ސައިޓޭޝަން ކޮޕީ ކުރުމަށް
2021/HC-B12/02
ޕްރޮސިކިއުޓަރ ޖެނެރަލް ވ. އާދަމް ޝަރީފް، 2021/HC-B12/02
Prosecutor General v. Adam Shareef 2021/HC-B12/02 (2021/HC-B12/02, High Court of the Maldives, 18 May 2021)
ޕްރޮސިކިއުޓަރ ޖެނެރަލް ވ. އާދަމް ޝަރީފް
މައްސަލައިގެ ޚުލާޞާ
އިތުރަށް ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް ހުށަހަޅާފައި ނުވާތީ ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރުކުރިއެވެ.
އޮފީހެއްގެ ދޮރު ހަލާކުކޮށް 100,000 ރުފިޔާއަށްވުރެ ގިނަ ފައިސާ ވަގަށް ނެގި މައްސަލައެއްގައި ފިންގަރޕްރިންޓް ދިމާވި ކަމަށް ބުނެ ހައްޔަރުކުރި ފަރާތުގެ ބަންދު 15 ދުވަހަށް އިތުރުކުރުމަށް ފުލުހުން އެދުނެވެ. ދަޢުވާ ކުރެވިފައިވަނީ ހުއްދަނޫން ތަނަކަށް ވަނުމުގެ ކުށުގައެވެ.
ޕްރޮސިކިއުޓަރ ޖެނެރަލުން ބުނީ ވައްކަމުގެ ގިނަ ރެކޯޑު އޮތުމާއި އެހެން މައްސަލައެއްގައި ވެސް ބަންދުގައި ހުރުމުން ދޫކޮށްލައިފިނަމަ އަލުން ކުށް ކުރުމުގެ ފުރުޞަތު އޮންނާނެ ކަމަށެވެ. ތުހުމަތުކުރެވޭ ފަރާތުން ބުނީ މަޢާފު ލިބުމަށްފަހު ރަށުގައި މަސައްކަތްކުރަމުން އުޅުނު ކަމަށެވެ.
މައިގަނޑު ސުވާލު
ވައްކަމުގެ ތުހުމަތުގައި ހައްޔަރުކުރި ފަރާތް ބަންދުން ދޫކޮށްލި ކްރިމިނަލް ކޯޓުގެ އަމުރު ޞައްޙަތޯ؛ ދަޢުވާ ކުރެވިފައިވަނީ ޖިނާއީ ކުދި ކުށެއްގައި ކަމުގައިވާއިރު ހަމައެކަނި ކުށުގެ ރެކޯޑު އޮތުމަކީ މުޖްތަމަޢުގެ ސަލާމަތަށް ނުރައްކާތެރިކަމުގެ ސަބަބުން ބަންދުގައި ބެހެއްޓޭނެ ސަބަބެއްތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ކްރިމިނަލް ކޯޓުގެ އަމުރު ޤާއިމް
ދަޢުވާ ކުރެވިފައިވަނީ ޖިނާއީ ކުދި ކުށެއްގައި ކަމުން ވައްކަމުގެ ތުހުމަތު ވުޖޫދުގައި ނެތުމުން، ހަމައެކަނި ކުށުގެ ރެކޯޑަށް ބަލައި ބަންދުގައި ބެހެއްޓޭނެ ސަބަބެއް ނެތީތީ އަމުރަށް ބަދަލު ގެންނަންޖެހޭ ޤާނޫނީ ސަބަބެއް ނެތް ކަމަށް ފެނުނެވެ.
ކަނޑައެޅުނު އުޞޫލުތައް
- ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 22 ވަނަ މާއްދާގެ ދަށުން ޤާނޫނުލްޢުޤޫބާތުގެ 210 ވަނަ ބާބުގެ ކުށްތައް ޖިނާއީ ބޮޑު ކުށްތަކުގެ ތެރޭގައި ހިމެނެނީ ހިމެނޭ ފައިސާގެ ޢަދަދު 100,000 ރުފިޔާއަށްވުރެ މަތިވާނަމައެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 8-10)
- ކުށެއް ސާބިތުނުވާހާ ހިނދަކު މީހަކީ ކުށެއްނެތް މީހެއްކަމުގައި ބަލަންވާނެއެވެ؛ ޙުކުމްކުރުމުގެ ކުރިން ބަންދުގައި ބެހެއްޓުމަށް އަމުރުކުރެވޭނީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 (ށ) ގައިވާ ސަބަބެއް (ހެކި ފޮރުވުން/ހެކިންނަށް ނުފޫޒު ފޯރުވުން، ކޯޓަށް ޙާޟިރުނުވުން، ފިލުން، މުޖްތަމަޢުގެ ސަލާމަތަށް ނުރައްކާ) އޮވެގެންނެވެ؛ އަދި ތުހުމަތުކުރެވޭ ކުށް ކުރިކަމަށް ތަޙްޤީޤަށް ހެކި ލިބިފައިވާ މިންވަރަށް ރިޢާޔަތްކުރަންޖެހެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 11)
- މުޖްތަމަޢުގެ ސަލާމަތަށް ނުރައްކާތެރިކަން ބެލުމުގައި ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ޤަވާޢިދުގެ 13 (ނ) ގައިވާ ކަންކަމަށް (ރެކޯޑު، މުޖްތަމަޢުގައި އަދާކުރާ ދައުރާއި ދިރިއުޅުމުގެ ވަށައިގެން، ބައިވެރިވި ގޮތް، ކުށުގެ ބާވަތާއި ބޮޑުމިން) ފަނޑިޔާރު ރިޢާޔަތްކުރަންޖެހެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 12)
- ޖިނާއީ ކުދި ކުށްތަކަކީ ޢާއްމު އުޞޫލެއްގެ ގޮތުން މުޖްތަމަޢުގެ ސަލާމަތަށް ނުރައްކާތެރި ކުށްތަކެއް ކަމުގައި ނުބެލެވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 18)
- ކުށުގެ ރެކޯޑަކީ ބަންދުގައި ބެހެއްޓުމާމެދު ބަލަންޖެހޭ ކަމެއް ނަމަވެސް، އެއީ އެކަނި ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް ނޫނެވެ؛ ބަންދަށް އެދިފައިވާ ކުށުގެ ތުހުމަތު ވުޖޫދުގައި ނެތް ޙާލަތެއްގައި ހަމައެކަނި ރެކޯޑަށް ބަލައި ބަންދުގައި ބެހެއްޓުމަށް އަމުރެއް ނުކުރެވޭނެއެވެ؛ އެހެން މައްސަލައެއްގެ ތުހުމަތެއްގައި ނުރައްކާތެރި މީހެއް ކަމުގައި ދެކޭނަމަ އެ މައްސަލައިގެ ތެރެއިން އަމުރަކަށް އެދެވިދާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 18)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 60 ވަނަ މާއްދާގެ (ށ)
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 22 ވަނަ މާއްދާގެ (އ) ގެ 1 ވަނަ ނަންބަރު (ޤާނޫނު ނަންބަރު 21/2020 ގެ 3 ވަނަ އިޞްލާޙު)
- ޝަރީޢަތް ކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ޤަވާޢިދުގެ 13 ވަނަ މާއްދާގެ (ނ)
- ޤާނޫނު ނަންބަރު 9/2014 (ޤާނޫނުލްޢުޤޫބާތު) ގެ 210 ވަނަ ބާބު؛ 211 ވަނަ މާއްދާގެ (ހ)؛ 220 ވަނަ މާއްދާގެ (ހ) ގެ (1) އަދި (2)؛ 230 ވަނަ މާއްދާގެ (ހ)
- ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/93
- ހައިކޯޓުގެ ނަންބަރު 2020/HC-A/286
- ބެންޗު
- ޢަބްދުއްރައޫފު އިބްރާހީމް، ހާތިފް ޙިލްމީ، ޢަބްދުﷲ ޙަމީދު
- ޚިލާފު ރައުޔު
- ނެތް