ސައިޓޭޝަން ކޮޕީ ކުރުމަށް
2023/HC-B12/47
ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޙަސަން މަމްދޫޙް، 2023/HC-B12/47
Prosecutor General v. Hassan Mamdhooh 2023/HC-B12/47 (2023/HC-B12/47, High Court of the Maldives, 2 August 2023)
ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޙަސަން މަމްދޫޙް
މައްސަލައިގެ ޚުލާޞާ
ކްރިމިނަލް ކޯޓުން އަމުރު ބާޠިލުނުކޮށް 45 ދުވަހަށް މެދުކަނޑާލައި، ޕާސްޕޯޓް ދޫކޮށް ފުރުމުގެ ހުއްދަ ދިނެވެ.
ފޯޖު ލިޔުމެއް ބޭނުންކޮށް އެޕާޓްމަންޓް ވިއްކާ މަކަރުހެދިކަމުގެ ތުހުމަތުގައި ކްރިމިނަލް ކޯޓުން ތުހުމަތުކުރެވޭ ފަރާތުގެ ޕާސްޕޯޓް ހިފެހެއްޓުމަށް އަމުރުކުރިއެވެ. އަނބިމީހާ ބޭރުގައި ވިހެއުމުން ދަރިފުޅުގެ ލިޔެކިޔުން ހެދުމަށް ފުރަން ބޭނުންވާކަމަށް ބުނެ އަމުރު މުރާޖަޢާކުރުމަށް އެދުނެވެ.
ޕީޖީ ބުނީ ހިފެހެއްޓުމުގެ ޙާލަތު ދެމިއޮތްއިރު ފުރުމުގެ ހުއްދަދިނީ ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 75 ވަނަ މާއްދާގެ (ބ) އާ ޚިލާފަށް ކަމަށާއި، އަޑުއެހުމުގައި ވާހަކަދެއްކުމުގެ ފުރުޞަތު ނުދިނީ ޤާނޫނާ ޚިލާފަށް ކަމަށެވެ. ރައްދުވާ ފަރާތް ބުނީ ޙާލަތު ބަދަލުވެފައިވާކަމަށާއި ތަޙުޤީޤު މަރުޙަލާގެ އަޑުއެހުމުގައި ޕީޖީ ބައިވެރިވާނެ ގޮތެއް ނެތްކަމަށެވެ.
މައިގަނޑު ސުވާލު
ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރު ބާޠިލުނުކޮށް ޚާއްޞަ ޙާލަތެއްގެ ސަބަބުން ވަގުތީގޮތުން ޕާސްޕޯޓް ދޫކޮށް ފުރުމުގެ ހުއްދަ ދިން ނިންމުމަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 75 ވަނަ މާއްދާގެ (ބ) އާ އެއްގޮތް ނިންމުމެއްތޯ؛ އަދި އެފަދަ އަމުރެއް މުރާޖަޢާކުރާ އަޑުއެހުމުގައި ވާހަކަދެއްކުމުގެ ފުރުޞަތު ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިގެންވޭތޯ.
ނިންމި ގޮތް
ދަށުކޯޓުގެ ނިންމުން ބާޠިލު
ޚާއްޞަ ޙާލަތުގެ މަޤްޞަދު އެނޫން ގޮތަކަށް ޙާޞިލުކުރެވޭތޯ ނުބަލާ، ފަރާތްތަކަށް ވާހަކަދައްކާ ފުރުޞަތު ނުދީ، ފިލައިގެން ދިއުމުގެ އިޙްތިމާލު ވަޒަންނުކޮށް ނިންމީތީ ނިންމުން ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 75 ވަނަ މާއްދާގެ (ބ) އާ އެއްގޮތް ނުވެއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރު މުރާޖަޢާކުރުމުގެ އިޖުރާއަތެއް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ނެތްނަމަވެސް، އެއީ ޕާސްޕޯޓް ހިފެހެއްޓޭ ފަރާތުގެ ބަސް ނުހޯދާ (ex parte) ނެރޭ އަމުރަކަށްވާތީ، އެ ފަރާތަށް އަމުރު މުރާޖަޢާކުރުމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ލިބިގެންވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 17، 28-29)
- ޚާއްޞަ ޙާލަތްތަކުގައި ލުއިދިނުމަކީ ޟަރޫރަތްތެރިކަމަށް ބަލައި ކޯޓުތަކުން ކުރާ ކަމެއް ނަމަވެސް، އެ ލުއިދެވޭނީ ޟަރޫރަތްތެރިކަން ބޮޑުކަމުން ނުވަތަ އެނޫން ގޮތަކަށް ފަރުޖައްސައިނުލެވޭ ޙާލަތްތަކުގައެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 20)
- ޕާސްޕޯޓް ހިފެހެއްޓުމަށް ނިންމި ސަބަބުތައް ދެމިއޮތްއިރު ޚާއްޞަ ޙާލަތެއްގެ ސަބަބުން ވަގުތީގޮތުން ޕާސްޕޯޓް ދޫކުރާ ނިންމުމެއް 75 ވަނަ މާއްދާގެ (ބ) އާ އެއްގޮތްވާނީ، އެ ޙާލަތުގެ މަޤްޞަދު އެނޫން ގޮތަކަށް (މިސާލަކަށް ޕާސްޕޯޓް އެހެން މީހެއްގެ އަތުގައި ފޮނުވައިގެން) ޙާޞިލުކުރެވޭތޯ ވަޒަންކޮށް، ފިލައިގެން ދިއުމުގެ އިޙްތިމާލާއި ހިފެހެއްޓުމުގެ ސަބަބުތަކަށް ކުރާ އަސަރު ވަޒަންކޮށް، ދެފަރާތަށް ވާހަކަދެއްކުމުގެ އެކަށީގެންވާ ފުރުޞަތު ދީގެންނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 24-26، 35)
- ޖިނާއީ މައްސަލައެއްގެ ތަޙުޤީޤު މަރުޙަލާގައި ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރަކަށް އެދުމުގެ ބާރު 75 ވަނަ މާއްދާގެ (ށ) އިން ލިބިދީފައިވަނީ ޤާނޫނު ތަންފީޒުކުރާ އިދާރާއަށް ކަމުން، އެ އަމުރަކަށް އެދުމުގެ ފުރުޞަތު ޕްރޮސިކިއުޓަރ ޖެނެރަލްއަށް ނުލިބެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 30)
- ޤާނޫނުއަސާސީގެ 133 ވަނަ މާއްދާގެ (ނ) ގެ ދަށުން ޖިނާއީ މައްސަލަތަކުގައި ދައުލަތް ތަމްސީލުކުރުމުގެ ބާރު ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިގެންވާތީ، ތަޙުޤީޤު މަރުޙަލާގައި ޤާނޫނުން ލާޒިމުނުކުރާ އަޑުއެހުމެއް ކޯޓުން ބާއްވާ ޙާލަތުގައި އެ އަޑުއެހުމުގައި ބައިވެރިވެ ވާހަކަދެއްކުމަކީ ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިގެންވާ އިޚްތިޔާރެއް ކަމުގައި ބަލަންޖެހޭނެއެވެ؛ އަދި ދައުލަތުން އެދިއްޖެނަމަ އެ ފުރުޞަތު ދިނުމަކީ އެންމެ އެދެވޭ ގޮތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 33-34)
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 75 ވަނަ މާއްދާގެ (ށ) އަދި (ބ)
- ޤާނޫނު ނަންބަރު 12/2016 ގެ 58 ވަނަ މާއްދާގެ (އ)
- ޤާނޫނު ނަންބަރު 12/2016 ގެ 198 ވަނަ މާއްދާގެ (ބ)
- ޤާނޫނުއަސާސީގެ 133 ވަނަ މާއްދާގެ (ނ)
- ޤާނޫނުއަސާސީގެ 223 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 4/2011 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ގެ 25 ވަނަ މާއްދާ
- ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ޤަވާޢިދު
- 2019/HC-A/473
- 2021/HC-B12/60
- އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
- ޞަފާ އިބްރާހީމް، މަރްޔަމް ޝަހުމާ، އާމިނަތު ޝާމާ ނަޞީރު، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
- ބެންޗު
- މުޙައްމަދު ޝަނީޒް ޢަބްދުﷲ، މުޙައްމަދު ނިޔާޒް، ޙަސަން ޝަފީޢު
- ޚިލާފު ރައުޔު
- ނެތް