ސައިޓޭޝަން ކޮޕީ ކުރުމަށް
2014/HC-A/185
ޒަރީނާ ޢަލީ ވ. ނަާޒާކީ ސަރވިސަސް ޕްރައިވެޓް ލިމިޓެޑް، 2014/HC-A/185
Zareenaa Ali v. Naaazaakee Services Private Limited 2014/HC-A/185 (2014/HC-A/185, High Court of the Maldives, 23 August 2016)
ޒަރީނާ ޢަލީ ވ. ނަާޒާކީ ސަރވިސަސް ޕްރައިވެޓް ލިމިޓެޑް
މައްސަލައިގެ ޚުލާޞާ
ސިވިލް ކޯޓުން، ޚަރަދުގެ ބަދަލުގެ ގޮތުގައި 450,000 ރުފިޔާ ދިނުމަށް އިސްތިއުނާފުކުރި ފަރާތް ކުރިން އެއްބަސްވެފައިވާތީ އެ ޢަދަދު ކުންފުނިން ހޯދަންޖެހޭ ޢަދަދު ކަމަށް ކަނޑައަޅައި، ކޮންމެ މަހަކު މަދުވެގެން 5,000 ރުފިޔާ ދައްކައި ޚަލާޞްކުރުމަށް ޙުކުމްކުރި. އިސްތިއުނާފުކުރި ފަރާތުގެ ކައުންޓަރ ކްލެއިމާމެދު ގޮތެއް ނުނިންމި.
ދެފަރާތުގެ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ޢިމާރާތެއް ހެދުމުގެ މުޢާމަލާތު ނިމުމަކަށް އައުމާ ގުޅިގެން، ކުންފުނިން ކޮށްފައިވާ ޚަރަދު އިސްތިއުނާފުކުރި ފަރާތުގެ ކިބައިން ހޯދުމަށް ކުންފުނިން ދަޢުވާކުރި. މީގެ ކުރިން 2008/HC-A/197 ޤަޟިއްޔާގައި ހައިކޯޓުން ބަޔާންކޮށްފައިވަނީ، މި ޚަރަދާބެހޭ މައްސަލައަކީ ދަޢުވާކޮށްފިނަމަ ދަށުކޯޓުން ބަލައި ނިޔާއެއް ކަނޑައަޅަންޖެހޭ މައްސަލައެއް ކަމަށެވެ.
އިސްތިއުނާފުކުރި ފަރާތުން ބުނީ، ދަށުކޯޓުން މައްސަލަ ނިންމާފައިވަނީ 2008/HC-A/197 ޤަޟިއްޔާގައި ހައިކޯޓުން ފާހަގަކުރި ނުކުތާގެ މަފްހޫމާ ޚިލާފަށް ކަމަށާއި، މުޢާމަލާތާ ގުޅިގެން އޭނާއަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ހުށަހެޅި ކައުންޓަރ ކްލެއިމް ސަބަބެއް ނުބުނެ ބައްލަވައިދެއްވާފައި ނުވާ ކަމަށެވެ.
މައިގަނޑު ސުވާލު
ޢިމާރާތް ހެދުމުގެ އެއްބަސްވުމެއް ނިމުމަކަށް އައުމާ ގުޅިގެން ކޮށްފައިވާ ޚަރަދު ހޯދުމަށް ކުރި ދަޢުވާގައި، އަނެއް ފަރާތުން ހުށަހެޅި ކައުންޓަރ ކްލެއިމާމެދު ގޮތެއް ނުނިންމައި ދަށުކޯޓުން ޙުކުމްކުރުމަކީ ޙުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއްތޯ؛ އަދި ދަށުކޯޓުން މައްސަލަ ނިންމާފައިވަނީ 2008/HC-A/197 ޤަޟިއްޔާގައި ހައިކޯޓުން ފާހަގަކުރި ނުކުތާގެ މަފްހޫމާ ޚިލާފަށްތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ހައިކޯޓުން ދެކުނީ، 2008/HC-A/197 ގައި ޚަރަދާބެހޭ މައްސަލަ ބެލުމަށް ބުނެފައިވުމަކީ އަނެއް ފަރާތަށް ލިބުނު ގެއްލުމުގެ ބަދަލު މިންކުރުމަށް ހުރަހެއް ނޫން ކަމަށާއި، ކައުންޓަރ ކްލެއިމާމެދު ގޮތެއް ނުނިންމުމުން އިސްތިއުނާފުކުރި ފަރާތަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ވަކި މައްސަލައެއްގެ ގޮތުގައި ދަޢުވާކުރުމުގެ ޙައްޤު ގެއްލިގެން ނުދާތީ، ޙުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.
ކަނޑައެޅުނު އުޞޫލުތައް
- މައްސަލައެއް ކުރިއަށްދާއިރުގައި ދެފަރާތުން ހުށަހަޅާ ހުށަހެޅުންތަކާމެދު ހުށަހެޅިފައިވާ މައްސަލައިގެ ތެރެއިން ބެލުމަށް ޤާނޫނީ ގޮތުން ހުރަހެއް ނެތްއިރު، މައްސަލައިގެ ފައިޞަލާކުރަނިވި ޙުކުމަކަށް ވާޞިލުވުމުގައި ދެފަރާތުން ހުށަހަޅާ ކަންތައްތައް ވަޒަންކޮށް ބެލެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03 (ށ))
- އެއްބަސްވުމެއްގެ ދަށުން ހަދަންޖެހޭ ޢިމާރާތް ހެދުމާބެހޭ މުޢާމަލާތް ނިމުމަކަށް އައުމާހަމައަށް އެއް ފަރާތުން ކޮށްފައިވާ ޚަރަދާބެހޭ މައްސަލައަކީ، ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ބަލައި ވަޒަންކުރުމަށްފަހު ދަށުކޯޓުން ފައިޞަލާކުރަނިވި ނިޔާއެއް ކަނޑައަޅަންޖެހޭ މައްސަލައެއްކަމަށް ބަޔާންކުރެވިފައި އޮތުމަކީ، އެ މުޢާމަލާތާ ގުޅިގެން އަނެއް ފަރާތަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ދެނެގަނެ މިންކުރުމަށް ހުރަހެއް އޮތްކަމެއްކަމަށް ނުބެލެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03 (ނ))
- ޤަޟިއްޔާއެއްގެ ދަށުން ފަރާތަކަށް ލިބިފައިވާ ގެއްލުމާމެދު ވަކި ގޮތެއް ކަނޑައެޅިފައިނުވި ނަމަވެސް، އެކަމާމެދު ވަކި މައްސަލައެއްގެ ގޮތުގައި ހުށަހަޅައިގެން ގޮތެއް ކަނޑައެޅުމުގެ ޙައްޤު ގެއްލިގެން ނުދާނެއެވެ. އަނެއް ފަރާތުން ހުށަހެޅި މައްސަލައިގައި އެ ގެއްލުމާމެދު ވަކި ގޮތެއް ކަނޑައެޅުއްވުމަކާ ނުލައި މައްސަލަ ނިންމެވުމަކީ، ގެއްލުމުގެ ބަދަލު ހޯދުމަށް މައްސަލަ އަލުން ހުށަހަޅައިގެން ބެލުމުގެ ޙައްޤު ގެއްލިގެންދާނެކަމެއް ކަމަށް ނުބެލެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03 (ނ))
- އެއްބަސްވުމުގެ ދަށުން ކުރާ މުޢާމަލާތާ ގުޅިގެން އެއް ފަރާތަކަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ދަޢުވާކުރުމުގެ ޙައްޤު އެފަރާތަށް ލިބިގެންވީފަދައިން، އެ މުޢާމަލާތާ ގުޅިގެން އަނެއް ފަރާތަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމަށް ދަޢުވާކުރުމުގެ ޙައްޤު އެފަރާތަށްވެސް ލިބިގެންވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03 (ނ))
- 2008/HC-A/197
- 2008/HC-A/188
- 1480/MC/2007
- ބެންޗު
- ޢަބްދުﷲ ޙަމީދު، ޢަބްދުﷲ ދީދީ، ޢަލީ ސަމީރު
- ޚިލާފު ރައުޔު
- ނެތް