ސައިޓޭޝަން ކޮޕީ ކުރުމަށް
2014/HC-A/185
ޒަރީނާ ޢަލީ ވ. ނަޒާކީ ސަރވިސަސް ޕްރައިވެޓް ލިމިޓެޑް، 2014/HC-A/185
Zareenaa Ali v. Nazaakee Services Private Limited 2014/HC-A/185 (2014/HC-A/185, High Court of the Maldives, 23 August 2016)
ޒަރީނާ ޢަލީ ވ. ނަޒާކީ ސަރވިސަސް ޕްރައިވެޓް ލިމިޓެޑް
މައްސަލައިގެ ޚުލާޞާ
ސިވިލް ކޯޓުން، ޒަރީނާ ޢަލީ ޝަރީޢަތުގައި އެއްބަސްވި ގޮތަށް، ކުންފުނީގެ ޚަރަދުގެ ގޮތުގައި 450,000 ރުފިޔާ މަހަކު މަދުވެގެން 5,000 ރުފިޔާގެ މަގުން ދައްކަން ޙުކުމްކޮށް، ކައުންޓަރ ކްލެއިމަކީ ދަޢުވާގައި ހިމެނޭ ކަމެއް ނޫންކަމަށް ބުނެ އޭގެ މައްޗަށް ގޮތެއް ނުނިންމައެވެ.
ޒަރީނާ ޢަލީއާއި ނަޒާކީ ސަރވިސަސް ޕްރައިވެޓް ލިމިޓެޑާ ދެމެދު 2007 ގައި ވެވުނު ޢިމާރާތް ހެދުމުގެ އެއްބަސްވުން ނިމުމަކަށް އައުމުން، 2008/HC-A/197 ގައި ހައިކޯޓުން ބަޔާންކުރި ގޮތުގެ މަތިން، ކުންފުނިން ކުރި ޚަރަދު 659,829.75 ރުފިޔާ ހޯދުމަށް ކުންފުނިން ސިވިލް ކޯޓަށް ދަޢުވާކުރިއެވެ. ޒަރީނާ ޢަލީ ތިމާއަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ކައުންޓަރ ކްލެއިމެއް ހުށަހެޅިއެވެ.
ޒަރީނާ ޢަލީ ބުނީ 2008/HC-A/197 ގެ މަފްހޫމާ ޚިލާފަށް ސިވިލް ކޯޓުން މައްސަލަ ނިންމައި، ތިމާއަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ހުށަހެޅި ކައުންޓަރ ކްލެއިމް ސަބަބެއް ނުބުނެ ނުބަލާކަމަށެވެ.
މައިގަނޑު ސުވާލު
ޢިމާރާތް ހެދުމުގެ އެއްބަސްވުމެއް ނިމުމަށް އައުމާ ހަމައަށް ކުރި ޚަރަދު ހޯދުމަށް ހުށަހެޅި ފައިސާ ހޯދުމުގެ ދަޢުވާގައި، ދަޢުވާ ލިބުނު ފަރާތުން ހުށަހެޅި ކައުންޓަރ ކްލެއިމާމެދު ގޮތެއް ނުނިންމައި ސިވިލް ކޯޓުން ޙުކުމްކުރުމަކީ ޙުކުމަށް ބަދަލު ގެންނަންޖެހޭ ކަމެއްތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
2008/HC-A/197 ގައި ޚަރަދުގެ މައްސަލަ ދަށުކޯޓުން ބަލަންޖެހޭނެކަމަށް ބުނުމަކީ ޒަރީނާ ޢަލީއަށް ލިބުނު ގެއްލުމުގެ ބަދަލު ދެނެގަތުމަށް ހުރަހެއް ނޫނެވެ. ކައުންޓަރ ކްލެއިމާމެދު ގޮތެއް ނުނިންމުމުން ވަކި މައްސަލައެއްގެ ގޮތުގައި ބަދަލު ހޯދުމުގެ ޙައްޤު ގެއްލިގެން ނުދާތީ، ޙުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތެވެ.
ކަނޑައެޅުނު އުޞޫލުތައް
- މައްސަލައެއް ކުރިއަށްދާއިރުގައި ދެފަރާތުން ހުށަހަޅާ ހުށަހެޅުންތަކާމެދު ހުށަހެޅިފައިވާ މައްސަލައިގެ ތެރެއިން ބެލުމަށް ޤާނޫނީ ގޮތުން ހުރަހެއް ނެތްއިރު، މައްސަލައިގެ ފައިޞަލާކުރަނިވި ޙުކުމަކަށް ވާޞިލުވުމުގައި ދެފަރާތުން ހުށަހަޅާ ކަންތައްތައް ވަޒަންކޮށް ބެލެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ށ))
- މުޢާމަލާތެއް ނިމުމަކަށް އައުމާ ހަމައަށް އެއް ފަރާތުން ކޮށްފައިވާ ޚަރަދާބެހޭ މައްސަލަ، އެ ފަރާތުން ދަޢުވާކޮށްފި ހިނދެއްގައި ދަށުކޯޓުން ބަލައި ފައިޞަލާކުރަނިވި ނިޔާއެއް ކަނޑައަޅަންޖެހޭ މައްސަލައެއްކަމަށް 2008/HC-A/197 ޤަޟިއްޔާގައި ބަޔާންކުރެވިފައި އޮތުމަކީ، އެ މުޢާމަލާތާ ގުޅިގެން އަނެއް ފަރާތަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ދެނެގަނެ މިންކުރުމަށް ހުރަހެއް އޮތްކަމެއްކަމަށް ނުބެލެވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ނ))
- ދަޢުވާ ލިބުނު ފަރާތަށް ލިބިފައިވާ ގެއްލުމާމެދު ކޯޓުން ވަކި ގޮތެއް ކަނޑައެޅިފައިނުވި ނަމަވެސް، އެކަމާމެދު ވަކި މައްސަލައެއްގެ ގޮތުގައި ހުށަހަޅައިގެން ގޮތެއް ކަނޑައެޅުމުގެ ޙައްޤު ގެއްލިގެން ނުދާނެއެވެ. ގެއްލުމާމެދު ވަކި ގޮތެއް ކަނޑައެޅުއްވުމަކާ ނުލައި މައްސަލަ ނިންމެވުމަކީ، ގެއްލުމުގެ ބަދަލު ހޯދުމަށް މައްސަލަ އަލުން ހުށަހަޅައިގެން ބެލުމުގެ ޙައްޤު ގެއްލިގެންދާނެކަމެއް ކަމަށް ބެލެވެން ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ނ))
- އެއްބަސްވުމެއްގެ ދަށުން ކުރެވުނު މުޢާމަލާތާ ގުޅިގެން އެއް ފަރާތަކަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ދަޢުވާކުރުމުގެ ޙައްޤު އެފަރާތަށް ލިބިގެންވީފަދައިން، އެ މުޢާމަލާތާ ގުޅިގެން އަނެއް ފަރާތަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމަށް ދަޢުވާކުރުމުގެ ޙައްޤު އެ ފަރާތަށްވެސް ލިބިގެންވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ނ))
- 2008/HC-A/197
- 2008/HC-A/188
- ބެންޗު
- ޢަބްދުﷲ ޙަމީދު، ޢަބްދުﷲ ދީދީ (އިސްފަނޑިޔާރު)، ޢަލީ ސަމީރު
- ޚިލާފު ރައުޔު
- ނެތް