ސައިޓޭޝަން ކޮޕީ ކުރުމަށް
2016/HC-A/539
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު އިބްރާހީމް، 2016/HC-A/539
Prosecutor General's Office v. Mohamed Ibrahim 2016/HC-A/539 (2016/HC-A/539, High Court of the Maldives, 29 November 2016)
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު އިބްރާހީމް
މައްސަލައިގެ ޚުލާޞާ
ކްރިމިނަލް ކޯޓުން ތަޙްޤީޤު ފުރިހަމަވެފައިވާތީ ތަޙްޤީޤަށް އެއްބާރުލުން ދިނުމާއި ފުލުހުންގެ ހުއްދަނެތި މާލެއިން ބޭރަށް ނުދިއުމުގެ ޝަރުޠުތަކާއެކު ބަންދުން ދޫކޮށްލިއެވެ.
މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމުގެ ތުހުމަތުގައިވާ ފަރާތެއް ފުރަތަމަ ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުކޮށް، ބަލި ޙާލަތަށް ބަލައި ގޭބަންދަށް ބަދަލުކުރިއެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ބުނީ އަމުރަކީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ޤަވާޢިދުގެ 7(ހ) އާއި މަތީ ކޯޓުތަކުގެ ނިންމުންތަކާ ޚިލާފު އަމުރެއް ކަމަށެވެ. ތުހުމަތުކުރެވޭ ފަރާތުން ބުނީ ފަހުގެ ބަންދުތައް ވެސް ވަނީ ގޭގައި ކަމަށެވެ.
މައިގަނޑު ސުވާލު
މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމުގެ ތުހުމަތުގައިވާ މީހަކު ތަޙްޤީޤު ފުރިހަމަވެފައިވާތީ ޝަރުޠުތަކާއެކު ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނެރުއްވި އަމުރަކީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ޤަވާޢިދުގެ 7(ހ) އާއި މަތީ ކޯޓުތަކުގެ ނިންމުންތަކާ އެއްގޮތް އަމުރެއްތޯ.
ނިންމި ގޮތް
ދަށުކޯޓުގެ އަމުރު ބާޠިލު؛ ފަރުވާ ކުރެވޭނެ ގޮތަށް 15 ދުވަހަށް ގޭބަންދުގައި ބެހެއްޓުމަށް އަމުރުކުރި
މަސްތުވާތަކެތީގެ ކުށްތަކަކީ މުޖުތަމަޢަށް ނުރައްކާތެރި ބޮޑެތި ކުށްތަކަށްވާތީ އެފަދަ މީހުން ބަންދުގައި ބަހައްޓަންޖެހޭނީ މުޖުތަމަޢަށް ނުރައްކާ ނުފޯރާނެ ގޮތަކަށެވެ؛ ތުހުމަތުކުރެވޭ ފަރާތުގެ ބަލި ޙާލަތަށް ރިޢާޔަތްކޮށް ގޭބަންދަށް އަމުރުކުރިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމުގައި ފަނޑިޔާރު ބަލަންޖެހޭނީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު ގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ 5 ސަބަބުންކުރެ ސަބަބެއް އޮތްތޯކަމާއި، އެއިން ސަބަބެއް އޮތްކަން ނުވަތަ ނެތްކަމާމެދު ގޮތެއް ނިންމުމުގެ ބާރު ލިބިދީފައިވަނީ ފަނޑިޔާރަށްކަން ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ރ) އަށާއި 49 ވަނަ މާއްދާއަށް ބެލުމުން އެނގެން އޮވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 04(ށ))
- ތުހުމަތުކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސްދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތް ކޮށްފާނެކަމަށް، ނުވަތަ ކޯޓަށް ހާޒިރު ނުވެދާނެކަމަށް، ނުވަތަ ފިލާފާނެކަމަށް، ނުވަތަ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ފަނޑިޔާރަށް ފެނިއްޖެނަމަ، އެމީހަކު ބަންދުގައި ބެހެއްޓުމުގެ އަމުރެއް ނެރުމުގެ ބާރު ފަނޑިޔާރަށް ލިބިގެންވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 04(ށ))
- ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާ އެއްގޮތަށް މީހަކު ބަންދުކުރުމުގައި، ތުހުމަތުކުރެވޭ ކުށް ސާބިތުކުރުމަށް ކާފީ ހެކިތަކެއް ނެތްކަމުގައި ވިޔަސް، ޝައްކުކުރެވޭ ކުށުގެ ނުރައްކާތެރިކަމަކީ ކޮބައިކަމާއި، އެކުށް ތަޙްޤީޤުކުރުމުގައި ހުރީ ކިހާ މިންވަރެއްގެ އުނދަގޫތަކެއްތޯއާއި، އެކަމުގައި ހިމެނޭ މީހުންގެ ޢަދަދަކީ ކޮބައިކަމާއި، ކުށުގެ ޠަބީޢަތަކީ ކޮބައިކަމާއި، ކުށުގެ ކުޑަބޮޑު މިނަކީ ކޮބައިކަމާއި، އެކުށަށް ޤާނޫނުގައި ކަނޑައެޅިފައިވާ އަދަބަކީ ކޮބައިކަމާއި، ޝައްކުކުރެވޭ މީހާ ފިލައި ރައްކާވުމުގެ ބިރުއޮތީ ކިހާވަރަކަށްކަމާއި، ހެކިތަކާކުޅެ ހެކިތައް ނައްތާލުމުގެ ބިރު އޮތީ ކިހާ ވަރަކަށްކަން ފަނޑިޔާރު ވަޒަންކުރަންޖެހޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 04(ށ))
- މަނާކުރެވިފައިވާ މަސްތުވާތަކެތީގެ ވިޔަފާރިއާއި އޭގެ ބޭނުންކުރުމުގެ ކުށްތަކަކީ އެކުށްތަކުގެ ޒާތާއި ބާވަތުން މުޖުތަމަޢުގެ ޞުލްޙަ މަސަލަސްކަމާއި އަމަންއަމާންކަމަށް އަދި މުޖުތަމަޢަށް ބޮޑެތި ގެއްލުންތައް ލިބެމުންދާ ކުށްތަކެކެވެ. ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 136 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ޓްރެފިކްކުރުމުގެ ކުށަކީ މުޠުލަޤު މަސްއޫލިއްޔަތު (ސްޓްރިކްޓް ލައިބިލިޓީ) އުފުލަންޖެހޭ ކުށެއްގެ ގޮތުގައި ބަޔާންވެފައިވާ، އެންމެ ބޮޑެތި ކުށްތަކުގެ ގިންތީގައި ހިމެނޭ ޖިނާޔަތުގެ ކުށެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 04(ނ))
- މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާތެރި ކުށެއްގެ ތުހުމަތުގައިވާ މީހުން ބަންދުގައި ބަހައްޓަންޖެހޭނީ އެމީހުންގެ ކިބައިން މުޖުތަމަޢުގެ ހަމަޖެހުމާއި ސަލާމަތަށް ނުރައްކާތެރިކަން ނުފޯރާނެ ގޮތުގެމަތިންކަމަށް ޤަބޫލުކުރެވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 04(ރ))
- ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ރ)
- ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ
- ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު ގެ 7 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 136 ވަނަ މާއްދާގެ (ބ)
- 2010/SC-A/19
- 2016/SC-A/10
- 2011/SC-A/33
- ބެންޗު
- ޢަބްދުއްރައޫފު އިބްރާހީމް، ޢަބްދުﷲ ދީދީ، ޢަލީ ސަމީރު
- ޚިލާފު ރައުޔު
- ނެތް