ސައިޓޭޝަން ކޮޕީ ކުރުމަށް
2022/HC-A/273
ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޢަބްދުލްޖަލީލް ޙުސައިން މަނިކު، 2022/HC-A/273
Prosecutor General v. Abdhuljaleel Hussain Maniku 2022/HC-A/273 (2022/HC-A/273, High Court of the Maldives, 21 March 2023)
ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޢަބްދުލްޖަލީލް ޙުސައިން މަނިކު
މައްސަލައިގެ ޚުލާޞާ
އޭދަފުށީ މެޖިސްޓްރޭޓް ކޯޓުން، ސައިކިއޭޓްރިކް އެސެސްމަންޓުން ތުހުމަތުކުރެވޭ ފަރާތަކީ ބައިޕޯލާ ބައްޔެއް ހުރި މީހެއްކަން އެނގޭތީ، ދަޢުވާ ބަލައިގަތުމަށާއި ޙުކުމް ބަލައިގަތުމަށް ނުކުޅެދޭ މީހެއްކަމަށް ކަނޑައަޅައި ދަޢުވާ ބާޠިލުކުރިއެވެ.
ބ. ރިސޯޓެއްގެ ފަޅުތެރޭގައި ލައިސަންސް ނެތި ޑިންގީއެއް ބާރު ސްޕީޑްގައި ދުއްވައިގެން ސްނޯކްލް ކުރަމުންދިޔަ ފަތުރުވެރިންގެ ގައިގައި ޖެހި އެކަކު ނިޔާވުމުން، މީހަކު މަރުވެދިއުމުގެ ފަރުވާކުޑަ ޢަމަލެއް ކުރުމުގެ ދަޢުވާ ދައުލަތުން އުފުލިއެވެ.
ދައުލަތުން ބުނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 121 އާއި ޤާނޫނުލްޢުޤޫބާތުގެ 62 އަށް ރިޢާޔަތްނުކޮށް، ކޯޓުން އަމުރުކުރި މެޑިކަލް އެގްޒަމިނޭޝަން ނުހަދައި، ޚަބީރުގެ ހެކިބަސް ނުނަގައި ނިންމި ކަމަށެވެ؛ ތުހުމަތުކުރެވޭ ފަރާތުން އެދުނީ އިޖުރާއަތު ފުރިހަމަކޮށް ރިޕޯޓެއް ހެދުމުގެ ފުރުޞަތު ދިނުމަށެވެ.
މައިގަނޑު ސުވާލު
ތުހުމަތުކުރެވޭ ފަރާތް ޝަރީޢަތުގެ ކުރިން ހުށަހަޅަންޖެހޭ ހުށަހެޅުމެއްގެ ގޮތުގައި 'ދަޢުވާ ބަލައިގަތުމާއި ޙުކުމް ބަލައިގަތުމަށް ނުކުޅެދުމުގެ' ދިފާޢު ނަގާފައި ނުވަނިކޮށް، ބުއްދިއަށް އުނިކަން ލިބިގެންވުމުގެ ހެކި އަލީގައި ދަޢުވާ ބާޠިލުކުރުމަކީ ޤާނޫނާ އެއްގޮތް ނިންމުމެއްތޯ؛ މި ދެ ދިފާޢުގެ ތަފާތަކީ ކޮބައިތޯ.
ނިންމި ގޮތް
ދަށުކޯޓުގެ ނިންމުން ބާޠިލު، ޝަރީޢަތުގެ މަރުޙަލާއިން ފެށިގެން އަލުން ބެލުމަށް ފޮނުވި
ދަޢުވާ ބަލައިގަތުމަށް ނުކުޅެދުމުގެ ދިފާޢު ޝަރީޢަތުގެ ކުރިން ނަގާފައި ނުވާއިރު، އޭނާ ދަޢުވާއަށް ޖަވާބުދީ ހެކި ހުށަހަޅާފައިވާތީ އެ ދިފާޢުގެ މައްޗަށް ނިންމުން ރަނގަޅެއް ނޫނެވެ؛ ހުށަހެޅި ހެކި ގުޅެނީ ބުއްދިއަށް އުނިކަން ލިބިގެންވުމުގެ ދިފާޢާ ކަމަށްވާތީ ދަށުކޯޓުން އެ ދިފާޢު ވަޒަންކުރަން ޖެހެއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ދަޢުވާ ކުރުމަށް ހުރަހަކަށްވެދާނެ ދިފާޢަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 119 ވަނަ މާއްދާގެ (ހ) ގެ ދަށުން ޝަރީޢަތް ފެށުމުގެ ކުރިން ހުށަހަޅަންޖެހޭ ހުށަހެޅުމެއް ކަމަށާއި، އެ ފުރުޞަތު ދީފައިވަނިކޮށް ހުށަނާޅައިފިނަމަ އެ ފުރުޞަތު ދޫކޮށްލީ ކަމަށް ބެލޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 20-21)
- ދަޢުވާ ކުރުމަށް ހުރަހަކަށްވެދާނެ ދިފާޢަކީ ދަޢުވާގެ މައުޟޫއަށް ނުބަލައި ގޮތެއް ނިންމޭނެ ދިފާޢެއް ކަމަށާއި، އެ ދިފާޢު ސާބިތުކުރުމަކީ މުއްތަހަމުގެ ޒިންމާއެއް ކަމަށާއި، އެކަން ސާބިތުކުރަންޖެހޭނީ މަދަނީ މިންގަނޑަށެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 22)
- ތުހުމަތުކުރެވޭ ފަރާތް ދަޢުވާ ސާފުވެއްޖެކަމަށް ބުނެ، އިންކާރުކޮށް، ދިފާޢުގައި ހެކި ހުށަހެޅުމަކުން ދައްކުވައިދެނީ އޭނާއަށް ދަޢުވާ އެނގޭކަމާއި ދިފާޢުކުރުމުގެ ޤާބިލުކަން ހުރިކަމެވެ؛ އެހެންވެ ދަޢުވާ ބަލައިގަތުމަށް ނުކުޅެދޭކަމަށް ބުރަނުވެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 23، 29)
- ބުއްދިއަށް އުނިކަން ލިބިގެންވުމުގެ ދިފާޢު (insanity) އަކީ ޤާނޫނުލްޢުޤޫބާތުގެ 52 ވަނަ މާއްދާގެ މަޢާފު ލިބެނިވި ދިފާޢެއް ކަމަށާއި، 62 ވަނަ މާއްދާގެ ދަޢުވާ ބަލައިގަތުމަށް ނުކުޅެދުމަކީ ދަޢުވާ ކުރުމަށް ހުރަހަކަށްވެދާނެ ތަފާތު ދިފާޢެކެވެ؛ މައިގަނޑު ތަފާތަކީ ވަގުތެވެ: ފުރަތަމަ އެއްޗުގައި ބަލަނީ ކުށް ކުރި ވަގުތުގެ ސިކުނޑީގެ ޙާލަތު (މައުޟޫޢީ)، ދެވަނަ އެއްޗުގައި ބަލަނީ ޝަރީޢަތް ހިންގާ ވަގުތުގެ ޙާލަތު (އިޖުރާއީ). (ޙުކުމްގެ ޕެރެގްރާފް ނަންބަރު 18، 24، 27)
- ބުއްދިއަށް އުނިކަން ލިބިގެންވުމުގެ ދިފާޢަކީ ޝަރީޢަތުގެ ކުރިން ނެގޭނެ ދިފާޢެއް ނޫނެވެ؛ މުއްތަހަމު މަދަނީ މިންގަނޑުން އެ ދިފާޢު ސާބިތުކޮށްފިނަމަ ޙުކުމްކުރާނީ ކުށްވެރިނުވާ ކަމަށް ކަމަށާއި، ދެން މިނިވަންކޮށް ދޫކުރާނީތޯ، ބެލެނިވެރިކަމުގެ އަމުރެއްގެ ދަށުން ދޫކުރާނީތޯ، ނުވަތަ ސިކުނޑީގެ ފަރުވާދޭ ތަނެއްގައި ބަހައްޓާނީތޯ ކޯޓުން ނިންމަންވާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 25-26)
- ތުހުމަތުކުރެވޭ ފަރާތް ހެކި ހުށަހަޅާފައިވަނީ ކުށުގެ ވަގުތު ބުއްދިއަށް އުނިކަން ލިބިފައިވާކަމަށް ނަމަ، ދަށުކޯޓުން ވަޒަންކުރަންޖެހެނީ އެ ދިފާޢެވެ؛ އެ ހެކި ހައިކޯޓުން ތަފްޞީލުކޮށް ބަލައި ގޮތެއް ނިންމުމަކީ އިސްތިއުނާފުކުރުމުގެ ފުރުޞަތެއް ގެއްލޭ ކަމެއް ކަމަށްވާތީ، މައްސަލަ އަލުން ބެލުމަށް ދަށުކޯޓަށް ފޮނުވަންޖެހެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 28، 30)
- ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 52 ވަނަ މާއްދާ (ނ)
- ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 62 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 111 ވަނަ މާއްދާގެ (ހ)، (ނ)
- ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 50 ވަނަ ބާބު އަދި 60 ވަނަ ބާބު
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 119 ވަނަ މާއްދާގެ (ހ) (2)
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 120 ވަނަ މާއްދާގެ (ށ)، (ނ)
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 121 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 9/2022 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނަށް 4 ވަނަ އިޞްލާޙު)
- ސުޕްރީމް ކޯޓުގެ ނަންބަރު 2011/SC-A/31 (އާދަމް ޙަލީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
- ހައިކޯޓުގެ ނަންބަރު 2020/HC-A/259 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު ޙަމްދާން ޢަބްދުﷲ)
- ބެންޗު
- މުޙައްމަދު ނިޔާޒް، ޙުސައިން މަޒީދު، ދީބާނާޒް ފަހުމީ
- ޚިލާފު ރައުޔު
- ނެތް