ސައިޓޭޝަން ކޮޕީ ކުރުމަށް
2021/HC-B12/45
ޕްރޮސިކިއުޓަރ ޖެނެރަލް ވ. ފަޔާޟް އަޙްމަދު، 2021/HC-B12/45
Prosecutor General v. Fayaad Ahmed 2021/HC-B12/45 (2021/HC-B12/45, High Court of the Maldives, 5 September 2021)
ޕްރޮސިކިއުޓަރ ޖެނެރަލް ވ. ފަޔާޟް އަޙްމަދު
މައްސަލައިގެ ޚުލާޞާ
ވިލިނގިލި މެޖިސްޓްރޭޓް ކޯޓުން ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް ނުފެންނާތީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ރ) ގެ (2) ގެ ދަށުން ޝަރުތުތަކާއެކު ބަންދުން ދޫކޮށްލިއެވެ.
އެއަރޕޯޓުން ފުރަން ދިޔަ ފަތުރުވެރިއެއްގެ ދަބަހުން 21،500 ޔޫރޯ ވައްކަންކުރި މައްސަލައިގައި، ވައްކަންކުރި މީހާ ދިން ފައިސާ ހުރި ކޮތަޅާ ޙަވާލުވި ފަރާތް ހައްޔަރުކުރިއެވެ.
ޕީޖީ އޮފީހުން ބުނީ ތުހުމަތަކީ ޖިނާއީ ބޮޑު ކުށެއްކަމަށާއި، ފައިސާގެ ބައެއް ނުފެންނާތީ ފޮރުވުމާއި ހެކިންނަށް ނުފޫޒު ފޯރުވުމާއި މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް އޮތްކަމަށެވެ. ރައްދުވާ ފަރާތުން ބުނީ ފައިސާ ފުލުހުންނާ ޙަވާލުކޮށް އެއްބާރުލުން ދީފައިވާކަމަށާއި، ކުށުގެ ރެކޯޑެއް ނެތްކަމަށާއި، ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ޤަވާޢިދުގެ 13 ވަނަ މާއްދާގެ ޙާލަތްތައް ތަޠްބީޤު ނުވާކަމަށެވެ.
މައިގަނޑު ސުވާލު
ފަތުރުވެރިއެއްގެ ދަބަހުން ފައިސާ ވައްކަންކުރި މައްސަލައިގައި ބައިވެރިވިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ފަރާތް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލި މެޖިސްޓްރޭޓް ކޯޓުގެ އަމުރު، ތުހުމަތަކީ ޖިނާއީ ބޮޑު ކުށަކަށްވުމާއި ހެކި ހުރުމާ އެކު، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނާ ޚިލާފުވޭތޯ.
ނިންމި ގޮތް
އިސްތިއުނާފު ބަލައިނުގަނެ، ބަންދުން ދޫކޮށްލި އަމުރު ޤާއިމް (ރައުޔުން ދޭހަވާ ގޮތުން)
ޖިނާއީ ބޮޑު ކުށެއްގެ ތުހުމަތު އޮތުން ހަމައެކަނި ބަންދަށް ސަބަބެއް ނުވެއެވެ. އިތުރު ފައިސާއެއް އޭނާގެ އަތުގައި ހުރިކަމަށް ބެލެވޭނެ ހަރުދަނާ ސަބަބެއް ފުލުހުން ބުނެދީފައި ނުވާއިރު، ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ޤަވާޢިދުގެ 13 ވަނަ މާއްދާގެ މިންގަނޑުން ވަޒަންކުރާއިރު ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގެ ޙާލަތެއް ދައުލަތުން ސާބިތުކޮށްފައި ނުވެއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ތުހުމަތުކުރެވޭ ކުށަކީ ޖިނާއީ ބޮޑު ކުށަކަށް ވުމަކީ ހަމައެކަނި އެ ސަބަބަށްޓަކައި މީހަކު ބަންދުގައި ބަހައްޓަން ޖާއިޒު ސަބަބެއް ނޫނެވެ. ބަލަންޖެހޭނީ ކުށް ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް ނުވަތަ ކޮންމެވެސް މިންވަރެއްގެ ހެކި ހުރުމާއެކު ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައިވާ ޙާލަތެއް ވުޖޫދުވޭތޯއެވެ. އަދި އެ ޙާލަތު ވަޒަންކުރަންވާނީ ހުށަހެޅިފައިވާ ހެކީގެ ނިސްބަތާ ވަކިންނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 11)
- ކުށުގެ ތުހުމަތުގައިވާ މީހަކު ބަންދުގައި ބަހައްޓަންޖެހޭ ސަބަބު ބުނެދީ، އެ ސަބަބު ސާބިތުކުރުމުގެ ޙުއްޖަތް ޤާއިމުކުރަންޖެހެނީ ދައުލަތަށެވެ. އެ ހުށަހެޅުންތަކުގެ މައްޗަށް ބަންދާމެދު ގޮތެއް ނިންމާއިރު ފަނޑިޔާރުން ބަލަންޖެހޭ މިންގަނޑުތައް ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ޤަވާޢިދުގެ 13 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 12)
- ތުހުމަތުކުރެވޭ ފަރާތުގެ ޙާލަތާއި (ކުށުގެ ރެކޯޑު ނެތުން، އަނިޔާވެރިކަމެއް ނެތުން، ޖަމާޢަތް ހަދައިގެން ކުރިކަން ނޭނގުން، ފައިސާ ފުލުހުންނާ ޙަވާލުކޮށް އެއްބާރުލުން ދިނުން) މައްސަލައިގެ ބާވަތަށް ޖުމްލަ ގޮތެއްގައި ބަލާއިރު، 49 ވަނަ މާއްދާގައިވާ ޙާލަތެއް ވުޖޫދުވާކަން އެކަށީގެންވާ މިންގަނޑަކުން ދައުލަތުން ސާބިތުނުކޮށްފިނަމަ، ބަންދުން ދޫކޮށްލި އަމުރަށް ބަދަލު ނުގެނެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 13)
- ފަނޑިޔާރު މުޙައްމަދު ނިޔާޒް: ޤާނޫނުލްޢުޤޫބާތުގައިވާ ވައްކަންކުރުމުގެ ކުށާއި ވައްކަންކޮށްގެން ހޯދާފައިވާ މުދާ ބަލައިގަތުމުގެ ކުށަކީ ތަފާތު ދެ ކުށެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 14)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 59 ވަނަ މާއްދާ، 60 ވަނަ މާއްދާގެ (ބ) އާއި (ރ) ގެ (2)
- ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ޤަވާޢިދުގެ 13 ވަނަ މާއްދާގެ (ހ) އާއި (ނ)
- ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 210 ވަނަ ބާބު
- 2020/SC-A/93 (ޝަހީބް އިބްރާހީމް ވ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
- 2020/SC-A/61 ([2021] SC 54) (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ އަޙުމަދު ނިޝާމް)
- ބެންޗު
- ޢަލީ ސަމީރު، ޙުސައިން ޝަހީދު، މުޙައްމަދު ނިޔާޒް
- ޚިލާފު ރައުޔު
- ނެތް