ސައިޓޭޝަން ކޮޕީ ކުރުމަށް
2019/HC-A/132
މުޙައްމަދު ޝާރިފް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް، 2019/HC-A/132
Mohamed Shaarif v. Prosecutor General's Office 2019/HC-A/132 (2019/HC-A/132, High Court of the Maldives, 28 October 2026)
މުޙައްމަދު ޝާރިފް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
މައްސަލައިގެ ޚުލާޞާ
ވަޒީފާއާބެހޭ ޓްރައިބިއުނަލުން 31 ޑިސެންބަރު 2018 ގައި ނިންމީ، ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 21 ވަނަ މާއްދާއާއި 22 ވަނަ މާއްދާއާ އެއްގޮތަށް ކަމަށާއި، ވަޒީފާ އަނބުރާ ދިނުމަށް އަމުރުކުރާނެ ޤާނޫނީ ހަމައެއް ނެތްކަމަށެވެ. ނަމަވެސް، އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކޮށްފައިވާކަން ސާބިތުނުވާތީއާއި ތަފާތުކޮށްފައިވާތީ، ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 87 ވަނަ މާއްދާގެ (ށ) އަށް ރިޢާޔަތްކޮށް ޖުމުލަ 89,179/60 ރުފިޔާ ބަދަލުގެ ގޮތުގައި ދިނުމަށް ޓްރައިބިއުނަލުން އަމުރުކުރިއެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައި ޕަބްލިކް ޕްރޮސިކިއުޓަރގެ މަޤާމުގައި ވަޒީފާ އަދާކުރަމުން ދިޔަ މުޙައްމަދު ޝާރިފު، މަސައްކަތުގެ ފެންވަރު ނެތުމުގެ ސަބަބުން ދެ ހަފްތާގެ ނޯޓިސް ދީ ވަޒީފާއިން ވަކިކުރުމުން، ވަޒީފާ އަނބުރާ ލިބިދިނުމާއި މުސާރައާއި އިނާޔަތްތަކާއި ގެއްލުމުގެ ބަދަލު ލިބިދިނުމަށް އެދި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅިއެވެ. އޭނާ ހެކިންގެ ގޮތުގައި ހުށަހެޅި އޮފީހުގެ ފަސް މުވައްޒަފަކު، އޮފީހާ ދެކޮޅަށް ހެކިބަސްދިނުމަކީ މަޞްލަޙަތު ފުށުއަރާ ކަމެއްކަމަށް އޮފީހުން ދެކޭތީ ހެކިބަސްދިނުމަށް އުޒުރުވެރިވާކަމަށް ޓްރައިބިއުނަލަށް ސިޓީ ފޮނުވި ނަމަވެސް، އެމީހުންގެ ހެކިބަސް ނުނަގައި ޓްރައިބިއުނަލުން މައްސަލަ ނިންމިއެވެ.
އިސްތިއުނާފުކުރި ފަރާތުން ބުނީ، ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް އޮވެގެންކަމަށް ކަނޑައެޅުމަކީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) އާ ޚިލާފު ކަމެއްކަމަށާއި، އޭނާގެ ހެކިންނަށް އޮފީހުން ވަޒީފާގެ ބިރުދައްކައި ހެކިބަސްދިނުމަށް ހުރަސްއެޅުމުން ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) ގެ ދަށުން ލިބިދޭ އިންޞާފުން ޝަރީޢަތްކުރެވުމުގެ ޙައްޤުން އޭނާ މަޙްރޫމްވި ކަމަށެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ ޓްރައިބިއުނަލްގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތް ކަމަށެވެ.
މައިގަނޑު ސުވާލު
ވަޒީފާއާބެހޭ ޓްރައިބިއުނަލުން ހާޒިރުކުރަން ނިންމި ހެކިން، ހެކިބަސްދިނުމަށް އުޒުރުވެރިވެ ހާޒިރުނުވިއިރު، އެމީހުން ހާޒިރުކުރުމަށް އެއްވެސް ފިޔަވަޅެއް ނާޅައި އެމީހުންގެ ހެކިބަހާނުލައި ވަޒީފާއިން ވަކިކުރުމުގެ މައްސަލަ ނިންމުމަކީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) ގައިވާ އިންޞާފުން ޝަރީޢަތްކުރެވުމުގެ ޙައްޤާ ޚިލާފު ކަމެއްތޯ.
ނިންމި ގޮތް
ބާޠިލުކޮށް ޓްރައިބިއުނަލަށް ތަޙުވީލު (އިއްތިފާޤުން)
ހައިކޯޓުން ކަނޑައެޅީ، ހެކިބަސް އަދާކުރުމަކީ ވަކި ފަރާތަކާ ދެކޮޅަށް ނުވަތަ އެއްކޮޅަށް ކުރާ ކަމެއް ނޫން، ޙައްޤު ތެދަށް ބުނުން ކަމަށާއި، ވަޒީފާގެ ސަބަބުން ހެކިބަސްދިނުމުން އެއްކިބާވުމާއި ހެއްކަކަށް ނުފޫޒު ފޯރުވުން ހުއްދަ ނުވާނެ ކަމަށާއި، މަޞްލަޙަތު ފުށުއަރާކަމަށް ބުނެ ހެކިބަސްދިނުމަށް އިޢުތިރާޟުކުރުމަކީ ޞައްޙަ ޤާނޫނީ އަސާސެއް އޮތް ކަމެއް ނޫން ކަމަށެވެ. ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 87 ވަނަ މާއްދާގެ (ނ) ގެ ދަށުން ހެކިން ހާޒިރުކުރުމާއި ފިޔަވަޅު އެޅުމުގެ ބާރު ޓްރައިބިއުނަލަށް ލިބިގެންވާއިރު، އެ ހެކިބަސް ނެގުން ޢަދުލުވެރި ފައިޞަލާއަކަށް ބޭނުންވާ ކަމެއްކަމަށް ޓްރައިބިއުނަލުން އަމިއްލައަށް ދެކި ނަމަވެސް އެ ބާރު ބޭނުން ނުކޮށް މައްސަލަ ނިންމުމަކީ، 2010/SC-A/02 ގައިވާ Equality of Arms ގެ އުޞޫލާއި ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) ގައިވާ އިންޞާފުން ޝަރީޢަތްކުރެވުމުގެ ޙައްޤާ ޚިލާފު ކަމެއް ކަމަށް ހައިކޯޓުން ކަނޑައެޅިއެވެ. އެހެންކަމުން، 28 އޮކްޓޫބަރު 2026 ގައި، ޓްރައިބިއުނަލްގެ ނިންމުން ބާޠިލުކޮށް، ހެކިންގެ ހެކިބަސް ނަގައި މައްސަލަ އަލުން ނިންމުމަށް ގާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނު) ގެ 46 ވަނަ މާއްދާގެ (ށ) ގެ ދަށުން މައްސަލަ ޓްރައިބިއުނަލަށް ތަޙުވީލުކުރިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ހެކިބަހަކީ، ހެކިބަސް ދެވޭ ކަމެއް، އޭނާއަށް އަމިއްލައަށް ތަޖުރިބާކުރެވިފައިވާ ގޮތް ބަޔާންކުރުމުގެ ގޮތުން ސޮރީހަ އިބާރާތުން ތެދުބަހުން ބުނާ ބަހެވެ. މިގޮތުން އަމިއްލައަށް ކަމެއް ތަޖުރިބާކުރެވިފައިވުމަކީ، ވަކި އެއްޗެއް ނުވަތަ ކަމެއް އޭނާއަށް ކަނޑައެޅިގެން ފެނުމަށް ނުވަތަ އިވުމަށް ނުވަތަ އެނޫންވެސް ގޮތަކަށް އޭނާގެ ހިއްސަކުން ކަނޑައެޅިގެން އިހުސާސްކުރެވިފައިވުމެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 22)
- ހެކިބަސް އަދާކުރުމަކީ ވަކި މީހަކާ ދެކޮޅުވުމަށް ނުވަތަ އެއްކޮޅުވުމަށް ކުރެވޭ ކަމެއް ނޫނެވެ. ހެކިބަސް އަދާކުރުމަކީ ޙައްޤު ތެދަށް ބަސް ބުނުމެވެ. ހައްގަށް ބުނަން ޖެހޭ ބަހުގެ މައްޗަށް އެއްވެސް ފަރާތެއްގެ މަސްލަހަތެއް، ލޯތްބެއް އިސް ނުކުރެވޭނެއެވެ. އެއްވެސް ފަރާތެއްގެ ނުފޫޒަކަށް ބޮލެއް ނުލެނބެވޭނެއެވެ. ހެކިބަސް އަދާކުރަނީ އަދުލުވެރިކަމަށްޓަކައެވެ. ހަގީގަތާއި އިންސާފަށްޓަކައެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 22، 25)
- ތިބާ އަދާކުރާ ވަޒީފާ އާއި ތަނުގެ ހައްގުގައި ހެކިބަސްދިނުމުން އެއްކިބާވުމަކީ ހުއްދަ ވާނެ ކަމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 25)
- ހެކިބަސް ދޭން ހުރި މީހަކަށް ނުފޫޒު ފޯރުވުމީ ވެސް ކަނޑައެޅިގެން މަނާވެވިގެންވާ ބިރުހުރި ކަންކަމެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 25)
- ހެކިބަސް ނެގުމަށް މީހުން ހާޒިރުކުރުމާއި، ހާޒިރުވުމަށް އިންކާރުކުރާ ނަމަ އަޅަން ޖެހޭ ގާނޫނީ ފިޔަވަޅުތައް އެޅުމަކީ ޤާނޫނުން ޓްރައިބިއުނަލަށް ލިބިގެންވާ ބާރެއްކަން ޝައްކެއް ނެތި ސާފުވެއެވެ. ގާނޫނުގެ ވެރިކަން ހިނގާ ދައުލަތެއްގައި ގާނޫނުން ލިބިދޭ ބާރެއް ތަންފީޒުކުރުމުގައި ގާނޫނީ މުއައްސަސާއެއްގެ އަތް ބަނދެވޭނެ ކަމަށް ބެއްލެވުމަކީ ކުށް ހީއެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 27)
- ޚަޞްމުންގެ އަތުގައިވާ ޤާނޫނު ހުއްދަކުރާ އެންމެހައި ހެކިތަކާއި ދަލީލުތައް ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅުމުގެ ފުރުޞަތު ކޯޓުން ޚަޞްމުންނަށް ފަހިކޮށް ދޭންވާނެކަމާއި، އަދި ހަމަ އެމޭރުމުން އެއް ޚަޞްމު ހުށަހަޅާ ހެކި ނުވަތަ ދަލީލު ނަޤުޟުކޮށް އިދިކޮޅު ޘާބިތުކުރުމުގެ ޙައްޤު އަނެއް ޚަޞްމަށް ލިބިގެންވާކަމާއި މި ކަންކަމީ އިންޞާފުން ޝަރީޢަތްކުރެވުމުގެ ޙައްޤުގެ މައިގަނޑު އެއް ރުކުންކަމަށްވާ، ހަސްމުންނަށް ހަމަހަމަ ފުރުސަތު ދިނުން ނުވަތަ Equality of Arms ގެ ދަށުން ލާޒިމުވެވިގެންވާ ކަމަކަށް ވީހިނދު، މައްސަލައެއްގެ އިންސާފަށްޓަކައި ކޮންމެހެން ނަގަން ޖެހޭ ހެކިބަހެއް ނުނަންގަވައި ދޫކޮށްލުމީ ހަމަކަށަވަރުން ވެސް ކަށަވަރުކޮށްދޭ އަސާސީ ހައްގު ނަގަހައްޓާނަމަ ކަންކުރެވެން އޮންނާނޭ ގޮތެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 29)
- ހެކިބަސް ނެގުމަކީ އަދުލުވެރި ފައިސަލާއަކަށް ވާސިލުވުމަށްޓަކައި ކުރަން ޖެހޭ ކަމެއް ކަމަށް ޓްރައިބިއުނަލުން ނިންމަވާފައިވާއިރު، އަދި އެ ފަރާތްތަކުގެ ހެކިބަސް ނެގިފައި ނުވުމުން އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސް އެޅިފައިވާކަމަށް ޓްރައިބިއުނަލުންމެ ދެކޭހިނދު، އެ ފަރާތްތަކުގެ ހެކިބަހާނުލައި، އަދި ހެކިބަސް ނެންގެވުމަށް އެކަށީގެންވާ މަސައްކަތެއް ކުރެއްވުމެއް ނެތި، ނިޔާކޮށް ގޮތް ކަނޑައަޅުއްވާފައި ވަނީ އަދުލުއިންސާފުގެ ހަމަތަކުގެ މަތިން ކަމުގައި ބެލެވޭނެ ގޮތެއް ނޯންނާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 30)
1މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 04/VTR/2018 މައްސަލަ (މީގެ ފަހުން "އިސްތިއުނާފުކޮށްފައިވާ މައްސަލަ") އިސްތިއުނާފަށް ހުށަހެޅުމުން މި ކޯޓުގެ ނަންބަރު 2019/HC-A/132 ގަޒިއްޔާއިން ބެލި އިސްތިއުނާފު (މީގެ ފަހުން "އިސްތިއުނާފު") ނިންމި ގޮތުގެ ރިޕޯޓެވެ.
2މި އިސްތިއުނާފު ހުށަހަޅާފައި ވަނީ މުޙައްމަދު ޝާރިފް (މީގެ ފަހުން "އިސްތިއުނާފު ކުރާ ފަރާތް" ނުވަތަ " މުޙައްމަދު ޝާރިފް") އެވެ. އިސްތިއުނާފު ރައްދުވަނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (މީގެ ފަހުން "އިސްތިއުނާފު ރައްދުވާ ފަރާތް" ނުވަތަ " ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް") އަށެވެ.
3އިސްތިއުނާފުކޮށްފައިވާ މައްސަލައަކީ "މުޙައްމަދު ޝާރިފު، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ޅ. ނައިފަރު ގޮފީގައި ޕަބްލިކް ޕްރޮސިކިއުޓަރގެ މަޤާމުގައި ވަޒީފާ އަދާކުރަމުންދަނިކޮށް 07 އޮކްޓޫބަރު 2017 ގައި 3 (ތިނެއް) މަސްދުވަހުގެ ޓްރޭނިންގއަކަށް ކަމަށްބުނެ މާލެ ގެނެސްފައިވީނަމަވެސް، ވަޒީފާ އަދާކުރާ ރަށުން ބޭރުގައި ތަމްރީން ފުރިހަމަކުރާ ނުވަތަ މަސައްކަތްކުރާ ޕްރޮސިކިއުޓަރުންނަށް ޢާއްމު ގޮތެއްގައި ދޭ އެއްވެސް އެލަވަންސެއް ދީފައިނުވާތީއާއި، ޙަޤީޤަތާ ޚިލާފު ދޮގު މަޢުލޫމާތެއްގެ މައްޗަށް ބިނާކޮށް ނަޞޭހަތެއް ނުވަތަ އިންޒާރެއް ނުވަތަ ޖަވާބުދާރީވުމުގެ ފުރުޞަތެއް ދިނުމަކާ ނުލައި ވަޒީފާއިން ވަކިކުރުމަށް 02 ޖަނަވަރީ 2018 ގައި ދެ ހަފުތާގެ ނޯޓިސް ދީފައިވާތީއާއި، އުޖޫރަ ދިނުމާއި ފިޔަވަޅު އެޅުމުގައި އަދި ވަޒީފާއިން ވަކިކުރުމުގައި ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ހ) އާ ޚިލާފަށް ތަފާތުކޮށްފައިވާތީ، ވަޒީފާއިން ވަކިކުރުމުގައި ޤާއިމުކުރަންޖެހޭ މައުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކޮށްފައިނުވާތީ، މުޙައްމަދު ޝާރިފު އަދާކުރަމުންދިޔަ ވަޒީފާ އަނބުރާ ލިބިދިނުމަށާއި، ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން މައްސަލަ ނިމޭ ދުވަހާ ހަމައަށް ހޭދަވާ މުއްދަތަށް ލިބެންޖެހޭ މުސާރައާއި ޢިނާޔަތްތައް 7 (ހަތެއް) ދުވަހުގެ ތެރޭގައި އެކީ އެއްފަހަރާ ލިބިދިނުމަށާއި، ތަފާތުކޮށްފައިވާތީ ވަޒީފާއާބެހޭ ޤާނޫނުގެ 5 ވަނަ މާއްދާގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާމެދު ފިޔަވަޅު އަޅައިދިނުމަށާއި، ވަޒީފާއިން ވަކިކުރުމާ ގުޅިގެން ލިބުނު މާލީ ގެއްލުމުގެ ބަދަލުގެ ގޮތުގައި 3 (ތިނެއް) މަސް ދުވަހުގެ މުސާރައަށްވާ ފައިސާ ނަގައިދިނުމަށާއި، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ފެންނަ ޢަދުލުވެރި ބަދަލެއް ނަގައިދިނުމަށް އެދި" ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މުޙައްމަދު ޝާރިފް ހުށަހެޅުމުން އެ ޓްރައިބިއުނަލުން ބައްލަވައި ނިންމެވި މައްސަލައެކެވެ.
4ވަޒީފާއާބެހޭ ޓްރައިބިއުނަލުން މި މައްސަލަ ނިންމަވާފައި ވަނީ އަންނަނިވި ފަދައިންނެވެ.
"... މުޙައްމަދު ޝާރިފު ވަޒީފާއިން ވަކިކޮށްފައިވަނީ، އޭނާއާ ޙަވާލުކުރެވޭ މަސައްކަތްތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި އޭނާގެ ކިބައިގައި ކޮންމެހެން ހުންނަންޖެހޭ މިންވަރަށް މަސައްކަތުގެ ފެންވަރު ނެތުމުން، އެ ކަންކަން ރަނގަޅުކުރުމަށް ތަކުރާރުކޮށް އެންގުމުންވެސް ރަނގަޅުކޮށްފައިނުވާތީއާއި، މަސައްކަތުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން އެކަށީގެންވާ މުއްދަތަކަށް އިތުރު ތަމްރީންގެ ފުރުޞަތު ދިނުމުންވެސް އެކަށީގެންވާ މިންވަރަށް މަސައްކަތުގެ ޤާބިލުކަން ނުވަތަ ފެންވަރު ދައްކުވައިދީފައިނުވާތީއާއި، ޅ. ގޮފީގެ ހިންގުމާ ޙަވާލުވެ ހުރީ މުޙައްމަދު ޝާރިފުކަމަށްވާތީ އެ ގޮފި ރަނގަޅު ގޮތުގައި ހިންގުމުގެ ޤާބިލްކަން އޭނާގެ ކިބައިގައި ނެތްކަމަށް ބަލައި، ވަޒީފާއާބެހޭ ޤާނޫނުގެ 21 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، އެ ޤާނޫނުގެ 22 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން ދެ ހަފްތާގެ ނޯޓިސް ދިނުމަށް ފަހުގައިކަމަށް މައްސަލަ ރައްދުވި ފަރާތުން ބުނެ، އެކަން ސާބިތުވާ މިންވަރަށް ހެކި ހުށަހަޅާފައިވާތީ، މުޙައްމަދު ޝާރިފު ވަޒީފާއިން ވަކިކުރުމަށް ނިންމި ނިންމުމަކީ ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށް ނިންމި ނިންމުމެއްކަމުގައި ކަނޑައަޅާނެ ތަނެއް ނެތްކަމަށާއި، އޭނާ އަދާކުރަމުންދިޔަ ވަޒީފާ އަނބުރާ އިޢާދަކުރުމަށް މައްސަލަ ރައްދުވި ފަރާތުގެ މައްޗަށް އަމުރުކުރާނެ ޤާނޫނީ ހަމައެއް ނެތްކަމަށް ކަނޑައަޅައި، އެހެންނަމަވެސް، މުޙައްމަދު ޝާރިފު ވަޒީފާއިން ވަކިކުރުމުގައި ޤާއިމުކުރަންޖެހޭ އިޖުރާއީ ޢަދުލުވެރިކަން އެކަށީގެންވާ މިންވަރަށް ޤާއިމުކޮށްފައިވާކަން މައްސަލަ ރައްދުވި ފަރާތަށް ސާބިތުކޮށްދެވިފައިނުވާތީ، މުޙައްމަދު ޝާރިފްއަށް ބަދަލުގެ ގޮތުގައި 66,884/70ރ. (ފަސްދޮޅަސް ހަހާސް އަށްސަތޭކަ އަށްޑިހަ ހަތަރު ރުފިޔާ ހަތްދިހަ ލާރި) އާއި، މައްސަލަ ރައްދުވި ފަރާތުގެ މުވައްޒަފުން ވަކިކުރުމަށް ނިންމާފައިވާ އެހެން މައްސަލަތަކާ ޚިލާފަށް މުޙައްމަދު ޝާރިފުއާމެދު ޢަމަލުކޮށްފައިވާތީ އޭނާއާމެދު ތަފާތުކޮށްފައިވާކަމަށް ބުރަވެވޭތީ، ވަޒީފާއާބެހޭ ޤާނޫނަށް، ޤާނޫނު ނަންބަރު 22/2016 (ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) އަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) ގެ ދަށުން ގެނެވުނު އިޞްލާޙުތަކަށްފަހު، އެ ޤާނޫނުގެ 87 ވަނަ މާއްދާގެ (ށ) އަށް ރިޢާޔަތްކޮށް، މުޙައްމަދު ޝާރިފްއަށް މާލީ ބަދަލެއްގެ ގޮތުގައި 22,294/90ރ. (ބާވީސްހާސް ދުއިސައްތަ ނުވަދިހަ ހަތަރު ރުފިޔާ ނުވަދިހަ ލާރި) އާއެކު ޖުމުލަ 89,179/60ރ. (އަށްޑިހަ ނުވަހާސް އެއްސަތޭކަ ހަތްދިހަ ނުވަ ރުފިޔާ ފަސްދޮޅަށް ލާރި) ނަގައިދިނުމަށް ކަނޑައަޅައި، މި ފައިސާ، މިއަދު (31 ޑިސެންބަރު 2018) އިން ފެށިގެން 20 (ވިހި) ދުވަހުގެ ތެރޭގައި އެކީ އެއްފަހަރާ މައްސަލަ ހުށަހެޅި މުޙައްމަދު ޝާރިފުއަށް ދިނުމަށްފަހު އެކަން ހަމަޖެހޭތާ 3 (ތިނެއް) ދުވަހުގެ ތެރޭގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިޔުމުން އެންގުމަށް، މައްސަލަ ރައްދުވި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް އަންގައި އަމުރުކޮށް މި މައްސަލަ ނިންމައިފީމެވެ."
5އިސްތިއުނާފަށް ހުށަހެޅުނީ މި ނިންމެވުމެވެ.
6އިސްތިއުނާފު ކުރާ ފަރާތުން ހުށަހަޅާފައި ވަނީ އިސްތިއުނާފީ ދެ ނުކުތާއެވެ.
7ފުރަތަމަ ނުކުތާގައި ފާހަގަކޮށްފައި ވަނީ، މުޙައްމަދު ޝާރިފް ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް އޮވެގެން ކަމަށް ކަނޑައަޅައި، މުޙައްމަދު ޝާރިފް އަދާކުރަމުންދިޔަ ވަޒީފާ އަނބުރާ އިއާދަކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މައްޗަށް އަމުރުކުރާނެ ގާނޫނީ ހަމައެއް ނެތްކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން ކަނޑައަޅާފައިވަނީ، ގާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) ގައި ދިވެހިރާއްޖޭގައި ހިންގާ ޝަރީއަތްތައް ހިންގަންވާނީ އަދުލުވެރިކަމާ ހާމަކަމާއެކުގައި ކަމަށް އޮންނަ އޮތުމާ ހިލާފަށް ކަމަށެވެ.
8ދެވަނަ ނުކުތާގައި ފާހަގަކޮށްފައިވަނީ އިސްތިއުނާފު ކުރެވިފައިވާ މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި ކުރިއަށްދިޔައިރު، މުޙައްމަދު ޝާރިފްގެ ފަރާތުން ހެކިންގެ ގޮތުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ހުށަހެޅި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުންނަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން މަގާމުގެ ނުފޫޒު ބޭނުންކޮށް ވަޒީފާގެ ބިރުދައްކައި، ހެކިވެރިން މިނިވަންކަމާއެކު ހެކިބަސްދިނުމަށް ހުރަސްއަޅާފައިވާތީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން މައްސަލަ ނިންމިއިރު، ގާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) ގެ ދަށުން ލިބިދޭ ކޮންމެ މީހެއްގެ މަދަނީ ހައްގުތަކާއި ވާޖިބުތައް ކަނޑައެޅުމުގައި ގާނޫނަކުން ގާއިމުކޮށްފައިވާ މިނިވަން މުސްތަގިއްލު ކޯޓެއްގައި ނުވަތަ ޓްރައިބިއުނަލްއެއްގައި އިންސާފުން ޝަރީއަތްކުރެވުމުގެ ހައްގުން މުޙައްމަދު ޝާރިފް މަހްރޫމްވެފައިވާ ކަމަށެވެ.
9މި އިސްތިއުނާފު ނިންމައިދިނުމަށް އިސްތިއުނާފު ކުރާ ފަރާތުން އެދިފައި ވަނީ، އިސްތިއުނާފުކުރާ ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް އޮވެގެންކަމަށް ކަނޑައަޅައި، އިސްތިއުނާފުކުރާ ފަރާތް އަދާކުރަމުންދިޔަ ވަޒީފާ އަނބުރާ އިއާދަކުރުމަށް އިސްތިއުނާފު ރައްދުވާ ފަރާތުގެ މައްޗަށް އަމުރުކުރާނެ ގާނޫނީ ހަމައެއް ނެތްކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން ކަނޑައަޅާފައިވަނީ ގާނޫނު އަސާސީގެ 42 ވަނަ މާއްދާގެ (ހ) އާއި އެމާއްދާގެ (ށ) އާ ހިލާފަށްކަމަށް ކަނޑައަޅައި، އިސްތިއުނާފުކޮށްފައިވާ ނިންމުން ބާތިލުކޮށް އިސްތިއުނާފުކުރާ ފަރާތް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައި އަދާކުރަމުންދިޔަ ވަޒީފާއިން ވަކިކުރުމަށް ނިންމާފައިވަނީ އެކަށީގެންވާ ސަބަބެއްނެތި ކަމަށް ކަނޑައަޅައި އިސްތިއުނާފުކުރާ ފަރާތް ވަޒީފާއިން ވަކިކުރުމުގައި މައުލޫއީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ގާއިމުކޮށްފައިނުވާކަމަށް ކަނޑައަޅައި އިސްތިއުނާފުކުރާ ފަރާތަށް އިނާޔަތްތަކާއި އެލަވަންސް ދިނުމުގައާއި، ވަޒީފާއިން ވަކިކުރުމުގައި ތަފާތުކޮށްފައިވާކަމަށް ކަނޑައަޅައި އިސްތިއުނާފުކުރާ ފަރާތުން 03 މަސްދުވަހުގެ މުއްދަތަށް ޓްރެއިނިންގ އަށް މާލެގެނެސްފައިވާ ދުވަސްތަކަށް ދަތުރު އެލަވަންސްގެ ގޮތުގައި ލިބެންޖެހޭ އެލަވަންސްތަކުގެ ތެރެއިން ނުލިބިވާ އެލަވަންސްތައް ލިބިދިނުމަށާއި، އިސްތިއުނާފުކުރާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައި އިސްތިއުނާފުކުރާ ފަރާތުން އަދާކުރަމުން ގެންދިޔަ ވަޒީފާއިން ވަކިކޮށްފައިވާ މީހެއްކަމުގައި ނުބެލުމަށާއި، އިސްތިއުނާފުކުރާ ފަރާތް އަދާކުރަމުން ގެންދިޔަ ވަޒީފާ އަލުން އިއާދަކޮށްދިނުމަށާއި، ނުވަތަ އެވަޒީފާއާ އެއްފަދަ އެހެން މަގާމެއް ހަމަޖައްސައިދިނުމަށާއި، މައްސަލައިގައި ހުކުމްކުރާ ދުވަހާ ހަމައަށް މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި އިސްތިއުނާފުކުރާ ފަރާތަށް ލިބެންޖެހޭ އެންމެހާ މުސާރައާއި އިނާޔަތްތައް އިސްތިއުނާފު ރައްދުވާ ފަރާތުގެ އަތުން އިސްތިއުނާފުކުރާ ފަރާތަށް ލިބިދިނުމަށް އިސްތިއުނާފު ރައްދުވާ ފަރާތުގެ މައްޗަށް އަމުރުކޮށް ފައިސަލާކުރުވަނިވި ހުކުމެއް ނެރެދިނުމަށެވެ.
10އިސްތިއުނާފު ރައްދުވާ ފަރާތުން ދެކެނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުމުމަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތް ކަމަށެވެ.
11ހުށަހަޅާފައިވާ އިސްތިއުނާފީ ދެ ނުކުތާ އާއި ދެ ފަރާތުން ހުށަހެޅި ތަފުސީލަށް ބަލާއިރު މި ކޯޓުގެ ކުރިމަތީގައި އޮތީ މައިގަނޑު ދެ ސުވާލެކެވެ. އެއީ، އިސްތިއުނާފު ކުރާ ފަރާތް ވަޒީފާއިން ވަކިކޮށްފައި ވަނީ އެކަށީގެންވާ ސަބަބެއް އޮވެގެންކަމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ކަނޑައަޅުއްވާފައި ވަނީ ގާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) އާ ޚިލާފަށްތޯ އާއި، އިސްތިއުނާފު ކުރާ ފަރާތުން ހުށަހެޅި ހެކިން ހެކިބަސްދިނުމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ހުރަސްއެޅިކަމަށް ފާހަގަކުރާއިރު އެކަން ހިނގާފައިވާ ގޮތުން ގާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އިން ކަށަވަރުކޮށްދޭ އަސާސީ ހައްގުން އިސްތިއުނާފު ކުރާ ފަރާތް މަހުރޫމްވެފައިވޭތޯ، މިއެވެ.
12މި ދެ ސުވާލުގެ ޒާތަށް ރިއާޔަތްކޮށް، އިސްތިއުނާފު ކުރާ ފަރާތުން ހުށަހެޅި ހެކިންގެ ހެކިބަސް ނެގުމާ ގުޅޭ ގޮތުން އޮތް ސުވާލާމެދު ފާހަގަވާ ގޮތް ފުރަތަމަ ބަޔާންކުރަން ޖެހޭ ކަމުގައި ފާހަގަވެއެވެ.
13އިސްތިއުނާފު ކުރާ ފަރާތުން ފާހަގަކުރަނީ، އިސްތިއުނާފު ކުރާ ފަރާތުން ހެކިންގެ ގޮތުގައި ޓްރައިބިއުނަލަށް ހުށަހެޅި އިސްތިއުނާފު ރައްދުވާ ފަރާތުގެ މުވައްޒަފުންނަށް އިސްތިއުނާފު ރައްދުވާ ފަރާތުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަޒީފާގެ ބިރުދައްކައި މިނިވަންކަމާއެކު ހެކިބަސްދިނުމަށް ހުރަސްއަޅާފައިވާކަމަށެވެ.
14މި މައްސަލާގައި ހިމެނޭ ލިޔެކިއުމަށް ބަލާއިރު، 30 އޭޕްރީލް 2018 ގައި އިސްތިއުނާފު ކުރާ ފަރާތުން ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ސިޓީއެއް ފޮނުވައި، އިސްތިއުނާފު ރައްދުވާ ފަރާތުގެ ހަތް މުވައްޒަފެއްގެ ހެކިބަސް ނަގައިދިނުމަށް އެދިފައިވެއެވެ.
15މި ހަތް މުވައްޒަފުންގެ ތެރެއިން ފަސް މުވައްޒަފަކަށް ހެކިބަސްދިނުމަށް ޓްރައިބިއުނަލަށް ހާޒިރުވުމަށް އެންގުމުން އެ ފަސް މުވައްޒަފުން ޓްރައިބިއުނަލަށް ސިޓީއެއް ފޮނުވިއެވެ. މި ސިޓީތަކުގައި ހަތަރު މުވައްޒަފަކު ފާހަގަކުރީ "ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފެއްގެ ގޮތުގައި ހުރެ، އެ އޮފީހާ ދެކޮޅަށް ހެކިބަސް ދިނުމަކީ މަޞްލަޙަތު ފުށުއަރާކަމެއްކަމަށް، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ދެކޭތީ" މި މައްސަލާގައި ހެކިބަސް ދިނުމަށް އުޒުރުވެރިވާ ކަމަށެވެ. އަދި އަނެއް މުވައްޒަފު ވެސް ހަމަ އެ ސަބަބު ފާހަގަކޮށް އެދިފައި ވަނީ އެކަމާމެދު ގޮތެއް ނިންމައިދިނުމަށެވެ.
1622 މެއި 2018 ގައި ޓްރައިބިއުނަލްގައި ބޭއްވި އަޑުއެހުމުގެ ބަޔާނަށް ބަލާއިރު، ހެކިބަސްދިނުމާ ގުޅޭގޮތުން އިސްތިއުނާފު ރައްދުވާ ފަރާތުގެ މުވައްޒަފުން ޓްރައިބިއުނަލަށް ފޮނުވި ސިޓީތަކާ ގުޅިގެން އިސްތިއުނާފު ކުރާ ފަރާތުގެ ވަކީލު ކަންބޮޑުވުން ފައުޅުކޮށް ތަފްޞީލުކޮށް ވާހަކަ ދައްކާފައިވާކަން ފާހަގަވެއެވެ. އަދި މައްސަލަ ބެއްލެވި މެމްބަރު އެ އަޑުއެހުމުގައި ފާހަގަކުރައްވާފައި ވަނީ "....އެކަމެއް ހިނގާދިޔަ ގޮތަށް އައިސް މިތަނުގައި ކިޔާދިނުން ނުވަތަ ހެކިބަސް ދިނުން އެއީ އެއްގޮތަކަށް ވެސް މަސްލަހަތު ފުށޫއަރާނެކަމެއް ކަމަކަށް އަޅުގަނޑަކަށް ޤަބޫލެއްނުކުރެވޭ. އެހެންވީމަ އަޅުގަނޑު އެދެން މި މައްސަލައިގަ ޢަދުލުވެރިކަމާއި އިންސާފުވެރިކަމާއެކު ގޮތެއް ނިންމުމަށްޓަކައި ހަމަ އެ ފަރާތުން އެދިވަޑައިގެންނެވި ހެކިން ޙާޟިރުކޮށްދިނުން. އެއީ އެ ފާހަގަކުރެއްވި ގޮތަށް ކިތާބީ ހެކި، މިސާލަކަށް އޮފީސްތެރޭގައި ހުންނަހާ ލިޔެކިޔުންތައް މައްސަލަ ހުށަހަޅާ ފަރާތްތަކުގެ އަތުގައި ނުހުންނާނެކަމަށް އަޅުގަނޑަށް ވެސް ޤަބޫލުކުރެވޭ އަދި ތިފަރާތަށް ވެސް އެނގިވަޑައިގެންނަވާނެ. ދެން އަނެއް ކަމަކީ މިހާރު ވަޒީފާއިން ވަކިކުރެވޭ މައްސަލަތަކުގައި ހެކިބަސް ދޭކަށް ދެން ނުތިބޭނެ ދެއްތޯ އެހެން ފަރާތްތަކެއް. އެގޮތަށް ހައިކޯޓުގެ ރޫލިންގސްތައް ވެސް ހުންނާނެ. އެއީ ހެކިބަސް ދެއްވަން ތިއްބަވާނީ ވެސް މުވައްޒަފުންކަމަށް. އަޅުގަނޑު ވަރަށް ބޮޑަށް އެދެން މި މައްސަލައިގަ އެއްބާރުލުން ދެއްވުމަށް. އެއީކީއެއް މަސްލަހަތު ފުށުއަރާނެކަމެއްކަމަށް ޤަބޫލެއް ނުކުރެވޭ. ދެން ހަމަ ދެފަރާތުން އެކަން ހިނގާދިޔަ ގޮތް ސާފުކޮށް ކިޔާދިނުމަކީ އެއީ ހަމަ އެންމެ ރަނގަޅު ރިވެތި އުސޫލުކަމަށް އަޅުގަނޑު ޤަބޫލުކުރަނީ. އެހެންވީމަ އަދި އެއްފަހަރު އަޅުގަނޑު ހެކިންނަށް އަމުރު ފޮނުވާނަން އަދި އެއް އަޑުއެހުމަށް. އެހެންވީމަ އަޅުގަނޑު އެދެން މައްސަލަ ރައްދުވި ފަރާތުންވެސް އެކަމަށް ވިސްނާ ވަޑައިގެން ހެކިން ޙާޟިރުކޮށްދިނުމަށް" ކަމަށެވެ. އަދި އިސްތިއުނާފު ކުރާ ފަރާތުން ވެސް މި އަޑުއެހުމުގައި ފާހަގަކޮށްފައި ވަނީ "އަޅުގަނޑުމެން އެދެނީ މި ހުރިހާ ބޭފުޅުން ވެސް އަލުން އަމުރު ފޮނުވާ އެ ބޭފުޅުން ޙާޟިރުކޮށްދެއްވަން" ކަމަށެވެ.
17އަދި އޭގެ ފަހުން 10 ސެޕްޓެމްބަރ 2018 ގައި ބޭއްވި އަޑުއެހުމުގައި އިސްތިއުނާފު ކުރާ ފަރާތުގެ ވަކީލް ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވާ ޢަބްދުﷲ ރާބިޢުގެ ހެކިބަސް ނަގައިދިނުމަށް ކޮންމެހެން ވެސް އެދޭކަން ފާހަގަކޮށް ތަކުރާރުކޮށް އެކަމަށް އެދިފައިވާކަން ފާހަގަވެއެވެ. މި ގޮތުން ފާހަގަކޮށްފައި ވަނީ، "އެއިރު އެ ޙާލަތުގައި އެންމެ ފުރަތަމަ މުޙައްމަދު ޝާރިފްގެ މަސައްކަތްތައް އިވެލުއޭޓްކޮށް ނުވަތަ މަސައްކަތްތަކާ ގުޅިގެން އޭނާ ތައްޔާރުކުރާ މައްސަލަތަކާ މި ކަންކަމަށް ރިމާކްސް ދިނުމުގައި މަސައްކަތްކުރައްވާފައިވާ އެއް ބޭފުޅެއްކަމަށް މަހްމޫދު ސަލީމްގެ ހެކިބަހުން ވެސް އެބައެނގޭ ޢަބްދުﷲ ރާބިޢުއަކީ. އެހެންކަމުން އަޅުގަނޑުމެން ޤަބޫލުކުރާ ގޮތުގައި ޢަބްދުﷲ ރާބިޢުގެ ހެކިބަސް މި މައްސަލައިގައި ނެގިގެން ދިއުމަކީ އިންޞާފަށް ވާޞިލުވުމަށްޓަކައި ވަރަށް މުހިންމު ކަމެއް" ކަމަށެވެ.
18އަދި އިސްތިއުނާފު ކުރާ ފަރާތުން ޓްރައިބިއުނަލަށް ހުށަހެޅި ހުލާސާ ބަޔާނުގައި ވަކީލު ބަޔާންކޮށްފައި ވަނީ "... މައްސަލަ ހުށަހެޅި ފަރާތުން ހެކިންގެ ގޮތުގައި ހުށަހެޅި 5 ފަރާތަކަށް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ޙާޟިރުވުމަށް އަމުރު ފޮނުވުމުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ އިސްވެ ދެންނެވުނު ދެ ޑެޕިއުޓީ ޕްރޮސިކިއުޓަރުންނާއި އަދި އެ އޮފީހުގެ އެހެން އިސް ފަރާތަކުން މައްސަލަ ހުށަހެޅި ފަރާތުން ހެކިންގެ ގޮތުގައި ހުށަހެޅި 5 ޕްރޮސިކިއުޓަރުންނާއި ބައްދަލުކޮށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާ ދެކޮޅަށް ހެކިބަސް ނުދިނުމަށް އިންޒާރުދީ ހެކިބަސްދިނުމުގައި މަސްލަޙަތު ފުށުއަރާކަމަށްބުނެ ހެކިބަސް ދިނުމަށް އުޛުރުވެރިވާކަން ބަޔާންކޮށް އެފަދައިން ޓްރައިބިއުނަލް އަށް ލިޔުމުން އެންގުމަށް ބުނެ އެ ޕްރޮސިކިއުޓަރުން ލައްވައި އެފަދައިން ޢަމަލުކޮށް މައްސަލަ ހުށަހެޅި ފަރާތާ އެއްކޮޅަށް ހެކިބަސް ލިބުމަށް ހުރަސްއަޅުއްވައި އިންސާފު ޤާއިމުކުރުމަށް ހުރަސްއަޅުއްވާފައިވާކަން ޓްރައިބިއުނަލްގެ ސަމާލުކަމަށް ކުރިންވެސް ގެނެސްފައިވާނެ" ކަމަށެވެ.
19ކޮންމެއަކަސް އެނގެން އޮތް ހަގީގަތަކީ، މައްސަލަ ނިންމެވިއިރު އިސްތިއުނާފު ކުރާ ފަރާތުން ހެކީގެ ގޮތުގައި ހުށަހެޅި، އިސްތިއުނާފު ރައްދުވާ ފަރާތުގެ އެއްވެސް މުވައްޒަފެއްގެ ހެކިބަސް ނެންގެވިފައި ނުވާކަމެވެ. އެ މުވައްޒަފުންގެ ހެކިބަސް ނެންގެވުމަށް ޓްރައިބިއުނަލުން ފަހުން ކުރެއްވި މަސައްކަތެއް ވެސް އެނގެން ނެތް ކަމެވެ.
20އިސްތިއުނާފުކޮށްފައިވާ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގެ 13.8 ގައި ބަޔާންވެގެން ވަނީ "މައްސަލަ ހުށަހެޅި ފަރާތުން ހުށަހަޅާފައިވާ ހެކިންގެ ތެރެއިން 5 (ފަހެއް) ހެކިން ޓްރައިބިއުނަލަށް ޙާޟިރުވެފައި ނުވަނީ އެ ފަރާތްތަކަކީ މައްސަލަ ރައްދުވި ފަރާތުގެ މުވައްޒަފުންގެ ގޮތުގައި ތިބެ މައްސަލަ ރައްދުވި ފަރާތާ ދެކޮޅަށް ހެކިބަސް ދިނުމަކީ މަޞްލަޙަތު ފުށުއަރާ ކަމެއްކަމަށް މައްސަލަ ރައްދުވި ފަރާތުން ދެކޭތީކަން އެނގެން އޮންނައިރު، ހުށަހެޅިފައިވާ މިވާ މައްސަލައިގައި ކަން ހިގައިދިޔަ ގޮތް ސާފުކޮށް، މައްސަލައިގައި ޢަދުލުވެރި ފައިޞަލާއަކަށް ވާޞިލުވުމަށްޓަކައި މައްސަލަ ރައްދުވި ފަރާތުގެ މުވައްޒަފުންތަކެއްގެ ހެކިބަސް ނެގުމަށް މަސައްކަތްކުރުމުން، އެކަމަކީ މަޞްލަޙަތު ފުށުއަރާ ކަމެއްކަމަށް ދެކޭކަމަށް އެ މުވައްޒަފުންނަށް މައްސަލަ ރައްދުވި ފަރާތުން އެންގުމަކީ ޢަދުލު އިންޞާފު ޤާއިމުކުރުމަށް ހުރަސްއެޅޭފަދަ ކަމެއްކަމަށް ދެކެމެވެ" މި ފަދައިންނެވެ.
21އިސްތިއުނާފު ކުރާ ފަރާތުން ހުށަހެޅުއްވި މި ހެކިންގެ ހެކިބަސް ނެންގެވިފައި ނުވާއިރު އަނެއްކޮޅުން ފާހަގަވާން އޮތް ކަމަކީ، 22 އޭޕްރީލް 2018 ގައި ބޭއްވި އަޑުއެހުމުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ހެކިން ހުށަހަޅަން ބޭނުން ނުވާކަމަށް ފާހަގަކޮށްފައި ވަނިކޮށް، އޭގެ ފަހުން އަލުން ހެކި ހުށަހަޅަން އިސްތިއުނާފު ރައްދުވާ ފަރާތުން އެދުމުން އެކަމަށް ދެއްވި ފުރުސަތުގައި އިސްތިއުނާފު ރައްދުވާ ފަރާތުގެ ތިން މުވައްޒަފެއްގެ ހެކިބަސް ނަގައިދިނުމަށް އެދި ހުށަހެޅުމުން އެ ތިން މުވައްޒަފުންގެ ހެކިބަސް ނަންގަވައި އެ ހެކިބަހަށް، އިސްތިއުނާފުކޮށްފައިވާ މައްސަލަ ނިންމެވިއިރު ފުރިހަމައަށް ރިއާޔަތްކުރައްވާފައިވާ ކަމެވެ.
22ޕްރިސިޑެންސް 1ޕްރިސިޑެންސް 2ހެކިބަހަކީ، ހެކިބަސް ދެވޭ ކަމެއް، އޭނާއަށް އަމިއްލައަށް ތަޖުރިބާކުރެވިފައިވާ ގޮތް ބަޔާންކުރުމުގެ ގޮތުން ސޮރީހަ އިބާރާތުން ތެދުބަހުން ބުނާ ބަހެވެ. މިގޮތުން އަމިއްލައަށް ކަމެއް ތަޖުރިބާކުރެވިފައިވުމަކީ، ވަކި އެއްޗެއް ނުވަތަ ކަމެއް އޭނާއަށް ކަނޑައެޅިގެން ފެނުމަށް ނުވަތަ އިވުމަށް ނުވަތަ އެނޫންވެސް ގޮތަކަށް އޭނާގެ ހިއްސަކުން ކަނޑައެޅިގެން އިހުސާސްކުރެވިފައިވުމެވެ. އެހެނީ، ހެކިބަސް އަދާކުރުމަކީ ވަކި މީހަކާ ދެކޮޅުވުމަށް ނުވަތަ އެއްކޮޅުވުމަށް ކުރެވޭ ކަމެއް ނޫނެވެ.
23މާތްﷲ ވަޙީ ކުރައްވާފައި ވަނީ "يَا أَيُّهَا الَّذِينَ آمَنُوا كُونُوا قَوَّامِينَ بِالْقِسْطِ شُهَدَاءَ لِلَّهِ وَلَوْ عَلَىٰ أَنفُسِكُمْ أَوِ الْوَالِدَيْنِ وَالْأَقْرَبِينَ ۚ إِن يَكُنْ غَنِيًّا أَوْ فَقِيرًا فَاللَّهُ أَوْلَىٰ بِهِمَا ۖ فَلَا تَتَّبِعُوا الْهَوَىٰ أَن تَعْدِلُوا ۚ وَإِن تَلْوُوا أَوْ تُعْرِضُوا فَإِنَّ اللَّهَ كَانَ بِمَا تَعْمَلُونَ خَبِيرًا"
މާނައީ: "އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ޢަދުލު އިންޞާފު ޤާއިމް ކުރުމުގައި ދެމިތިބޭ ބަޔަކު ކަމުގައިވާށެވެ! (އަދި) ﷲ އަށްޓަކައި ހެކިބަސް އަދާކުރާ ބަޔަކު ކަމުގައި ތިޔަބައިމީހުންވާށެވެ! ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކުގެ މައްޗަށް ކަމުގައިވިޔަސް، ނުވަތަ މައިންބަފައިންނާއި، ގާތްތިމާގެ މީހުންގެ މައްޗަށް ކަމުގައިވިޔަސް މެއެވެ. އެމީހަކީ (އެބަހީ: އެމީހެއްގެ މައްޗަށް ހެކިދެވޭ މީހަކީ) މުއްސަންޖަކު ކަމުގައި، ނުވަތަ ފަޤީރަކު ކަމުގައިވިޔަސް، ފަހެ، އެދެމީހުންނަށްމެ، ﷲ އައުލާ ކަން ބޮޑެވެ. ތިޔަބައިމީހުން ޢަދުލުވެރިވުން ދޫކޮށް އަމިއްލަ އެދުމަށް ތަބަޢަ ނުވާށެވެ! އަދި، ތިޔަބައިމީހުން ހެކިބަސް ބަދަލުކުޅަނަމަ، ނުވަތަ ހެކިބަސް އަދާކުރުމުން އެއްކިބާވާނަމަ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، ތިޔަބައިމީހުން ކުރާ ޢަމަލުތައް މޮޅަށް ދެނެވޮޑިގެންވާ ކަލަކު ކަމުގައި ﷲ ވޮޑިގެންވެއެވެ."
24އަދި އެހެން ވަޙީބަސްފުޅެއްގައި ވަނީ "وَإِن كُنتُمْ عَلَىٰ سَفَرٍ وَلَمْ تَجِدُوا كَاتِبًا فَرِهَانٌ مَّقْبُوضَةٌ ۖ فَإِنْ أَمِنَ بَعْضُكُم بَعْضًا فَلْيُؤَدِّ الَّذِي اؤْتُمِنَ أَمَانَتَهُ وَلْيَتَّقِ اللَّهَ رَبَّهُ ۗ وَلَا تَكْتُمُوا الشَّهَادَةَ ۚ وَمَن يَكْتُمْهَا فَإِنَّهُ آثِمٌ قَلْبُهُ ۗ وَاللَّهُ بِمَا تَعْمَلُونَ عَلِيمٌ"
މާނައީ: "ތިޔަބައިމީހުން (ދަރަނީގެ މުޢާމަލާތެއް ކުރާހިނދު) ދަތުރެއްގެ މަތީގައިވެފައި ލިޔާނެ މީހަކު ތިޔަބައިމީހުންނަށް ނުލިބުނުނަމަ، ފަހެ، އަތުގައި ބާއްވާ ރަހުނެއް ދޭހުށިކަމެވެ! ފަހެ، ތިޔަބައިމީހުންކުރެ އެކަކު އަނެކަކާ އަމާނަތެއް ޙަވާލު ކޮށްފިނަމަ، ފަހެ، އެ އަމާނަތާ ޙަވާލުވި މީހާ، އޭނާގެ އަމާނަތް ރައްދުކުރާ ހުށިކަމެވެ! އަދި، އޭނާގެ ވެރިރަސްކަލާނގެ ކަމުގައިވާ ﷲ އަށް، އޭނާ ތަޤްވާވެރިވާހުށިކަމެވެ! އަދި ތިޔަބައިމީހުން ހެކިބަސް ވަންހަނާ ނުކުރާހުށިކަމެވެ! އެކަން ވަންހަނާކުރާ މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އޭނާއީ، އޭނާގެ ހިތް ފާފަވެރިވެގެންވާ މީހެކެވެ. ﷲ އީ، ތިޔަބައިމީހުންކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ."
25ޕްރިސިޑެންސް 3ޕްރިސިޑެންސް 4ވީމާ، ހެކިބަސް އަދާކުރުމަކީ ޙައްޤު ތެދަށް ބަސް ބުނުމެވެ. ހައްގަށް ބުނަން ޖެހޭ ބަހުގެ މައްޗަށް އެއްވެސް ފަރާތެއްގެ މަސްލަހަތެއް، ލޯތްބެއް އިސް ނުކުރެވޭނެއެވެ. އެއްވެސް ފަރާތެއްގެ ނުފޫޒަކަށް ބޮލެއް ނުލެނބެވޭނެއެވެ. ހެކިބަސް އަދާކުރަނީ އަދުލުވެރިކަމަށްޓަކައެވެ. ހަގީގަތާއި އިންސާފަށްޓަކައެވެ. ތިބާ އަދާކުރާ ވަޒީފާ އާއި ތަނުގެ ހައްގުގައި ހެކިބަސްދިނުމުން އެއްކިބާވުމަކީ ހުއްދަ ވާނެ ކަމެއް ނޫނެވެ. އަދި ހެކިބަސް ދޭން ހުރި މީހަކަށް ނުފޫޒު ފޯރުވުމީ ވެސް ކަނޑައެޅިގެން މަނާވެވިގެންވާ ބިރުހުރި ކަންކަމެވެ.
26ވީމާ، "ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފެއްގެ ގޮތުގައި ހުރެ، އެ އޮފީހާ ދެކޮޅަށް ހެކިބަސް ދިނުމަކީ މަޞްލަޙަތު ފުށުއަރާކަމެއްކަމަށް، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ދެކޭތީ" ކަމަށް ފާހަގަކޮށް ހެކިބަސް ދިނުމަށް އިއުތިރާޒުކުރުމަކީ ސައްހަ ގާނޫނީ އަސާސެއްގެ މަތިން ހިނގާފައިވާ ކަމެއް ނޫނެވެ.
27ޕްރިސިޑެންސް 5ވަޒީފާއާބެހޭ ޤާނޫނު ގެ 87 ވަނަ މާއްދާގެ (ނ) ގައި " ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތައް ބެލުމަށްޓަކައި މީހުން ހާޒިރުކުރުމާއި، ހެކިބަސް ހޯދުމާއި، ހެއްކާއި ޤަރީނާ ހޯދުމާއި، އަދި މިނޫންގޮތަކުންވެސް މައްސަލައިގެ ޙަޤީޤަތް ހޯދާ ކަށަވަރުކުރުމަށް ކުރަންޖެހޭ ކަންތައްތައް ކުރުމުގެ ބާރު ޓްރައިބިއުނަލަށް ލިބިގެންވެއެވެ" މި ފަދައިން ބަޔާންވެގެންވާއިރު، ހެކިބަސް ނެގުމަށް މީހުން ހާޒިރުކުރުމާއި، ހާޒިރުވުމަށް އިންކާރުކުރާ ނަމަ އަޅަން ޖެހޭ ގާނޫނީ ފިޔަވަޅުތައް އެޅުމަކީ ޤާނޫނުން ޓްރައިބިއުނަލަށް ލިބިގެންވާ ބާރެއްކަން ޝައްކެއް ނެތި ސާފުވެއެވެ. މި މައްސަލާގައި ފާހަގަވާ ކަމަކީ، އިސްތިއުނާފު ކުރާ ފަރާތުން ހުށަހެޅި ހެކިންގެ ތެރެއިން ފަސް ހެއްކަކު ހާޒިރުކުރުމަށް ޓްރައިބިއުނަލުން ނިންމަވައި، އެ ފަރާތްތައް ޓްރައިބިއުނަލަށް ހާޒިރުވުމަށް އެންގެވުމުން ހެކިބަސްދިނުމަށް އުޒުރުވެރިވާކަން ހާމަކޮށް ސިޓީ ފޮނުވުމުން އެ ހެކިން ހާޒިރުކުރުމަށް ޓްރައިބިއުނަލުން އިތުރަށް ކުރެއްވި އެއްވެސް ކަމެއް، އަދި އެޅުއްވި އެއްވެސް ފިޔަވަޅެއް ފާހަގަވާން ނެތް ކަމެވެ. ގާނޫނުގެ ވެރިކަން ހިނގާ ދައުލަތެއްގައި ގާނޫނުން ލިބިދޭ ބާރެއް ތަންފީޒުކުރުމުގައި ގާނޫނީ މުއައްސަސާއެއްގެ އަތް ބަނދެވޭނެ ކަމަށް ބެއްލެވުމަކީ ކުށް ހީއެކެވެ.
28މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގެ 13. ގައި ބަޔާންކުރައްވާފައި ވަނީ، މައްސަލާގައި ދެ ފަރާތުން ހެކިން ހާޒިރުކޮށްދިނުމަށް އެދިފައިވާ ސަބަބުތަކަށް ބެލިއިރު އެ ސަބަބުތަކަކީ ހެކިން ހާޒިރުކުރުމަށް އެކަށީގެންވާ ސަބަބުތަކެއްކަމަށް ފެންނާތީ މައްސަލާގައި އަދުލުވެރި ފައިސަލާއަކަށް ވާސިލުވުމަށްޓަކައި ހާޒިރުކޮށްދިނުމަށް އެދުނު ހެކިންގެ ހެކިބަސް ނެގުމަށް ނިންމި ކަމަށެވެ. އަދި 13.8 ގައި ބަޔާންކުރައްވާފައި ވަނީ، އިސްތިއުނާފު ކުރާ ފަރާތުން ހުށަހެޅި އިސްތިއުނާފު ރައްދުވާ ފަރާތުގެ މުވައްޒަފުންގެ ހެކިބަސް ނެގުމަށް މަސައްކަތްކުރުމުން، އެކަމަކީ މަސްލަހަތު ފުށުއަރާ ކަމެއްކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ދެކޭކަމަށް އެ މުވައްޒަފުންނަށް އެންގުމަކީ އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސްއެޅޭފަދަ ކަމެއްކަމަށެވެ. މާނައަކީ، އިސްތިއުނާފު ކުރާ ފަރާތުން ހެކިންގެ ގޮތުގައި ހުށަހެޅި އިސްތިއުނާފު ރައްދުވާ ފަރާތުގެ މުވައްޒަފުންގެ ހެކިބަސް ނެގުމަކީ އަދުލުވެރި ފައިސަލާއަކަށް ވާސިލުވުމަށްޓަކައި ކުރަން ޖެހޭ ކަމެއް ކަމަށް ޓްރައިބިއުނަލުން ނިންމަވާފައިވާ ކަމެވެ. އަދި އެ ފަރާތްތަކުގެ ހެކިބަސް ނެގިފައި ނުވުމުން އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސް އެޅިފައިވާކަމަށް ޓްރައިބިއުނަލުން ވެސް ދެކޭކަމެވެ. ނަމަވެސް، މި ބޭއިންސާފުން މިންޖުވުމަށްޓަކައި ޓްރައިބިއުނަލުން ކުރެއްވިކަމަކީ ކޮބައިކަން ފާހަގަވާން ނެތީއެވެ.
29ޕްރިސިޑެންސް 6ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) ގައި، "ކޮންމެ މީހެއްގެ މަދަނީ ޙައްޤުތަކާއި ވާޖިބުތައް ކަނޑައެޅުމުގައި ނުވަތަ ޖިނާއީ ކުށެއްގެ ދަޢުވާ މީހެއްގެ މައްޗަށް އުފުލުމުގައި، ޤާނޫނަކުން ޤާއިމްކޮށްފައިވާ މިނިވަން އަދި މުސްތަޤިއްލު ކޯޓެއްގައި ނުވަތަ ޓްރައިބިއުނަލެއްގައި އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި، ޢާންމުކޮށް ހުޅުވައިލެވިގެން ބާއްވާ، އަޑުއެހުމެއްގައި އިންޞާފުން ޝަރީޢަތްކުރެވުމުގެ ޙައްޤު ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ" މި ފަދައިން ބަޔާންވެގެންވާއިރު، ".....ޚަޞްމުންގެ އަތުގައިވާ ޤާނޫނު ހުއްދަކުރާ އެންމެހައި ހެކިތަކާއި ދަލީލުތައް ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅުމުގެ ފުރުޞަތު ކޯޓުން ޚަޞްމުންނަށް ފަހިކޮށް ދޭންވާނެކަމާއި، އަދި ހަމަ އެމޭރުމުން އެއް ޚަޞްމު ހުށަހަޅާ ހެކި ނުވަތަ ދަލީލު ނަޤުޟުކޮށް އިދިކޮޅު ޘާބިތުކުރުމުގެ ޙައްޤު އަނެއް ޚަޞްމަށް ލިބިގެންވާކަމާއި...."5 މި ކަންކަމީ އިންޞާފުން ޝަރީޢަތްކުރެވުމުގެ ޙައްޤުގެ މައިގަނޑު އެއް ރުކުންކަމަށްވާ، ހަސްމުންނަށް ހަމަހަމަ ފުރުސަތު ދިނުން ނުވަތަ Equality of Arms ގެ ދަށުން ލާޒިމުވެވިގެންވާ ކަމަކަށް ވީހިނދު، މައްސަލައެއްގެ އިންސާފަށްޓަކައި ކޮންމެހެން ނަގަން ޖެހޭ ހެކިބަހެއް ނުނަންގަވައި ދޫކޮށްލުމީ ހަމަކަށަވަރުން ވެސް މި މާއްދާއިން އިސްތިއުނާފު ކުރާ ފަރާތަށް ކަށަވަރުކޮށްދޭ އަސާސީ ހައްގު ނަގަހައްޓާނަމަ ކަންކުރެވެން އޮންނާނޭ ގޮތެއް ނޫނެވެ. އިސްތިއުނާފީ ނުކުތާގައި އިސްތިއުނާފު ކުރާ ފަރާތުން ފާހަގަކޮށްފައިވާ ފަދައިން، އެއީ އިންސާފުން ސަރިޔަތްކުރެވުމުގެ ހައްގުން އިސްތިއުނާފު ކުރާ ފަރާތް މަހުރޫމްކޮށްލުމެވެ.
30ޕްރިސިޑެންސް 7އަދި، އިސްތިއުނާފު ކުރާ ފަރާތުން ހެކިންގެ ގޮތުގައި ހުށަހެޅި އިސްތިއުނާފު ރައްދުވާ ފަރާތުގެ މުވައްޒަފުންގެ ހެކިބަސް ނެގުމަކީ އަދުލުވެރި ފައިސަލާއަކަށް ވާސިލުވުމަށްޓަކައި ކުރަން ޖެހޭ ކަމެއް ކަމަށް ޓްރައިބިއުނަލުން ނިންމަވާފައިވާއިރު، އަދި އެ ފަރާތްތަކުގެ ހެކިބަސް ނެގިފައި ނުވުމުން އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސް އެޅިފައިވާކަމަށް ޓްރައިބިއުނަލުންމެ ދެކޭހިނދު، އެ ފަރާތްތަކުގެ ހެކިބަހާނުލައި، އަދި ހެކިބަސް ނެންގެވުމަށް އެކަށީގެންވާ މަސައްކަތެއް ކުރެއްވުމެއް ނެތި، އިސްތިއުނާފު ކުރާ ފަރާތް ވަޒީފާއިން ވަކިކޮށްފައި ވަނީ އެކަށީގެންވާ ސަބަބެއް އޮވެގެންކަމާމެދު ނިޔާކޮށް ގޮތް ކަނޑައަޅުއްވާފައި ވަނީ އަދުލުއިންސާފުގެ ހަމަތަކުގެ މަތިން ކަމުގައި ބެލެވޭނެ ގޮތެއް ނޯންނާނެއެވެ.
31އިސްވެ މި ފާހަގަކުރި ކަންކަން އެގޮތުގެ މަތިންހުރުމުން، އިސްތިއުނާފުކޮށްފައިވާ ނިންމުން ބާތިލުކަމުގައި ކަނޑައަޅައި، އިސްތިއުނާފު ކުރާ ފަރާތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނެގުމަށްފަހު މި މައްސަލައިގެ މައުޟޫއާމެދު އަލުން ގޮތެއް ނިންމުމަށްޓަކައި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނު ގެ 46 ވަނަ މާއްދާގެ (ށ) ގެ ދަށުން މި މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ތަހުވީލުކޮށް މި މައްސަލަ ނިންމަން ފެނެއެވެ.
32މި މައްސަލައިގައި ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިންގެ ރައުޔަށް ތާއިދުކުރަމެވެ.
33މި މައްސަލައިގައި ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިންގެ ރައުޔަށް ތާއިދުކުރަމެވެ.
34މި ނިޔާއަކީ ގާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއާތުގެ ގާނޫނު) ގައިވާ ގޮތުގެމަތިން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރެވިދާނެ ނިޔާއެކެވެ. އިސްތިއުނާފުކުރުމުގެ އާންމު މުއްދަތަކީ މި ނިޔާކުރާ ދުވަހުން ފެށިގެން ތިރީސް ދުވަހެވެ.
ހުކުމް ދެންފަހެ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތުގައި ހުރުމުން، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 04/VTR/2018 މައްސަލައިގެ ނިންމުން ބާތިލުކޮށް، މި ގަޒިއްޔާގައި ފާހަގަކޮށްފައިވާ ކަންކަމުގެ މައްޗަށް ރިއާޔަތްކޮށް މައްސަލަ އަލުން ބެލުމަށްޓަކައި، ގާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނު) ގެ 46 ވަނަ މާއްދާގެ (ށ) ގެ ދަށުން މި މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ތަހްވީލުކޮށް، އެގޮތުގެ މަތިން ހުކުމްކޮށްފީމެވެ.
މިގަޒިއްޔާ ބަލައި ހުކުމް ކުރީ:
އިސްފަނޑިޔާރު ޢަބްދުﷲ ޖަމީލް މޫސާ
ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިން
(ރިޔާސަތު)
ފަނޑިޔާރު ޙަސަން ޝަފީޢު
- މި ފަދައިން ބަޔާންކޮށްފައި އެ ވަނީ، ގާނޫނު ނަންބަރު 11/2022 (ހެއްކާބެހޭ ޤާނޫނު)ގެ 42 ވަނަ މާއްދާގެ (ހ) އަދި (ށ) އަށް ރިއާޔަތްކޮށެވެ.
- ސޫރަތުއްނިސާގެ 135 ވަނަ އާޔަތް
- ސޫރަތުލްބަޤަރާގެ 283 ވަނަ އާޔަތް
- ޤާނޫނު ނަންބަރު: 2/2008
- ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/02 ޤަޟިއްޔާ
- 22/2010
- ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ)
- ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ)
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 87 ވަނަ މާއްދާގެ (ނ)
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 21 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 22 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 87 ވަނަ މާއްދާގެ (ށ)
- ޤާނޫނު ނަންބަރު 11/2022 (ހެއްކާބެހޭ ޤާނޫނު) ގެ 42 ވަނަ މާއްދާގެ (ހ) އަދި (ށ)
- ގާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނު) ގެ 46 ވަނަ މާއްދާގެ (ށ)
- ގާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއާތުގެ ގާނޫނު)
- ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/02 ޤަޟިއްޔާ
- ސޫރަތުއްނިސާގެ 135 ވަނަ އާޔަތް
- ސޫރަތުލްބަޤަރާގެ 283 ވަނަ އާޔަތް
- ޖަވާބުދާރީވި ފަރާތުގެ ވަކީލުން
- ޝަމްރާ ޝަމީމް، އާދަމް ޢަމްރޫ
- ބެންޗު
- ޢަބްދުލްމާނިޢު ޙުސައިން (ރިޔާސަތު)، ޢަބްދުﷲ ޖަމީލް މޫސާ، ޙަސަން ޝަފީޢު
- ރިޔާސަތު
- ޢަބްދުލްމާނިޢު ޙުސައިން
- ރައުޔު ލިޔުނު ފަނޑިޔާރު
- ޢަބްދުލްމާނިޢު ޙުސައިން · ތާއީދުކުރެއްވީ: ޢަބްދުﷲ ޖަމީލް މޫސާ، ޙަސަން ޝަފީޢު
- ޚިލާފު ރައުޔު
- ނެތް