ސައިޓޭޝަން ކޮޕީ ކުރުމަށް
2016/HC-A/440
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު ނަސްވާން، 2016/HC-A/440
Prosecutor General's Office v. Mohamed Nasvaan 2016/HC-A/440 (2016/HC-A/440, High Court of the Maldives, 19 October 2016)
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު ނަސްވާން
މައްސަލައިގެ ޚުލާޞާ
ކްރިމިނަލް ކޯޓުން، މުޖުތަމަޢުގެ ހަމަޖެހުމާއި ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށް ބަޔާންކޮށް، 15 ދުވަހަށް ގޭގައި ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކުރިއެވެ.
މަސްތުވާތަކެތި ބޭނުންކޮށް އެތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ބަންދުކުރެވި، އެތައް ފަހަރަކު ބަންދުގެ މުއްދަތު އިތުރުކޮށް މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަހައްޓާފައިވާ ރައްދުވި ފަރާތުގެ ބަންދުގެ މުއްދަތު 15 ދުވަހަށް އިތުރުކުރުމަށް ފުލުހުން އެދުނެވެ.
ޕްރޮސިކިއުޓަރ ޖެނެރަލުން ބުނީ، ފުލުހުން ހުށަހެޅި ސަބަބުތައް ޤަބޫލުކޮށްފައި ގޭބަންދަށް ބަދަލުކުރުމަކީ ސުޕްރީމް ކޯޓުގެ 2010/SC-A/19 ގެ 9 ވަނަ ނުކުތާއާ ޚިލާފު ކަމަށާއި، ޤާނޫނުއަސާސީގެ 143 (ރ) ގެ ދަށުން ތަބާވާންޖެހޭ 2011/SC-A/33 އާއި 2012/HC-A/194 ގައިވާ އުޞޫލަށް ރިޢާޔަތްނުކުރި ކަމަށެވެ.
މައިގަނޑު ސުވާލު
މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާތެރިކަމަށް ފަނޑިޔާރަށް ފެނުނު ހާލު، މަސްތުވާތަކެތީގެ ވިޔަފާރީގެ ތުހުމަތުގައިވާ ފަރާތެއް ގޭބަންދަށް ބަދަލުކުރި ކޯޓު އަމުރު ސުޕްރީމް ކޯޓާއި ހައިކޯޓުން ކަނޑައަޅާފައިވާ އުޞޫލުތަކާ ޚިލާފުވޭތޯ.
ނިންމި ގޮތް
ކްރިމިނަލް ކޯޓުގެ އަމުރު ބާޠިލު؛ އަމުރުގެ ފޢިލިއްޔަތު ނެތިގޮސްފައިވާތީ އިތުރު އަމުރެއް ނުކުރެ
މުޖުތަމަޢަށް ނުރައްކަލެއްކަމަށް ފަނޑިޔާރަށް ފެނުނު ނަމަ ބަހައްޓަންޖެހޭނީ މުޖުތަމަޢަށް ނުރައްކާ ނުފޯރުވޭނެ ތަނެއްގައި ކަމަށްވާތީ ގޭބަންދަކީ ނުރައްކާ ފިލާނެ ކަމެއް ނޫނެވެ. ނަމަވެސް އަމުރުގެ ފޢިލިއްޔަތު ނެތިގޮސްފައިވާތީ ހައިކޯޓުން އިތުރު އަމުރެއް ނުކުރެއެވެ.
ކަނޑައެޅުނު އުޞޫލުތައް
- މައްސަލައެއް ތަޙްޤީޤުކުރެވެމުންދާއިރުވެސް އަދި ޝަރީޢަތަށް ހުށަހެޅިފައިވާ މަރުޙަލާގައިވެސް، ތަޙްޤީޤުކުރެވޭ ނުވަތަ ދަޢުވާލިބޭ މީހާއަކީ އެ މީހެއްގެ މައްޗަށް ކުށް ސާބިތުވެފައިވާ މީހެއް ނޫނެވެ. ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމުގައި ފަނޑިޔާރު ބަލަންޖެހޭނީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ 5 ސަބަބުންކުރެ ސަބަބެއް އޮތްތޯއެވެ. އެއިން ސަބަބެއް އޮތްކަން ނުވަތަ ނެތްކަމާމެދު ގޮތެއް ނިންމުމުގެ ބާރު ލިބިދީފައިވަނީ ފަނޑިޔާރަށެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ށ))
- ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތިން މީހަކު ބަންދުކުރުމުގައި، ޝައްކުކުރެވޭ ކުށުގެ ނުރައްކާތެރިކަން އޮތް މިންވަރަށާއި، އެ ޙާދިޘާ ތަޙްޤީޤުކުރުމުގައި ހުރީ ކިހާ މިންވަރެއްގެ ގޮންޖެހުންތަކެއްތޯއާއި، އެކަމުގައި ހިމެނޭ މީހުންގެ އަދަދަކީ ކޮބައިކަމާއި، ކުށުގެ ޠަބީޢަތަކީ ކޮބައިކަމާއި، ކުށުގެ ކުޑަބޮޑު މިނަކީ ކޮބައިކަމާއި، އެ ކުށަށް ޤާނޫނުގައި ކަނޑައެޅިފައިވާ އަދަބަކީ ކޮބައިކަމާއި، ޝައްކުކުރެވޭ މީހާ ފިލާފާނެ ކަމުގެ ބިރުއޮތީ ކިހާވަރަކަށް ކަމާއި، ހެކިތަކާކުޅެ ހެކިތައް ނައްތާލުމުގެ ބިރު އޮތީ ކިހާ ވަރަކަށްކަން ފަނޑިޔާރު ވަޒަންކުރަންޖެހޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ށ))
- ކުށެއްގެ ތުހުމަތުގައި ބަންދުކުރެވިފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ފަނޑިޔާރުގެ ކުރިމައްޗަށް ހާޟިރުކުރެވޭ މީހާއަކީ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާތެރިވެދާނެ މީހެއްކަމަށް ފަނޑިޔާރަށް ފެންނަ ޙާލަތުގައި، އެމީހަކު ބަންދުކޮށްފައި ބަހައްޓަންޖެހޭނީ އެމީހެއްގެ ފަރާތުން މުޖުތަމަޢަށް ނުރައްކާތެރިކަމެއް ނުފޯރުވޭނެފަދަ ތަނެއްގައެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ށ))
- މީހަކު ބަންދުގައި ބަހައްޓަންޖެހޭ ޙާލަތްތައް އެންމެ އެކަށީގެންވާ ގޮތެއްގައި ނެތިކޮށްލެވޭނީ އޭނާ ކޮންތާކު، ކޮންގޮތަކަށް ބަންދުކޮށްގެންކަން ކަނޑައެޅުމަށް އެންމެ ރަނގަޅަށް އެނގޭނެ، އެ ސަބަބުތައް ނެތިކޮށްލުމުގެ ޒިންމާ މަތިކުރުވާފައިވާ ފަރާތަކީ މޯލްޑިވްސް ޕޮލިސް ސަރވިސްކަމާއި، މޯލްޑިވްސް ޕޮލިސް ސަރވިސްއަކީ މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ދަށުން ހިނގަމުންދާ މުއައްސަސާއެއްކަމަށްވާތީ، ބަންދުގައި ބަހައްޓާނެ ތަނެއް ކަނޑައެޅުމަށް އެންމެ އެކަށޭނެ ފަރާތަކީ މިނިސްޓްރީ އޮފް ހޯމް އެފެއާޒެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ށ))
- ތުހުމަތުކުރެވޭ މީހާއަކީ މުޖްތަމަޢުގެ ހަމަޖެހުމާއި، ސަލާމަތާއި ރައްކާތެރިކަމަށް ހުރި ނުރައްކަލެއްކަމަށް ދަށުކޯޓުގައި މައްސަލަ ބެއްލެވި ފަނޑިޔާރަށް ފެނިވަޑައިގެންފައިވާއިރު، އޭނާ ގޭގައި ބަންދުކޮށްފައި ބެހެއްޓުމަކީ އޭނާގެ ފަރާތުން މުޖްތަމަޢުއަށް އޮތް ނުރައްކާ ފިލައިގެންދާނެ ކަމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ނ))
- މައްސަލަ ހައިކޯޓުގައި ހިނގަމުންދަނިކޮށް، އިސްތިއުނާފުކުރެވޭ ކޯޓު އަމުރުގެ ފޢިލިއްޔަތު ނެތިގޮސްފައިވާތީ، އިސްތިއުނާފުކުރެވޭ މައްސަލައިގެ ދަށުން ހައިކޯޓުން އިތުރު އަމުރެއް ކުރުމުގެ މަޞްލަޙަތެއް ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ރ))
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ރ)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ
- ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު ގެ 7 ވަނަ މާއްދާގެ (ހ)
- 2010/SC-A/19
- 2012/HC-A/194
- 2012/HC-A/260
- 2013/HC-A/355
- ބެންޗު
- ޢަބްދުﷲ ދީދީ، ޢަބްދުﷲ ޙަމީދު، ޢަލީ ސަމީރު
- ޚިލާފު ރައުޔު
- ނެތް