ސައިޓޭޝަން ކޮޕީ ކުރުމަށް
2019/HC-A/114
ޕްރޮސިކިއުޓަރ ޖެނެރަލް ވ. މުޙައްމަދު ފިރުޝާން، 2019/HC-A/114
Prosecutor General v. Mohamed Firushaan 2019/HC-A/114 (2019/HC-A/114, High Court of the Maldives, 11 March 2021)
ޕްރޮސިކިއުޓަރ ޖެނެރަލް ވ. މުޙައްމަދު ފިރުޝާން
މައްސަލައިގެ ޚުލާޞާ
ކްރިމިނަލް ކޯޓުން ނިންމީ، މުއްދަތު އިތުރުކުރުމަށް ތަޙްޤީޤުކުރާ ފަރާތުން ސަބަބު ބަޔާންކޮށް ހުށަހެޅިކަމާއި އިތުރުކުރި މުއްދަތުގައި ތަޙްޤީޤަށް ކަމެއް ކުރިކަން އެނގެން ނެތުމުން، ދަޢުވާކުރުމުގެ މުއްދަތު ފަހަނައަޅައިފިކަމުގެ ދިފާޢު ސާބިތުވާކަމަށް ކަނޑައަޅައި ދަޢުވާ ބާޠިލުކުރުމަށެވެ.
ކޮޓަރިއެއްގެ ސޭފެއްގެ ތެރެއިން ކެނެބިސް ފެނުމުން ދަޢުވާ ލިބުނު ފަރާތުގެ މައްޗަށް ކެނެބިސް ޓްރެފިކްކުރުމުގެ ދަޢުވާ އުފުލިއެވެ. ތަޙްޤީޤަށް ޕްރޮސިކިއުޓަރ ޖެނެރަލުން ދެ ފަހަރު 15 ދުވަހުން މުއްދަތު އިތުރުކޮށްދީ، 8 މާރިޗު 2018 ގައި ދަޢުވާ ހުށަހެޅިއެވެ.
ޕްރޮސިކިއުޓަރ ޖެނެރަލުން ބުނީ ދަށުކޯޓުގެ ނިންމުމަކީ ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 94 ވަނަ މާއްދާއާ ޚިލާފު ނިންމުމެއްކަމަށެވެ. އިސްތިއުނާފު ރައްދުވި ފަރާތުން އިޖްރާއީ ނުކުތާއެއްގެ ގޮތުން ބުނީ އިސްތިއުނާފު ހުށަހެޅީ 10 ދުވަހުގެ މުއްދަތު ހަމަވުމަށްފަހުކަމަށެވެ.
މައިގަނޑު ސުވާލު
ކެނެބިސް ޓްރެފިކްކުރުމުގެ ދަޢުވާ ޖިނާއީ އިޖްރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގައިވާ ދަޢުވާކުރުމުގެ މުއްދަތު ފަހަނައަޅައި ހުށަހަޅާފައިވާކަމަށް ބުނެ ކްރިމިނަލް ކޯޓުން ދަޢުވާ ބާޠިލުކުރުމަކީ ޤާނޫނާ އެއްގޮތް ނިންމުމެއްތޯ، ޚާއްޞަކޮށް ޕްރޮސިކިއުޓަރ ޖެނެރަލް ތަޙްޤީޤު މުއްދަތު އިތުރުކުރި ސަބަބު ބަޔާންކޮށްފައިނުވުމުގެ އަސަރު؛ އަދި އިސްތިއުނާފު ހުށަހެޅީ މުއްދަތުގެ ތެރޭގައިތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ނިންމުން ޤާއިމް (އަޣްލަބިއްޔަތުން)
އިސްތިއުނާފު ހުށަހެޅީ މުއްދަތުގެ ތެރޭގައިކަމަށް ކަނޑައެޅިއެވެ. އަޣްލަބިއްޔަތުގެ ރައުޔުގައި، ދަށުކޯޓަށް ހުށަހެޅި މުއްދަތު އިތުރުކުރި ލިޔުމުގައި ހަމައެކަނި 'ތަޙްޤީޤު ފުރިހަމަކުރުމަށްޓަކައި' ލިޔެފައިވާތީ ސަބަބު ބަޔާންކުރުމުގެ ޝަރުޠު ފުރިހަމަނުވާކަމަށާއި، ސަބަބު ބަޔާންކޮށްފައިވާ ފޯމުތައް ހުށަހެޅީ އިސްތިއުނާފު މަރުޙަލާގައި ކަމަށްވާތީ ބުރަދަން ނުދެވޭނެކަމަށް ކަނޑައަޅައި ދަށުކޯޓުގެ ނިންމުން ޤާއިމުކުރިއެވެ. ޚިލާފު ރައުޔުގައި، ސަބަބު ބަޔާންކޮށް މުއްދަތު އިތުރުކުރުމަށް އެދި، ތަޙްޤީޤަށް ކަންތައްތައް ކޮށްފައިވާތީ ދަޢުވާ ހުށަހެޅީ މުއްދަތުގެ ތެރޭގައިކަމަށް ދެކުނެވެ.
ކަނޑައެޅުނު އުޞޫލުތައް
- އިސްތިއުނާފު ފޯމު ހުށަހަޅަނީ މައްސަލަ ނިންމި ދަށުކޯޓަށް ކަމަށްވާތީ، އިސްތިއުނާފު މުއްދަތު ގުނުމުގައި ބަލަނީ ދަށުކޯޓަށް ފޯމު ހުށަހެޅިކަމަށް ދަށުކޯޓުން ޖަހާފައިވާ ތާރީޚަށެވެ. ހައިކޯޓަށް ހުށަހެޅި ތާރީޚުގެ ގޮތުގައި ޖަހާފައިވާ ތާރީޚަކީ ހައިކޯޓުން މައްސަލަ ބަލައިގަންނަ ތާރީޚު ކަމަށްވާތީ، އެއީ އިސްތިއުނާފު މުއްދަތު ގުނުމުގައި ބަލާ ތާރީޚެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 7-8)
- ޖިނާއީ އިޖްރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ ދަށުން ދަޢުވާކުރުމުގެ މުއްދަތު (ތަޙްޤީޤު މުއްދަތު) އިތުރުކުރެވޭނީ، ތުހުމަތުކުރެވޭ ކުށަކީ ޖިނާއީ ބޮޑު ކުށަކަށްވުމާއި، ތަޙްޤީޤު ފުރިހަމަކުރުމަށް މުއްދަތު އިތުރުކޮށްދިނުމަށް އެދި ސަބަބު ބަޔާންކޮށް ޕްރޮސިކިއުޓަރ ޖެނެރަލަށް ހުށަހެޅުން، މި ދެ ޝަރުޠު ފުރިހަމަވެގެންނެވެ. ކެނެބިސް ޓްރެފިކްކުރުމަކީ ބޮޑު ކުށެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 12-14)
- ދަށުކޯޓުގައި ހުށަނާޅައި، އިސްތިއުނާފު މަރުޙަލާގައި ފުރަތަމަ ފަހަރަށް ހައިކޯޓަށް ހުށަހަޅާ ލިޔުންތަކަކީ، ދަށުކޯޓުގައި ހުށަހެޅި ހެކިތަކާއި ދިފާޢުތަކަށް ބަލައިގެން މައްސަލަ ބަލާ ހައިކޯޓަށް ބުރަދަނެއް ދެވިދާނެ ލިޔުންތަކެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 17)
- ތަޙްޤީޤު މުއްދަތު އިތުރުކުރި ލިޔުމުގައި ސަބަބެއްގެ ގޮތުގައި ހަމައެކަނި 'ތަޙްޤީޤު ފުރިހަމަކުރުމަށްޓަކައި' ލިޔެފައިވުމަކީ ޤާނޫނުގައިވާ ގޮތަށް ސަބަބު ބަޔާންކުރުމެއް ނޫނެވެ. އެފަދައިން މުއްދަތު އިތުރުކުރުމަކީ ޤާނޫނުން ދޭ ލުޔެއްގެ ނާޖާއިޒު ފައިދާ ނެގުމަށް ހުޅުވާލާ ދޮރެއް ކަމަށްވާތީ، ޝަރީޢަތުން އެ ޖާގަ ފަހިކޮށްދީގެން ނުވާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 18)
- މުއްދަތު އިތުރުކުރި ސަބަބު ބަޔާންނުކޮށް، އިތުރުކުރި މުއްދަތުގެ ތެރެއަށް ފެތޭ ތާރީޚެއްގެ ލިޔުމެއް ހުށަހެޅުމުން، އެއީ މުއްދަތު އިތުރުކުރި ސަބަބު ކަމަށް ހީކޮށް (Mere Assumption) ބަލައިގަތުމަކީ ޝަރީޢާއާއި ޤާނޫނު ޤަބޫލުކުރާ ހަމައެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 19)
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 94 ވަނަ މާއްދާގެ (ހ)، (ށ)، (ރ)، (ބ) އަދި (ޅ)
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 22 ވަނަ މާއްދާ، 58 ވަނަ މާއްދާ، 59 ވަނަ މާއްދާ، 60 ވަނަ މާއްދާގެ (ށ)، (ނ)، (ރ)، (ބ) (ޚިލާފު ރައުޔުގައި)
- ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 108 ވަނަ މާއްދާގެ (ހ) އާއި (ނ)، 139 ވަނަ މާއްދާގެ (ބ)
- ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 530 ވަނަ މާއްދާ (އެކުގައި ދަޢުވާ ލިބުނު ފަރާތާ ގުޅިގެން)
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 32 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 50 ވަނަ މާއްދާ (ޚިލާފު ރައުޔުގައި)
- ޤަރާރު ނަންބަރު 2018/3 (ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރުމާ ގުޅޭ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު) (ދަށުކޯޓުގެ ނިންމުމުގައި)
- ބެންޗު
- ޙުސައިން ޝަހީދު، ޢަބްދުއްރައޫފު އިބްރާހީމް، މުޙައްމަދު ފައިޞަލް
- ޚިލާފު ރައުޔު
- އެބައޮތް