ސައިޓޭޝަން ކޮޕީ ކުރުމަށް
2017/HC-A/188
2017/HC-A/188، 2017/HC-A/188
2017/HC-A/188 (2017/HC-A/188, High Court of the Maldives, 18 April 2017)
2017/HC-A/188
މައްސަލައިގެ ޚުލާޞާ
މޯބައިލް ފޮރެންސިކް ރިޕޯޓު ފިޔަވައި ތަޙްޤީޤުގެ ހުރިހާ ކަމެއް ނިމިފައިވާތީއާއި، ގިނަ ދުވަސްތަކެއް ޖަލު ބަންދުގައި ހުރުމުން ބަންދަށް ލުޔެއްދޭން ފެންނާތީ، މުޖުތަމަޢުގެ ސަލާމަތަށްޓަކައި 15 ދުވަހަށް ގޭގައި ބަންދުކޮށްފައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކުރެއްވިއެވެ.
ފިހާރައެއްގެ މުވައްޒަފުން ގިނަ ޢަދަދެއްގެ ފައިސާ ހިފައިގެން ދަނިކޮށް ފޭރުނު މައްސަލައެއްގައި ބައިވެރިވިކަމަށް މުޙައްމަދު އަދުހަމް އިބްރާހީމްގެ މައްޗަށް ތުހުމަތުކުރެވެއެވެ. މުޖްތަމަޢުގެ ސަލާމަތަށްޓަކައި އަދި ހެއްކަށް ނުފޫޒު ފޯރުވަފާނެތީ 15 ދުވަހަށް ބަންދުގައި ބަހައްޓަން ފުލުހުން އެދުނެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ، އަމުރަކީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދުގެ 7 ވަނަ މާއްދާގެ (ހ) އާ ޚިލާފަށާއި، ސުޕްރީމް ކޯޓުގެ 2010/SC-A/19 ގެ 9 ވަނަ ނުކުތާގައިވާ އުޞޫލުތަކަށް ރިޢާޔަތްނުކޮށް ނެރުއްވި އަމުރެއްކަމަށެވެ.
މައިގަނޑު ސުވާލު
ފޭރުމުގެ މައްސަލައެއްގައި ބައިވެރިވިކަމަށް ތުހުމަތުކުރެވޭ މީހަކު ޖަލު ބަންދުގައި ބަހައްޓަން ފުލުހުން އެދުނުއިރު، 15 ދުވަހަށް ގޭބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ނެރުއްވި އަމުރަކީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދުގެ 7 ވަނަ މާއްދާގެ (ހ) އާއި ސުޕްރީމް ކޯޓުގެ 2010/SC-A/19 ގައިވާ އުޞޫލުތަކާ ޚިލާފު އަމުރެއްތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ކްރިމިނަލް ކޯޓުގެ އަމުރު ޤާއިމް
މައްސަލައަކީ ތަޙްޤީޤު ނިންމާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމުގެ މަރުޙަލާގައިވާ މައްސަލައެއްކަމުންނާއި ކަންހިނގާފައިވާ ގޮތަށް ބަލާއިރު، ޖަލު ބަންދުގައި ބަހައްޓަންޖެހޭ ފަދަ ސަބަބެއް ނުފެނޭތީ ކްރިމިނަލް ކޯޓުގެ އަމުރަށް ބަދަލު ގެނައުމަށް ސަބަބެއް ނެތެވެ.
ކަނޑައެޅުނު އުޞޫލުތައް
- ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމުގައި ފަނޑިޔާރު ބަލަންޖެހޭނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި [ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު] ގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ 5 ސަބަބުންކުރެ ސަބަބެއް އޮތްތޯއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ހ))
- ކުށެއްގެ ތުހުމަތުގައިވާ މީހަކު ބަންދުގައި ބެހެއްޓުމަށް [ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު] ގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ 5 ސަބަބުންކުރެ ސަބަބެއް އޮތްކަން ނުވަތަ ނެތްކަމާމެދު ގޮތެއް ނިންމުމުގެ ބާރު ލިބިދީފައިވަނީ ފަނޑިޔާރަށްކަން ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ރ) އަށާއި 49 ވަނަ މާއްދާއަށް ބެލުމުން އެނގެން އޮވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ހ))
- ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި [ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު] ގެ 7 ވަނަ މާއްދާގެ (ހ) އަށް ބަލާއިރު، އެމީހަކާމެދު ތުހުމަތުކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސްދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތް ކޮށްފާނެކަމަށް، ނުވަތަ ކޯޓަށް ހާޒިރު ނުވެދާނެކަމަށް، ނުވަތަ ފިލާފާނެކަމަށް، ނުވަތަ ބަންދުން ދޫކޮށްލައިފިނަމަ މުޖްތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ފަނޑިޔާރަށް ފެނިއްޖެނަމަ، އެމީހަކު ބަންދުގައި ބެހެއްޓުމުގެ އަމުރެއް ނެރުމުގެ ބާރު ފަނޑިޔާރަށް ލިބިގެންވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ހ))
- ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާ އެއްގޮތަށް މީހަކު ބަންދުކުރުމުގައި، ތުހުމަތުކުރެވޭ ކުށް ސާބިތުކުރުމަށް ކާފީ ހެކިތަކެއް ނެތްކަމުގައި ވިޔަސް، ޝައްކުކުރެވޭ ކުށުގެ ނުރައްކާތެރިކަމަކީ ކޮބައިކަމާއި، އެކުށް ތަޙްޤީޤުކުރުމުގައި ހުރީ ކިހާ މިންވަރެއްގެ އުނދަގޫތަކެއްތޯއާއި، އެކަމުގައި ހިމެނޭ މީހުންގެ ޢަދަދަކީ ކޮބައިކަމާއި، ކުށުގެ ޠަބީޢަތަކީ ކޮބައިކަމާއި، ކުށުގެ ކުޑަބޮޑު މިނަކީ ކޮބައިކަމާއި، އެކުށަށް ޤާނޫނުގައި ކަނޑައެޅިފައިވާ އަދަބަކީ ކޮބައިކަމާއި، ޝައްކުކުރެވޭ މީހާ ފިލައި ރައްކާވުމުގެ ބިރުއޮތީ ކިހާވަރަކަށްކަމާއި، ހެކިތަކާކުޅެ ހެކިތައް ނައްތާލުމުގެ ބިރު އޮތީ ކިހާ ވަރަކަށްކަން ފަނޑިޔާރު ވަޒަންކުރަންޖެހޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ހ))
- ތުހުމަތުކުރެވޭ މައްސަލައިގައި ކަންހިނގާފައިވާ ގޮތަށާއި، މައްސަލައިގެ ތަޙްޤީޤު ކުރިއަށް ގޮސްފައިވާ ހިސާބަށް ބަލާއިރު، ތަޙްޤީޤު ނިންމާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމުގެ މަރުޙަލާގައިވާ މައްސަލައެއްގައި، ތުހުމަތުކުރެވޭ މީހާ މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓަންޖެހޭ ފަދަ ސަބަބެއް އޮތްކަމަކަށް ނުފެނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ށ))
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ރ)
- ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދުގެ 7 ވަނަ މާއްދާގެ (ހ)
- 2010/SC-A/19
- ބެންޗު
- ފަނޑިޔާރު ޢަބްދުﷲ ޙަމީދު، އިސްފަނޑިޔާރު ޢަބްދުﷲ ދީދީ، ފަނޑިޔާރު ޢަލީ ސަމީރު
- ޚިލާފު ރައުޔު
- ނެތް