ސައިޓޭޝަން ކޮޕީ ކުރުމަށް
2024/HC-B12/39
ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޢަލީ ނާޞިރު، 2024/HC-B12/39
Prosecutor General v. Ali Naasiru 2024/HC-B12/39 (2024/HC-B12/39, High Court of the Maldives, 10 October 2024)
ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޢަލީ ނާޞިރު
މައިގަނޑު ސުވާލު
މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ތުހުމަތުގައި ބަންދުކުރެވިފައިވާ މީހަކު، ތުހުމަތުކުރެވޭ އެކަށީގެންވާ ހެކި ނެތްކަމަށް ބުނެ ބަންދުން ދޫކޮށްލި މެޖިސްޓްރޭޓް ކޯޓުގެ އަމުރަކީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާއާއި ސުޕްރީމް ކޯޓުގެ ސާބިތުކުރުމުގެ މިންގަނޑާ އެއްގޮތަށް ނިންމި އަމުރެއްތޯ؛ އަދި ވަކީލަކު ނެތި އަޑުއެހުން ކުރިއަށް ގެންދެވޭނެތޯ.
ނިންމި ގޮތް
ދަށުކޯޓުގެ އަމުރު ބާޠިލު؛ 5 ދުވަހުގެ ތެރޭގައި ދައުލަތުން ހުށަހަޅައިފިނަމަ ބަންދާމެދު އަލުން ގޮތެއް ކަނޑައަޅަން އެންގި
ކަނޑައެޅުނު އުޞޫލުތައް
- ކުށެއްގެ ތުހުމަތުގައިވާ މީހާގެ ބަންދާމެދު ގޮތެއް ކަނޑައެޅުމުގައި ފަނޑިޔާރު ޖަވާބު ހޯދަންޖެހޭ ދެ ސުވާލަކީ، ކުށުގެ ތުހުމަތު އޮތްތޯ ބެލުމާއި ބަންދުގައި ބަހައްޓަންޖެހޭ ޙާލަތެއް ވޭތޯ ބެލުމެވެ؛ މި ކަންކަން ބަޔާންކޮށްފައިވަނީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ށ) ގައެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 17)
- މައްސަލައިގެ ތަބީޢަތާއި، ޖަވާބުދާރީވާ ފަރާތުން ވަކީލަކު ޢައްޔަންކުރުމަށް ކޮށްފައިވާ މަސައްކަތާއި، ކޯޓުން ދީފައިވާ ފުރުޞަތަށް ބަލައި ވަކީލެއްގެ އެހީތެރިކަން ހޯދުމަށް އެކަށީގެންވާ ފުރުޞަތު ދެވިފައިވާކަން ކަނޑައެޅިދާނެއެވެ؛ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 198 ވަނަ މާއްދާގެ (ބ) ގެ ދަށުން 14 ދުވަހުގެ ތެރޭގައި ނިންމަންޖެހޭ ބަންދުގެ އިސްތިއުނާފެއްގައި، އެކަށީގެންވާ ފުރުޞަތު ދީފައިވާނަމަ ވަކީލަކު ނެތި އަޑުއެހުން ކުރިއަށް ގެންދެވިދާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 12، 13)
- ޖަދުވަލު 1 ގެ މަސްތުވާތަކެތި އެހެން އެއްޗަކާ އެއްކޮށްފައި ހުރިނަމަ، ބަރުދަން ބަލާނީ އެ ހުރިހާ އެއްޗެއްގެ ޖުމްލަ ބަރުދަނަށް ބަލައިގެން ކަމަށް މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 141 (ށ) ގައި ބަޔާންކޮށްފައިވާއިރު، ތަޙުލީލު ރިޕޯޓުގައިވާ ބާވަތުގެ ބަރުދަން ޖުމްލަކޮށް 3 ގްރާމް ހަމަނުވާކަމަށް ދަށުކޯޓުން ފާހަގަކޮށްފައިވާކަން ކޯޓުން ފާހަގަކޮށްފައިވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 20)
- ކުށްކޮށްގެން ހޯދާފައިވާ ކަމަށް ޝައްކުކުރެވޭ މުދަލާއި ފައިސާއަކީ އެނޫން ގޮތަކަށް ހޯދާފައިވާކަން ސާބިތުނުވާހާހިނދަކު، ކުށްކޮށްގެން ހޯދާފައިވާ މުދަލާއި ފައިސާ ކަމުގައި މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 160 ވަނަ މާއްދާ އިފްތިރާޟްކުރެއެވެ؛ ވަޒީފާއެއް އަދާނުކުރާ ފަރާތެއްގެ އެކައުންޓަށް ބޮޑު އަދަދުތަކެއް ވަދެ، އޭނާ ދިރިއުޅޭ ގެއިން މަސްތުވާތަކެތި ފެނިފައިވާ ހާލަތުގައި، އެ ފައިސާ އެހެން ގޮތަކަށް ލިބޭކަން ބުނެދެވިފައި ނުވާނަމަ، ތުހުމަތުގެ ބޭނުމަށް އެކަށީގެންވާ ހަޤީޤަތެއް ނެތްކަމަށް ނިންމުމަކީ ޤާނޫނު ކަނޑައަޅާފައިވާ އިފްތިރާޟުގެ މަޤްޞަދު ގެއްލޭ ގޮތެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 22-24)
- ހުށަހެޅިފައިވާ ހެކި ޤަރީނާއިން ކުށުގެ ތުހުމަތެއް އޮތްކަމަށް ނުބެލެވޭ ކަމަށް ދަށުކޯޓުން ނިންމާފައިވަނީ މައްސަލައިގެ ވާޤިޢާތަކާއި ޤާނޫނީ އިފްތިރާޟްތައް ހަނިވާގޮތަށް މާނަކުރެވިގެންނަމަ، އެ ނިންމުން ބާޠިލުކުރަންޖެހެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 25)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ)
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 60 ވަނަ މާއްދާގެ (ށ)
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 198 ވަނަ މާއްދާގެ (ބ)
- ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ (ނ)
- ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 141 ވަނަ މާއްދާގެ (ށ)
- ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 160 ވަނަ މާއްދާ
- ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/93 (ޝަހީބް އިބްރާހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
- ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/75 (އިސްމާޢީލް އިފްހާމް މުޙައްމަދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
- ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/51 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އޚމ) ގެ 15 ވަނަ ޕެރެގްރާފްގެ (ނ)
- ބެންޗު
- ފާޠިމަތު ފަރްހީޒާ، މުޙައްމަދު ނިޔާޒް، ޙުސައިން މަޒީދު
- ޚިލާފު ރައުޔު
- ނެތް