ސައިޓޭޝަން ކޮޕީ ކުރުމަށް
2016/HC-A/342
ޢަބްދުالله ޢުމަރު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް، 2016/HC-A/342
Abdhuالله Umar v. Prosecutor General's Office 2016/HC-A/342 (2016/HC-A/342, High Court of the Maldives, 29 August 2016)
ޢަބްދުالله ޢުމަރު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
މައްސަލައިގެ ޚުލާޞާ
ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން، ތަޙްޤީޤަށް ލިބިފައިވާ ބަޔާންތަކާއި ކުރިއެރުމަށް ބަލާއިރު ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެތީ، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކުރިއެވެ.
ކުޑަކުއްޖަކާމެދު ޖިންސީ ކުށެއް ކުރިކަމުގެ ތުހުމަތުގައި ބަންދުގައިވާ އިސްތިއުނާފުކުރި ފަރާތުގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ފުލުހުން ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް އެދުނެވެ.
އިސްތިއުނާފުކުރި ފަރާތުން ބުނީ، ޤާނޫނު ނަންބަރު 12/2009 ގެ 32 އާއި 33 ވަނަ މާއްދާގެ ދަށުން ފުލުހުން ފުރިހަމަކުރަންޖެހޭ އިޖުރާއާތު ފުރިހަމަނުކޮށް، ހެކި ޤަރީނާއާއި ޙާލަތަށް ރިޢާޔަތްނުކޮށް އަމުރު ނެރުނު ކަމަށެވެ.
މައިގަނޑު ސުވާލު
ކުޑަކުއްޖަކާމެދު ޖިންސީ ކުށެއްގެ ތުހުމަތުގައިވާ ފަރާތެއް މުޖުތަމަޢުގެ ސަލާމަތަށްޓަކައި ބަންދުގައި ބެހެއްޓުމަށް ނެރުނު ކޯޓު އަމުރު، ޤާނޫނު ނަންބަރު 12/2009 ގެ ދަށުން ފުލުހުން ފުރިހަމަކުރަންޖެހޭ އިޖުރާއާތު ފުރިހަމަނުކޮށް، ހެކި ޤަރީނާއަށް ރިޢާޔަތްނުކޮށް ނެރުނު އަމުރެއްތޯ.
ނިންމި ގޮތް
އިސްތިއުނާފު ބަލައިނުގަނެ، މެޖިސްޓްރޭޓް ކޯޓުގެ އަމުރު ޤާއިމް
ފުލުހުން ތުހުމަތެއް އުފެދޭ މިންވަރުގެ ހެކި ޤަރީނާ ހުށަހަޅާފައިވާއިރު، މުޖުތަމަޢުގެ ސަލާމަތަކީ ބަންދުގައި ބެހެއްޓޭނެ ސަބަބެކެވެ. އަދި ފުލުހުން އެދިފައިވަނީ ތަޙްޤީޤު ނުވަތަ ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ނޫންކަމުން ޤާނޫނު ނަންބަރު 12/2009 ގެ އިޖުރާއާތު މި ޙާލަތަށް ނުހުއްޓެވެ.
ކަނޑައެޅުނު އުޞޫލުތައް
- ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމުގައި ޢަމަލުކުރަންޖެހޭ ޢާއްމު އުޞޫލަކީ، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ 5 ސަބަބުންކުރެ ސަބަބެއް އެމީހެއްގެ ކިބައިގައި ފުރިހަމަވެފައިވޭތޯ ފަނޑިޔާރު ބެލުމެވެ. އެއިން ސަބަބެއް ފުރިހަމަވެފައިވާކަން ނުވަތަ ނޫންކަމާމެދު ގޮތެއް ނިންމުމުގެ ބާރު ލިބިދީފައިވަނީ ފަނޑިޔާރަށްކަން ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ރ) އަށާއި 49 ވަނަ މާއްދާއަށް ބެލުމުން އެނގެން އޮވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4(ށ))
- މުޖުތަމަޢުގެ ހަމަޖެހުމާއި ސަލާމަތަށްޓަކައި ކުށުގެ ތުހުމަތުގައިވާ މީހަކު ބަންދުގައި ބެހެއްޓުމަކީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ 5 ސަބަބުންކުރެ ސަބަބެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4(ށ))
- ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުންގެ ބަންދުގެ މައްސަލަތަކުގައި ކޯޓަށް ހުށަހެޅޭ ހެކި ޤަރީނާ ވާންޖެހޭނީ ކުށެއްކުރިކަން ސާބިތުވާ މިންވަރުގެ ހެކި ޤަރީނާ ނޫނެވެ. އެފަދަ މައްސަލަތަކުގައި ހެކީގެ ގޮތުގައި ބަލައިގަންނަންޖެހޭނީ ކުށެއް ކުރިކަމުގެ ތުހުމަތެއް އުފެދޭ މިންވަރުގެ ހެކި ޤަރީނާއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4(ނ))
- ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާ އެއްގޮތްވާގޮތުގެ މަތީން މީހަކު ބަންދުކުރުމުގައި، ތުހުމަތުކުރެވޭ ކުށުގެ ނުރައްކާތެރިކަން އޮތް މިންވަރަށާއި، އެ ޙާދިޘާ ތަޙްޤީޤުކުރުމުގައި ހުރީ ކިހާމިންވަރެއްގެ ގޮންޖެހުންތަކެއްތޯއާއި، އެކަމުގައި ހިމެނޭ މީހުންގެ އަދަދަކީ ކޮބައިކަމާއި، ކުށުގެ ޠަބީޢަތަކީ ކޮބައިކަމާއި، ކުށުގެ ކުޑަބޮޑު މިނަކީ ކޮބައިކަމާއި، އެކުށަށް ޤާނޫނުގައި ކަނޑައެޅިފައިވާ އަދަބަކީ ކޮބައިކަމާއި، ޝައްކުކުރެވޭ މީހާ ފިލާފާނެ ކަމުގެ ބިރުއޮތީ ކިހާވަރަކަށް ކަމާއި، ހެކިތަކާކުޅެ ހެކިތައް ނައްތާލުމުގެ ބިރު އޮތީ ކިހާ ވަރަކަށްކަން ފަނޑިޔާރު ވަޒަންކުރަންޖެހޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4(ނ))
- ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލު ކުރުމުގެ ޤާނޫނު) ގެ 32 ވަނަ މާއްދާއާއި 33 ވަނަ މާއްދާގެ ދަށުން ފުލުހުން ފުރިހަމަ ކުރަންޖެހޭ އިޖުރާޢާތު ފުރިހަމަ ކުރަންޖެހޭނީ، އެޤާނޫނުގެ ދަށުން ކުށުގެ ތުހުމަތު ކުރެވޭ މީހަކާމެދު އެ ޤާނޫނުން ލިބިދޭ ޚާއްޞަ އުޞޫލުތަކާ އެއްގޮތަށް ޢަމަލުކޮށް، ތުހުމަތުކުރެވޭ މީހާ ތަޙުޤީޤުގެ މަރުޙަލާއާއި ޝަރީޢަތުގެ މަރުޙަލާ ނިމެންދެން ބަންދުގައި ބަހައްޓައިދިނުމަށް ފުލުހުންގެ ފަރާތުން އެދޭ ޙާލަތުގައެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4(ރ))
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ރ)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ
- ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު ގެ 7 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލު ކުރުމުގެ ޤާނޫނު) ގެ 32 ވަނަ މާއްދާ އަދި 33 ވަނަ މާއްދާ
- 2010/SC-A/19
- 2012/HC-A/340
- 2012/HC-A/263
- ބެންޗު
- ޢަލީ ސަމީރު، ޢަބްދުއްރައޫފު އިބްރާހީމް، ޢަބްދުﷲ ދީދީ
- ޚިލާފު ރައުޔު
- ނެތް