު ކަމަކަށްވެފައި، މިފަދަ ފަރާތެއް ކުންފުނީގެ ވަޒީފާގައި އިތުރަށް ބަހައްޓައިފިނަމަ ކުންފުންޏަށް އިތުރު ގެއްލުންތަކެއް ލިބިދާނެކަމަށް ފެންނާތީ، ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާގެ ދަށުން އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއިން ވަކިކޮށްފި ކަމަށާއި، ކުންފުނީގެ ފަރާތުން އާދަމް ޒަމީލްއާ ޙަވާލުކޮށްފައިވާ އެންމެހާ ތަކެތި 3 ޑިސެންބަރު 2015 ގެ ކުރިން، ކުންފުންޏާއި ޙަވާލުކުރުމުން، ވަޒީފާއިން ވަކިކުރެވުނު ދުވަހާއި ހަމައަށް ދޭންޖެހޭ މުސާރައާއި ޢިނާޔަތެއް ވާނަމަ، އެ ފައިސާ 7 (ހަތެއް) ދުވަހުގެ ތެރޭގައި ޙަވާލުކުރެވޭނެ ކަމުގައިބަޔާންކޮށް، އެމް.އޭ.ސީ.އެލް އިން އާދަމް ޒަމީލް އަށް ސިޓީއެއް ފޮނުވާފައިވެއެވެ.
އާދަމް ޒަމީލްގެ މައްޗަށް ތުޙުމަތުކުރެވިފައިވާ އެއްވެސް ޢަމަލެއް ހިންގާފައި ނުވާނެކަމަށާއި، އޭނާ ވަޒީފާއިން ވަކިކުރީ ޤާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައިދިނުމަށާއި، އޭނާ އަދާކުރަމުންދިޔަ ވަޒީފާ އަލުން އިޢާދަކޮށްދިނުމަށާއި، އެ މަޤާމުގައި ލިބެމުންދިޔަ މުސާރައާއި ޢިނާޔަތްތައް އަލުން ލިބުމަށާއި، އަދި ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން ވަޒީފާ އަލުން ލިބޭ ދުވަހާ ހަމައަށް ލިބެންޖެހޭ މުސާރާއާއި ޢިނާޔަތްތައް އެކީ އެއްފަހަރާ ލިބިދިނުމަށް އެދި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީއަށް ރައްދުވާގޮތަށް 29 ފެބްރުވަރީ 2016 ގައި ވަޒީފާއާބެހޭ ޓްރައިބިއުނަލް (މީގެ ފަހުން "ޓްރައިބިއުނަލް") އަށް އާދަމް ޒަމީލް މައްސަލައެއް ހުށަހަޅާ، އެ މައްސަލަ ޓްރައިބިއުނަލްގެ ނަންބަރު 41/VTR/2016 މައްސަލައިގެ ގޮތުގައި ހިންގާފައިވެއެވެ.
އިސްތިއުނާފުކުރެވޭ މައްސަލަ ޓްރައިބިއުނަލުން ނިންމާފައިވާ ގޮތް
ޓްރައިބިއުނަލުގެ ނަންބަރު 41/VTR/2016 މައްސަލައިގައި އެ ޓްރައިބިއުނަލުން ނިންމާފައިވަނީ އާދަމް ޒަމީލް ގެ މައްޗަށް ތުޙުމަތުކުރެވުނު މައްސަލައިގައި އޭނާ ޢަމަލީގޮތުން ބައިވެރިވެފައިވާކަން މައްސަލަ ރައްދުވި ފަރާތުން ސާބިތުކޮށްދީފައިވާތީ، އޭނާ ވަޒިފާއިން ވަކިކުރީ އެކަށީގެންވާ ސަބަބެއް ނެތި، ވަޒީފާއާބެހޭ ޤާނޫނުއާ ޚިލާފަށް ކަމަށް ކަނޑައަޅާނެ ތަނެއް ނެތް ކަމަށާއި، ނަމަވެސް ވަޒީފާއިން ވަކިކުރުމުގައި އިޖުރާއީ ޢަދުލުވެރިކަން ފުރިހަމައަށް ޤާއިމުކޮށްދީފައިނުވާތީ، ބަދަލުގެ ގޮތުގައި -/6200ރ. (ހަހާސް ދުއިސައްތަ ރުފިޔާ) ނަގައިދިނުމަށް މި މައްސަލަ ބެލި މަޖީލިހުގެ މެންބަރުންގެ އިއްތިފާޤުން ކަނޑައަޅައި، އެ ފައިސާ 03 އޮގަސްޓް 2016 އިން ފެށިގެން 15 ދުވަހުގެ ތެރޭގައި އާދަމް ޒަމީލް އަށް އެކީ އެއްފަހަރާ ދިނުމަށްފަހު، އެކަން ހަމަޖެހޭތާ 5 (ފަހެއް) ދުވަހުގެ ތެރޭގައި ލިޔުމުން ޓްރައިބިއުނަލަށް އެންގުމަށެވެ.
އިސްވެ ބަޔާންކޮށްފައިވާ ގޮތަށް ޓްރައިބިއުނަލުން ނިންމާފައިވަނީ އަންނަނިވި ކަންކަމުގެ މައްޗަށް ބިނާކޮށްކަން، ޓްރައިބިއުނަލްގެ ނަންބަރު 41/VTR/2016 މައްސަލަ ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
ތުޙުމަތުކުރެވުނު ވައްކަމުގެ މައްސަލައިގައި އާދަމް ޒަމީލް ޢަމަލީގޮތުން ބައިވެރިވެފައިވާ ކަމަށް ހެކި ޤަރީނާ ލިބިފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ތައްޔާރުކޮށްފައިވާ ރިޕޯޓުގައި ބުނެފައިވާތީއާއި، ހާދިސާ ހިނގިރޭގައި ޑިއުޓީގައި އާދަމް ޒަމީލް އުޅެފައިވާކަން ދެ ފަރާތުގެ ހެކިބަހުން އެނގޭތީއާއި، އެއް ބައުޒަރުން އަނެއް ބައުޒަރަށް ތެޔޮ އެޅުމަކީ އިސްތިސްނާ ޙާލަތެއްގައި މެނުވީ ކުރާ ކަމެއް ނޫންކަމުގައި ހެކިންގެ ހެކިބަހުން އެނގޭތީ އާއި، 4 ސެޕްޓެންބަރު 2015 ގެ ލޮގް ޝީޓްތަކަށް ބެލުމުން 10 ނަންބަރު ބައުޒަރުން 19,000 (ނަވާރަ ހާސް) ލީޓަރުގެ ތެޔޮ މަދުވެފައިވާކަން އެނގޭތީ، މި ކަންކަމަށް ޖުމްލަކޮށް ބެލުމުން ޖެޓް ފިއުލް ވަގަށް ނެގުމުގައި އާދަމް ޒަމީލް ޢަމަލީގޮތުން ބައިވެރިވެފައިވާކަން މަދަނީ މިންގަނޑުން ސާބިތުވާކަން؛
އާދަމް ޒަމީލް ވަޒިފާއިން ވަކިކުރުމަށް ނިންމާފައިވަނީ މައުޟޫޢީ ޢަދުވެރިކަން އޮވެ، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގައި ބަޔާންކުރާ ފަދަ ޙާލަތެއް އޮވެގެން ކަމަށް ޤަބޫލުކުރެވޭކަން؛ އަދި
އާދަމް ޒަމީލް ވަޒީފާއިން ވަކިކޮށްފައިވަނީ، ޖަވާބުދާރީވުމުގެ ފުރުޞަތު ދިނުމެއް ނެތި، ތަޙްޤީގެއްކުރުމަކާ ނުލައި، މޯލްޑިވްސް ޕޮލިސް ސަރވިސްއިން ތައްޔާރުކޮށްފައިވާ ރިޕޯޓަށް އެކަނި ބުރަވެގެންކަން އެނގެން އޮންނާތީ، އާދަމް ޒަމީލް ވަޒީފާއިން ވަކިކުރުމުގައި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކުރެވިފައި ނެތްކަން.
އިސްތިއުނާފުކުރެވޭ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ގޮތް
ޓްރައިބިއުނަލް ނަންބަރު 41/VTR/2016 މައްސަލަ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށް ނޫން ކަމަށް ބުނެ، ދެ މައްސަލައެއް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުނެވެ. އެއީ، އެމް.އޭ.ސީ.އެލް ގެ ފަރާތުން އިސްތިއުނާފު ކުރުމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/432 ޤަޟިއްޔާއިން ބެލުނު މައްސަލައާއި، އާދަމް ޒަމީލް އިސްތިއުނާފު ކުރުމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/519 ޤަޟިއްޔާއިން ބެލުނު މައްސަލައެވެ. މި ދެ މައްސަލަ ނިމުނު ގޮތަށް ބަލާއިރު:
ހައިކޯޓުގެ ނަންބަރު 2016/HC-A/432 ޤަޟިއްޔާއިން ބެލުނު މައްސަލައިގައި އެމް.އޭ.ސީ.އެލްއިން އެދިފައިވަނީ އާދަމް ޒަމީލް ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން އެ ކުންފުންޏަށް ލިބިގެންވާ އިޚްތިޔާރުގެ ދަށުން ކަމުގައި ކަނޑައަޅައިދީ، ޓްރައިބިއުނަލްގެ ނިންމުމުގައި އާދަމް ޒަމީލް އަށް ބަދަލުގެ ގޮތުގައި ދިނުމަށް ކަނޑައަޅާފައިވާ ފައިސާ އެމް.އޭ.ސީ.އެލްއިން ދޭން ނުޖެހޭނެ ކަމަށް ކަނޑައަޅައިދިނުމަށެވެ. އެހެންނަމަވެސް، އެ ޤަޟިއްޔާގައި ކަނޑައަޅާފައިވަނީ، ޓްރައިބިއުނަލްގެ ނަންބަރު 41/VTR/2016 މައްސަލަ އިސްތިއުނާފުކޮށް އާދަމް ޒަމީލްގެ ފަރާތުން ހުށަހެޅުމުން ބެލުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/519 ޤަޟިއްޔާގައި، އާދަމް ޒަމީލް ވަޒީފާއިން ވަކިކޮށްފައިވަނީ މައުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކުރުމެއް ނެތި ކަމަށް ކަނޑައަޅާފައިވާތީ، ޓްރައިބިއުނަލްގެ ނަންބަރު 41/VTR/2016 މައްސަލައާމެދު އިތުރު ގޮތެއް ހައިކޯޓުގެ ނަންބަރު 2016/HC-A/432 ޤަޟިއްޔާއިން ކަނޑައަޅާނެ ތަނެއް ނެތްކަމަށް ޙުކުމް ކޮށްފައެވެ.
އާދަމް ޒަމީލްގެ ފަރާތުން ޓްރައިބިއުނަލް ނަންބަރު 41/VTR/2016 މައްސަލަ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށް ނޫންކަމަށް ބުނެ، އެ ނިންމުން އިސްތިއުނާފުކޮށްދިނުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން، އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/519 ޤަޟިއްޔާއިން ބަލާފައިވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/519 ޤަޟިއްޔާ ނިންމާފައިވަނީ ޓްރައިބިއުނަލްގެ ނަންބަރު 41/VTR/2016 މައްސަލައިގައި ޓްރައިބިއުނަލުން ކޮށްފައިވާ ޙުކުމުގެ އާދަމް ޒަމީލް ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް ނެތި، ވަޒީފާއާބެހޭ ޤާނޫނުއާ ޚިލާފަށް ކަމަށް ކަނޑައަޅާނެތަނެއް ނެތް ކަމަށް އެ މައްސަލައިގައި ކަނޑައަޅާފައިވާ ބަޔާއި، އިޖުރާއީ ޢަދުލުވެރިކަން ފުރިހަމައަށް ޤާއިމުކޮށްފައިނުވާތީ ބަދަލު ނަގައިދިނުމަށް ކަނޑައަޅާފައިވާ ބައި ބާޠިލްކޮށް، އާދަމް ޒަމީލް ވަޒީފާއިން ވަކިކުރިއިރު ހުރި މަޤާމު ނުވަތަ އެ ފެންވަރުގެ އެހެން މަޤާމަކަށް 05 މާރިޗު 2019 އިން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި އަނބުރާ އިޢާދަކުރުމަށާއި، އޭނާއަކީ ވަޒީފާއިން ވަކިވެފައި މީހެއްކަމަށް ނުބެލުމަށާއި، އޭނާ އެ މަޤާމުގައި ހުރިނަމަ ލިބޭނެ މުސާރަ އާއި ޢިނާޔަތްތައް، އަދި އެ ވަޒީފާގައި ހުރިނަމަ ލިބޭނެ އެހެނިހެން ޙައްޤުތައް 05 މާރިޗު 2019 އިން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އާދަމް ޒަމީލް އަށް ހަމަޖެއްސުމަށްފަހު، އެކަން ހަމަޖެހޭތާ 5 (ފަހެއް) ދުވަހުގެ ތެރޭގައި ވަޒިފާއާބެހޭ ޓްރައިބިއުނަލަށް ލިޔުމުން އެންގުމަށް އެމް.އޭ.ސީ.އެލްގެ މައްޗަށް އަންގައި އަމުރުކޮށް، އެ ކޯޓުގައި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުންނެވެ.
އިސްވެ ބުނެވުނު ފަދައިން ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވަނީ އަންނަނިވި ކަންކަމުގެ މައްޗަށް ބިނާކޮށްކަން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/519 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
އާދަމް ޒަމީލް ވަޒީފާއިން ވަކިކުރުމުގައި އެމް.އޭ.ސީ.އެލް އިން ރިޢާޔަތްކޮށްފައިވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު 171-D2/CR/2015/96 (25 ނޮވެންބަރު 2015) ރިޕޯޓުގައި، އާދަމް ޒަމީލުގެ މައްޗަށް ތުޙުމަތުކުރެވުނު މައްސަލައިގައި އޭނާ އަމަލީގޮތުން ބައިވެރިވެފައިވާ ކަމަށް ބުނެ ކަމުގައި ވީނަމަވެސް، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ ދަށުން، މީހަކު ކުށެއްކޮށްފިކަން އެކަށީގެންވާ މިންވަރެއްގެ ޝައްކެތް ނެތި ޝަރީޢަތަށް ސާބިތުނުކުރެވޭނަމަ، އެ މީހަކީ ކުށެއް ނެތް މީހެއް ކަމަށް ބެލުމުގެ ޙައްޤު އޮންނަކަމަށާއި، އެއާ ޚިލާފަށް، އޭނާއަކީ އެ ކުށުގައި ބައިވެރިވެފައިވާ މީހެއް ކަމަށް ކަނޑައެޅުމުގެ ބާރު މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ލިބިގެން ނުވާކަން؛
މައްސަލައިގައި ހުށަހެޅިފައިވާ ސީ.ސީ.ޓީ.ވީ ފުޓޭޖުން ފެންނަނީ އާދަމް ޒަމީލްކަން މޯލްޑިވްސް ޕޮލިސް ސަރވިސްއިން ޔަޤީންކަމާއެކު ބުނެފައި ނުވާކަން އެނގޭއިރު، އަދި އެހާތަނަށް ސީ.ސީ.ޓީ.ވީ ފޮރެނސިކް ރިޕޯޓުވެސް ލިބިފައިވާ ނުވާކަން އެނގޭތީ، އާދަމް ޒަމީލްއާ މެދު އިދާރީ ފިޔަވަޅެއް އެޅުމަށްޓަކައި މަދަނީ މިންގަނޑުން ބެލިކަމުގައިވިޔަސް، މި ކަންތައްތަކަކީ އެކަށީގެންވާ ހެކިތަކެއް ކަމަށް ބެލެވެން ނެތް ކަމުގައިވާތީ، އާދަމް ޒަމީލް ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުކޮށްފައިނުވާކަން؛ އަދި
އާދަމް ޒަމީލްގެ މައްޗަށް ތުޙުމަތުކުރެވުނު މައްސަލައިގައި ޖަވާބުދާރީވުމުގެ ފުރުޞަތެއް ދިނުމަކާ ނުލައި މައްސަލަ އެކަށީގެންވާ ގޮތެއްގައި ތަޙްޤީޤުކުރުމެއް ނެތި ވަޒީފާއިން ވަކިކޮށްފައިވާތީ އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކުރެވިފައި ނުވާކަން.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވާ ނުކުތާތަކާއި އެ ނުކުތާތަކަށް ދީފައިވާ ރައްދު
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/519 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށްބުނެ، އެ ޤަޟިއްޔާ އިސްތިއުނާފުކުރުން އެދި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައިގަނޑު 5 (ފަހެއް) ސަބަބެއް ހުށަހަޅާފައިވެއެވެ.
ފުރަތަމަ ސަބަބަކީ، އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއިން ވަކިކުރެވިފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ށ) ގެ ދަށުން ނޯޓިސް ދިނުމަކާ ނުލައި ވަކިކުރެވިދާނެ ހާލަތެއްގައިކަން ސާބިތުކުރުމަށް އެކަށީގެންވާ މިންވަރެއްގެ ހެކި ހުށަހަޅާފައިވީނަމަވެސް، އަދި ތުޙުމަތުކުރެވުނު މައްސަލައިގައި އިސްތިއުނާފު ރައްދުވާފަރާތް ބައިވެރިވެފައިވާކަން މަދަނީ މިންގަނޑުން ސާބިތުވާ މިންވަރަށް ހެކި ހުށަހެޅިނަމަވެސް، ހައިކޯޓުން ހެކި ވަޒަންކޮށްފައިވަނީ "އޮން ބެލެންސް އޮފް ޕްރޮބަބިލިޓީ" ނުވަތަ "ބޮޑަށް ބުރަވެވޭ މިންވަރަށް" ކަމުގައި ހައިކޯޓުގެ ޙުކުމުގައި ފާހަގަކުރިނަމަވެސް، އެ މިންގަނޑުން ހެކި ވަޒަންކުރުމެއްނެތި ހައިކޯޓުން މައްސަލަ ނިންމާފައިވާ ކަމަށް ބުނެ ހުށަހެޅި ސަބަބެވެ.
ދެވަނަ ސަބަބަކީ، ވައްކަމުގެ ހާދިސާ ހިނގި ދުވަހުގެ ސީ.ސީ.ޓީ.ވީ ފުޓޭޖް ހޯދައި، ކަންހިނގާފައިވާ ގޮތް ދެނެގަތުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސަރވިސްއަށް މައްސަލަ ހުށަހަޅައި، ކަންހިނގި ގޮތް ދެނަގަތުމަށްފަހު، ފިޔަވަޅު އަޅައިފައިވުމުން ސާބިތުވަނީ މައްސަލަ ތަޙްޤީޤުކުރުމުގެ ނިޔަތުގައި އެމް.އޭ.ސީ.އެލްގެ ފަރާތުން ޢަމަލީގޮތުން ކަންތައްތަކެއް ކޮށްފައިވާކަން ކަމުގައިވާތީ، މި މައްސަލައިގައި މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުކުރުމުގެ ޒިންމާ އަދާކުރެވިފައިވާ ކަމަށް ބުނެ ހުށަހެޅި ސަބަބެވެ.
ތިންވަނަ ސަބަބަކީ، ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅާފައިވާ ގޮތަށް މި މައްސަލައިގައި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކޮށްފައި ނުވާކަމަށް ބެލިނަމަވެސް، އާދަމް ޒަމީލްއަށް އަލުން އަނބުރާ ވަޒީފާ ދޭން އެންގުމަކީ މިފަދަ އެހެން މައްސަލަތަކުގައި ހައިކޯޓުން ނިންމާފައިވާ ނިންމުންތަކާ ޚިލާފު ނިންމުމެއްކަމަށް ބުނެ ހުށަހެޅި ސަބަބެވެ.
އިސްތިއުނާފު ރައްދުވާފަރާތް އަދާކުރަމުންދިޔަ ވަޒީފާއަށް ނުވަތަ އެއް ފެންވަރެއްގެ އެހެން ވަޒީފާއަކަށް އަނބުރާ ރުޖޫޢަކޮށް އެ ފަރާތަކީ އެއްވެސް ގޮތަކަށް ވަޒީފާއިން ވަކިވެފައިވާ މީހެއް ކަމަށް ނުބެލުމަށް ހައިކޯޓުން ހުކުމްކުރުމުގެ ނަތީޖާއަކީ، ނުޙައްޤު މަންފާއެއް (unlawful enrichment) ލިއްބައިދިނުމަށް މަގުފަހިކުރުންކަމަށް އެމް.އޭ.ސީ.އެލްއިން ދެކޭ ކަމަށް ބުނެ ހުށަހެޅި ސަބަބެވެ.
ހަތަރުވަނަ ސަބަބަކީ، އިސްތިއުނާފު ރައްދުވާފަރާތުން ވަޒީފާގެ އެއްބަސްވުމާއި ޚިލާފުވެ ކުންފުނީގެ ފިއުލް ފާމްގައި މަސައްކަތް ކުރުމުގައި ޢަމަލުކުރެވޭ ޢާންމު އުސޫލުތަކާ ޚިލާފުވުމުގެ ސަބަބުން ބޮޑެތި ގޯސްތަކެއް ހަދާފައިވަނިކޮށް، އެ ފަރާތުގެ ވަޒީފާ އަނބުރާ ރުޖޫޢަކޮށްދިނުމަކީ، އެ ހެދި ގޯހުން އިތުރު މަންފާތަކެއް ލިބުންކަމާއި، މައުޟޫޢީ ގޮތުން ފުރިހަމަވާންޖެހޭ ކަންކަން ފުރިހަމަވެފައިވާކަން ސާބިތުވެއްޖެނަމަ، އިޖުރާއީ ޢަދުލުވެރިކަން ޤާއިމުނުކުރެވުނަސް، މިހާތަނަށް ނިންމާފައިވާ މައްސަލަތަކަށް ރިޢާޔަތްކުރުމުން ގޯސްހެދިފަރާތަށް މާލީ ބަދަލެއް ދޭންނުޖެހޭނެ ކަމަށް އެމް.އޭ.ސީ.އެލް އިން ދެކޭ ކަމަށް ބުނެ ހުށަހެޅި ސަބަބެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/519 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށް ބުނެ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ހުށަހަޅާފައިވާ ސަބަބުތަކަށް ރައްދުދިނުމުގެ ގޮތުން އާދަމް ޒަމީލްގެ ފަރާތުން މައިގަނޑު 5 (ފަހެއް) ނުކުތާއެއް ހުށަހަޅާފައިވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމުމުގައި ހެކި ޤަރީނާ ވަޒަންކޮށްފައިވަނީ މަދަނީ މިންގަނޑުންކަމާއި އެއަށްވުރެ މަތީ މިންގަނޑަކުން ހެކި ޤަރީނާ ވަޒަންކޮށްފައިނުވާކަން، އެ މައްސަލައިގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން ސާފުކޮށް އެނގޭ ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
އެމް.އޭ.ސީ.އެލްއިން ފާހަގަކުރާ ސީ.ސީ.ޓީ.ވީ ފުޓޭޖްގެ ފޮރެންސިކް ރިޕޯޓުގައި ފާހަގަކޮށްފައިވަނީ، ވީޑިއޯ ފުޓޭޖްއިން އެކްސްޓްރެކްޓް ކުރެވިފައިވާ ސްނެޕްޝޮޓްތަކުން ފެންނަ މީހުންގެ ހަށިގަނޑުގެ ސިފަތައް އަޅާކިޔޭ ވަރަށް ސާފުކޮށް ފެންނަން ނެތްކަމުގައިވާތީ އެއީ ކޮން ބައެއްކަން ދެނެ ނުގަނެވޭ ކަމުގައިވާއިރު، އެ ސީ.ސީ.ޓީ.ވީ ފުޓޭޖްގެ މައްޗަށް ބިނާކޮށް، އާދަމް ޒަމީލްގެ މައްޗަށް އެއްވެސް މިންގަނޑަކުން ކަމެއް ސާބިތު ނުކުރެވޭނެ ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސް އިން ތައްޔާރުކޮށްފައިވާ ރިޕޯޓަށް ހައިކޯޓުން ރިޢާޔަތްކޮށްފައި ނުވާކަމަށް އެމް.އޭ.ސީ.އެލް އިން ބުނާއިރު، އެ ރިޕޯޓު ތައްޔާރުކޮށްފައިވަނީ އުސޫލުތަކުން ބޭރުން ނުފޫޒުތަކެއް ފޯރުވައިގެންކަމަށާއި، މިކަމަށް އިތުރަށް ބާރު ލިބެނީ ފުލުހުންގެ ތަޙްޤީޤަށް ހެކި ބަސް ދިން ފަރާތްތަކުން އެއްވެސް ސަބަބަކާ ނުލައި ސިއްރު ހެކިބަސް ނެގުމަށް އެދިފައިވުމުންނާއި، މި މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓުގައި ހިނގަމުންދިޔަ ޝަރީޢަތުގައި ހެކިބަސްދިން ފަރާތަކުން އޭނާގެ ހެކިބަސް ފުލުހުން ނަގާފައިވަނީ މަޖުބޫރުކޮށް ބިރުދައްކައިގެން ކަމަށް ބުނެފައިވުން ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
އާދަމް ޒަމީލް ވަޒީފާއިން ވަކިކުރެވުނުއިރު، މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުކުރެވިފައި ނުވާހިނދު، އޭނާ އަށް ވަޒީފާ އަނބުރާ ދިނުމަށާއި އޭނާއަށް ޙައްޤުވާ މުސާރައާއި ޢިނާޔަތްތައް ލިބިދިނުމަށް އަމުރުކުރުމަކީ ޤާނޫނީ ހަމަތަކާ ޚިލާފު ނިންމުމެއްކަމުގައި ބެލޭނެ އެއްވެސް ޖާގައެއް ނެތަތީ، އެއީ ނުޙައްޤު މުއްސަނދިކަމެއްގެ ގޮތުގައި ސިފަކުރުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ވަޒީފާއިން ވަކިކޮށްފައިވަނީ އިންސާފުވެރި ނޫން ގޮތަކަށް ކަމަށް ކަނޑައެޅޭ ޙާލަތުގައި، ވަޒީފާ އަނބުރާ ދިނުމަށް އަމުރުކުރުމުގައި ރިޢާޔަތްކުރެވެނީ، ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުކުރެވިފައިވޭތޯ ނުވަތަ ނުވޭތޯ ބެލުމުގެ މައްޗަށް ކަމާއި، މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުކޮށްފައި ނުވާނަމަ، ވަޒީފާ އަނބުރާ ދިނުމަށް އަމުރުކުރުމުގެ އުސޫލަކީ ދިވެހިރާއްޖޭގައި އިސްތިޤްރާރުވެ ޢަމަލުކުރެވެމުންދާ އުސޫލެއް ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
މައްސަލައިގައި ގޮތް ކަނޑައަޅަންޖެހޭ ކަންކަން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/519 ޤަޟިއްޔާ އިސްތިއުނާފުކޮށް ހުށަހަޅާފައިވާ މި ޤަޟިއްޔާގެ ތެރެއިން ބަލައި ގޮތެއް ކަނޑައަޅަންޖެހޭ އިސްތިއުނާފީ ނުކުތާތަކަކީ:
އެމް.އޭ.ސީ.އެލް ގެ ވަޒީފާއިން އާދަމް ޒަމީލް ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނު އިން މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ ކުރިން ވަޒީފާ ދޭ ފަރާތުގެ ހައިސިއްޔަތުން ފުރިހަމަކުރަންޖެހޭ ލާޒިމު އިޖުރާއަތު ފުރިހަމަކުރުމަށް ފަހުގައިކަން، ނުވަތަ ވަޒީފާއިން ވަކިކުރުމުގެ ކުރިން އިޖުރާއީ އަދި މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުކުރުމަށް ފަހުގައިކަން ނުވަތަ ނޫންކަން؛
އާދަމް ޒަމީލް އަށް އަލުން ވަޒީފާ ދޭން އަންގާފައިވަނީ މިފަދަ އެހެން މައްސަލަތަކުގައި ހައިކޯޓުން ނިންމާފައިވާ ނިންމުންތަކާ ޚިލާފަށްކަން ނުވަތަ ނޫންކަން؛ އަދި
އާދަމް ޒަމީލް އަދާކުރަމުންދިޔަ ވަޒީފާއަށް ނުވަތަ އެ ފެންވަރުގެ އެހެން ވަޒީފާއަކަށް އޭނާ އަނބުރާ ރުޖޫޢަކޮށް، އޭނާއަކީ އެއްވެސް ގޮތަކަށް ވަޒީފާއިން ވަކިވެފައިވާ މީހެއްކަމަށް ނުބެލުމަށް ހައިކޯޓުން ހުކުމްކުރުމުގެ ނަތީޖާއަކީ، އޭނާއަށް ނުޙައްޤު މަންފާއެއް ލިބިދިނުމަށް މަގުފަހި ކުރުންކަން ނުވަތަ ނޫންކަން.
ލާޒިމު އިޖުރާއަތު
މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި ޢަމަލުކުރަންޖެހޭ އިޖުރާއަތުގެ ގޮތުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އިސްމާޢީލް މަސްޢޫދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ލިމިޓެޑް އަދި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާން ގައި ކަނޑައަޅާފައިވާ ލާޒިމު އިޖުރާއަތަކީ، ވަޒީފާއާބެހޭ ޤާނޫނު އިން އިސްތިސްނާ ކޮށްފައިވާ ފަރާތްތައް ފިޔަވައި، ދިވެހިރާއްޖޭގައި ވަޒީފާއަދާކުރާ އަދި ވަޒީފާދޭ ހުރިހާ ފަރާތްތަކެއްގެ މައްޗަށް ޢަމަލުކުރަންޖެހޭ އިޖުރާއަތެކެވެ.
މުވައްޒަފަކު ވަޒީފާއިން ވަކިކުރުމާ ގުޅިގެން، އެ މުވައްޒަފަކު ހުށަހަޅާ ޝަކުވާއެއް ނުވަތަ ދައުވާއަކާއި ގުޅިގެން، އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރި ސަބަބަކީ އެކަށީގެންވާ ސަބަބެއްކަން ސާބިތުކޮށް ދިނުމަކީ ވަޒީފާދޭ ފަރާތުގެ ޒިންމާއެކެވެ. އެހެންކަމުން، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ހ) ގެ ދަށުން ނޯޓިސް ދިނުމަކާ ނުލައި މުވައްޒަފަކު ވަޒީފާއިން ވަކިކުރާއިރު ވެސް މައުޟޫޢީ ޢަދުލުވެރިކަން އަދި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުވެފައިވާކަން ކަށަވަރު ކުރުމަކީ ވަޒީފާދޭ ފަރާތުގެ ޒިންމާއެކެވެ.
މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުވެފައިތޯ ބެލުން
ނޯޓިސް ދިނުމެއް ނެތި މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނީ ޢަދުލުވެރި ސަބަބެއް އޮވެގެންކަމާއި، ޢަދުލުވެރި ސަބަބެއް އޮތްކަމަށް ބެލެވޭނީ ފާޅުކަންބޮޑު ޣައިރުސުލޫކީ އަމަލެއް ކޮށްފައިވާނަމަ ނުވަތަ ޚިޔާނާތެއް ވެފައިވާނަމަކަން ވަޒީފާއާބެހޭ ޤާނޫނު އިން އެނގެން އޮވެއެވެ.
މުވައްޒަފު ކުރި އަމަލަކީ ނޯޓިސް ދިނުމެއް ނެތި މުވައްޒަފަކު ވަޒީފާއިން ވަކިކުރުން ހުއްދަވާފަދަ ފާޅުކަން ބޮޑު ޣައިރުސުލޫކީ އަމަލެއް ކަމަށް ބެލެވޭނީ، އެ މުވައްޒަފުކުރި އަމަލަކީ ދެ ފަރާތުގެ ދެމެދުގައި އޮންނަންޖެހޭ ވަޒީފާގެ ގުޅުން އެއްކޮށް ކެނޑޭ މިންވަރުގެ ސީރިއަސް އަމަލެއް ކަމަށް ވާނަމައެވެ. މިގޮތުން، މުވައްޒަފުގެ ޣައިރުސުލޫކީ އަމަލަކީ:
ދެ ފަރާތުގެ ދެމެދުގައިވާ ވަޒީފާގެ އެއްބަސްވުމުގެ ޖައުހަރީ ޝަރުތަކާ ޚިލާފުކަމެއް ކަމަށްވުން؛ ނުވަތަ
އެ ކަމަކީ ވަޒީފާދޭ ފަރާތާއި މުވައްޒަފާއި ދެމެދުގައި އޮންނަ އޮންނަންޖެހޭ އިތުބާރު އަދި އަމާނާތްތެރިކަން ގެއްލޭފަދަ ކަމެއްކަމަށް ވާނަމަ؛ ނުވަތަ
އެކަމަކީ އެ މުވައްޒަފަކު ވަޒީފާދޭ ފަރާތަށް އަދާކުރަންޖެހޭ ވަޒީފާގެ އިލްތިޒާމުތަކާ އަސާސީގޮތުން ނުވަތަ ސީދާގޮތެއްގައި ޚިލާފު ކަމެއްކަމަށް ވާނަމަ؛
އެ އަމަލަކީ ނޯޓިސް ދިނުމެއްނެތި ވަޒީފާއިން ވަކިކުރުމަށް ހުއްދަވެދާނޭ ފާޅުކަންބޮޑު ޣައިރުސުލޫކީ އަމަލެއް ކަމަށް ބެލެވިދާނެއެވެ. އެހެންނަމަވެސް، އެ މުވައްޒަފަކު ވަޒީފާއަދާކުރާ ތަނުން ކުރާ މަސައްކަތުގެ ބާވަތާއި، އެ މުވައްޒަފުގެ މަޤާމާއި މަސްޢޫލިއްޔަތާއި އަދި މުވައްޒަފުގެ ކިބައިގައި ހުންނަންޖެހޭ އަމާނާތްތެރިކަމުގެ ޒިންމާއާ ގުޅިގެން ޣައިރުސުލޫކީ އަމަލުގެ ސީރިއަސްކަން ތަފާތުވެގެން ދިއުމަކީ އެކަށީގެންވާކަމެކެވެ. އަދި މުވައްޒަފު ކުރި ޣައިރުސުލޫކީ އަމަލުގެ ސަބަބުން ވަޒީފާދޭ ފަރާތާއި ވަޒީފާއަދާކުރާ ފަރާތާ ދެމެދު އޮންނަ ވަޒީފާގެ އިތުބާރު ގެއްލި، ވަޒީފާއަދާކުރާ ފަރާތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތު ތެދުވެރިކަމާއެކު އަދާކުރުމަށް ހުރަސްއެޅިފައިވާ ނަމަ، ނޯޓިސް ނުދީ އެ މުވައްޒަފަކު ވަކިކުރުމުގެ އިޚްތިޔާރު ވަޒީފާދޭ ފަރާތަށް ލިބިގެންވެއެވެ.
މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތް މައްޗަށް ތުޙުމަތުކުރެވިފައިވާ ކުށަކީ ކުންފުނީގެ މުދަލުން ވައްކަންކުރުން ކަމުގައިވީނަމަވެސް، އެ ތުޙުމަތު ބިނާކުރެވިފައިވަނީ މައިގަނޑު ތިން އަސާސެއްގެ މައްޗަށްކަން ހުށަހެޅިފައިވާ ލިޔެކިޔުންތަކުން އެނގެއެވެ. އެގޮތުން ބަލާއިރު:
ފުރަތަމަ ކަމަކީ، މައްސަލަ ތަޙްޤީޤުކުރުމަށްފަހު ފުލުހުންގެ އިދާރާއިން ދީފައިވާ "ކަމާބެހޭ ފަރާތްތަކަށް" ރިޕޯޓު ގައި މި ވައްކަމުގައި އާދަމް ޒަމީލް އާއި މުޙައްމަދު ޢަބްދުﷲ ޢަމަލީގޮތުން ބައިވެރިވެފައިވާ ކަމަށް ބުނެފައިވުން؛
ދެވަނަ ކަމަކީ، މައްސަލައިގެ ޙާދިސާ ހިނގި މަންޒަރު ދައްކުވައިދޭ ސީ.ސީ.ޓީ.ވީ ފުޓޭޖްއިން އެއަރޕޯޓުގެ ފިއުލް ސަރވިސް ސެކްޝަނުގައި ބާއްވާފައި އޮތް ތެޔޮ ބައުޒަރަކުން އެހެން ބައުޒަރަކަށް ތެޔޮ އަޅާ މަންޒަރު ފެންނަކަމާއި މި ކަމަކީ އިސްތިސްނާ ޙާލަތެއްގައި މެނުވީ ކުރާ ކަމެއް ނޫންކަން ހެކިންގެ ހެކިބަހުން އެނގޭކަން؛
ތިންވަނަކަމަކީ، ހާދިސާ ހިނގިރޭ ފިއުލްފާމުގެ ޑިއުޓީގައި އާދަމް ޒަމީލް އުޅެފައިވާކަން؛
އާދަމް ޒަމީލްގެ މައްޗަށް ތުޙުމަތުކުރެނު މައްސަލައިގެ ތަޙްޤީޤުކުރުމަށްފަހު ފުލުހުން ދީފައިވާ ރިޕޯޓުގައި އާދަމް ޒަމީލް އެ ވައްކަމުގައި ޢަމަލީގޮތުން ބައިވެރިވެފައިވާ ކަމަށް ބަޔާންކުރުމުގެ އިތުރުން އެކަމުގެ އެއްވެސް ތަފްސީލެއް ބަޔާންކޮށްފައި ނުވާތީ، ތުޙުމަތުކުރެވުނު ވައްކަމުގައި އާދަމް ޒަމީލްގެ ބައިވެރިވުން އޮތީ ކިހިނެތް ކޮން މިންވަރަކަށްކަން، އަދި މި ވައްކަމާއި އާދަމް ޒަމީލްއާ ގުޅޭ ގޮތެއް އެނގޭކަށް ނެތެވެ. އަދި މޯލްޑިވްސް ޕޮލިސް ސަރވިސް އިން ތައްޔާރުކޮށްފައިވާ (ވައްކަމުގެ ޙާދިސާ ހިނގި މަންޒަރު ދައްކުވައިދޭ) "ސީ.ސީ.ޓީ.ވީ ފުޓޭޖްގެ ވީޑިއޯ އެންޑް އިމޭޖް އެނާލިސިސް ރިޕޯރޓް" ގައި ވައްކަމުގެ އަމަލު ހިންގި ކަމަށް ތުހުމަތުކުރެވޭ ފަރާތްތައް ފެންނަލެއް ދުރުވުމުންނާއި އަދި ސީ.ސީ.ޓީ.ވީ ފުޓޭޖު ނުސާފުވުމުގެ ސަބަބުން އެކަން ކޮށްފައިވަނީ ކޮން ބައެއްކަން ދެނެގަނެވިފައި ނުވާކަމަށް ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން، ހާދިސާ ހިނގާދިޔަ ގޮތް އޮޅުން ފިލުވުމުގެ ގޮތުން، މޯލްޑިވްސް ޕޮލިސް ސަރވިސްގައި އެދިގެން ހާދިސާއާގުޅޭ ޖިނާއީ ތަޙުޤީޤެއް ހިންގުމުގެ ބޭރުން، އެމް.އޭ.ސީ.އެލްގެ ފަރާތުން އެއްވެސް ތަޙްޤީޤެއް ކޮށްފައިވާކަން ވެސް އެނގޭން ނެތެވެ.
އެހެންކަމުން، މި ރައުޔުގެ 18 އަދި 19 ވަނަ ޕެރެގްރާފްގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ އަލީގައި އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުކުރުމަށްފަހުގައި ކަމުގައި ބެލުމުގެ ޖާގައެއް އޮތްކަމުގައި އަހުރެން ނުދެކެމެވެ. އެހެނީ، ހާދިސާ ހިނގިރޭގެ ދަންވަރު ފިއުލް ފާމުގެ ޑިއުޓީގައި އާދަމް ޒަމީލް ހުރުމަކީ މި ވައްކަމުގައި އޭނާ ޢަމަލީގޮތުން ބައިވެރިވިކަމަށް ދަލާލަތުކުރެވޭ ކަމެއް ނޫންކަމުންނެވެ.
އިޖުރާއީ ޢަދުލުވެރިކަން ގާއިމުވެފައިވޭތޯ ބެލުން
އިޖުރާއި ޢަދުލުވެރިކަމަކީ، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ ކުރިން އޭނާގެ މައްޗަށް ތުޙުމަތު ކުރެވުނު ކަމުގެ މަޢުލޫމާތު އޭރަކު ދެވެން ހުރި މިންވަރަކުން ދިނުމާއެކު، އެ ކަންކަމަށް ޖަވާބުދާރީވުމުގެ ފުރުޞަތު އެ މުވައްޒަފަކަށް ދިނުމެވެ. މި މައްސަލައިގައި ހުށަހެޅިފައިވާ ލިޔެކިޔުންތަކަށް ބެލިއިރު، އިސްތިއުނާފު ރައްދުވާ ފަރާތުގެ މައްޗަށް ކުރެވުނު ތުޙުމަތާއި ގުޅިގެން ފުލުހުންގެ ތަޙްޤީޤަށް ލިބިފައިވާ މަޢުލޫމާތަކީ ކޮބައިކަން އެނގެން ނެތްކަމާއި، އެމް.އޭ.ސީ.އެލްއިން ހާދިސާއާގުޅޭ ތަޙުޤީޤެއް ހިންގިނަމަ އެކަމާއި ގުޅޭ މަޢުލޫމާތު ޓްރައިބިއުނަލްއަށް އަދި ހައިކޯޓަށް ވެސް ހުށަހަޅާފައިވާކަން އެނގޭން ނެތެވެ. މީގެ އިތުރުން، އާދަމް ޒަމީލް ވަޒީފާއިން ވަކިކުރުމުގެ ކުރިން، ހާދިސާއާ ގުޅިގެން އާދަމް ޒަމީލްގެ ބަހެއް ނުވަތަ އޭނާއާއެކު ފިއުލް ފާމްގައި މަސައްކަތްކުރި މީހުންގެ ބަހެއް ވެސް ހޯދާފައިވާކަން އެނގެން ނެތްކަމާއި، އަދި ތުޙުމަތުކުރެވުނު ކަންކަމުން އާދަމް ޒަމީލަށް ދިފާޢުވުމުގެ ފުރުޞަތު ލިބިދީފައިވާކަން އެނގެން ނެތަތީ، އާދަމް ޒަމީލް ވަޒީފާއިން ވަކިކޮށްފައިވަނީ އިޖުރާއީ ޢަދުލުވެރިކަން ގާއިމުކުރުމަށް ފަހު ކަމުގައި އަހުރެން ނުދެކެމެވެ.
ޤާނޫނީ ޙައްލުތައް
ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް ނެތި ކަމުގައިވާނަމަ، އެފަދަ މައްސަލައެއް ޓްރައިބިއުނަލަށް ހުށަހަޅާ ފަރާތަކަށް ތިން ބާވަތެއްގެ ހައްލު ދިނުމުގެ ބާރު ޓްރައިބިއުނަލަށް ލިބިގެންވެއެވެ. އެއީ:
އެ މުވައްޒަފަކު ކުރިން ހުރި ވަޒީފާއަށް އަނބުރާ ރުޖޫޢަކުރުން؛ ނުވަތަ
މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ ކުރިން އަދާކުރަމުންދިޔަ ބާވަތުގެ ވަޒީފާއެއްގައި، ނުވަތަ އެކަށީގެންވާ އެހެން ވަޒީފާއެއްގައި ބެހެއްޓުން؛ ނުވަތަ
ބަދަލު ދިނުން.
އެކަށީގެންވާ ސަބަބެއް ނެތި ވަޒީފާއިން ވަކިކުރާ މުވައްޒަފަކަށް ދެވިދާނެ އެންމެ އަސާސީ ހައްލަކީ އެ މުވައްޒަފަކު ވަކިކުރިއިރު އަދާކުރަމުންދިޔަ ވަޒީފާއަށް ރުޖޫޢަކުރުން ނުވަތަ އެނޫންވެސް އޭނާއާ އެކަށީގެންވާ ވަޒީފާއެއްގައި ބެހެއްޓުން ކަމުގައި ވީނަމަވެސް، ވަޒީފާއާބެހޭ ގާނޫނުގެ 29 ވަނަ މާއްދާގެ (ށ) އަށް ބެލުމުން، އެފަދައިން ވަޒީފާ ހަމަޖައްސަން ވާނީ ވަޒީފާއިން ވަކިކުރެވުނު ޙާލަތަށާއި، ވަޒީފާއިން ވަކިކުރީ މުވައްޒަފުގެ ޢަމަލެއްގެ ސަބަބުންތޯ ފަދަ ކަންކަމަށާއި، މައްސަލައިގެ ވަށައިގެންވާ ޚާއްޞަ ޙާލަތްތައް ވަޒަންކޮށް، ދެ ފަރާތުގެ ދެމެދުގައި ވަޒީފާގެ ގުޅުން ދެމެހެއްޓޭނެ މިންވަރުގެ އިތުބާރު އޮތްކަން ނުވަތަ ނެތްކަން ބަލައި، ވަޒީފާއިން ވަކިކުރި އިރު ހުރި ވަޒީފާއަށް ރުޖޫޢަކުރުމަށް ހުރަސް އަޅާ ޙާލަތެއް ވުޖޫދުގައި ވާކަން ނުވަތަ ވަޒީފާއަށް ރުޖޫޢަކުރުމަކީ އަމަލީ ގޮތުން ކުރެވެން އޮތް ކަމެއް ކަމުގެ މައްޗަށް ރިޢާޔަތް ކުރުމަށްފަހު، އިސްތިސްނާއީ ހާލަތެއް ނުވަތަ ވަޒީފާ ދިނުމަށް ހުރަސް އަޅާ ހާލަތެއް ނެތް ނަމަ ކަން އެނގެން އޮވެއެވެ.
އަލުން ވަޒީފާ ދިނުމަށް ހުރަސް އެޅިދާނެ ނުވަތަ އަލުން ވަޒީފާ ދިނުމަކީ އަމަލީ ގޮތުން ކުރެވެން ނެތް ކަމަށް ބެލެވިދާނެ ބައެއް ޙާލަތްތަކާއި، އަލުން ވަޒީފާ ދިނުމަށް ބާރު އަޅާ ޙާލަތްތަކެއް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑު ވ. އަސްފާޤު ވަޙީދު ގައި ފާހަގަކޮށްފައިވެއެވެ. މިގޮތުން، އަލުން ވަޒީފާ ދިނުމަށް ހުރަސް އެޅިދާނެ ނުވަތަ އެއީ އަމަލީ ގޮތުން ކުރެވެން ނެތް ކަމަށް ބެލެވިދާނެ ބައެއް ޙާލަތްތަކުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.
އަނބުރާ އިއާދަނުކުރެވޭނޭ މިންވަރަކަށް، ވަޒީފާދޭ ފަރާތާއި މުވައްޒަފާ ދެމެދުގައިވާ އިތުބާރު ގެއްލިފައިވުން.
ވަޒީފާއިން ވަކިކުރި ތާރީޚާއި ވަޒީފާދިނުމަށް އަމުރުކުރާ ތާރީޚާ ދެމެދު އެކަށީގެންވާ ވަރަށްވުރެ ދިގުމުއްދަތެއް ފާއިތުވެފައިވުން.
ވަޒީފާދޭ ފަރާތުގެ ވިޔަފާރީގެ ކުޑަބޮޑުމިން.
ވަޒީފާދޭ ފަރާތުގެ ވިޔަފާރީގެ ހާލަތު ގޯސްވެފައިވުމުގެ ސަބަބުން ނުވަތަ ވިޔަފާރިއަށް ބޮޑު ބަދަލެއް އައުމުގެ ސަބަބުން މުވައްޒަފަކު ލެވެން ނެތުން.
ހަމަ އެފަދައިން، އަލުން ވަޒީފާ ދިނުމަށް ބާރު އަޅާ ޙާލަތްތަކުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނޭ ކަމުގައިވެސް އެޤަޟިއްޔާގައި ފާހަގަކޮށްފައިވެއެވެ.
މުވައްޒަފުކުރި ޣައިރުސުލޫކީ އަމަލަކީ އެފަދަ ފުރަތަމަ އަމަލުކަމަށްވެފައި، އެ ހާލަތުގައި ވަޒީފާއިން ވަކިކުރުމުގެ ބަދަލުގައި އެ މައްސަލައިގެ އެންމެ އެކަށީގެންވާ ހައްލަކީ އެ މުވައްޒަފަށް އިންޒާރު ދިނުން ކަމަށް ބެލެވޭ ޙާލަތްތައް.
އެ ވަޒީފާއަށް އެ މުވައްޒަފު ރުޖޫޢަ ނުކޮށްފިނަމަ، އެމައްސަލައިގައި ހިމެނޭ މުވައްޒަފުގެ ހުރި ޚާއްސަ ހާލަތެއްގެ ސަބަބުން އެހެން ތަނަކުން ވަޒީފާއެއް ހޯދުމަކީ މުސްތަހީލު ކަމަކަށް ވުން.
ވަޒީފާއިން ވަކިކުރިއިރު ހުރި ވަޒިފާއަށް ރުޖޫޢަނުކޮށްފިނަމަ، އެއީ ވަޒީފާ ދޭފަރާތުގެ އެކަށީގެން ނުވާ އަމަލުތައް ބަލައިގަތުން ކަމަށް ދޭހަވާނޭ ޙާލަތްތައް.
ހަމަ އެއާއެކު، ވަޒީފާ ދިނުމުގެ އިތުރުން، ވަޒީފާއާބެހޭ ގާނޫނުގެ 29 ވަނަ މާއްދާގެ (ހ) ގެ (3) ގައި ބަޔާންކޮށްފައިވާ ފަދައިން ބަދަލު ނަގާދިނުމުގައި ރިޢާޔަތްކުރަންވީ ކަންކަމުގެ މައްޗަށް އަލިއަޅުވާލާ، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑު ވ. އަސްފާޤު ވަޙީދު އާއި ޢަލީ ވަޙީދު ވ. މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އާއި ޙުސައިން ނަޒީފް ވ. ސިވިލް ސަރވިސް ކޮމިޝަން ގައި ޖުމްލަކޮށް އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ.
މުވައްޒަފު އަދާކުރި ވަޒީފާގެ ބާވަތް.
ވަޒީފާގައި ހޭދަކުރި މުއްދަތު.
މުވައްޒަފު ވަޒީފާއިން ވަކިކުރެވުނުއިރު ލިބެމުންދިޔަ މުސާރަ އާއި ޢިނާޔަތް.
ވަޒީފާއިން ވަކިކުރުމުގައި ވަޒީފާދޭ ފަރާތުގެ ބޭއިންސާފު ޢަމަލުތައް ހުރި ގޮތް (ނުވަތަ ވަޒީފާއިން ވަކިކުރުމުގައި ޢަމަލުކޮށްފައިވަނީ ޢަދުލުވެރިކަމާއި ތެދުވެރިކަމާއެކު، ހެޔޮނިޔަތް އޮވެގެން ކަން ނުވަތަ ނޫންކަން).
ވަޒީފާއިން ވަކިކުރެވުނު ފަރާތުގެ ޢުމުރަށް ރިޢާޔަތްކޮށް އެހެން ވަޒީފާއެއް އަދާކުރެވިދާނެ ކަން ނުވަތަ ނޫންކަން.
ވަޒީފާއިން ވަކިކުރަންޖެހުނީ އެ މުވައްޒަފެއްގެ ވެސް ކޮންމެވެސް ވަރެއްގެ ނުރަނގަޅު ޙިއްޞާއެއް ނުވަތަ އިޙުމާލެއް އޮވެގެންކަން ނުވަތަ ނޫންކަން.
ވަޒީފާ އަދާކުރާ ފަރާތް ވަޒީފާއިން ވަކިކުރުމުން ލިބޭ ގެއްލުން ކުޑަކުރުމުގެ ގޮތުން އެއްވެސް ފިޔަވަޅެއް އަޅާފައިވާކަން ނުވަތަ ނޫންކަން އަދި ވަޒީފާއިން ވަކިކުރުމަށް ފަހުގައި (އަދި ވަޒީފާއަށް ރުޖޫޢަ ކުރަން އަމުރުކޮށްފައިވާނަމަ، އެފަދައިން ވަޒީފާއަށް ރުޖޫޢަކުރުމާ ހަމައަށް) ހިނގާ ދިޔަ މުއްދަތުގެ ތެރޭގައި، ވަޒީފާ އަދާކުރާ ފަރާތުން އާމްދަނީ ހޯދުމުގެ ގޮތުން ވަޒީފާއެއް އަދާކޮށްފައިވާކަން ނުވަތަ މަސައްކަތެއް ކޮށްފައިވާކަން.
ވަޒީފާ އަދާކުރާ ފަރާތަށް ބަދަލު ދިނުމުގެ ސަބަބުން އޭނާއަށް ނުޙައްގު ނުވަތަ ބޭއިންސާފު މުއްސަނދިކަމެއް ލިބޭކަން ނުވަތަ ނޫންކަން.
ބަދަލުގެ މިންވަރު ކަނޑައެޅޭއިރު ލިބެމުންދިޔަ މުސާރަ އާއި ޢިނާޔަތްތަކުގެ މައްޗަށް އެކަނި ބަލައި ބަދަލުގެ މިންވަރު ހިސާބުކުރުމުގެ އިތުރުން، އިތުރު ބަދަލެއް ނަގާދޭންޖެހޭކަން ނުވަތަ ނޫންކަން.
ވަޒީފާ އަދާ ކުރާ ފަރާތް ވަޒީފާއިން ވަކިކުރުމުގެ ސަބަބުން އޭނާގެ އަބުރަށް ގެއްލުން ލިބުމާއެކު، އޭގެ ސަބަބުން ވަޒީފާ އަދާ ކުރާ ފަރާތަށް އެހެން ވަޒީފާއެއް ލިބުމަށް ނުވަތަ ވަކި ފަންނެއްގެ މަސައްކަތެއް ކުރުމަށް ހުރަސް އެޅިފައިވާކަން ނުވަތަ ނޫންކަން.
ވަޒީފާއަށް އަނބުރާ ރުޖޫޢަކުރުން އެކަށީގެންވާކަން ނުވަތަ ނޫންކަން
ވަޒީފާ އަނބުރާ ދިނުމަކީ ދެފަރާތުގެ މެދުގައި އޮންނަ އިތުބާރުގެ މައްޗަށް ބިނާވާ ކަމެކެވެ. އެހެންނަމަވެސް، ވަޒީފާއިން ވަކިކުރުމަށްފަހުގައި، ވަޒީފާ ދޭ ފަރާތާއި ވަޒީފާ އަދާ ކުރާ ފަރާތުގެ މެދުގައި ފުރިހަމަ އިތުބާރު އޮތުމަކީ ވަރަށް ނާދިރު ކަމެކެވެ. އެހެނީ، ވަޒީފާއިން ވަކިކުރުމަށް ފަހުގައި ވަޒީފާދޭ ފަރާތުން އެ އިތުބާރު އޮތް ކަމަށް ބުނާނީ މަދުފަހަރަކު ކަމުންނެވެ. އެހެންކަމުން، ވަޒީފާ ދޭ ފަރާތާއި ވަޒީފާ އަދާ ކުރާ ފަރާތުން ބުނާ ބުނުމުގެ ޙަޤީގަތް ފަރުވާތެރިކަމާއެކު ބުއްދީގެ ހަމަތަކުގެ މަތިން ވަޒަންކޮށް، އެއީ ހަރުދަނާ ސަބަބުތަކުގެ މައްޗަށް ބިނާ ކޮށްގެން ބުނާ ބުނުމެއްކަން ނުވަތަ ނޫންކަން މައްސަލައެއްގައި ހިމެނޭ އަދި އެ މައްސަލައިގެ ވަށައިގެންވާ ޚާއްޞަ ޙާލަތްތަކުގެ އަލީގައި ޓްރައިބިއުނަލުން ނުވަތަ ކޯޓުން ބަލަންވާނެއެވެ.
ހުށަހެޅިފައި މިވާ މައްސަލައިގައި، އެމް.އޭ.ސީ.އެލްގެ ފަރާތުން އާދަމް ޒަމީލް އަށް އިތުބާރު ކުރުމުގައި އޮތް ދައްޗަކީ އާދަމް ޒަމީލް އެ ކުންފުނިން ވައްކަން ކޮށްފައިވާ ކަމަށް އެ ކުންފުނިން ޤަބޫލުކުރުން ކަމުގައިވާހިނދު، އަދި އެމް.އޭ.ސީ.އެލްއިން އާދަމް ޒަމީލް ވަޒީފާއިން ވަކިކޮށްފައިވަނީ ވައްކަމާއި ގުޅޭ ސުލޫކީ މައްސަލައަކާއި ހުރެ، މޯލްޑިވްސް ޕޮލިސް ސަރވިސް އިން ތައްޔާރުކޮށްފައިވާ ރިޕޯޓުގެ މައްޗަށް ބިނާކޮށް ކަމުގައިވާ ނަމަވެސް، ޓްރައިބިއުނަލްގެ ނަންބަރު 41/VTR/2016 ނިންމުމާއި، އާދަމް ޒަމީލް ވަޒީފާއިން ވަކިކުރުމުގެ ކުރިން މައުޟޫޢީ އަދި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކޮށްފައިވާ ކަމާމެދު ގޮތް ކަނޑައެޅި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/519 ޤަޟިއްޔާގައި، އާދަމް ޒަމީލް އެ ވައްކަމުގައި ޢަމަލީގޮތުން ބައިވެރިވެފައިވަނީ ކޮންގޮތަކަށް ކިހިނެއްކަން، ނުވަތަ އޭނާ ވައްކަމުގައި ބައިވެރިވުމުގެ ގޮތުން ކުރިކަމެއް އެނގެން ނެތްކަމާއި، އެކަމާއި ގުޅޭ ހެއްކެއް ވެސް ހުށަހަޅާފައި ނުވާކަމުގައި ހައިކޯޓުން ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން، ޓްރައިބިއުނަލްގެ ނަންބަރު 41/VTR/2016 މައްސަލައިގައި އެމް.އޭ.ސީ.އެލްގެ ފިއުލް ފާމްގައި މަސައްކަތް ކުރާ ގ.ހަތިފުށި އިސްމާޢީލް ޢަލީ އާއި، މުޙައްމަދު ޒަކަރިއްޔާ އާއި، ހުޅުމާލެ ރިހިކުރި ޢަލީ މަކާރިމް އަޙްމަދު (ދ.ރ. ކާޚު ނަންބަރު އާއި، މ.ކަނޑުނީލަންގެއާގެ ސަމްޢާން މޫސާ އާއި، އަޙްމަދު ނިމާލް ޖުނައިދު (މީގެ ފަހުން ޖުމްލަކޮށް މި ހުރިހާ ފަރާތްތަކަށް ނިސްބަތް ކުރެވޭނީ "ހެކިން" މިފަދައިން) ހެކި ބަސް ދީފައިވެއެވެ. އެ ފަރާތްތަކުގެ ހެކިބަހުން ހާދިސާ އަދި އާދަމް ޒަމީލްއާ ގުޅިގެން އަންނަނިވި ކަންކަން ފާހަގަކޮށްފައި ވެއެވެ.
ހާދިސާ ހިނގިއިރު ހެކިންގެ ތެރެއިން ސަމްޢާން މޫސާ އާއި އަޙްމަދު ނިމާލް ޖުނައިދު ތިބީ ޗުއްޓީގައިކަމާއި، އެ ދެ މީހުން 2015 ސެޕްޓެންބަރު 04 ވަނަ ދުވަހުގެ ރޭ އެމް.އޭ.ސީ.އެލް ގެ ފިއުލް ފާމުގައި ނެތްކަން؛
އިސްމާޢީލް ޢަލީ އާއި، މުޙައްމަދު ޒަކަރިއްޔާ އާއި، ޢަލީ މަކާރިމް އަޙްމަދު 2015 ސެޕްޓެންބަރު 04 ވަނަ ދުވަހުގެ ރޭ އެމް.އޭ.ސީ.އެލްގެ ފިއުލް ފާމުގައި އުޅުނުކަން؛
2015 ސެޕްޓެންބަރު 04 ވަނަ ދުވަހުގެ ރޭ އިސްމާޢީލް ޢަލީ އާއި، މުޙައްމަދު ޒަކަރިއްޔާ އަށް އާދަމް ޒަމީލް ފެނިފައިވާކަން؛
ޢަލީ މަކާރިމް އަޙްމަދުއަށް 2015 ސެޕްޓެންބަރު 04 ވަނަ ދުވަހުގެ ރޭ މުޙައްމަދު ޢަބްދުﷲ އާއި އާދަމް ޒަމީލް ފެނުނުހަނދާނެއް ވާކަން؛
ހެކިން ދެކޭ ގޮތުގައި އާދަމް ޒަމީލް އަކީ އަހުލާގު ރަނގަޅު އެކުގައި މަސައްކަތްކުރާ މީހުންނާ ގުޅޭ މީހެއްކަން؛ އަދި
2015 ސެޕްޓެންބަރު 04 ވަނަ ދުވަހުގެ ރޭގެ ދަންވަރުގެ ވަގުތެއްގައި 19,000 (ނަވާރަ ހާސް) ލީޓަރުގެ ޖެޓް ފިއުލް އެމް.އޭ.ސީ.އެލްގެ ފިއުލް ފާމުން ވަގަށް ނަގާފައިވާ މައްސަލައިގައި ހެކިންނާއި ސުވާލުކޮށްފައި ނުވާކަން.
އަދި ހަމަ އެއާއެކު، މޯލްޑިވްސް ޕޮލިސް ސަރވިސްއިން ތައްޔާރުކޮށްފައިވާ 2 (ދޭއް) ރިޕޯޓަށް ބަލާއިރު އަންނަނިވި ކަންކަން ފާހަގަވެއެވެ.
"ސީ.ސީ.ޓީ.ވީ ފުޓޭޖްގެ ވީޑިއޯ އެންޑް އިމޭޖް އެނާލިސިސް ރިޕޯރޓް"ގެ 4.1 ގައި، ސީ.ސީ.ޓީ.ވީ ފުޓޭޖުން ނަގާފައިވާ ސްނެޕްޝޮޓްތަކުގައި ފެންނަ މީހުންގެ ހަށިގަނޑުގެ ސިފަތައް އަޅާކިޔޭ މިންވަރަށް ސާފުކޮށް ފެންނަން ނެތް ކަމަށާއި، އެ ރިޕޯޓުގެ 5.0 ގައި ވައްކަމުގެ އަމަލު ހިންގި ކަމަށް ތުހުމަތުކުރެވޭ ފަރާތްތައް ފެންނަލެއް ދުރުވުމުންނާއި އަދި ސީ.ސީ.ޓީ.ވީ ފުޓޭޖު ނުސާފުވުމުގެ ސަބަބުން އެކަން ކޮށްފައިވަނީ ކޮން ބައެއްކަން ދެނެގަނެވިފައި ނުވާކަމަށް ބަޔާންކޮށްފައިވާކަން އެނގެން އޮވެއެވެ.
އާދަމް ޒަމީލް ވަޒީފާއިން ވަކިކުރުމުގައި އެމް.އޭ.ސީ.އެލްއިން އެ މައްޗަށް ރިޢާޔަތްކޮށްފައިވާ ރިޕޯޓުގެ ދެވަނަ ޕެރެގްރާފުގައި "... މި ވައްކަން ކޮށްފައިވަނީ ފިއުލް ފާމްގައި މަސައްކަތްކުރާ ދެމުވައްޒަފުން ކަމަށް ވަރަށް ބޮޑަށް ތުޙްމަތު ކުރެވެއެވެ." މިފަދައިން ބަޔާންކުރުމަށްފަހު، އެ ރިޕޯޓުގެ 4 ވަނަ ޕްރެގްރާފުގައި އެ ވައްކަން ކުރީ މުޙައްމަދު ޢަބްދުﷲ އާއި އާދަމް ޒަމީލު ކަމުގައި ބަޔާންކޮށްފައިވެއެވެ. އަދި ކަންކުރީ ބުނެވުނު ދެ މީހުން ކަމުގައި ފުލުހުން ކަނޑައެޅުމުގައި ޙަވާލާދީފައިވަނީ ސީ.ސީ.ޓީ.ވީ ފުޓޭޖްއަށާއި ހެކިންގެ ހެކިބަހަށް ކަމުގައިވާއިރު، ސީ.ސީ.ޓީ.ވީ ފުޓޭޖަށް ބެލުމުން ތެޔޮ ބައުޒަރުތައް ކައިރީގައި ހަރަކާތްތެރިވި މީހުން ވަކިނުވާކަން މޯލްޑިވްސް ޕޮލިސް ސަރވިސްގެ "ސީ.ސީ.ޓީ.ވީ ފުޓޭޖްގެ ވީޑިއޯ އެންޑް އިމޭޖް އެނާލިސިސް ރިޕޯރޓް" އިން އެނގެން އޮންނަކަމާއި، ފުލުހުންގެ ރިޕޯޓުގައި ހެކިންގެ ހެކިބަހަށް ޙަވާލާދީފައިވާއިރު، ހެކިބަސް ދީފައިވަނީ ކޮން ފަރާތްތަކެއް، ކޮން ކަމަކާ ގުޅިގެންކަން އެނގެން ނެތެވެ.
މީގެ އިތުރުން، ޓްރައިބިއުނަލްގެ ނަންބަރު 41/VTR/2016 މައްސަލަ ހިނގަމުން ދިޔައިރު، އާދަމް ޒަމީލް ބުނެވުނު ވައްކަމުގައި ބައިވެރިވިކަން ސާބިތުކޮށްދިނުމަށްޓަކައި އެމް.އޭ.ސީ.އެލްގެ ފަރާތުން ހެކިންގެ ބަސް ނަގދިނުމަށްއެދި، ހެކިން ހުށަހަޅާފައިވާކަން އެނގެން ނެތްކަން ވެސް ފާހަގަވެއެވެ.
އެހެންކަމުން، މޯލްޑިވްސް ޕޮލިސް ސަރވިސްއިން ތައްޔާރުކޮށްފައިވާ ރިޕޯޓުގައި 2015 ސެޕްޓެންބަރު 04 ވަނަ ދުވަހުގެ ރޭގެ ދަންވަރުގެ ވަގުތެއްގައި 19,000 (ނަވާރަ ހާސް) ލީޓަރުގެ ޖެޓް ފިއުލް އެމް.އޭ.ސީ.އެލްގެ ފިއުލް ފާމުން ވަގަށް ނެގިކަމަށް ފުލުހުން ތުޙުމަތުކުރާ ދެ މީހުންގެ ތެރޭގައި އާދަމް ޒަމީލް ހިމެނޭކަމުގައި ބަޔާންކޮށްފައިވުމުގެ އިތުރުން، އެ ހާދިސާގައި އާދަމް ޒަމީލްގެ އެއްވެސް ބައިވެރިވުމެއް އޮތްކަން އެމް.އޭ.ސީ.އެލްއިން ނިންމާފައިވަނީ ކޮން ބިނާއެއްގެ މައްޗަށްކަން އެނގެން ނެތެވެ. އަދި އާދަމް ޒަމީލް ވައްކަން ކޮށްފައިވާ ކަމަށް ބުނެ ، އޭނާގެ މައްޗަށް އިތުބާރު ނުކުރެވޭ ކަމުގައި ބަލަންވީ އެއްވެސް ސަބަބެއް ފެންނާން ނެތެވެ.
ނަތީޖާ
އިސްވެ ބަޔާންކުރެވުނު ޤާނޫނީ ޙައްލުތަކާއި މި ރައުޔުގެ ޕެރެގްރާފް 29 އިން 34 އަށް ބަޔާންކޮށްފައިވާ ކަންކަމުގެ އަލީގައި، އާދަމް ޒަމީލްއަށް ވަޒީފާ އަލުން ދިނުމަށް ހުރަސް އަޅާ ޙާލަތެއް ވުޖޫދުގައި ވާކަން ނުވަތަ ވަޒީފާއަށް ރުޖޫޢަކުރުމަކީ އަމަލީ ގޮތުން ކުރެވެން އޮތް ކަމެއް ކަމުގެ މައްޗަށް ބަލާއިރު:
އާދަމް ޒަމީލް ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ އަދި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކުރެވިފައި ނުވާތީ އާއި؛
އާދަމް ޒަމީލް ވަޒީފާއިން ވަކިކުރުމަށް އެމް.އޭ.ސީ.އެލްއިން ނިންމާފައިވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއިން ތައްޔާރުކޮށްފައިވާ ރިޕޯޓުގެ މައްޗަށް ބިނާކޮށް ކަމުގައިވާތީ އާއި؛
މައްސަލައިގެ ވަށައިގެންވާ ކަންކަމަށް ބަލާއިރު، 2015 ސެޕްޓެންބަރު 04 ވަނަ ދުވަހުގެ ރޭގެ ދަންވަރުގެ ވަގުތެއްގައި 19,000 (ނަވާރަ ހާސް) ލީޓަރުގެ ޖެޓް ފިއުލް އެމް.އޭ.ސީ.އެލްގެ ފިއުލް ފާމުން ވަގަށް ނަގާފައިވާ މައްސަލައިގައި ޓްރައިބިއުނަލްއަށް ޙާޟިރުކުރެވުނު ހެކިންނާއި ސުވާލުކޮށްފައި ނުވާކަން އެނގެން އޮތުމުގެ އިތުރުން، ހެކިންގެ ބަހުން އާދަމް ޒަމީލްއަކީ އަހުލާގު ރަނގަޅު އެކުގައި މަސައްކަތްކުރާ މީހުންނާ ގުޅޭ މީހެއްކަމަށާއި، އާދަމް ޒަމީލް ފެނުނުކަމަށް ބުނާ ހެކިންގެ ތެރެއިން ޢަލީ މަކާރިމްގެ ހެކިބަހާއި، ސީ.ސީ.ޓީ.ވީ ފުޓޭޖަށް ބެލުމުން ތެޔޮ ބައުޒަރުތައް ކައިރީގައި ހަރަކާތްތެރިވި މީހުން ވަކިނުވާކަން އެނގެން އޮތުމުން؛
އަހުރެންނަށް ބޮޑަށް ބުރަވެވެނީ އާދަމް ޒަމީލް އަށް ވަޒީފާއަށް އަނބުރާ ލިބިނުދީފިނަމަ، އެއީ، ވަޒީފާދިން ފަރާތުން ޤާނޫނުގައި ފުރިހަމަ ކުރަން އޮންނަ އިޖުރާއަތުގެ ބޭރުން މީހަކު ވަޒީފާއިން ވަކިކުރުމުގެ އެކަށީގެންނުވާ އަމަލު ބަލައިގަތުން ކަމުގައި، އަދި އެކަށީގެންވާ ސަބަބެއްނެތި ވަޒީފާއިން ވަކިކުރާ މުވައްޒަފަކަށް ލިބެންވާނެ ކަމަށް ޤާނޫނުގައި ބަޔާންކުރާ އަސާސީ ޙައްޤުން މަޙުރޫމު ކުރުންކަމުގައެވެ. މިފަދަ ޙާލަތެއްގައި، އަދާމް ޒަމީލް އަށް ވަޒީފާއަށް އަނބުރާ ލިބިދިނުމަކީ އޭނާއަށް ނުޙައްޤު މަންފާއެއް ލިބިދިނުން ކަމުގައި ބެލޭނެ ޤާނޫނީ އުޞޫލެއް ނެތްކަމުގައިވެސް އަހުރެން ދެކެމެވެ.
އާދަމް ޒަމީލް އަށް ވަޒީފާއަށް އަނބުރާ ލިބިދިނުމުގެ އިތުރުން، ވަޒީފާއާބެހޭ ގާނޫނުގެ 29 ވަނަ މާއްދާގެ (ހ) ގެ (3) ގެ ދަށުން އޭނާއަށް ބަދަލު ލިބިދިނުމަށް ބަލާއިރު، އާދަމް ޒަމީލް އެމް.އޭ.ސީ.އެލްގައި އަދާކުރަމުން ދިޔަ ވަޒީފާއިން ވަކިކޮށްފައިވަނީ މައުޟޫޢީ އަދި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކުރުމާއި ނުލާކަމަށްވާތީ، އާދަމް ޒަމީލް އަށް 6 (ހައެއް) މަސްދުވަހުގެ އަސާސީ މުސާރައަށްވާ 37,200/-ރ. (ތިރީސް ހަތްހާސް ދުއިސައްތަ ރުފިޔާ) ލިބިދިނުން އެކަށީގެންވާކަމުގައި ދެކެމެވެ.
އަދި އަމަ އެއާއެކު، އާދަމް ޒަމީލް ވަޒީފާއިން ވަކިކުރުމަށްފަހު ކަން ހިނގާފައިވާ ގޮތާބެހޭ މަޢުލޫމާތު ސާފުވެފައި ނެތުމުން، މި ރައުޔުގެ 26 ވަނަ ޕެރެގްރާފްގައި ބަޔާންކޮށްފައިވާ ކަންކަމުގެ އަލީގައި އާދަމް ޒަމީލް ވަކިކުރުމުގެ ސަބަބުން އޭނާއަށް އިތުރު އެއްވެސް ގެއްލުމެއް ލިބިފައިވާނަމަ، އެފަދައިން ލިބުނު ގެއްލުމަށް ލިބިދޭންޖެހޭ އެކަށީގެންވާ އަދި ޢަދުލުވެރި ބަދަލު ނަގައި ދިނުމަށް އެދި އާދަމް ޒަމީލް ހުށަހަޅައިފިނަމަ، ވަކި މައްސަލައެއް ގޮތުގައި ބަލައި، އެކަމުގައި ގޮތެއް ކަނޑައަޅަންޖެހޭ ކަމުގައި އަހުރެން ދެކެމެވެ.
ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔުމި މައްސަލައިގައި، ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރަޢުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު
މި މައްސަލައިގައި، ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރަޢުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތުގެ މަތިން ހުރުމާއެކު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/519 ގަޟިއްޔާގައި ކޮށްފައިވާ ޙުކުމް ބާޠިލުކޮށް، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގައި އާދަމް ޒަމީލް އަދާކުރަމުންދިޔަ ވަޒީފާއިން އޭނާ ވަކިކޮށްފައިވަނީ ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) އާ ޚިލާފަށް ކަމަށް ކަނޑައަޅައި، މިއަދު (18 ޖަނަވަރީ 2021) އިން ފެށިގެން 14 (ސާދަ) ދުވަހުގެ ތެރޭގައި އާދަމް ޒަމީލް އަދާކުރަމުންދިޔަ ވަޒީފާ ނުވަތަ އެ ވަޒީފާއާ އެއް ފެންވަރެއްގެ ވަޒީފާއެއް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުން އޭނާއަށް ހަމަޖެއްސުމަށާއި، އާދަމް ޒަމީލް އަށް 37,200/-ރ. (ތިރީސް ހަތްހާސް ދުއިސައްތަ ރުފިޔާ) ދެއްކުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުގެ މައްޗަށް އަމުރުކޮށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
އަޒްމިރާލްދާ ޒާހިރުޢާއިޝާ ޝުޖޫން މުޙައްމަދުޙުސްނުއްސުޢޫދު(ރިޔާސަތު)
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާގެ (ހ) އަދި (ށ)
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 27 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 29 ވަނަ މާއްދާގެ (ހ)، (ހ) ގެ (3)، (ށ) އަދި (ރ)
- 2014/SC-A/27 (އިސްމާޢީލް މަސްޢޫދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ލިމިޓެޑް)
- 2018/SC-A/49 (މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާން)
- 2019/SC-A/36 (މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. އަސްފާޤު ވަޙީދު)
- 2019/SC-A/27 (ޢަލީ ވަޙީދު ވ. މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ)
- 2019/SC-A/22 (ޙުސައިން ނަޒީފު ވ. ސިވިލް ސަރވިސް ކޮމިޝަން)
- 2017/SC-A/38 (އެޓަރނީ ޖެނެރަލްގެ އޮފީސް ވ. އަޒުހަރު ރަޝާދު)
- 2017/SC-A/44 (ސަންލޭންޑް ޓްރެވަލް ޕްރައިވެޓް ލިމިޓެޑް ވ. އަންޖަލީން މޭރީ ނާޒިއު)
- Honda Canada Inc. v. Keays, 2008 SCC 39, [2008] 2 SCR 362
- Fulton (Melvin) v Vion Food Group Limited [2015] NICA 10
- Kideckel v. Gard-X Automotive Refinish Inc., 2020 ONSC 37
- Brake v. PJ-M2R Restaurant Inc., 2017 ONCA 402
- Carden v. Westinghouse Elec. Corp. 850 F.2d 996 (3d Cir. 1988)
- Hansard v. Pepsi-Cola Metropolitan Bottling 865 F.2d 1461 (5th Cir. 1989)
- Fidler v. Sun Life Assurance Co. of Canada, [2006] 2 S.C.R. 3, 2006 SCC 30
- Mahmud v Bank of Credit and Commerce International SA [1998] AC 20
- Malik v BCCI [1997] ICR 606, HL
- ބެންޗު
- ޢާއިޝާ ޝުޖޫން މުޙައްމަދު، ޑރ. އަޒްމިރާލްދާ ޒާހިރު، ޙުސްނުއްސުޢޫދު
- ޚިލާފު ރައުޔު
- ނެތް
- މި ކޯޓުގައި
- ހުށަހެޅުނީ 2 ޖޫން 2019 · ރަޖިސްޓްރީކުރީ 19 އޮގަސްޓް 2019 · ނިމުނީ 18 ޖަނަވަރީ 2021 (17.0 މަސް)