ސައިޓޭޝަން ކޮޕީ ކުރުމަށް
2019/HC-A/594
ޕްރޮސިކިއުޓަރ ޖެނެރަލް ވ. ނަމާއި އެޑްރެސް ސިއްރު ކުރެވިފައި، 2019/HC-A/594
Prosecutor General v. Name and address withheld 2019/HC-A/594 (2019/HC-A/594, High Court of the Maldives, 26 October 2022)
ޕްރޮސިކިއުޓަރ ޖެނެރަލް ވ. ނަމާއި އެޑްރެސް ސިއްރު ކުރެވިފައި
މައްސަލައިގެ ޚުލާޞާ
ޖުވެނައިލް ކޯޓުން ކަނޑައެޅީ ދަޢުވާ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައިވާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުނުވާ ކަމަށެވެ.
ކުޑަކުއްޖަކު ދުއްވި ސައިކަލެއްގެ ފަހަތަށް، ޕިކަޕެއްގައި އިން މީހަކަށް ތޫނު އެއްޗަކުން ޙަމަލާދިން މީހަކު އަރުވައިގެން ހާދިސާ ހިނގި ސަރަޙައްދު ދޫކޮށް ދިޔަކަމަށް ބުނެ، ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ދަޢުވާ ޖުވެނައިލް ކޯޓުގައި އުފުލިއެވެ.
ދައުލަތުން ބުނީ ސިއްރު ހެކިވެރިޔާގެ ބަހާއި، އޭނާ ތުހުމަތުކުރެވޭ ފަރާތް ފާހަގަކުރި ލިޔުމާއި، ސީސީޓީވީ ފުޓޭޖާއި، 6 ޚާއްޞަ ސިފަ ދިމާވާކަމަށް ބުނާ އެނަލިސިސް ރިޕޯޓުން ދަޢުވާ ސާބިތުވާ ކަމަށެވެ. ރައްދުވާ ފަރާތުން ބުނީ ރިޕޯޓަކީ ވާގިދޭ ހެކި ނެތި އެކަނި ކުށް ސާބިތުކުރެވޭނެ ހެއްކެއް ނޫން ކަމަށާއި، ހެކިވެރިޔާ ޝަރީޢަތުގައި ބުނީ ތުހުމަތުކުރެވޭ ފަރާތް ނުފެނޭ ކަމަށާއި، ފުޓޭޖުން މޫނު ސާފުކޮށް ނުފެނޭ ކަމަށެވެ.
މައިގަނޑު ސުވާލު
މީހަކަށް ނުރައްކާތެރި ހާނީއްކައެއްވާ ގޮތަށް ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ދަޢުވާ (ޤާނޫނު ނަންބަރު 17/2010 ގެ 8 ވަނަ މާއްދާގެ (ނ) އަދި (ރ)) ކުޑަކުއްޖެއްގެ މައްޗަށް، ސިއްރު ހެކިވެރިއެއްގެ ބަހާއި ވީޑިއޯ ފުޓޭޖާއި ފުލުހުންގެ ވީޑިއޯ އެނަލިސިސް ރިޕޯޓުން ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައިވާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުވޭތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް (ދަޢުވާ ސާބިތުނުވާކަމަށް)
ހެކިވެރިޔާގެ ތަޙުޤީޤު ބަޔާނާއި ފޮޓޯ ސެޓަކީ ވަކި ހެއްކެއް ނޫނެވެ؛ ފުޓޭޖާއި ރިޕޯޓާއި ރިޕޯޓު ތައްޔާރުކުރި ފަރާތުގެ ބަހަކީ ގުޅިފައިވާ ޤަރީނާއެކެވެ؛ ހެކިވެރިޔާ ޝަރީޢަތުގައި ތުހުމަތުކުރެވޭ ފަރާތް ޔަޤީނުން ނުދެނެގަނެއެވެ. ހަމައެކަނި ޤަރީނާއަކުން ޖިނާއީ ދަޢުވާއެއް ސާބިތުނުވާތީ ޖުވެނައިލް ކޯޓުގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތެވެ.
ކަނޑައެޅުނު އުޞޫލުތައް
- ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގެ ދަށުން، ހުށަހެޅޭ ދަލީލުތަކުގެ ތެރެއިން ފަނޑިޔާރަށް ޤަބޫލުކުރެވޭ ދަލީލުތަކާއި އޭގެން ކުރެވޭ އިސްތިންތާޖުތަކުގެ މައްޗަށް ބުރަވެހުރެ ޔަޤީނާ ގާތްކުރާ މިންވަރަކަށް އިޤްތިނާޢުވެގެން މެނުވީ ޖިނާއީ މައްސަލައެއްގައި ކުށް ސާބިތުވެއްޖެކަމަށް ޙުކުމްކޮށްގެން ނުވާނެއެވެ؛ ޤާނޫނީ ޤަރީނާ ފިޔަވައި ވަކި ހެކިތަކަކަށް ބުރަވުން ފަނޑިޔާރުންގެ މައްޗަށް ލާޒިމެއް ނުވެއެވެ (2011/SC-A/34). (ޙުކުމްގެ ޕެރެގްރާފް ނަންބަރު 36)
- އެއް ހާދިސާއެއްގެ މައްޗަށް އެއް ހެކިވެރިއެއް ތަފާތު ދެ މަޙައްލެއްގައި (ފުލުހުންގެ ތަޙުޤީޤާއި ޝަރީޢަތުގައި) ދޭ ބަޔާނާއި، ތަޙުޤީޤުގައި ތުހުމަތުކުރެވޭ ފަރާތް ފާހަގަކުރި ފޮޓޯ ސެޓަކީ ތަފާތު ދެ މުސްތަޤިއްލު ހެއްކެއްގެ ގޮތުގައި ބަލައިގަނެވޭނެ ހެކިތަކެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 31)
- ވީޑިއޯ ފުޓޭޖާއި، އެ ފުޓޭޖުގެ މައްޗަށް ތައްޔާރުކުރި ވީޑިއޯ އެނަލިސިސް ރިޕޯޓާއި، ރިޕޯޓު ތައްޔާރުކުރި ފަރާތުގެ ހެކިބަހަކީ އެކަތި އަނެކަތީގެ މައްޗަށް ބިނާވާ ގުޅިފައިވާ ޤަރީނާތަކެއް ކަމުން، އެއީ މުސްތަޤިއްލު ވަކި ހެކިތަކެއްކަމުގައި ނުބެލެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 32)
- ހަމައެކަނި ޤަރީނާއެއްގެ މައްޗަށް (ފުޓޭޖުން ފެންނަ މީހަކީ ތުހުމަތުކުރެވޭ ފަރާތް ކަމަށް 'ބެލެވޭ' ކަމަށް ބުނާ އެނަލިސިސް ރިޕޯޓަކަށް) ރިޢާޔަތްކޮށް ޖިނާއީ މައްސަލައެއް ސާބިތެއް ނުވާނެއެވެ؛ ވީޑިއޯ ފުޓޭޖާއި އެނަލިސިސް ރިޕޯޓުން ކުށް ސާބިތުވާނީ އެއަށް ބާރުދޭ ގިނަ ހެކިތަކާއި ގުޅިފައިވާ ޤަރީނާތައް ހުރުމުންނެވެ (2021/HC-A/146 ތަފާތުކޮށް). (ޙުކުމްގެ ޕެރެގްރާފް ނަންބަރު 36-37)
- މަންޒަރު ދުށް ހެކިވެރިޔާ ޝަރީޢަތުގައި ބުނާނަމަ ސައިކަލުގައި އިން މީހާއަކީ ތުހުމަތުކުރެވޭ ފަރާތްކަން ޔަޤީނެއް ނުވާ ކަމަށް، އެ ހެކިބަހުން ދަޢުވާ ސާބިތުކުރުމަށް ކާފީ ހެކިބަހެއް ލިބިފައިވާކަމަށް ނުބެލެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 33، 35)
- ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ)
- ޤާނޫނު ނަންބަރު 17/2010 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) ގެ 8 ވަނަ މާއްދާގެ (ހ)، (ނ) އަދި (ރ)
- ޤާނޫނު ނަންބަރު 18/2019 (ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު) ގެ 67 ވަނަ މާއްދާގެ (ހ) އަދި 108 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 32/2020 (ކުޑަކުދިންގެ ޢަދުލުގެ ޤާނޫނަށް 1 ވަނަ އިޞްލާޙު)
- 2011/SC-A/34 (އާމިނަތު ޞައްފަތު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
- 2021/HC-A/146
- ބެންޗު
- މުޙައްމަދު ސަލީމް، ހާތިފް ޙިލްމީ، މުޙައްމަދު ފައިޞަލް
- ޚިލާފު ރައުޔު
- ނެތް