ސައިޓޭޝަން ކޮޕީ ކުރުމަށް
2022/HC-B12/54
ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޢިރުފާން ތަޤިއްޔު، 2022/HC-B12/54
Prosecutor General v. Irufaan Thaqiyu 2022/HC-B12/54 (2022/HC-B12/54, High Court of the Maldives, 12 June 2022)
ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޢިރުފާން ތަޤިއްޔު
މައްސަލައިގެ ޚުލާޞާ
ކްރިމިނަލް ކޯޓުން ދައުލަތުގެ 44 ހެކި ގުޅުން ނެތް ހެކި ކަމަށް ބަލައި ބަލައިނުގަތުމަށާއި، ދާއިމީ ރައްކާތެރިކުރުމުގެ އަމުރަކަށް ދައުލަތުން އެދިފައިނުވާތީ ހެކި ހާމަކުރުމަށް ނިންމިއެވެ.
ޑައިމޯފިން ޓްރެފިކްކުރުމުގެ ދަޢުވާއެއްގައި (10 މީހެއްގެ މައްޗަށް، 106 ހެކި) ދަޢުވާލިބޭ ފަރާތުން ހެކި ބަލައިނުގަތުމަށާއި ހެކި ހާމަކުރުމަށް ޝަރީޢަތުގެ ކުރިން ހުށަހެޅުން ހުށަހެޅިއެވެ.
ދައުލަތުން ބުނީ ހެކި ބަލައިނުގަތުމަކީ ޤާނޫނުއަސާސީގެ 143(ރ) އާއި 2021/SC-A/87 އާ ޚިލާފު ކަމަށާއި ހާމަކުރުމަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 131 ވަނަ މާއްދާއާ ޚިލާފު ކަމަށެވެ؛ ދަޢުވާލިބޭ ފަރާތުން ބުނީ ނިންމުމުގައި ސަބަބު ބަޔާންކޮށްފައިވާ ކަމަށާއި ވަގުތީ އަމުރަކީ ވަގުތީ ޙައްލެއް ކަމަށެވެ.
މައިގަނޑު ސުވާލު
މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ދަޢުވާއެއްގައި، ދައުލަތުން ހުށަހެޅި 44 ހެކި ގުޅުން ނެތް ހެކި ކަމަށް ބަލައި ބަލައިނުގަތުމަށާއި، ވަގުތީ ރައްކާތެރިކުރުމުގެ އަމުރުގެ ދަށުން ރައްކާތެރިކުރި ހެކި ދާއިމީ އަމުރަކަށް ދައުލަތުން އެދިފައިނުވާތީ ހާމަކުރުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ޤާނޫނާ އެއްގޮތްތޯ.
ނިންމި ގޮތް
ހެކި ހާމަކުރުމަށް ނިންމި ބައި ބާޠިލު
ހެކި ބަލައިނުގަތުމުގައި ސަބަބު ސާފުކޮށް ބަޔާންނުކުރާކަމަށާއި، ވަގުތީ އަމުރު ދެމިއޮންނަނީ ދާއިމީ ގޮތެއް ނިންމަންދެން ކަމުން ދާއިމީ އަމުރަކަށް އަލުން އެދުން ލާޒިމުނުވާތީ ހާމަކުރުމަށް ނިންމި ނިންމުން ރަނގަޅު ނޫން ކަމަށް ފަނޑިޔާރުން ދެކުނެވެ.
ކަނޑައެޅުނު އުޞޫލުތައް
- ފަނޑިޔާރުން ނިންމާ ނިންމުންތަކަށް ވާޞިލުވި ސަބަބު ބަޔާންކުރުން ފަނޑިޔާރުންގެ މައްޗަށް ލާޒިމެވެ؛ މައްސަލައެއް އެކަށީގެންވާ މިންވަރަށް ބަލައިފިކަން ކަށަވަރުކުރެވޭނެ ވަސީލަތަކީ އެއީއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 12)
- ހެކި ހާމަކުރުމަށް ނުވަތަ ހެކި ބަލައިނުގަތުމަށް ނިންމާއިރު ފަނޑިޔާރު ދެކަމެއް ފުރިހަމަކުރަންވާނެއެވެ: ހުށަހެޅުމާމެދު ދެފަރާތަށް ބަހުސްކޮށް މުނާޤަޝާކުރުމުގެ ފުރުޞަތު ދިނުމާއި، ނިންމުން ބިނާކުރި ސަބަބު ސާފުކޮށް ބަޔާންކުރުމެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 13)
- ހެއްކާބެހޭ ޤާނޫނުގެ 3 ވަނަ މާއްދާއާއި 2021/SC-A/87 ގެ އަލީގައި، ސީދާ ގުޅުން ހުރި ހެކި (direct evidence) ފިޔަވައި، ބަލަމުންދާ ކަމާ ގުޅިފައިވާ މިންވަރު ބޮޑުކަމުން މުޢާމަލާތުގެ ބައެއް ކަމުގައި ބެލޭ ހެކި (circumstantial evidence) އާއި ސަބަބު ނުވަތަ ނަތީޖާގެ ހެކި ވެސް ގުޅުން ހުރި ހެކީގެ ތެރޭގައި ހިމެނެއެވެ؛ އޭގެ ޒާތުގައި ނުގުޅޭ ކަމަށް ފެނުނު ހެއްކެއް އެހެން ހެކިތަކާ އެކުގައި ބަލާއިރު މުހިއްމު ހެއްކަކަށް ވެދާނެތީ، ހެއްކެއް ބަލައިނުގަތުމުގެ ކުރިން އެ ހެކީގެ ބާވަތާ އެއްގޮތަށް ފަނޑިޔާރު ބަލަންވާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 14-15)
- ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 131 ވަނަ މާއްދާގެ (ށ) ގެ ދަށުން ނެރޭ ވަގުތީ ރައްކާތެރިކުރުމުގެ އަމުރަކީ އަސްލު ހުށަހެޅުމާމެދު ކޯޓުން ގޮތެއް ނިންމަންދެން ދެވޭ ވަގުތީ ފަރުވާއެކެވެ؛ ވަގުތީ އަމުރެއް ނެރުމުން ހުށަހެޅުމާމެދު ގޮތެއް ނިމުނީއެއް ނޫނެވެ. ދާއިމީ އަމުރަކަށް ދައުލަތުން އަލުން އެދުން ޤާނޫނު ލާޒިމެއް ނުކުރާތީ، ދާއިމީ އަމުރަކަށް އެދިފައިނުވުމުގެ ސަބަބު އެކަނި ބިނާކޮށް ވަގުތީ އަމުރަކުން ރައްކާތެރިކޮށްފައިވާ ހެކި ހާމަކުރުމަށް ނިންމުމަކީ ރަނގަޅު ނިންމުމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 17-19، 26)
- (ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ރައުޔު) ހެކިވެރިއެއްގެ ބަޔާނުގައި ދަޢުވާލިބޭ ފަރާތުގެ ނަން ނެތުމަކުން އެ ހެކި ގުޅުން ނެތް ހެއްކަކަށް ނުވެއެވެ؛ އަދި ހެއްކެއްގެ ގުޅުމަށް ޚަޞްމު ޠަޢުނުކޮށްފިނަމަ، އެ ހެކި މައްސަލައާ ގުޅުން ހުރި ގޮތް ތަފްޞީލުކޮށް ޝަރީޢަތަށް ބުނެދިނުމަކީ ހެކި ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 21-23)
- (ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ރައުޔު) ދަށުކޯޓުގެ ނިންމުމަކީ މަތީ މަރުޙަލާގެ ޤަޟިއްޔާއަކާ ޚިލާފު ނިންމުމެއް ކަމަށް ބުނާނަމަ، ޚިލާފުވާ ގޮތް އިސްތިއުނާފުކުރާ ފަރާތުން ސާފުކޮށް ބުނެދޭންވާނެއެވެ؛ އެކަން ނުކުރެވޭނަމަ އެ ނުކުތާގެ މައްޗަށް ބިނާކޮށް ގޮތެއް ކަނޑައަޅަން ނުޖެހެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 24-25)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ)
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 119 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 129 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 131 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 24/76 (ހެއްކާބެހޭ ޤާނޫނު) ގެ 3 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 105 ވަނަ މާއްދާ އަދި 137 ވަނަ މާއްދާގެ (ބ) (ދަޢުވާގައި)
- 2021/SC-A/87 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޚުޒައިމަތު ނަޢީމް)
- 2020/SC-A/100
- ބެންޗު
- މުޙައްމަދު ފައިޞަލް، ޙުސައިން މަޒީދު، ފާޠިމަތު ފަރްހީޒާ
- ޚިލާފު ރައުޔު
- ނެތް