ސައިޓޭޝަން ކޮޕީ ކުރުމަށް
2022/HC-B12/50
ޕްރޮސިކިއުޓަރ ޖެނެރަލް ވ. އިބްރާހީމް ފަޟީލް، 2022/HC-B12/50
Prosecutor General v. Ibrahim Fadeel 2022/HC-B12/50 (2022/HC-B12/50, High Court of the Maldives, 31 May 2022)
ޕްރޮސިކިއުޓަރ ޖެނެރަލް ވ. އިބްރާހީމް ފަޟީލް
މައްސަލައިގެ ޚުލާޞާ
ދަށުކޯޓުން، ސާމްޕަލް ނެގީ ޤަވާއިދު ނަންބަރު 2019/R-1052 ގެ 124 ވަނަ މާއްދާގައިވާ ގޮތަށް ނޫންކަމަށާއި ރުހުން ހޯދާފައި ނުވާކަމަށް ބުނެ ޑީ.އެން.އޭ ރިޕޯޓު ބަލައިނުގަނެ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 115 (ހ) ގެ ދަށުން ދަޢުވާ ފޯމް ބާޠިލުކުރިއެވެ.
ތުހުމަތުކުރެވޭ ފަރާތުގެ މައްޗަށް ޒިނޭކުރުމުގެ ދަޢުވާ ލ. ގަމު މެޖިސްޓްރޭޓް ކޯޓުގައި އުފުލިއެވެ. ދައުލަތުން ހުށަހެޅި ހެކީގެ ތެރޭގައި އެހެން މައްސަލައެއްގެ ތަޙްޤީޤަށް ނެގި ސާމްޕަލަކުން ތައްޔާރުކުރި ޑީ.އެން.އޭ ރިޕޯޓެއް ހިމެނުނެވެ. ދިފާޢުން އެ ރިޕޯޓު ހެދިގޮތް ދެނެގަތުމަށް ހެކި ހާމަކުރުމަށް އެދި ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއް ހުށަހެޅިއެވެ.
ދައުލަތުން ބުނީ ނިންމުމަކީ ފަނޑިޔާރުންގެ ޤާނޫނާއި ޤާނޫނުއަސާސީއާ ޚިލާފަށް ޤަވާއިދުގެ 124 ވަނަ މާއްދާ މާނަކޮށް ނިންމި ނިންމުމެއްކަމަށެވެ. ދިފާޢުން ބުނީ ސާމްޕަލް ނެގީ ޤަވާއިދާ އެއްގޮތަށް ނޫންކަމަށާއި ރުހުން ނުހޯދާތީ ހެކި ބަލައިނުގަނެވޭނެކަމަށާއި ތަޙްޤީޤު އެކަށީގެންވާ ނުވާކަމަށެވެ.
މައިގަނޑު ސުވާލު
ޒިނޭކުރުމުގެ ދަޢުވާއެއްގައި ދިފާޢުން ހެކި ހާމަކުރުމަށް އެދި (ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 119 (ހ) (6) ގެ ދަށުން) ހުށަހެޅި ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއްގެ ތެރެއިން ދަށުކޯޓަށް ޑީ.އެން.އޭ ރިޕޯޓެއް ބަލައިނުގަނެ، ދަޢުވާ ބާޠިލުކުރެވޭނެތޯ.
ނިންމި ގޮތް
ދަށުކޯޓުގެ ނިންމުން ބާޠިލު
ދިފާޢުން ހުށަހެޅީ 119 (ހ) (6) ގެ ދަށުން ހެކި ހާމަކުރުމަށް އެދޭ ހުށަހެޅުމެއް ކަމުން، 119 (ހ) (3) ގެ ދަށުން ހެކި ބަލައިނުގަތުމަށް އެދޭ ހުށަހެޅުމެއް ނެތި ހެކި ބަލައިނުގަނެ ދަޢުވާ ބާޠިލުކުރުމަކީ ޤާނޫނުގެ އިޖުރާއަތާ ޚިލާފު ޢަމަލެކެވެ.
ކަނޑައެޅުނު އުޞޫލުތައް
- ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ އެންމެ އަސާސީ ކަމަކީ އެ ޤާނޫނުގައި ބަޔާންކޮށްފައިވާ ކަންކަން އަކުރުން އަކުރަށް، ނަންބަރުން ނަންބަރަށް، ފިލިން ފިއްޔަށް ތަޠުބީޤުކުރުމެވެ؛ ޤާނޫނުގައި މަރުޙަލާތައް އެތުރިފައިވާ ތަރުތީބާ ޚިލާފަށް ޝަރީޢަތްތައް ހިންގައިފިނަމަ ޖިނާއީ މައްސަލަތަކުގެ ޝަރީޢަތް އިންޞާފުވެރިކޮށް ހިންގުމުގެ މަޤްޞަދު ޙާޞިލު ނުކުރެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 15)
- ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 115 ވަނަ މާއްދާގެ (ހ) އާއި (ބ) ގެ ދަށުން، ދަޢުވާއިން ކުރިއަށްދާނެ ތަނެއް އޮތްތޯ ނުވަތަ ނެތްތޯ ފަނޑިޔާރު ބަލަންޖެހެނީ އިބްތިދާއީ އަޑުއެހުމުގައެވެ؛ ދަޢުވާ ކުރިއަށް ގެންދެވޭނެކަމަށް ނިންމައިފިނަމަ 116 ވަނަ މާއްދާގެ ދަށުން ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކަށް މުއްދަތެއް ކަނޑައަޅަންޖެހެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 16)
- ހާމަކޮށްފައިވާ ހެއްކެއްގެ ލިޔުންތައް ފުރިހަމަނުވާތީ އެ ލިޔުންތައް ހޯދުމަށް އެދޭނަމަ، އެފަދަ ލިޔުންތައް ދަޢުވާ ލިބޭ ފަރާތަށް ލިބިފައިވާކަން އިބްތިދާއީ އަޑުއެހުމުގައި ކަށަވަރުކުރަންޖެހެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 17)
- ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 119 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގެ ދަށުން ވަކި ހެއްކެއް ބަލައިނުގަތުމަށް އެދި ހުށަހެޅުމެއް ހުށަހަޅާފައި ނުވާނަމަ، ހެކި ހާމަކުރުމަށް އެދި (6) ވަނަ ނަންބަރުގެ ދަށުން ހުށަހަޅާ ހުށަހެޅުމެއްގެ ތެރެއިން ވަކި ހެއްކެއް ބަލައިނުގަތުމަށް ކޯޓަކުން ނިންމޭނެ ތަނެއް ނެތެވެ؛ އެއީ 119 ވަނަ މާއްދާއިން ފަނޑިޔާރަށް ލިބިދޭ ބާރެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 18)
- ޤާނޫނުގައި ބަޔާންކުރާ އިޖުރާއަތާ ޚިލާފަށް ދަށުކޯޓުން ޢަމަލުކޮށްފައިވާނަމަ، ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާމެދު ނިންމި ނިންމުން ބާޠިލުކުރަންޖެހެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 19)
- ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތު) ގެ 411 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރު، (ނ) އަދި (ށ) ގެ 1 ވަނަ ނަންބަރު (ދަޢުވާ ކުރެވިފައިވާ މާއްދާ)
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ނ)
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 106 ވަނަ މާއްދާގެ (ހ) އަދި 107 ވަނަ މާއްދާގެ (ނ) ގެ (1)
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 113 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 115 ވަނަ މާއްދާގެ (ހ) އަދި (ބ)
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 116 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 119 ވަނަ މާއްދާގެ (ހ)، (3) އަދި (6) ވަނަ ނަންބަރު
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 120 ވަނަ މާއްދާ
- ބެންޗު
- ޙުސައިން ޝަހީދު، މުޙައްމަދު ނިޔާޒް، ޙަސަން ޝަފީޢު
- ޚިލާފު ރައުޔު
- ނެތް