ސައިޓޭޝަން ކޮޕީ ކުރުމަށް
[2025] SC 09
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ނަން ފޮރުވާފައި، [2025] SC 09 (2022/SC-A/56)
Prosecutor General's Office v. Name withheld [2025] SC 09 (2022/SC-A/56, Supreme Court of the Maldives, 16 February 2025)
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ނަން ފޮރުވާފައި
މައްސަލައިގެ ޚުލާޞާ
އުނގޫފާރު މެޖިސްޓްރޭޓް ކޯޓުން ނިންމީ ޖިންސީ ކުށުގެ ޤާނޫނަކީ ޚާއްޞަ ޤާނޫނަކަށްވާތީ ޤާނޫނުލްޢުޤޫބާތުގެ ދަށުން ކުރި ދަޢުވާ ބާޠިލު ކަމަށެވެ. ހައިކޯޓުން އެ ނިންމުމަށް ތާއީދުކޮށް، މިބާވަތުގެ މައްސަލަތަކުގައި ދަޢުވާކުރަންޖެހޭނީ ޖިންސީ ކުށުގެ ޤާނޫނުގެ ދަށުން ކަމަށާއި ޝިބުހު ވަޠުއުގެ ފުރުޞަތު އޮތްކަމަށް ބުނެފައިވެއެވެ.
އަޙްމަދު ވާފިރާއި މަރްޔަމް ސަޢީދާގެ ކައިވެނި 18 މާރޗް 2015 ގައި ކޯޓުން ތަފްރީޤުކޮށް، 9 ފެބްރުއަރީ 2016 ގައި އަލުން ކައިވެނިކުރުމަށްފަހު 29 މޭ 2016 ގައި ކުއްޖަކު ވިހެއެވެ. ކުއްޖާއަކީ ޒިނޭގެ ސަބަބުން ލިބުނު ކުއްޖެއްކަމަށް އަންހެނާ ބުނާތީއާއި ޑީއެންއޭ ދިމާވާތީ، ޤާނޫނުލްޢުޤޫބާތުގެ 411 ވަނަ މާއްދާގެ ދަށުން ޒިނޭގެ ދަޢުވާ ކުރެވުނެވެ.
ދައުލަތުން ބުނީ ހައިކޯޓުގެ ނިންމުމަކީ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާއި ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު ތައުފީޤު ގައި ކަނޑައެޅި އުޞޫލާ ޚިލާފު ނިންމުމެއް ކަމަށެވެ. ނަން ފޮރުވާފައި ހުރިހާ މަރުޙަލާއެއްގައި ދަޢުވާއަށް އިންކާރުކޮށްފައިވެއެވެ.
މައިގަނޑު ސުވާލު
ޖިންސީ ކުށުގެ ޤާނޫނު ހުރުމާއެކު، އިޢުތިރާފު ނުވަތަ ހަތަރު ހެކިން ނެތި ޑީއެންއޭ އާއި ބަލިވެއިނުމުގެ ޤަރީނާއަށް ބިނާކޮށް ޤާނޫނުލްޢުޤޫބާތުގެ 411 ވަނަ މާއްދާގެ (ނ) ގެ ދަށުން ޒިނޭގެ ދަޢުވާ ކުރުމަށް ޤާނޫނުލްޢުޤޫބާތުގެ 18 ވަނަ މާއްދާ ހުރަސްއަޅާތޯ؛ އަދި ސުޕްރީމް ކޯޓުގެ މުޙައްމަދު ތައުފީޤު މައްސަލައާ ޚިލާފަށް ހައިކޯޓުން ނިންމުމަކީ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ޚިލާފު ކަމެއްތޯ.
ނިންމި ގޮތް
ހައިކޯޓާއި މެޖިސްޓްރޭޓް ކޯޓުގެ ނިންމުން ބާޠިލު، އަލުން ބެލުމަށް މެޖިސްޓްރޭޓް ކޯޓަށް ތަޙްވީލު
ތައުފީޤު މައްސަލައިގައި ކަނޑައެޅުނު ގޮތުން، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 411 ވަނަ މާއްދާގެ (ނ) ގެ ކުށަކީ ޖިންސީ ކުށުގެ ޤާނޫނުގައި ނުހިމެނޭ ކުށަކަށްވާތީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 18 ވަނަ މާއްދާ ހުރަސް ނާޅައެވެ. ކުއްޖާ ބަނޑުގައި އޮތް މުއްދަތުން ބަލިވެއިނުން ފެށުނީ ކައިވެނީގެ ގުޅުމެއް ނެތް ދުވަސްތަކެއްގައި ކަމަށް ފެންނައިރު، ޝިބުހު ވަޠުއުގެ ޙާލަތެއް ހުށަހެޅުންތަކުން ނުފެނެއެވެ. ސުޕްރީމް ކޯޓުގެ ނިންމުމާ ތަފާތުކޮށް ހައިކޯޓުން ނިންމުމަކީ ޤާނޫނުއަސާސީއާ ޚިލާފު ކަމެކެވެ.
ކަނޑައެޅުނު އުޞޫލުތައް
- (ޙުކުމްގެ ޕެރެގްރާފް ނަންބަރު 11، 16) ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) ގެ ދަށުން މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް ދަށު މަރުޙަލާގެ ކޯޓުތަކުން ތަބާވާންވާނެއެވެ؛ ސުޕްރީމް ކޯޓުގެ ނިންމުމާ ތަފާތުކޮށް ހައިކޯޓުން ޙުކުމްކުރުމަކީ ޤާނޫނުއަސާސީއާ ޚިލާފު ކަމެކެވެ.
- (ޙުކުމްގެ ޕެރެގްރާފް ނަންބަރު 12–13) ޤާނޫނުލްޢުޤޫބާތުގައިވާ މައުޟޫޢަކަށް ޚާއްޞަ ޖިނާއީ ޤާނޫނެއް ހަދާފައިވާ ޙާލަތުގައި، ޚާއްޞަ ޤާނޫނުގައި ވެސް ޤާނޫނުލްޢުޤޫބާތުގައި ވެސް ހިމެނޭ ކުށްތަކަށް ދަޢުވާކުރަންވާނީ ޚާއްޞަ ޤާނޫނުގެ ދަށުންނެވެ؛ ނަމަވެސް ޚާއްޞަ ޤާނޫނުގައި ނުހިމެނޭ، އެ މައުޟޫޢާ ގުޅޭ އިތުރު ކުށެއް ޤާނޫނުލްޢުޤޫބާތުގައި ބަޔާންކޮށްފައިވާނަމަ، އެ ކުށަށް ޤާނޫނުލްޢުޤޫބާތުގެ ދަށުން ދަޢުވާކުރުމަށް ޤާނޫނުލްޢުޤޫބާތުގެ 18 ވަނަ މާއްދާ ހުރަސް ނާޅައެވެ.
- (ޙުކުމްގެ ޕެރެގްރާފް ނަންބަރު 14) ޒިނޭގެ މައްސަލަތަކުގައި ދަޢުވާކުރެވޭނީ ހަމައެކަނި ޖިންސީ ކުށުގެ ޤާނޫނުގެ ދަށުން ނޫނެވެ؛ އިޢުތިރާފު ނުވަތަ ހަތަރު ހެކިންގެ ހެކިބަސް އޮތްނަމަ ދަޢުވާކުރާނީ ޖިންސީ ކުށުގެ ޤާނޫނުގެ 27 ވަނަ މާއްދާގެ (ހ) ގެ ދަށުންނެވެ؛ އެ ނެތް ޙާލަތުގައި ޑީއެންއޭ އާއި ބަލިވެއިނުން ފަދަ ޤަރީނާ ހުރިނަމަ ދަޢުވާކުރާނީ ޤާނޫނުލްޢުޤޫބާތުގެ 411 ވަނަ މާއްދާގެ (ނ) ގެ ދަށުންނެވެ.
- (ޙުކުމްގެ ޕެރެގްރާފް ނަންބަރު 15) ދެ ޤާނޫނުގައިވާ ދެ ކުށަށް އެއް ނަމެއް ކިޔާފައިވުމަކީ އިޞްލާޙުކުރަންޖެހޭ އައިބެއް ނަމަވެސް، އެއީ އެއަށް ޢަމަލުނުކުރެވޭނެ ސަބަބެއް ނޫނެވެ؛ އެ ދެ ކުށަކީ އެއް ކުށެއް ނޫނެވެ.
- (ޙުކުމްގެ ޕެރެގްރާފް ނަންބަރު 17) ޤާނޫނުލްޢުޤޫބާތުގެ 411 ވަނަ މާއްދާގެ (ނ) ގެ ކުށަކީ (ޑީއެންއޭ އާއި ބަލިވެއިނުން ފަދަ ހަރުދަނާ ޤަރީނާއިން ސާބިތުކުރާ، އެއް ދަރަޖަ ތިރީގެ ޒިނޭގެ ކުށް) ޖިންސީ ކުށުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ނުވަތަ އަދަބު ކަނޑައެޅިފައިވާ ކުށެއް ނޫންކަމުން، އެ ކުށުގެ ދަޢުވާ ކުރުމަށް ޤާނޫނުލްޢުޤޫބާތުގެ 18 ވަނަ މާއްދާ ހުރަސް ނާޅައެވެ.
- (ޙުކުމްގެ ޕެރެގްރާފް ނަންބަރު 19) ޝަރުޢީ ގޮތުން ދަރި ލައްވާ އެންމެ ކުރު މުއްދަތަކީ ހަނދުމަހުން 6 މަސްދުވަހެވެ؛ ކުއްޖާ ބަނޑުގައި އޮތް މުއްދަތު ދެނެގަނެވިފައިވާ ޙާލަތުގައި، ބަލިވެއިނުން ފެށުނީ ދެމީހުންގެ މެދުގައި ކައިވެނީގެ ގުޅުމެއް ނެތް ދުވަސްތަކެއްގައި ނަމަ، ކައިވެނީގެ ގުޅުމެއް ނެތި އެއްދާނުކުރުން ހުއްދަ ނުވާތީ، ތުހުމަތުކުރެވޭ އެ ޢަމަލަކީ ޤާނޫނުގައި އަދަބު ކަނޑައަޅާފައިވާ ކުށެކެވެ.
- (ޙުކުމްގެ ޕެރެގްރާފް ނަންބަރު 20) ޝިބުހު ވަޠުއު (ހުއްދަ ކަމަށް ހީކޮށްގެން އޮޅުމެއްގެ ތެރެއިން ޖިމާޢުވުން) ގެ މިސާލުތަކަކީ ރުކުންތައް ހަމަނުވާ ކައިވެންޏެއްގެ މަތީގައި ޖިމާޢުވުމާއި، އަނބިމީހާ ކަމަށް އޮޅިގެން ޖިމާޢުވުމާއި، އެހެން މީހަކާ ކައިވެނިކޮށްފައިވާ އަންހެނަކާ އޮޅުމެއްގެ ތެރެއިން ކައިވެނިކޮށްގެން ޖިމާޢުވުމެވެ؛ އެފަދަ ޙާލަތެއް އޮތްކަން ހުށަހެޅުންތަކުން ނޭނގޭ، އަދި ތުހުމަތުކުރެވޭ މީހާ ދަޢުވާއަށް އިންކާރުކޮށް އެފަދަ ޙާލަތެއް އޮތްކަމަށް ނުބުނާ މައްސަލައެއްގައި، ޝިބުހު ވަޠުއުގެ ޙާލަތެއް އޮތްކަމަށް ބެލެވޭނެ ހަމައެއް ނެތެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު [2025] SC 09 2022/SC-A/56 ޝަރީޢަތް ނިމުނުގޮތް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ނަން ފޮރުވާފައި ފަނޑިޔާރުންގެ މަޖިލިސް ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު ފަނޑިޔާރު ޙުސްނުއް ސުޢޫދު
ނިމުނު ތާރީޚު 16 ފެބްރުއަރީ 2025
އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ 2021/HC-N-A/33 އިސްތިއުނާފު ރައްދުވާ ފަރާތް އިސްތިއުނާފުކުރާ ފަރާތް ނަން ފޮރުވާފައި، އަމީނީއުފާ، ރ. އުނގޫފާރު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤާނޫނީ ވަކީލު: ޕަބްލިކް ޕްރޮސިކިއުޓަރ އަޙްމަދު ނައުޝާދު
ޖިނާއީ – ޒިނޭކުރުން – ޤާނޫނުއަސާސީގެ 143 ވަނަ މާއްދާ – ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތު) ގެ 18 ވަނަ މާއްދާއާއި 411 ވަނަ މާއްދާ – ޤާނޫނު ނަންބަރު 17/2014 (ޖިންސީ ކުށުގެ ޤާނޫނު) ގެ 27 ވަނަ މާއްދާގެ (ހ) - ތަޙްވީލުކުރުން
ފިހުރިސްތު
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު (ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު އަދި ފަނޑިޔާރު ޙުސްނުއްސުޢޫދު ތާއީދު ކުރައްވާފައި) 1
ތަޢާރުފު 1
މައްސަލައިގައި ކަންހިނގާފައިވާ ގޮތް 1
މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު މެޖިސްޓްރޭޓު ކޯޓުން މައްސަލަ ނިންމިގޮތް 2
ހައިކޯޓުން މައްސަލަ ނިންމިގޮތް 3
ސުޕްރީމް ކޯޓުގައި ކުރި އިސްތިއުނާފު 4
މަތީ ކޯޓުތަކުގެ ނިންމުންތަކަށް ދަށު ކޯޓުތަކުން ތަބާވުން ލާޒިމްވުން 4
އުޞޫލުތައް މިމައްސަލައަށް ތަޠުބީޤު ކުރުން 6
މައްސަލަ ނިންމަން ފެންނަގޮތް 9
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު 9
ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު 9
ޙުކުމް 9
` ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ނަން ފޮރުވާފައި [2025] SC 09 ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު (ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު އަދި
ފަނޑިޔާރު ޙުސްނުއްސުޢޫދު ތާއީދު ކުރައްވާފައި) ތަޢާރުފު
1މި މައްސަލައަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-N-A/33 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް )މީގެ ފަހުން 'ދައުލަތް' ކަމަށް ބުނެފައިވާ ފަރާތުން) ސުޕްރީމް ކޯޓަށް އިސްތިއުނާފަށް ހުށަހެޅި މައްސަލައެކެވެ. މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ރ. އުނގޫފާރު، އަމީނީއުފާ، ނަން ފޮރުވާފައި1 (މީގެ ފަހުން 'ނަން ފޮރުވާފައި' ކަމަށް ބުނެފައިވާ ފަރާތް) އެވެ.
މައްސަލައިގައި ކަންހިނގާފައިވާ ގޮތް
2ނަން ފޮރުވާފައިއާއި، ރ. އުނގޫފާރު، އޯކިޑް، މަރްޔަމް ސަޢީދާ ގެ ކައިވެނި 18 މާރޗް 2015 ގައި ތަފްރީޤުކުރިފަހުން 09 ފެބުރުއަރީ 2016 ގައި މިދެމީހުން އަލުން ކައިވެނި ކޮށްފައިވެއެވެ. އެއަށްފަހު 29 މޭ 2016 ގައި މަރްޔަމް ސަޢީދާ ފިރިހެން ކުއްޖަކު ވިހާފައިވެއެވެ.
3މިކުއްޖާއަކީ ނަން ފޮރުވާފައިއާ އެކު ޒިނޭ ކުރުމުގެ ސަބަބުން ލިބުނު ކުއްޖެއްކަމަށް މަރްޔަމް ސަޢީދާ ބުނާތީއާއި، ކުއްޖާގެ ޑީއެންއޭ އާއި ނަން ފޮރުވާފައިގެ ޑީއެންއޭ އާ ދިމާވާކަމަށް ޑިއެންއޭ ތަޙްލީލު ރިޕޯޓުން ދައްކާތީ، 02 އޮކްޓޯބަރު 2017 ގައި ނަން ފޮރުވާފައި ގެ މައްޗަށް ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތުގެ2 411 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި، އެ މާއްދާގެ (ނ) އާ ޙަވާލާދީ، އެ މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރުގެ ދަށުން ޒިނޭކުރުމުގެ ކުށުގެ ދަޢުވާ މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނެވެ.
މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު މެޖިސްޓްރޭޓު ކޯޓުން މައްސަލަ ނިންމިގޮތް
4މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު މެޖިސްޓްރޭޓް ކޯޓުން މައްސަލަ ބަލާފައިވަނީ އެކޯޓުގެ ނަންބަރު 01/E7C/2018 ޤަޟިއްޔާއިންނެވެ.
5މި މައްސަލައިގައި އެކޯޓުން ނިންމާފައިވަނީ ޒިނޭކުރުމުގެ ކުށަކީ ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތާއި، ޖިންސީ ކުށުގެ ޤާނޫނުގައިވެސް3 ބަޔާންކޮށްފައިވާ ކުށެއްކަމާއި، މި ދެ ޤާނޫނުގެ ތެރެއިން ޖިންސީ ކުށުގެ ޤާނޫނަކީ ޖިންސީ އެންމެހާ ކުށްތައް ބަޔާންކޮށްދޭ ޚާއްޞަ ޤާނޫނެއް ކަމަށްވެފައި، ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތުގެ މައްޗަށް ޖިންސީ ކުށުގެ ޤާނޫނަށް އިސްކަންދޭންވާނެކަން މި ދެ ޤާނޫނަށް ބެލުމުން އެނގެން އޮތުމުން، ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތުގެ ދަށުން ނަން ފޮރުވާފައިގެ މައްޗަށް ދައުލަތުން ކޮށްފައިވާ ޒިނޭކުރުމުގެ ކުށުގެ ދަޢުވާއަކީ ބާޠިލު ދަޢުވާއެއްކަމަށެވެ.
6އެކޯޓުން މިގޮތަށް ޙުކުމްކޮށްފައިވަނީ، ޙުކުމްގައި ފާހަގަކޮށްފައިވާ ނުކުތާގެ މައުޟޫޢާމެދު ދަޢުވާގެ އިބްތިދާއީ މަރުޙަލާގައި ގޮތެއް ކަނޑައަޅައި، މައްސަލަ ކުރިއަށް ގެންދިއުމަށް އެ މަރުޙަލާގައި ނިންމައި، މައްސަލައިގެ ޚުލާޞާ ބަޔާންވެސް ހުށަހެޅުނު ފަހުންނެވެ.
7މި ނިންމުން ޤާނޫނާ ޚިލާފު ކަމަށް ބުނެ، ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްތިއުނާފު ކޮށްފައިވެއެވެ.
ހައިކޯޓުން މައްސަލަ ނިންމިގޮތް
8ހައިކޯޓުން މި މައްސަލަ ބަލާފައިވަނީ އެކޯޓުގެ ނަންބަރު 2021/HC-N-A/33 ޤަޟިއްޔާއިންނެވެ. މިޤަޟިއްޔާގައި ހައިކޯޓުން އަންނަނިވި ކަންކަން ނިންމާފައިވެއެވެ.
8.1- ޤާނޫނުލްއުޤޫބާތުގެ 18 ވަނަ މާއްދާގެ (ބ) ގައި ބަޔާންކުރާ ގޮތަށް 12 މަސްދުވަސް ހަމަ ވެއްޖެތޯ އާއި، އަދި 12 މަސް ހަމަވެފައިވާނަމަ، ޤާނޫނުލްއުޤޫބާތުގެ 18 ވަނަ މާއްދާގެ (ރ) ގެ (7) ވަނަ ނަންބަރުގައި ބަޔާންކުރާ ޖިންސީ ކުށުގެ ޤާނޫނުގައި ބަޔާންކުރާ ޒިނޭގެ ކުށާ ގުޅިގެން އުސޫލުތައް މުރާޖަޢާކޮށް ނިންމި ގޮތާއި، ޖިންސީ ކުށުގެ ޤާނޫނުގެ 61 ވަނަ މާއްދާގައި ބަޔާންކުރާ އުސޫލުން މުރާޖަޢާ ކުރިކަން ވެސް ދައުލަތުން ބަޔާންކޮށްފައި ނުވާކަން؛
8.2- ޒިނޭގެ ކުށާ ގުޅިގެން ޤާނޫނުލްއުޤޫބާތުގައި ބަޔާންކުރާ އުސޫލުތަކާއި ޖިންސީ ކުށުގެ ޤާނޫނުގައި ބަޔާންކުރާ އުސޫލުތައް މަސްހުނިކޮށް ކުރިއަށް ގެންދިއުމުގެ ވިސްނުން ރައްޔިތުންގެ މަޖިލީހުގައި އޮތްކަމަށް ނުބެލެވޭކަމާއި، ޒިނޭގެ ކުށާ ގުޅިގެން މިހިނދަށް އިސްކޮށްފައިވާ ކަމަށް ފެންނަން އޮތީ ޖިންސީ ކުށުގެ ޤާނޫނުގައި ބަޔާންކުރާ އުޞޫލުތައްކަން؛
8.3- ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ޤަބޫލުކުރާ ގޮތުގައި ޖިންސީ ކުށުގެ ޤާނޫނުގެ 27 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރަނީ "ޝަރުޢީ ޒިނޭ" ގެ ކުށުގެ ޢަމަލުކަމަށާއި، ޤާނޫނުލްއުޤޫބާތުގެ 411 ވަނަ މާއްދާގެ (ހ) ގެ (1) ގައި ބަޔާންކުރަނީ "ޤާނޫނީ ޒިނޭ" ގެ ކުށުގެ ޢަމަލުކަމަށާއި، އެހެން ނަމަވެސް މިއީ މިހާރު ޤާނޫނުގައި އެކުށަށް ދީފައިވާ ނަމަށް ނަންއިތުރެއްކޮށް ޤާނޫނު އިސްލާޙުކޮށްގެން ބުނާ ބުނުމެއްކަން؛
8.4- މިބާވަތުގެ މައްސަލަތަކުގައި ކައިވެނީގެ ގުޅުން އެހިނދަށް ކެނޑިފައި އޮތް ނަމަވެސް، ޝިބުހު ވަޠުޢުއެއް ވުމުގެ ފުރުޞަތު އޮތުމާއި އަދި ވަރިކުރި ނުވަތަ ތަފްރީޤުކުރި ފިރިހެނާއަށް ޝަރުޢީ ގޮތުން އެދަރި ނިސްބަތް ކުރުމުގެ ފުރުޞަތު އޮތުމާއެކު މިކަމުގެ ސަބަބުން ދަރިއެއްގެ ނަސަބު ޝަރުޢީ އުޞޫލުތަކާ ޚިލާފަށް ނިގުޅިގެން ހިނގައިދާނެ ކަމެއް ނުކުރެވޭނެކަން.
9އެހެން ކަމުން ހައިކޯޓުން ނިންމާފައިވަނީ، މިބާވަތުގެ މައްސަލަތަކުގައި ދަޢުވާ ކުރަންޖެހޭނީ ޖިންސީ ކުށުގެ ޤާނޫނުގެ ދަށުން ކަމަށާއި، ދަށު ކޯޓުގެ ޙުކުމަށް ބަދަލެއް ގެންނަންޖެހޭ ފަދަ ޤާނޫނީ ސަބަބެއް ނެތްކަމަށެވެ.
ސުޕްރީމް ކޯޓުގައި ކުރި އިސްތިއުނާފު
10ހައިކޯޓުން މައްސަލަ ނިންމުމުގައި ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށް ފެންނަ ނުކުތާގެ ގޮތުގައި ދައުލަތުގެ ފަރާތުން ހުށަހަޅާފައިވަނީ އިސްތިއުނާފީ އެއް ނުކުތާއެވެ. އެނުކުތާއަކީ، 'ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-N-A/33 ގަޟިއްޔާ ނިންމާފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު ތައުފީޤު4 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުސޫލާ ޚިލާފަށް' ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
މަތީ ކޯޓުތަކުގެ ނިންމުންތަކަށް ދަށު ކޯޓުތަކުން ތަބާވުން ލާޒިމްވުން
11ޕްރިސިޑެންސް 1ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) ގައި ބަޔާންވެގެންވަނީ މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް އެއަށްވުރެ ދަށު މަރުޙަލާގެ ކޯޓުތަކުން ތަބާވާންވާނެ ކަމަށެވެ. ދައުލަތުގެ ފަރާތުން ބުނެފައި ވަނީ ހައިކޯޓުގެ ނަންބަރު 2021/HC-N-A/33 ޤަޟިއްޔާ ނިންމާފައިވަނީ ސުޕްރީމް ކޯޓުން ނިންމާފައިވާ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު ތައުފީޤު5 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުސޫލާ ޚިލާފަށް ކަމަށެވެ.
12ޕްރިސިޑެންސް 2ސުޕްރީމް ކޯޓުން ނިންމާފައިވާ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު ތައުފީޤު6 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުސޫލުގައި ބުނެފައިވަނީ، ޤާނޫނުލްއުޤޫބާތުގައި ކުށެއް ނުވަތަ ކުށްތަކެއް ބަޔާންކޮށްފައިވާ މައުޟޫޢަކަށް ޚާއްޞަ ޖިނާއީ ޤާނޫނެއް ހަދާފައިވާ ޙާލަތުގައި، އެޚާއްޞަ ޖިނާއީ ޤާނޫނުގައި ބަޔާންކޮށްފައިވާ ކުށްތަކުގެ ތެރޭގައި ނުހިމެނޭ، އެ މައުޟޫޢާ ގުޅޭ އިތުރު ކުށެއް ނުވަތަ ކުށްތަކެއް ޤާނޫނުލްއުޤޫބާތުގައި ބަޔާންކޮށްފައިވާނަމަ އެފަދަ ކުށްތަކަށް ޤާނޫނުލްއުޤޫބާތުގެ ދަށުން ދަޢުވާކުރުމަށް ޤާނޫނުލްއުޤޫބާތުގެ 18 ވަނަ މާއްދާ ހުރަސް ނާޅާކަމަށާއި، އެއީ އެ މާއްދާގެ މަޤުޞަދެއްވެސް ނޫންކަމަށެވެ.
13ޤާނޫނުލްއުޤޫބާތުގެ 18 ވަނަ މާއްދާގައި ބަޔާންކޮށްފައި އޮންނަ ގޮތުން ވަކި ޢަމަލުތަކެއް ތަޖުރީމުކުރުމަށް ޚާއްސަ ޖިނާއީ ޤާނޫނެއް ހަދާފައިވާ ނަމަ، އަދި އެކުށްތައް ޤާނޫނުލްއުޤޫބާތުގައިވެސް ބަޔާންވެގެންވާނަމަ، އެ ޙާލަތުގައި އެކުށްތަކަށް ދަޢުވާކުރަންވާނީ އެގޮތުން ހަދާފައިވާ ޚާއްސަ ޤާނޫނުގެ ދަށުންނެވެ.
14ޕްރިސިޑެންސް 3ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު ތައުފީޤު7 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އެއްކަމަކީ ޒިނޭގެ މައްސަލަތަކުގައި ދިވެހިރާއްޖޭގައި ދަޢުވާކުރެވޭނީ ހަމައެކަނި ޖިންސީ ކުށުގެ ޤާނޫނުގެ ދަށުން ނޫންކަމާއި، ހެކީގެ ނިސްބަތަށް ބަލައި އިޢްތިރާފު ނުވަތަ ހަތަރު ހެކިންގެ ހެކިބަސް އޮތް ނަމަ ދަޢުވާ ކުރާނީ ޖިންސީ ކުށުގެ ޤާނޫނުގެ 27 ވަނަ މާއްދާގެ (ހ) ގެ ދަށުން ކަމާއި، އިޢްތިރާފު ނުވަތަ ހަތަރު ހެކިންގެ ހެކިބަސް ނެތް ޙާލަތުގައި، ޑީއެންއޭއާއި ހައްޔަރުގައި އިނުންފަދަ ޤަރީނާތަކެއް ހުރިނަމަ، ދަޢުވާ ކުރާނީ ޤާނޫނުލްއުޤޫބާތުގެ 411 ވަނަ މާއްދާގެ (ނ) ގެ ދަށުންކަމެވެ.
15ޕްރިސިޑެންސް 4ދެ ޤާނޫނުގައި ބަޔާންވެގެންވާ އެ ދެ ކުށަށް އެއްނަމެއް ކިޔާފައިވުމަކީ އިޞްލާޙު ކުރަންޖެހިފައި އޮތް އައިބެކެވެ. އެހެން ނަމަވެސް އެކަން އެގޮތަށް އޮތުމަކީ އެއަށް ޢަމަލު ނުކުރެވޭނެ ސަބަބެއް ނޫންކަމާއި، އެ ދެ ކުށަކީ އެއް ކުށެއް ނޫން ކަމާއި، އެކުށުގައި ހުރި ތަފާތުތައް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު ތައުފީޤު8 ޤަޟިއްޔާގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔުގައި ވަރަށް ތަފްސީލުކޮށް ބަޔާންކޮށްފައި ވެއެވެ.
16މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް އެއަށްވުރެ ދަށު މަރުޙަލާގެ ކޯޓުތަކުން ތަބާވާންވާނެ ކަމަށް، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާއިރު، ސުޕްރީމް ކޯޓުގެ މި ނިންމުމާ ތަފާތުކޮށް ހައިކޯޓުން މި މައްސަލައިގައި ޙުކުމްކޮށްފައިވަނީ ޤާނޫނުއަސާސީއާ ޚިލާފަށެވެ.
އުޞޫލުތައް މިމައްސަލައަށް ތަޠުބީޤު ކުރުން
17ޕްރިސިޑެންސް 5މި މައްސަލައިގައި ނަން ފޮރުވާފައިގެ މައްޗަށް ދައުލަތުން ޒިނޭގެ ދަޢުވާކޮށްފައިވަނީ ޤާނޫނުލްއުޤޫބާތުގެ 411 ވަނަ މާއްދާގެ (ނ) ގެ ދަށުންކަން އެނގެއެވެ. ޤާނޫނުލްއުޤޫބާތުގެ 411 ވަނަ މާއްދާގެ (ނ) ގައި ބުނެފައިވަނީ ޒިނޭގެ ކުށް ސާބިތުކުރަނީ، އެ ކުށް ކުރި މީހާގެ އިޢުތިރާފުން ނުވަތަ ހަތަރު ހެކީންގެ ހެކިބަހުން ނޫން ގޮތުގައި، ޑީއެންއޭ އާއި ހައްޔަރުގައި އިނުމުގެ ގަރީނާ ފަދަ ހަރުދަނާ ގަރީނާއަކުން ކަމަށްވާނަމަ އެ ކުށަކީ، އެނޫން ޙާލަތްތަކުގައި އެ ކުށް ދަރަޖަކުރެވޭ ނިސްބަތަށް ވުރެ އެއް ދަރަޖަ ތިރީގައިވާ ކުށެއް ކަމަށެވެ. މިއީ ޖިންސީ ކުށުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ކުށެއް ނޫނެވެ. އަދި ޖިންސީ ކުށުގެ ޤާނޫނުގައި އަދަބު ކަނޑައެޅިފައިވާ ކުށެއްވެސް ނޫނެވެ. މި ގޮތުން ނަން ފޮރުވާފައިގެ މައްޗަށް ޤާނޫނުލްއުޤޫބާތުގެ 411 ވަނަ މާއްދާގެ (ނ) ގެ ދަށުން ޒިނޭގެ ކުށުގެ ދަޢުވާކުރުމަށް ޤާނޫނުލްއުޤޫބާތުގެ 18 ވަނަ މާއްދާ ހުރަސް ނާޅައެވެ.
18ނަން ފޮރުވާފައި އާއި މަރްޔަމް ސަޢީދާ އާއި ދެމީހުން އެންމެ ފުރަތަމަ ކައިވެނި ކުރީ 10 ޖަނަވަރީ 1992 ގައެވެ. މަރްޔަމް ސަޢީދާ ހުށަހެޅި މައްސަލައަކާ ގުޅިގެން ނަން ފޮރުވާފައިގެ މައްޗަށް ރައްކާތެރިކަމުގެ އަމުރެއް ނެރެފައިވަނީ 13 ޖޫން 2013 ގައެވެ. ކޯޓުން މި ދެ މީހުންގެ ކައިވެނި ތަފްރީޤު ކޮށްފައިވަނީ 18 މާރޗް 2015 ގައެވެ. މި ދެ މީހުން ދެވަނަ ކައިވެނި ކޮށްފައިވަނީ 9 ފެބްރުއަރީ 2016 ގައެވެ. މަރްޔަމް ސަޢިދާ ވިހާފައިވަނީ 29 މެއި 2016 ގައެވެ. ކުއްޖާ ވިހެއިއިރު، ދެވަނަ ކައިވެންޏަށްވީ 110 ދުވަސް (3 މަހާއި ހަ ދުވަސް) އެވެ. ކުއްޖާ ވިހެއިއިރު މިދެމީހުންގެ ފުރަތަމަ ކައިވެނީގައި މި ދެމީހުން ކޯޓުން ތަފްރީޤު ކުރިތާ 13 މަހާއި 11 ދުވަސް ފާއިތުވެފައިވެއެވެ. ތަފްރީޤުވުމަށްފަހު ޢިއްދައިގެ މުއްދަތު9 ހަމަވިތާ 10 މަހާއި 11 ދުވަސް ވަނީ ފާއިތުވެފައެވެ. ކުއްޖާ ބަނޑުގައި އޮތީ 40 ހަފުތާއާއި 1 ދުވަސް (281 ދުވަސް) (9 މަހާއި 11 ދުވަސް) ކަމަށް ފޫޅުމައި ފޯމުގައި ޑޮކްޓަރ ބަޔާންކޮށްފައިވެއެވެ.
19ޕްރިސިޑެންސް 6ދެވަނަ ކައިވެނި ކުރިތާ 3 މަހާއި 6 ދުވަސް ފަހުން ވިހާފައިވުމުން، ކުއްޖާ ވިހާފައިވަނީ ޝަރުޢީ ގޮތުން ދަރިލައްވާލާ އެންމެ ކުރު މުއްދަތަށްވުރެ10 އަވަހަށްކަން އެނގެއެވެ. ބަލިވެއިނދެ ބަނޑުގައި ދަރި އޮންނާނެ އެންމެ ދިގު މުއްދަތާ ގުޅޭގޮތުން ޢިލްމުވެރިންގެ މެދުގައި ޚިލާފު އެބައޮތެވެ.11 މި މައްސަލައިގައި ކުއްޖާ ބަނޑުގައި އޮތް މުއްދަތު ވަނީ ދެނެގަނެވިފައެވެ. ފޫޅުމައި ފޯމުގައި ބަޔާންކޮށްފައި އޮތްގޮތުން އެއީ 40 ހަފުތާއާއި 1 ދުވަސް (281 ދުވަސް) (9 މަހާއި 11 ދުވަސް) އެވެ. ކުއްޖާ ވިހެއި ތާރީޚަކީ 29 މެއި 2016 ކަމަށް ވާއިރު، ކުއްޖާ ބަނޑުގައި އޮތް މުއްދަތު ފެށޭނީ 2015 ވަނަ އަހަރުގެ އޮގަސްޓް މަހުގެ މެދުތެރޭ ހިސާބުގައެވެ. އޭރު މި ދެމީހުންގެ ފުރަތަމަ ކައިވެނީގައި ކޯޓުން ތަފްރީޤުކޮށް ޢިއްދައިގެ މުއްދަތު ފާއިތުވިފަހުން ގާތްގަނޑަކަށް ދެ މަސް ވެދާނެއެވެ. މި ގޮތުން އެ ދުވަސްތަކަކީ މި ދެމީހުންގެ މެދުގައި ކައިވެނީގެ ގުޅުމެއް ނެތް ދުވަސްތަކެކެވެ. މި ދެ މީހުންގެ މެދުގައި ކައިވެނީގެ ގުޅުމެއް ވުޖޫދުވެފައި ނެތި މި ދެ މީހުން އެއްދާނުކުރުން ހުއްދަ ނުވާނެއެވެ. އެ ޙާލަތުގައި މި ދެ މީހުން ކުރިކަމަށް ތުހުމަތު ކުރެވޭ ޢަމަލަކީ ޤާނޫނުގައި އަދަބު ކަނޑައަޅާފައިވާ ކުށެކެވެ.
20ޕްރިސިޑެންސް 7މި މައްސަލައިގައި "ޝިބުހު ވަޠުއު" (ހުއްދަ ކަމަށް ހީކޮށްގެން އޮޅުމެއްގެ ތެރެއިން ޖިމާޢުވުން) ގެ ޙާލަތެއް އޮތް ކަމަށް ހައިކޯޓުން ބުނެފައިވެއެވެ. ޝިބުހު ވަޠުއު އަކީ މިސާލަކަށް: ހެކިން ނުލައި ނުވަތަ ވަލީ ވެރިޔާގެ ބަސް ނެތި ކައިވެނި ކޮށްގެން ކައިވެނީގެ ރުކުންތައް ހަމަ ނުވާ ޙާލަތުގައި ކޮށްފައިވާ ކައިވެނީގެ މަތީގައި ޖިމާޢުވާ ޙާލަތާއި، އަނބިމީހާއާއި ވައްތަރުވެގެން އެރި އޮޅުމެއްގެ ތެރޭގައި އޭނާގެ އަނބިމީހާ ކަމަށް ހީކޮށްގެން ޖިމާޢުވެވޭ ޙާލަތާއި، އެހެން މީހަކާ ކައިވެނި ކޮށްގެން ހުރި އަންހެނަކާއި އޮޅުމެއްގެ ތެރެއިން ކައިވެނި ކުރެވިފައިވާ ޙާލަތުގައި ޖިމާޢުވުން ފަދަ ޙާލަތްތަކެވެ. މި މައްސަލައިގައި އެފަދަ ޙާލަތެއް އޮތްކަން ހުށަހަޅާފައިވާ ހުށަހެޅުންތަކުން އެނގެން ނެތްކަން ފާހަގަވެއެވެ. ނަން ފޮރުވާފައި ވަނީ ދަށު ކޯޓުގައި ދަޢުވާގެ އަސްލަށް އިންކާރު ކޮށްފައެވެ. އަދި ހައިކޯޓުގެ މަރުޙަލާގައި އަދި ސުޕްރީމް ކޯޓުގައި ވެސް ދަޢުވާއަށް އިންކާރު ކޮށްފައިވެއެވެ. އެފަދަ ޙާލަތެއް އޮތް ކަމަށް ނަން ފޮރުވާފައިގެ ފަރާތުން އެއްވެސް މަރުޙަލާއެއްގައި ބުނެފައި ވެސް ނުވެއެވެ.
21މިހެން މިކަންކަން ހުރުމުން، ހައިކޯޓުގެ ނަންބަރު 2021/HC-N-A/33 ޤަޟިއްޔާ ނިންމާފައިވަނީ، ސުޕްރީމް ކޯޓުން ނިންމާފައިވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު ތައުފީޤު12 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުސޫލާ ޚިލާފަށްކަން އެނގެއެވެ.
މައްސަލަ ނިންމަން ފެންނަގޮތް
22ސުޕްރީމް ކޯޓުން ނިންމާފައިވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު ތައުފީޤު13 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތީން މިމައްސަލަ އަލުން ބަލައި ގޮތެއް ކަނޑައެޅުމަށް މާޅޮސްމަޑުލު އުތުބުރީ އުނގޫފާރު މެޖިސްޓްރޭޓް ކޯޓަށް މި މައްސަލަ ތަޙްވީލު ކުރުމަށް ފެނެއެވެ.
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު
23މި މައްސަލައިގައި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު
24މި މައްސަލައިގައި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެހެންހުރުމުން، މާޅޮސްމަޑުލު އުތުބުރީ އުނގޫފާރު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 01/E7C/2018 ޤަޟިއްޔާގެ ނިންމުމާއި، ހައިކޯޓުގެ ނަމްބަރު 2021/HC-N-A/33 ޤަޟިއްޔާގެ ނިންމުން ނިންމާފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށްވާތީ އެ ދެ ނިންމުން ބާޠިލުކޮށް، މި މައްސަލަ އަލުން ބެލުމަށްޓަކައި މާޅޮސްމަޑުލު އުތުބުރީ އުނގޫފާރު މެޖިސްޓްރޭޓް ކޯޓަށް ތަޙުވީލު ކުރުމަށް މިމައްސަލަ ސުޕްރީމް ކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާގުން ޙުކުމް ކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ: ޢާއިޝާ ޝުޖޫން މުޙައްމަދު ޢަލީ ރަޝީދު ޙުސައިން ޙުސްނުއްސުޢޫދު (ރިޔާސަތު)
1
2 ޤާނޫނު ނަންބަރު 2014/9
3 ޤާނޫނު ނަންބަރު 2014/17
4 [2021] SC 96
5 އބމ
6 އބމ
7 އބމ
8 އބމ
9 ޙައިޟުވާ އަންހެނެއްނަމަ ޢިއްދައިގެ މުއްދަތަކީ 3 ޙައިޟެވެ. ޙައިޟު ނުވާ އަންހެނެއްނަމަ ޢިއްދައަކީ 3 މަސްދުވަހެވެ.
10 ޝަރުޢީ ގޮތުން ދަރި ލައްވާ އެންމެ ކުރު މުއްދަތެއް ކަމަށް ބަލަނީ ހަނދުމަހުން 6 މަސް ކަމުގައެވެ. ދަލީލު ނަގާފައިވަނީ ކީރިތި ޤުރުއާނުގެ ދެ އާޔަތަކުންނެވެ. ފުރަތަމަ އާޔަތަކީ "وحمله وفصاله ثلاثون شهرًا" (سورة الأحقاف: 15). (މާނައަކީ: އޭނާއާއިގެން މާބަނޑުވުމާއި ކިރުތުބުން ވީއްލުމުގެ މުއްދަތަކީ 30 މަސްދުވަހެވެ. ދެވަނަ އާޔަތަކީ "وفصاله في عامين" (سورة لقمان: 14) (މާނައަކީ އޭނާ ކިރުތުނބުން ވީއްލުން ވަނީ ދެ އަހަރުގައެވެ.) މި ދަލީލު ނަގަނީ މި ދެއާޔަތް އެއްކޮށްގެންނެވެ. ފުރަތަމަ އާޔަތުގައި ބަޔާންކުރައްވާފައި އެވަނީ މާބަނޑު ވުމާއި ކިރު ދިނުމާއެކު ހިނގާ މުއްދަތަކީ 30 މަސް (2 އަހަރާއި 6 މަސް) ކަމަށެވެ. ދެވަނަ އާޔަތުގައި ބަޔާން ކުރައްވާފައި އެވަނީ ކިރު ދިނުމުގެ މުއްދަތަކީ 2 އަހަރު (24 މަސް) ކަމުގައެވެ. މިގޮތުން 30 މަސް ދުވަހުން، ކިރު ދިނުމުގެ 24 މަސް ކަނޑާލުމުން، ބާކީ އޮންނަ 6 މަހަކީ، ބަލިވެ އިންނާނެ އެންމެ ކުރު މުއްދަތު ކަމަށެވެ. މިހާރު ކުއްޖާ ބަނޑުގައި ހޭދަވި މުއްދަތު ޒަމާނީ ވަސީލަތްތަކުގެ އެހީގައި ދެނެގަނެވެއެވެ. މި މައްސަލައިގައި ކުއްޖާ ބަނޑުގައި ހޭދަވީ 9 މަހާއި 11 ދުވަހެވެ.
11 ޝާފިޢީ އަދި ޙަންބަލީ މަޒުހަބުގައި ބަލިވެ އިންނާނެ އެންމެ ދިގު މުއްދަތަކީ 4 އަހަރެވެ. ހަނަފީ އަދި މާލިކީ މަޒުހަބުގައި 2 އަހަރެވެ. މި ކަމުގައި ވަރުގަދަ ދަލީލެއް ނެތެވެ. ދަލީލަކަށް ހުރީ ތަޖުރިބާގެ އަލީގައި އެޒަމާނުގެ އެކި މީހުންގެ ކިބައިން އައިސްފައިހުރި ނާދިރު ރިވާޔަތް ތަކެކެވެ.
12 އބމ 5
13 އބމ
2019/SC-A/300 [2021] SC 778
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ)
- ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 18 ވަނަ މާއްދާ (18 (ބ)، 18 (ރ) (7))
- ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 411 ވަނަ މާއްދާގެ (ހ) ގެ (1)، (ށ) ގެ (3) އަދި (ނ)
- ޤާނޫނު ނަންބަރު 17/2014 (ޖިންސީ ކުށުގެ ޤާނޫނު) ގެ 27 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 17/2014 (ޖިންސީ ކުށުގެ ޤާނޫނު) ގެ 61 ވަނަ މާއްދާ
- ކީރިތި ޤުރުއާން، ސޫރަތުލް އަޙްޤާފް: 15 އާއި ސޫރަތު ލުޤްމާން: 14
- [2021] SC 96 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ނަން ފޮރުވާފައި)
- ބެންޗު
- ޢަލީ ރަޝީދު ޙުސައިން، ޢާއިޝާ ޝުޖޫން މުޙައްމަދު، ޙުސްނުއްސުޢޫދު
- ޚިލާފު ރައުޔު
- ނެތް
- މި ކޯޓުގައި
- ހުށަހެޅުނީ 21 ޖޫން 2022 · ރަޖިސްޓްރީކުރީ 6 ޖުލައި 2022 · ނިމުނީ 16 ފެބުރުއަރީ 2025 (31.4 މަސް)